އޭލެވެލް ގަދަ 10ގެ އިނާމު ދިނުމަށް ކުރިން ބޭއްވި ހަފްލާއެއް: ރަށްރަށުގެ ސްކޫލްތަކުގައި ކިޔެވި ދަރިވަރުން މިފަހަރު ވަނީ ނަތީޖާގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި. -- ފޮޓޯ | މިހާރު
21 ޖެނުއަރީ 2025 - 10:13
މޮޅު ދަރިވަރަކަށް ވެވޭނީ ކިޔަވަން މާލެ އައިސްގެން ނޫނެވެ؛ ރަށުގައި ތިބެގެން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދޭނެ އެވެ. މިދިޔަ އަހަރު އޭ ލެވެލް ހެދި ވަރަށް ގިނަ ދަރިވަރުން މިކަން ސާބިތުކޮށްދީފި އެވެ. ރަށްރަށުގެ ސްކޫލްތަކުގައި ލިބެން ހުރި މަދު ވަސީލަތްތަކާ އެކު ވެސް ގިނަ ދަރިވަރުންތަކެއް ވަނީ އޭ ލެވެލްގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލް އަށް ދަރިވަރުން މާލެ ބަދަލުވާން ޖެހޭ ސަބަބުތަކެއް އަދިވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި އެ ސްކޫލެއްގައި ކިޔަވަން ތިބޭ ކުދިންގެ އަދަދު ނިސްބަތުން މަދުވުމާއި ސައިންސް ސްޓްރީމް ކިޔަވާ ކުދިންނަށް ލެބޯޓްރީ ފަދަ ވަސީލަތްތަކެއް ކޮންމެ ރަށެއްގައި ނެތުން ފަދަ އުނދަގޫތައް ހިމެނެ އެވެ.
މާލެ ބަދަލުވާ ކުދިންގެ ނަތީޖާ ވެސް ރަނގަޅެވެ. ނަމަވެސް ސުވާލަކީ ރަށުގައި ކިޔަވާ ދަރިވަރުންގެ ނަތީޖާ ދަށީ ހެއްޔެވެ؟
ރަށްރަށުގައި ތިބެ އޭ ލެވެލް ހެދި ކުދިންގެ ނަތީޖާ އިން މި ސުވާލުގެ ޖަވާބު މިފަހަރު ވަރަށް ސާފެވެ.
މިދިޔަ ބުރާސްފަތިދުވަހު ދޫކުރި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލާއިރު، ރަށްރަށުގެ ސްކޫލްތަކުގެ ވިދުން ގަދަ އެވެ.
އެ ދަރިވަރުން ސާބިތުކޮށްދިނީ، ކޮންމެ ތަނެއްގައި ތިބެގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމެވެ. އޭ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދި ސްކޫލްތަކުގެ ތެރޭގައި، ވަރަށް މަސައްކަތް ކުރި، ފާހަގަކޮށްލެވޭ ސްކޫލްތަކެއް އެބަހުއްޓެވެ.
އޯ ލެވެލް ނިންމައި އޭ ލެވެލް ކިޔަވަން މާލެ ބަދަލުވާ ކުދިންގެ އަދަދު އެ ސްކޫލުގައި ވެސް ގިނަ އެވެ. ގިނަ ކުދިން މާލެ ބަދަލުވަނީ ރަށުގައި ތިބެ ގްރޭޑް 11 އަދި 12 ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނުހޯދިދާނެ ކަމުގެ ބިރު އޮންނާތީ އެވެ. އެ ވިސްނުން އެ ރަށު ސްކޫލުން މިފަހަރު ބަދަލުކޮށް، ދަރިވަރުންނަށް އިތުބާރު ހޯދައިދީފި އެވެ.
އެ ސްކޫލުގެ ތިން ދަރިވަރަކު ވަނީ ގަދަ ދިހައަކުން ޖާގަ ހޯދައިފަ އެވެ.
ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު އަސްލަމް ވިދާޅުވީ އޭ ލެެވެލްގައި އެ ސްކޫލުން ހޯދީ ޓީޗަރުން ވެސް އުއްމީދުކުރި ނަތީޖާއެއް ކަމަށެވެ. ރަށުގައި ތިބެ އޭ ލެވެލްގައި މޮޅު ނަތީޖާއެއް ހޯދުމަކީ އެހެން ދަރިވަރުންނަށް ވެސް ލިބުނު ހިތްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ނަތީޖާ އިން މި އެނގުނީ ރަށުގައި ތިބެގެން ކިޔަވައިގެން ވެސް ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަން. ވަކި ތަނެއްގައި ކިޔެވުމެއް ނޫންކަން މުހިންމީ،" އަސްލަމް ވިދާޅުވި އެވެ.
ހއ. އަތޮޅު ތައުލީމީ މަރުކަޒުން އޭ ލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުން.
އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަކީ އޯ ލެވެލް ނިންމާ ގިނަ ދަރިވަރުން އޭ ލެވެލް އަށް ކިޔަވަން ރަށުގައި މަޑު ނުކުރުމެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކިޔަވައިދޭ ވަސީލަތްތައް މަދު ވުމެވެ.
"ގިނައިން މާލެ މި ބަދަލުވަނީ ސައިންސް ސްޓްރީމް ނަގާ ދަރިވަރުން. ރަށު ސްކޫލުގައި ލެބެއް ނުހުރޭ. މާލޭގައި އެ ހުރިހާ ރިސޯސަސް އެއް ލިބޭ. އޭ ލެވެލްގައި މި ބޭނުން ކުރާ ކެމިކަލްތައް ވެސް މާލޭގައި އެ ކުދިންނަށް ލިބޭ،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ އޭ ލެވެލް އަށް ކިޔަވަން ވީހާވެސް ގިނަ ދަރިވަރުން ރަށުގައި މަޑުކުރުމެވެ.
ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އޭ ލެވެލް ނަތީޖާއަކީ އެ ސްކޫލްގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ އެވެ.
ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ އެ ސްކޫލުން މިދިޔަ އަހަރު އޭ ލެވެލްގައި ބައިވެރިވި 47 ދަރިވަރުންގެ ތެރެއިން 17 ކުދިން ނޭޝަނަލް ޓޮޕްޓެންގައި ހިމެނުނު ކަމަށެވެ. އޭގެ ތެރެއިން 6 ދަރިވަރުން ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ މިންވަރަށް ފާސް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލާލުއްދީން ސްކޫލުން އޭ ލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުން.
ރަށު ސްކޫލުން ކިޔަވައިގެން ރަށަށް ހިދުމަތް ކުރުމުގެ ދިގު ތާރީހެއް އޮތް ފޯކައިދޫ ސްކޫލުގެ ވެސް މި އަހަރު އޭލެވެލް ނަތީޖާ ވަރަށް ރަނގަޅެވެ. އެހެން އަހަރުތަކުގައި ނުލިބޭ ވަރުގެ ކާމިޔާބީއެއް މި އަހަރު އެ ސްކޫލަށް ލިބުނެވެ. ޖުމްލަ ހަ ކުދިން އޭ ލެވެލް ގަދަ 10 ގައި ހިމެނުނެވެ.
- އައިމިނަތު އިނާން ހުސެއިން (7 ވަނަ)
- ޝިފުރާ އިލިޔާސް (8 ވަނަ)
- ސުދުނާ ޝަމީމް (9 ވަނަ)
- އަބްދުލް ނޫރު މުހައްމަދު (9 ވަނަ)
- އަހުމަދު ސާހިލް (10 ވަނަ)
- ހަދީޖާ އަޒިމާ (10 ވަނަ)
ށ. ފޯކައިދޫ ސްކޫލު.--
ކެޔޮދޫ ސްކޫލުގައި އޭ ލެވެލް އަށް ކިޔަވައިދޭން ފެށީ 2021 ގަ އެވެ. ފުރަތަމަ ބެޗުގެ ދަރިވަރުން 2023 ވަނަ އަހަރު އޭ ލެވެލް ނިންމި ނަމަވެސް އެއްވެސް ދަރިވަރަކު ގަދަ 10 ގައި ނުހިމެނެ އެވެ.
މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ހެދި އޭ ލެވެލް އިމްތިހާނަކީ އެ ސްކޫލުގެ ދެވަނަ ބެޗެވެ. ޖުމްލަ 11 ދަރިވަރުން ކިޔެވި އެ ބެޗުގެ ތިން ދަރިވަރަކު އޭ ލެވެލް ގައުމީ ގަދަ 10ގައި ހިމެނުނެވެ.
ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ ދަރިވަރުންނަށް އެ ކާމިޔާބީ ލިބުނީ ޓީޗަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.
"މިކޮޅުގައި [ކެޔޮދޫ ސްކޫލުގައި] އެންމެ ޓީޗަރެއް، އިކޮނޮމިކްސް ޓީޗަރު އެކަނި ހުންނަނީ އޭ ލެވެލް ކިޔަވައިދޭ ޓީޗަރަކަށް. ދެން އެއްކޮށް ވެސް އަޅުގަނޑުމެންގެ ތިބެނީ އޯ ލެވެލްއަށް ކިޔަވައިދޭ ޓީޗަރުން. އޯ ލެވެލަށް ކުދިން ތައްޔާރު ކުރަމުން އޭލެވެލަށް ވެސް ޓީޗަރުން ކުދިން ތައްޔާރު ކުރީ،" އޭނާ ވިދާޅުވި އެވެ.
ވ. އަތޮޅު ތައުލީމީ މަރުކަޒުން އޭ ލެވެލް ކިޔަވައިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުން.
ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ އާއި މާލެއަށް ދަތުރުކޮށް އެހެން ބައެއް ސްކޫލުތަކާ ގުޅިގެން ސްޓަޑީ ކޭޕްތައް ވެސް އެ ސްކޫލުން ބޭއްވި އެވެ. އަދި ރަނގަޅު ޓީޗަރުން ރަށަށް ގެނެސް ސެޝަންތައް ނެގި ކަމަށް ވެސް ޒައީމާ ވިދާޅުވި އެވެ.
"ޓީޗަރުންނާއި ބެލެނިވެރިންގެ މަސައްކަތް މިއީ. ބެލެނިވެރިން ވެސް އެތައް ހަރަދެއްކޮށް، އަޅުގަނޑުމެން ބުނި ކޮންމެ ކަމެއްގައި އެހީތެރިވި. އެހާ ބޮޑު ހަރަދެއްކޮށް، ބޮޑު ޒިންމާއެއް އުފުލި، ދަތުރު ކުރުމާއި ސްޓަޑީ ކޭމްޕް ތަކަށް،" އޭނާ ވިދާޅުވި އެވެ.
ގްރޭޑް 10 ނިންމާ ދަރިވަރުން އޯވެލްގައި ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް އޭލެވެލް ކިޔަވަން ކުދިން ރަށުގައި މަޑެއް ނުކުރެ އެވެ. އޭގެއިން ސާބިތުވީ ރަށުގައި ތިބެގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދިދާނެ ކަން ކަމަށް ޒައީމާ ވިދާޅުވި އެވެ.
އޯ ލެވެލް އާއި އޭ ލެވެލްގައި ފާހަގަކޮށްލެވޭ ބ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ނަތީޖާ އަށް ބޮޑު ކުރިއެރުމެއް މިފަހަރު ވެސް ވަނީ ލިބިފަ އެވެ.
ގައުމީ ގަދަ ދިހައެއްގައި ޖުމްލަ 9 ކުދިން ހިމެނުނު އިރު އެއް ވަނަ ވެސް އެއް ދަރިވަރަކަށް ލިބިފައިވެ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭ ލެވެލް ކިޔަވައިގެން ގަދަ 10ގައި ހިމެނުނު ދަރިވަރުން.
މިދިޔަ އަހަރަކީ ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ވެސް ތާރީހީ އަހަރެކެވެ. ޖުމްލަ 18 ކުދިން ބައިވެރިވެ ހަތް ކުދިން ވަނީ ޓޮޕް 10 އިން ޖާގަ ހޯދައިފަ އެވެ. އެއީ އެ ސްކޫލުގައި މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު އަހަރެވެ.
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ދަރިވަރަކު އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު ގަދަ 5 ގައި އަދި ތިން ދަރިވަރުން ހިމެނިފައި ވަނީ ގަދަ 10 ގަ އެވެ.
ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ސްކޫލު، މަދަރުސަތުލް އިފްތިތާހުގެ ތިން ކުދިން ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. ދެ ކުދިން ގަދަ 10ގެ ނުވަ ވަނަ އަދި 10 ވަނަ ހޯދާފައިވާއިރު އަނެއް ދަރިވަރު ވަނީ ތިން މާއްދާއިން އޭ ސްޓާ ހޯދައިފަ އެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ވެސް ހަތަރު ދަރިވަރުން ވަނީ ގަދަ 10ގައި ހިމެނި ރަނގަޅު ނަތީޖާއެއް ހާސިލް ކޮށްފަ އެވެ.
މި ނަތީޖާ އަކީ ރަށުގައި ތިބެ އޭ އެލެވެލް އަށް ކިޔަވަން އުފެދުނު އިތުބާރެކެވެ. ދަރިވަރުން ހޯދި ކާމިޔާބީން އަނެއްކާވެސް ފަނޑުކޮށްލީ ރަށުގައި ތިބެ ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނުލިބޭނެ ކަމަށް އޮތް ވިސްނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަސް1
21 January 2025
އައްޑޫ އޭ ނުލިޔާތި
ދޮން
21 January 2025
ހާހަކުން ރަގަޅު ނަތީޖާ އެއް ހޯދުނަސް އަދިވެސް ސީ އެޗް އެސް އީ އާއި ވާދަކުރެވޭ ވަރުނުވޭ ، އެއީ މައްސަލައެއްނޫން ނަތީޖާ ހޯދި ކެޔޮދޫކުދިން ހުޅުމާލޭ ސީ އެޗް އެސް އީ އަށް އައިސް އެތާ ޓީޗަރުން ވަރަށް ސަޕޯޓްދިން ކެޔޮދޫ ކުދިންނަށް 2 ސުކޫލު ރަގަޅު ގުޅުމެއް އޮވޭ އެއީ ވާންވީ ގޮތަކީ މިކަން އެގޭ މީހުން އުޅޭބާ ،
ވާވާ
21 January 2025
އޭލެވެލް ހަދަން މާލެ ބަދަލުވަނީ މަޖުބޫރު ވެގެން. ކޮމްޕިއުޓާ ސައިންސް އަދި އާރޓު ކިޔަވާ ކުއްޖަކަށް ރަށްރަށުން އޭލެވެލްގައި އެ މާއްދާތައް ކިޔެވެން ނެތުމުން.
ރަށުމީހާާ
21 January 2025
ކިޔަވައިގެން ރަށުގައި ހިދުމަތްކުރުމުގެ އާދައޮތް ރަަށެއްގައިނަމަ ތައުލީމުގެ ފެންވަރު މަތިވޭ ހަމަ ގިނަފަހަރަށް. ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، ޓެކްނީޝަނުން، ކައުުންސެލަރސް ފަދަ ބައިވަރު ވަޒީފާތައް އެންމެ ކުދި ރަށްރަށުގައިވެސް އެބައޮތް. މިއީ ބިދޭސީން ބައިވަރު ތިބި ވަޒީފާތައް. މާމޮޅުކޮށްލަން ރަށްރަށު ބައެއް މީހުން ވިކިގެންވެސް އުޅެންވަނީ މާލޭގަ. ރަށްރަށަށް ދިރުން ލިބެންއޮޮތީ ރަަށުގައި އުޅެގެން. މާލޭގައި ފާޑުކިޔަން ތިބެގެނެއް ނޫން
އޮނަރަބްލް އަފީފު ދީދީ
21 January 2025
އިތުރަށް ކިޔަންވަންބޭނުން ކުދިން ވިސްނާންވީ އަގުހެޔޮކޮށް މޮޅު ތަޢުލީމްލިބޭނެ ގޮތަކަށް ކުރިއަށްދިއުމަށް. ކ.އަތޮޅު މާލޭގައި ހުރުމާއި ކެއުންބުއިމަށް ކުރާންޖެހޭ ޙަރަދަކީ ލަންޑަން އަދި ސިންގަޕޯރ އަށް ވުރެން ބޮޑުޙަރަދެއް ކަމުން ތިއިން އެއްވެސް ކުއްޖަކު ކ.މާލެއާއި މެދު ވިސްނާނެކަމެއްނެތް. އޭގެ ބަދަލުގައި 2 ވުނަތަ 3 ކުދިން ވެގެން މެލޭޝިޔާ، އިންޑިޔާ ލަންކާގެ އެޕާޓްމަންޓެއް ނަގައިގެން މިއިން ޤައުމެއްގައި ކިޔަވަން ވިސްނުން ރަނގަޅު. މާލެ އަކީ ބޮލު ރިހުމެއް.
އަންއޮނަރަބަލް
21 January 2025
ބަޓް ހަރޓް ވަނީތަ މާލެ ނޫނީ މާލެ ސިޓީ ކިޔަން. ތި ނޫނީ ނޫޅޭ ކ އަތޮޅު މާލެ ކިޔާ މީހެއް. އަދިވެސް ނަވާރަސަތޭކައިގެ އަހަރުތަކުގެ ވިސްނުން ދެއްތޯ ބޭޅާގެ ހުންނަނީ
މަބުނީ
21 January 2025
މާލޭސްކޫލްތަކުން ތެޅިފޮޅެނީ ކުޅިވަރުތަޖާ ކޮންސެޓްތައް ނުބޭއްވިގެން.
ހަސަންބޭބެ
21 January 2025
އަދިވެސް ރަށްރަށު ސްކޫލްތަކުގައި ލެބްގެ އެއްޗިހި ހަމަނުވޭ މިހާރު ކެމިކަލް ފޮނުވި ދުވަހެއްވެސް ނޭނގެ. މާލޭކުދިންނަށް ހުރިހާއެއްޗެއް. މި ތަފާތުކުރުމެއް އަދިވެސް ނުހުއްޓުވޭ. ސައިންސް ކިޔަވަން ހުއްދަ ދެންޏާ އެއްޗިހިވެސް ދޭންވާނެ. ހަމައެކަނި ލެބްތަކުގެ ނަން ޖަހާލައިފާ ހުއްޓަކަސް ކަމަކު ނުދާނެ. ރަށްރަށު މީހުންތިބޭނެ ވަރަށް ހެވިފަ ކޮންމެސް މީހަކުއައިސް ބޮލަށް ޗިޕްޖަހާފަ ވޯޓުކޮޅު ލިބުނީމައެވީ. މީ އަބަދުވެސް ވާގޮތް މިހާރަށް ބޔނާވާހަކައެއްނޫންމީކީ.
ފާތުން މޫސާ
21 January 2025
އައްޑޫ މީހުން ދެރަކުރަންތަ އައްޑޫ ހައިގެ ނަތީޖާ ނުލިޔުނީ؟ އެސްކޫލު ޓީޗަރަކު ބުނި 30އަށްވުރެ ގިނަކުދިން ލައްވާލިވާހަކަ.
ޛސހުނނ
21 January 2025
އެއީ ބަލަ ސިޓީއެއް ނޫންތަ؟ މިއީ ރަށް ތަށުގެ ވާހަކަ.
ބޭގަރާރު
21 January 2025
ކޮބާ އައްޑޫ ހައި ސްކޫލު؟ 32 ކުދިން މަދީތަ މި ރިޕޯޓުގަ އެވާހަކަނެތީ؟
އާތު
21 January 2025
އެއީ އިގެރޭސިންގެ ތަނެއްވީމަ
ހަބީބު
21 January 2025
އަހަރުމެން އިނގިރޭސިންގެ ވާހަކައެއްނުލިޔަން އަހަރުމެން މިލިޔަނީ ދކވެހީންގެ ރާއްޖޭގަ ކިޔަވާ ކުދިންގެ ވާހަކަ ހައްހައްހައް
އިމްތިހާން
21 January 2025
ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޯދި ނަތީޖާ އަކީ ވެސް ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް