ހަމީދު، އޭނާ ހަދާފައިވާ އެންދެރީގެ ދޯންޏަކާއި އިތާ ދޯންޏެއް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
23 އެޕްރީލް 2025 - 10:51
މެންދުރުގެ އެންމެ އަވިގަދަ ގަޑީގައި، ދ. ހުޅުލެދީ، އަބްދުﷲ ހަމީދާ ދިމާވީ އޭނާގެ ރަސްމީ "މަސައްކަތު ގުދަން" ތެރެއިންނެވެ. ތެޅިގަލުން ހަދާފައި ހުރި އެތަން ހުޅުވާލުމުން ގަޔަށް އެރީ ދިލަ ހޫނެކެވެ. އެކަމަކު، ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ މިތަނަކީ އޭނާގެ މުޅި ދުނިޔެ އެވެ. މިތަން ފުރިފައި އޮތީ ހަމީދުގެ ހުނަރުންނެވެ. ބަރިބަރިއަށް އަތުރާފައި ހުރި އެ ދޯނިތަކުގައި އޭނާ ކުރަމުން އަންނަނީ ދިގު ދަތުރެކެވެ.
އެއީ، މި ރަށުގައި ކުރިން ތިބި ހުނަރުވެރިންގެ މަސައްކަތް އުވިގެން ދިޔަ ނުދިނުމެވެ.
އެ މީހުންގެ ފަރާތުން ހަމީދަށް ވާރުތަވި، އަތްތެރި މަސައްކަތުގައި އޭނާއަށް ކުރަން ނޭނގޭ ކަމެއް ނެތެވެ. ރަންރިހީގެ މަސައްކަތް ކުރެ އެވެ. ލިޔެލާ ޖަހަ އެވެ. ކުދި ދޯނި ހެދުމާއި ސުވެނިއާއަށް އެހެން ސަމާނުތައް ހެދުމަކީ ވެސް އޭނާއަށް މާބޮޑު ކަމެއް ނޫނެވެ.
ހެނދުނު 8 ޖަހާއިރު ފަށާ ގޮތަށް އޭނާގެ މަސައްކަތް ނިންމާލަނީ ރޭގަނޑެވެ.
ހުޅުދެއްޔަކީ ރަންރިހީގެ މަސައްކަތާއި އަތްތިރިކަމުގެ މަސައްކަތުގައި ރާއްޖޭގައި ކުރިން ފާހަގަކޮށްލެވުނު ރަށެކެެވެ. އެކަމަކު އުމުރުން 63 އަހަރުގެ ހަމީދަކީ މިހާރު މި ރަށުގައި މި މަސައްކަތް ކުރާ ހަމައެކަނި މީހާ އެވެ.
ހަމީދު، ލިޔެލާ ޖަހާފައިވާ އެއްޗެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަތްތެރި މަސައްކަތުގައި ހުނަރުވެރިން ތިބި ރަށަކަށް ވިޔަސް އެ މަސައްކަތަށް ޒުވާނުންގެ ހިތް ނުޖެހުނީ އެވެ. އެެހެންވެ، މަސަައްކަތުގައި އުޅުނު މީހުން ނިޔާވެ، ރަށުން ވެސް މި މަސައްކަތްތައް އުވިގެންދަނީ އެވެ.
ވަރަށް ކުޑައިރުން ފެށިގެން، ކާފަ ކައިރިން ދަސްކުރި ގޮތަށް ހަމީދުގެ މުޅި އުމުރު މިދަނީ މި މަސައްކަތުގެ ތެރެއިންނެވެ.
"ކުޑައިރު ގިނަ ވަގުތު އުޅުނީ ކާފައާ އެކީގައި. ދެން ކާފަ ވެސް ބުނެފައި މިއޮތީ ތިމަންނަ ދުނިޔެ ދޫކުރަންވާއިރަށް ވާނެއޭ މި މަސައްކަތް ދަސްކުރަން. އަޅުގަނޑާއި އެހެން ކުދިން ކައިރީ ވެސް ބުނި. އެކަމަކު އަޅުގަނޑު އެކަނި އެކަމަށް ޝައުގުވެރިވެގެން މިކަން ދަސްކުރީ،" ހަތަރު ދަރިންގެ ބައްޕަ ހަމީދު ބުންޏެެވެ.
"އެހެންވީމަ އަޅުގަނޑު ވަރަށް ކުޑައިރުން ފެށިގެން މިކަން ދަސްކޮށްގެން މިކަމުގައި އޭރުއްސުރެ މިއުޅެނީ،"
ކާފަގެ މަސައްކަތްތައް ދެން އޮތް ޖީލަކަށް ގެންދިއުމަކީ ހަމީދުގެ ޒިންމާއެއް ކަމަށް އޭނާ ދެކެ އެވެ.
އެ މަސައްކަތަށް ޝައުގުވެރިވެ، ކާފަގެ ކައިރީގައި އިނދެގެން ވަރަށް ގިނަ ސާމާނު ހަދަން ދަސްކުރި އެވެ. އެކަމަކު އެވަރުން ވެސް ހިތްހަމަނުޖެހިގެން، ރަށުގައި ރަންރިހީގެ މަސައްކަތް އޭރު ކުރި އެ މީހުންގެ ގާތަށް ގޮސްގެން، އޭނާ މައުލޫމާތު އެއްކުރި އެވެ.
އެންދެރިން ހަދާފައިވާ ދޯންޏެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އޭގެ ތެރެއިން ގިނަ މީހުން ނިޔާވިއިރު އަޅުގަނޑު ވާނީ އެ މަސައްކަތް އިތުރަށް ރީތިކުރާނެ ގޮތްގޮތް އެމީހުން ގާތުން ވެސް ދަސްކޮށްފައި."
އެކަން ވިޔަފާރިއެއް ގޮތަށް ފަށައިގަނެ، ދެ އަހަރު އޭނާ އެއްކޮށް އުޅުނީ ރަންރިހީގެ މަސައްކަތުގަ އެވެ. އޭގެ ފަހުން ލިޔެލާޖެހުމާއި ގެރި ކަށިންނާއި އިތާ އާއި އެންދެރިން ވެސް ދޯނި ހަދައިގެން އޭނާ ވިއްކަ އެވެ.
ގެރި ކަށިން ހަދާފައިވާ ދޯންޏެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ކައްޓާއި އިތާ އިން ދޯނި ހެދުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ސުވެނިއާ ވިޔަފާރިތަކުން ވެސް މި ބާވަތުގެ ދޯނި އެހާ ނުފެނެ އެވެ.
ރާއްޖެއިން ބޭރުން ގެރި ކައްޓާއި އެންދެރި އާއި އިތާ ގެނެސްގެން، އޮމާންކޮށްގެން ހަމީދު ހަދާފައިވާ ކުދި ކުދި ދޯނިތައް ބަލާލަން ވެސް އެހާ ހިތްގައިމެވެ. ދޯނީގެ ގިރުނބާ ކޮޅާއި ހުންގާނާއި ކުނބު، ކަފި ވެސް ހަދާފައި ވަނީ ހަމަ އެތަކެތިންނެވެ. މީހުން އަޖައިބު ކުރުވާހާ ވެސް އޭނާގެ މަސައްކަތް ފުރިހަމަ އެވެ.
އިތާ ބޭނުންކޮށްގެން ހަދާފައިވާ ކުޑަ ދޯންޏެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު މިއީ ވަަރަށް ބުރަ ކަމަކަށް ވިޔަސް މިހާރު ހަމީދަށް އެ މަސައްކަތް ފެން ފަދަ އެވެ. ދެ ގަޑިއިރުގެ ތެރޭގައި ދޯންޏެއްގެ މަސައްކަތް ނިންމާލެވެ އެވެ.
އެ މަސައްކަތަށް މިހާރު އޭނާ އެހާ ވެސް ފަރިތަޔަސް މިހާރު މަހެއްގެ މައްޗަށް އޭނާއަށް ލިބެނީ ތިން ހަތަރު ދޯނި ހަދާށެވެ. މި ދޯނިތަކުގެ އަގު ކިޔަނީ އޭގެ ސައިޒުންނެވެ. މިސާލަކަށް 8 ފޫޓުގެ ދޯންޏެއް ނަމަ، 2،500ރ. އަށް ހަދައިދެ އެވެ.
އެ ތަކެތީގެ އިތުރަށް ގެރިކަށިން ހަރުފަ ވެސް ހަދަ އެވެ. ހަރުފައެއްގެ ބައްޓަން ގެނައުމަށް ކުރަން ޖެހެނީ ކަވި މަސައްކަތެކެވެ. އޭގެ ލޮލާއި ގައިގެ ހަންގަނޑު އަސްލު ހަރުފައެއްގައި ހުންނަ ޑިޒަނަށް ބަދަލުކުރުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރެ އެވެ.
ގެރި ކަށިން ހަދާފައިވާ ހަރުފައެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަނގޮޓި އާއި އަތުގައި އަޅާ އުޅާ ވެސް ގެރިކަށި ބޭނުންކޮށްގެން ހަދަ އެވެ.
ހަމީދާ ދިމާވި އިރު، ބޮޑު އޯޑަރެއް ލިބިގެން އޭނާ އައީ ނާލު ބައްތެއްޔަކާއި ކަޅުއޮއްފުއްމި ވެސް ބަންނަމުންނެވެ. އެ ނޫން ވެސް ކުދި ދޯނީގެ އެކި ވައްތަރު އޭނާ ނިންމަން ޖެހިފައި ހުއްޓެވެ.
"އެންމެ ފުރަތަމަކޮޅު އަޅުގަނޑު މި އެއްޗެހި ހަދާފައި ދަނީ މާލެއަށް ވިއްކަން. ޗާންދަނީ މަގުގައި މިހާރު އެހެރަ ސުވެނިއާ ޝޮޕްތަކުގައި ވެސް ގިނަވާނީ އަޅުގަނޑުގެ ދޯނިތައް،" ހަމީދު ބުންޏެވެ.
ކިތަންމެ ފުރިހަމައަށް މި ސާމާނު ހަދާފައި ފޮނުވިޔަސް އޭރު އޭނާގެ މަސައްކަތެއް ނޭނގެ އެވެ. އެހެންވެ ކޮންމެ ފަހަރަކު ވެސް ވަކި ވަރަކަށް ސާމާނު ހަދައިގެން މާލެއަށް ވިއްކަން އޭނާ ފުރަނީ އެވެ.
އެ ތަކުލީފަށް މިހާރު ނިމުމެއް އަތުވެއްޖެ އެވެ. މިހެން އުޅުމުގެ ތެރޭގައި ސުވެނިއަ ފިހާރަތަކުގައި އުޅޭ މީހުންނަށް އޭނާ ފާހަގަވީ އެވެ. ރަށުގައި ހުރެގެން އޯޑަރު ނަގަމުން، މިތަކެތި މާލެއަށް ފޮނުމުން، އެ އެއްޗެހި ނަގައި ގިނަ ފަހަރަށް ފިހާރަތަކަށް ލަނީ އޭނާގެ ދަރިންނެވެ.
"އަޅުގަނޑަކީ އެ އެއްޗެހި ހިފައިގެން މާލެ ގޮސް އެމީހުން [ކެލާ އިއްބެމެން] ކައިރީގައި އުޅުނު މީހެއް. އެކަމަކު މިހާރު އެމީހުން ދޭނެ އޯޑަރުތައް ގުޅާފައި، މިވެނި އެއްޗެއް މިވެނި ދުވަހަކަށް ހަދަން ބޭނުންވެޔޭ،" އޭނާ ބުންޏެެވެ.
ހަރުފައެއްގެ ބައްޓަމަށް ހަދާފައިވާ އަތުގައި އަޅާ އުޅައެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ފިހާރަތަކުގެ އިތުރުން ދ. އަތޮޅުގެ ރިސޯޓުތަކަށް ވެސް ހަމީދު މި ސާމާނު ވިއްކަ އެވެ.
އޭނާގެ އެ މަސައްކަތަށް ބަލާލަން ވެސް ކައިރި ރިސޯޓުތަކުން ޓޫރިސްޓުން ދެ އެވެ. އެކަމަކު މިއިން އެއްޗެއް ގަންނަނީ މަދު ފަހަރެއްގަ އެވެ.
"ޓޫރިސްޓުން ވެސް އާދޭ މިތަނަށް، އެ މީހުން އަންނަނީ އަހަރެމެންގެ މަސައްކަތް ބަލާލަން. އެކަމަކު އައިސްފައި ނުއެއްގަނޭ. އެއީ ރިސޯޓުތަކުގައި ވެސް ތިން ހަތަރު ޝޮޕް އެބަ ހުރޭ މި ވިއްކާ. އެކަމަކު މިހެން ބުންޏަސް އެ ތަންތަނުން ނުލިބޭ އެއްޗެއް ވެސް ހުރެދާނެ ރަން އަނގޮޓިއެއް ކެވެލިގަނޑެއް ކަހަލަ އެއްޗެއް. ދެން ގަނެގެން ދާނީ،" ހަމީދު ބުންޏެވެ.
މިއީ ވިޔަފާރި ރަނގަޅު ކަމެކެވެ. މި މަސައްކަތުން އެކި މަސް މަހު ލިބެނީ އެކި ވަރެވެ. އެކަމަކު ވެސް ހަމީދު ހުރީ އެކަމާ ވެސް ހިތްހަމަޖެހިގެންނެވެ.
ހަމީދު ބުނީ ބައެއް މަސްތަކުގައި 20،000ރ. ވެސް ލިބިދާނެ ކަމަށެވެ. އެކަމަކު އަނެއް ބައި މަހުގައި 10،000ރ. ނޫނީ އެކައްޗެއް ވެސް ނުލިބި ހިނގައިދާނެ އެވެ. އެކަމަކު ރަށުގައި ހުރެގެން މި ލިބޭ އާމްދަނީއާ މެދު އޭނާގެ ޝަކުވާއެއް ނެތެވެ.
މި ވިޔަފާރި ފުޅާކޮށް ސާމާނު ހޯދަން ވެސް އޭނާއަކަށް ދައްޗެއް ނޫނެވެ. ބެންކޮކް ފަދަ ގައުމުތަކުން އެކަމަށް ބޭނުންވާ ސާމާނު މި ވިޔަފާރި ކުރާ މީހުން ގެނެސްގެން ވެސް ވިއްކަ އެވެ.
ދޯނި ހެދުމުގައި ބޭނުންކުރާ އިތާއެެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަމީދުގެ ވިޔަފާރީގައި ބޭނުންކުރާ އެންދެރި އާއި އިތާއަކީ ރާއްޖެއިން ލިބޭ އެއްޗެއްސަށް ވިޔަސް މިތަކެތި ނެގުން މަނަ އެވެ. އެެހެންވެ އެކަމާ މެދު އޭނާގެ ނުރުހުން އޮތެވެ.
"ސަރުކާރުން އެންދެރި ނެގުން މަނާކޮށްފައި. އިތާ ނެގުން މަނާ. އެހެންވީމަ ކޮބާ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މަންފާއަކީ. އޭގެއަކުން ލިބޭނެ އިތުރު އާމްދަނީއެއް އޮތީއެއް ނޫން. އެ އެއްޗެހި އެތަނުގައި ހުރެގެން ވީރާނާވެގެން ދަނީ. ނެގޭ ގޮތެއް ނެތް،"
ހަމީދު، އެ މަސައްކަތް ކުރާ ތަނުގެ ބޭރުގައި ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު އެތަކެތި ބޭނުންނުކޮށް ހަލާކުވެގެންދާއިރު އޭގެއިން ފައިދާ ހޯދޭނެ މަގެއް އޮންނަން ޖެހޭ ކަމަށް އޭނާ ދެކެ އެވެ. އޭރުން ބޭރުން މި ސާމާނު ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ނިމުމަކަށް އައީ އެވެ. ރާއްޖޭގައި ލިބެން ހުރި ސާމާނުން އުފެއްދުންތައް މާކެޓަށް ނެރެވޭނެ އެވެ.
"މި އެއްޗެހި ރާއްޖެއިން ނެގޭ ނަމަ ނުޖެހޭނެ ބެންކޮކާ އެހެން ތަންތަނުން މި އެއްޗެހި އޯޑަރުކުރާކަށް. ރާއްޖޭގައި ހުރިހާ ވަސީލަތެއް އެބަ ހުރި. އެކަމަކު މަނާވީމަ އެކަން ނުވަނީ،" ހަމީދު ބުންޏެވެ.
ރާއްޖެ އިން ސަމާނު ނުލިބިގެން އޭނާ ބޭނުންވާ ފެންވަރަށް މި މަސައްކަތް ނުކުރެވުނަސް ހުއްޓާލާކަށް ބޭނުމެއް ނޫނެވެ. މިކަމުގައި ދެމިހުންނަނީ ރަށުގައި ކުރިން ތިބި ހުނަރުވެރިންނަށްޓަކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
23 April 2025
އަތްތެރިމަސައްކަތަށްޒުވާނުންހިތްނުޖެހުނީކީނޫން، ފާއިތުވި30ހަކަށްއަހަރު ދިވެހިންތިބީ ވަރަށްބޮޑަށްބަނދެފައި، މަސައްކަތެއްފަށަން ފައިނޭސްލިބެނެގޮތެއްނެތް، މިހާރުވެސްމިކަން ހަމެޖެހިފައިނެތް، މިސަބަބާހުރެ ރާއްޖޭގައި ކުރިނާރާހުރި އެތައްކަމެއްއެބަހުރި، އަތްރެރިމަސައްކަތް، ދިވެހިބޭސްވެރިކަން، ފިލްމީދާއިރާ، އަތުންގާނައިގެން 1މަސްދުވަހުންކުރެވޭކަންކަން މިހާރު 1މިނެޓުންކުރެވޭ، މިކަންކަމަށްއިންވެސްޓުކުރެވޭނެމަގެއްނެތީމަކާ ޒުވާނުންނަކަށް ގާނާކަށްނުތިބެވެނެދޯ!
ތިމާވެށި
23 April 2025
ކޮމެންޓް ކުރާ ބައެއް މީހުން ލިޔުން ރަނގަޅަށް ކިޔާފަ ކިރިޔާވެސް ނެގަޓިވް ތަންކޮޅެއް އިންތޯ ބަލާލާފަ ކޮމެންޓް ކުރަނީ އެވެ. މުޅި އުމުރު ދުވަހު އެއް މަސައްކަތެއްގަ ހިފަހައްޓާލީމަ ހިއްވަރު ދޭން ވީ އެވެ. އެހީވާން ވީ އެވެ.
ކޮރަލް
23 April 2025
މުޅީ އުމުރު ޕްރޮފެޝަނަލް މަސައްކަތެއްގަ ހޭދަ ވި އިރު ސަރުކާރާ ކައުންސިލް އިން ވީ އެހީ އެއް ފެންނާ ކަށް ނެތެވެ. ސަރުކާރާ އަދި ސަރުކާރު ހިއްސާ ވާ ކުންފުނި ތަކުން ތިޔަ ތަކެތި ގަނެ ބޭރުން އަންނަ އިސްވެރީންނަށް ސްވެނިއަރ ގެ ގޮތުގަ ވެސް ދެވިދާނެ އެވެ. ފައިސާ ނުދިނަސް ހުނަރުވެރީން ބާރު ވެރި ކުރެވޭނެ ގޮތް ތައް ހުންނާނެ އެވެ.
އެކޮއި
23 April 2025
ހާދަހާ އަގުހެވޭ. އެކަމަކު މާލެއިން ހާދަ އަގުބޮޑޭ.
ކޮސް
23 April 2025
އަަށްފޫޓު ދޯންޏެއް 2500 ރުފިޔާއަށް ވިއްކަފާނެބާ! ނޫނީ މިއީ ލިޔުމުގެ ކުށެއްބާ?
ހުޅުދެލި
23 April 2025
ޢެއީ އޮޅުމެއް.ރަނގަޅު ގޮތަކީ "1 ފޫޓުގެ ދޯންޏެއް ނަމަ 2500ރ އަށް ހަދައިދެމެވެ."
ކަމަނަ ގޯތި އާދަނު
23 April 2025
ދޯނީގެ ގިނރުބާކޮޅެއް ނޫން. ދޯނީގެ ދިނރުބާކޮޅު.
ޖުނގޭ
23 April 2025
އެނދެރި ގެންނަނީ ތައިލެންޑުންނޭ ތިބުނީ….ތައިލެންޑުގަ އެންދެރި ނެގުންވެސް ގެންގުޅުންވެސް އަދި އެގައުމުން އެންދެރި ބޭރުކުރުންވެސް މަނާ….ދެން….ތިގޮވީ އަތަށް….މިމީހާ ކަންތަށް ތަހުގީގުކުރަން ގޮވާލަން….
ރޯނު އެދުރު އަލަމާ
23 April 2025
ޜިސޯޓް ތަކުން ރާއްޖޭގެ އިހި ނުގަންނަނީ ކީއްވެ ކަން އިނގޭތަ؟ ގަންނަން ފަށާ ފިއްޔާ އެރިސޯޓެއްގެ ހޭމަތި ހުސްކޮށް ލާނެ އިހި ނަގާ ނަގާ. ގެސްޓުން ސުނޯކުލް ކޮށްލާފަ ހުސް ގާ ބަލާފަ އަންނަން ޖެހޭނީ. ކަނޑު އަޑީގެ ރީތިކަން ހަލާކު ނުކުރޭ ދިވެހިން ނޭ ކުޑަ ލާރި ކޮޅަކަށް. ޢަޅުގަނޑު ދެކެ އެންމެން ރުޅި އަރާ ނަފުރަތު ކުރާނެ ކަން ވެސް އިނގޭ އެކަމު އުޅުމެއް ބަދަލެއް ނުވާނެ
އެމީހ
23 April 2025
ރާއްޖެއިން ހިފާ މަސްމަހާމެހީގެ ބާވަތްތަށް ރާއްޖެއިން އެކްސްޕޯޓް ކޮއް ހަމަ އެ މުދާ ރާއްޖޭގެ ރިސޯޓްތަކުގަ ބޭނުންކުރުމަށް އިންޕޯޓް ކުރާކަން އެނގޭތަ. ދިވެއްސެއްގެ އަތުން ގަންނަން ބޭނުން ނުވަނީ
ލަދު1
23 April 2025
ރިސޯޓްހަދަން ފަޅުހިތްކީމާ މުޅި ހިސާބު އެތައްމޭލަކަށް ކިސަޑުފެތުރި މަސްވެރިކަމާ އެންވެރިކަން ދައްވުން ސަރުކާރަށް އޯކޭ، އީޕީއޭއަށްވެސް އޯކޭ، އެކަމު ބޮއްޔެއް ނުވަތަ އިތައެއްނަގައި ބޭނުންކުރުން ގޯސް ކޮންކަހަލަ ހިޔަޅުވިސްނުމެއް
ކިމް
23 April 2025
އެންދެރި މަނާ ނޫންތަ؟