ދިލް: ޖާޒިއާގެ ފުރަތަމަ ފަސް އަހަރުގެ އަމާޒު އެ ކުންފުނިން ވަނީ ހާސިލުކޮށްފައި.--- ފޮޓޯ: ފަޔާޒު މުސާ | މިހާރު
11 އޮކްޓޯބަރ 2025 - 07:17
ރާއްޖޭގެ ކުޅިވަރުގެ އެއްވަނަ ބްރޭންޑަކަށް "ޖާޒިއާ" ވުމުގެ ހުރިހާ ޝުކުރެއް އޭނާ އަދާކުރަން އޮތީ ލޯބިވާ މަންމައަށެވެ. މަންމަ ދިން 50 ޑޮލަރަކީ އެ ވިޔަފާރީގެ ފެށުމެވެ. ކުންފުނީގެ ފުރަަތަމަ ކެޕިޓަލަކަށް ޖާޒިއާގެ ކޯ ފައުންޑަރު ހަސަން ދިލްޝާން (ދިލް) ގެ މަންމަ ދިން އެ 50 ޑޮލަރުގެ މަތީގައި އެ ވިޔަފާރި އެންމެ އުހަށް ދަތުރު ކޮށްފައި ވުމަކީ އޭނާ އަށް މިއަދު ލިބޭ އެންމެ ބޮޑު ފަހުރެވެ.
"މަންމަ އަތުގައި ޑޮލަރުކޮޅެއް ހުރީމަ ނެގީ 50 ޑޮލަރު،" ދިލް ބުންޏެވެ.
ޖާޒީގެ ޑިޒައިންތައް ޕްރެޒެންޓް ކޮށްދޭން މޮކްއަޕް ސެޓަށް ހަރަދު ކުރީ 48 ޑޮލަރެވެ. މިއަދު އެއީ ރާއްޖޭގައި ކުޅިވަރުގައި އެންމެ މަޝްހޫރު ވިޔަފާރީގެ ބްރޭންޑެވެ. ކުންފުނީގެ ބްރޭންޑު ވެލިއު އުޅެނީ މިލިއަނުން މަތީގަ އެވެ. ޖާޒިއާއޭ ބުނެފި ނަމަ ނޭނގޭ ބަޔަކު ނެތެވެ. ޖާޒީއެއް ތައްޔާރު ކުރަން ވެއްޖެ ނަމަ ހުރިހާ ކްލަބުތަކުންނާއި ޒުވާނުންގެ ދުލުކުރީގައި އޮތީ ޖާޒިއާ އެވެ.
ދިލްގެ ވިޔަފާރީގެ ހުރިހާ ވެސް ކާމިޔާބީއަކީ އޭނާގެ މަންމަކަން ދުވަހަކު ވެސް ހަނދާން ނައްތާލަން ބޭނުން ނުވާ އެއް ކަމަކީ މަންމަ އަށް އޮތް ލޯތްބާއި އިހްތިރާމު ދައްކުވައިދޭ މަދަހަ "ރޮއްވައިފި ލޯތައް" ވީޑިއޯގެ ލީޑް އެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވުމެވެ. އެ މަދަހައިގެ ވީޑިއޯގައި ވެސް ފެނުނީ މަންމައަށްޓަކައި ދިލްގެ ހިތުން ޖާގަ ދީފައިވާ މިންވަރެވެ. އޯގާތެރިކަމާއި ލޯތްބެވެ. މަންމަ ގެއްލިއްޖެ ނަމަ ދިލްގެ ހިތަށް ކުރާނެ އަސަރުތަކެވެ.
ދިލްގެ މަންމަގެ އެހީތެރިކަމާ އެކު އުފެއްދި ޖާޒިއާއަކީ ރާއްޖޭގެ ކުޅިވަރުގެ ކިޓް ޕްރޮވައިޑާއެއްގެ ގޮތުގައި ބޮޑު ނަމަކަށް މިއަދު ވެއްޖެ އެވެ.
ޖާޒިއާ 2019 ގައި އުފައްދުމުގެ ކުރިން ވެސް ރާއްޖޭގައި ޖާޒީ ފަރުމާކޮށް އުފައްދާ ކުންފުނިތައް ހަރަކާތްތެރިވި އެވެ.
"އޭރު ވެސް ތިބި މި މަސައްކަތް ކުރާ މީހުން. ސޯޝަލް މީޑީއާ އިން ފެނޭ ވިއްޔާ. އެކަމަކު ފެންނާނީ ކޮންމެވެސް ތަނެއްގައި ޖާޒީ ބާއްވައިގެން ފޮޓޯ ނަގާފައި ދެން [ސޯޝަލް މީޑިއާގައި] ޕޯސްޓް ކޮށްފައި ހުންނަ ތަން،" އުމުރުން 40 އަހަރުގެ ދިލް ބުންޏެވެ.
ދިލް އާއި އޭނާގެ މަންބަ އާއި ބައްޕަ: ޖާޒިއާ އަށް ފުރަތަމަ ކެޕިޓަލެއް ހޯދީ ދިލްގެ މަންމަގެ އަތުން
ދިލްގެ އިތުރުން އާދަމް އަމީނާއި ޝާހިދު އަހުމަދުގެ ޕާޓްނާޝިޕްގެ ދަށުން ޖާޒިއާ ރަޖިސްޓަރީ ކުރީ، ޖާޒީގެ ފަރުމާ އާއި ޕްރެޒެންޓް ކޮށްދޭ ގޮތާއި މާކެޓިންގައި ވެސް ތަފާތެއް ގެނެސްދިނުމަށެވެ.
މޮކްއަޕް ސެޓްގައި ޖާޒީގެ ޑިޒައިންތަކުގެ ޕްރެޒެންޓިން ހުށަހަޅައިދީ، ޖާޒިއާ ވައިގައި ހިފައިގެން ދިއުމުން، އެހެން ކުންފުނިތަކުން ވެސް އެ ސްޓައިލްގެ ޕްރެޒެންޓިން އާއި މާކެޓިން ސްޓްރެޓެޖީތަށް ވެސް ބޭނުންކުރަން ފެށި އެވެ. އަދި ޖާޒިއާގެ ނަމާ ވައްތަރު ނަންތައް ކިޔާ އެހެން ކުންފުނިތަށް ވެސް ސްޕޯޓްސް ކިޓް އުފެއްދުމުގެ އިންޑަސްޓްރީ އަށް ނުކުތެވެ.
ޖާޒިއާގެ ފައުންޑަރު ދިލް: ކުރިއަށް އޮތީ ބައިނަލްއަގްވާމީ މަޝްހޫރު ބްރޭންޑުތަކާ ވާދަކުރުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެކަމަކު ޖާޒިއާ ވީ އެ އެންމެންނަށް ވެސް ބެންޗުމާކަކަށް،" ހިތްހަމަޖެހުމާ އެކު ދިލް ބުންޏެވެ.
ޖާޒިއާގެ އެއް ހިއްސާދާރު އަމީން، އޮންލައިންކޮށް އެއްޗެހި ވިއްކަން ކުރިން ހިންގި ޕޭޖަށް ކިޔަނީ "ކާޑިވާ" އެވެ. އެ ނަމާ ގުޅުވައިގެން އާ ކުންފުނީގެ ނަން ކިޔުމުގެ ވިސްނުން ތިން ހިއްސާދާރުން ވެސް ގެންގުޅުނެވެ.
"ޖާޒީގެ ވާހަކަ ކޮންމެ ގޮތެއް ވިޔަސް އަންނާނެ. ބޭނުންވީ އެ ނަން ބުނީމާ މިއީ ކޮން މަސައްކަތެއް ކުރާ ބައެއްކަން އެނގެން،" ދިލް ބުންޏެވެ.
ކާޑިވާ އާއި ޖާޒީގެ ނަން ގުޅުވައި ޖާޒި-ވާގެ ނަން ކިޔުމުގެ މަޝްވަރާގައި ތިއްބައި އެ ތިން މީހުންގެ ވެސް ރައްޓެސަކު ދިނީ އޭނާގެ ނަމާ ގުޅުވައި "ޖާ-ޒިއާ" ކިޔުމަށެވެ.
ޖާޒިއާ އިން ކުރިން ތައްޔާރު ކުރި ބައެއް ޖާޒީތައް
"ޒިއާ ކިޔާ އަންހެން ރައްޓެއްސެއް. އޭނަ ބުނެފި ދެން ޖާޒިއާ ކިޔަންވީ ނޫންހޭ. އޭނާގެ ނަމާ ގުޅުވާފައި އޭނާ އެހެން ބުނެލީ،" ދިލްމެންގެ ޖާޒީ ކުންފުންޏަށް ޖާޒިއާގެ ނަން ދިން ގޮތް ދިލް ކިޔައި ދިނެވެ.
އެ ހިސާބުން "ޖާޒިއާ" އެއީ އެންމެ ކަމުދާ ނަމަކަށް ތިން ހިއްސާދާރުންނަށް ވެސް ވި އެވެ.
ދިލް ބުނި ގޮތުގައި އޭނާއަކީ އަބަދުވެސް ކޮންމެ މަސައްކަތެއް ވެސް އެންމެ ފުރިހަމަކޮށް ކުރެވޭތޯ ބަލާ މީހެކެވެ. އެ އާދަ އޭނާގެ ގައިގައި ހަރުލީ ބޮޑުބޭބެ ޓީވީއެމްގެ މަޝްހޫރު މުއާވިޔަތު އަލީގެ ކިބައިންނެވެ. މުއާވިޔަތަކީ އޭރު ޓީވީއެމްގެ ޝޯތަކުގެ ސްޓޫޑިއާ އާއި ސްޓޭޖާއި ގައުމީ އެކި މުނާސަބަތުތަކަށް ތައްޔާރުކުރާ ލޯގޯތަކުގެ ޑިޒައިނިންގައި ވެސް މަޝްހޫރު ނަމެކެވެ.
"އަންކަލްއަކީ ވަރަށް ފުރިހަމަކޮށް ކަންކަން ކުރާ މީހެއް. ޑިޒައިނިންގައި ވެސް އެކަން ފެންނާނެ. އަހަންނަށް ވެސް ޑިޒައިނިންގެ ތެރެއަށް ވަނުމަށް ހިތްވަރުދީ ވަރަށް ބޮޑު މޯޓިވޭޝަނެއް ދިން މީހެއް އަންކަލްއަކީ،" ގޭތެރެއިން ޑިޒައިނިންގެ ތެރެއަށް ވަން ދިލް ބުންޏެވެ.
ދިލް، ޖާޒިއާގެ ފެކްޓަރީގައި މަސައްކަތް ކުރަނީ
ދިލްއަކީ އާކިޓެކްޗަރެއް ވެސް މެ އެވެ. ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރި ދުވަސްވަރު އެ ހުނަރު އޭނާގެ ލީޑް އިންޖިނިއަރަށް ފާހަގަކުރެވިގެން ދިން ހިޔާލެއްގެ މައްޗަށް އާކިޓެކްޗަރަކަށް ވި އެވެ.
"[ލީޑް އިންޖިނިއަރު] ބުނީ ދިލް ވަރަށް މޮޅެއް ނޫންހޭ ޑިޒައިކޮށް ފުރިހަމައަށް އޭތި ހުށަހަޅައި ދޭން. ތިމަންނައަށް ފެނެޔޭ އާކިޓެކްޗާ ދާއިރާއިން ކިޔަވަން،" ދިލް ކިޔައި ދިނެވެ.
އިމާރާތް ކުރަހައި ޑިޒައިން ކުރުމުގެ ދާއިރާގައި ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގައި ވެސް މަސައްކަތް ކުރި ދިލް އޭނާގެ ހުނަރުގެ ފިހީގެ ކުލަ ޖެއްސީ ދިވެހި ޖާޒީގަ އެވެ. އެކަމަކު އެ މަސައްކަތުގައި ފުރަތަމަ ދެ ޕްރޮޖެކްޓް އޭނާގެ އަތުގައި އަޅައެއް ނުގަތެވެ.
"ތަންކޮޅެއް ކުރިން އެފްއޭއެމުން އިއުލާން ކުރަނީ ޖާޒީ ޑިޒައިނަށް. އަންކަލް [މުއާވިޔަތު] އަހަރެން ކައިރީ ބުނީ ދިލް ވެސް އެ އަށް ލާންވީ ނޫންހޭ. އޭނާ ވެސް ޑިޒައިން ކުރި އަހަންނަށް ނުދައްކާ. އަހަރެން ވެސް ޑިޒައިން ކުރިން އޭނާ އަށް ނުދައްކާ،" ދިލް ބުންޏެވެ.
ދިލް (ކ) ބާކީ މި އޮތް 15 އަހަރަކީ ދުނިޔޭގެ ތަފާތު މަޝްހޫރު ބްރޭންޑުތަކާ ޖާޒިއާ ވާދަކުރާނެ ދުވަސްތަކެއް.
އެ ފަހަރު އެފްއޭއެމުން އިހުތިޔާރު ކުރީ ކާކުގެ ފަރުމާއެއްކަން ނޭނގުނަސް ދިލް އަށް ޔަގީންވީ އޭނާގެ ޑިޒައިން ނޮމިނޭޓް ވެސް ނުވާ ކަމެވެ. އެ ހިސާބުން ވެސް ފަހަތަކަށް ނުޖެހުނެވެ. އަނެއްކާ ވެސް އޭގެ އަހަރުތަކެއް ފަހުން ގައުމީ ޓީމުގެ ޖާޒީ ޑިޒައިން ކުރަން ހުޅުވައިލުމުން ދިލް ހުށަހެޅި އެވެ. އެ ފަހަރު ވެސް އޭނާ އަށް ކާމިޔާބެއް ނުވި އެވެ.
"އެ ފަހަރު ވިން ކުރި ޖާޒީގެ ޑިޒައިނާއި އަހަރެން ޑިޒައިން ކުރި ޖާޒީ އަށް ބަލައި އަހަރެންގެ ޕާޓްނާސް ވެސް ބުނި އަސްލު ދިލްގެ ޑިޒައިން މާ ރީއްޗޭ. އެކަމަކު އަހަންނަށް ވިން ނުކުރެވުނީ އެ ހުށަހަޅައި ދޭން ޖެހޭ ގޮތަށް ހުށަހަޅައި ނުދެވުނީމަ،" ދިލް ބުންޏެވެ.
ޖާޒިއާގެ ކުޑައިގެ ދަށުން ފަހުން ދިލް ގެނެސްދިނީ އެ ތަފާތެވެ. ހުށަހަޅައިދިނުން ހިތްގައިމު ކޮށްލި އެވެ. އޭނާގެ ހިތްގައިމު ޑިޒައިންތައް ހުށަހަޅައިދިން ގޮތުން ކްލަބްތަކާއި އެސޯސިއޭޝަންތަކާ އެންމެ ރަށްޓެހި ބްރޭންޑަކީ މިހާރު ޖާޒިއާ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކިޓް ޕްރޮވައިޑާއަކީ ވެސް މިހާރު ޖާޒިއާ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ދާދި ފަހުން ހަދިޔާ ކުރެއްވި ދިވެހި ގައުމީ ޖާޒީގެ މޭމަތީގައި ވަނީ ދިވެހި ބްރޭންޑް ޖާޒިއާގެ ލޯގޯ އެވެ. ފީފާގެ ދާރުލްއާސާރުގައި ބަހައްޓަން ހަވާލު ކުރި ދިވެހި ގައުމީ ޖާޒީގައި ވެސް ވަނީ ދިވެހި އެ ބްރޭންޑެވެ.
ޖާޒިއާ އިން ފަރުމާކޮށް، ތައްޔާރު ކޮށްފައިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ، އެފްއޭއެމްގެ ރައީސް ތޯރިގް (ވ) ފީފާގެ ރައީސް އިންފަންޓީނޯ (ކ) އާ ހަވާލު ކުރައްނީ.--- ފޮޓޯ: އިންސްޓަގްރާމް | އިންފަންޓީނޯ
ރާއްޖޭގެ ކުޅިވަރުގެ މީޑީއާ ކަވަރޭޖަކީ ހަމައެކަނި މެއިންސްޓްރީމް މީޑީއާގެ ވަސީލަތްތައް ކަމަށް ބެލި ދުވަސްވަރެއް ވެސް ފެނުނެވެ. އެކަމަކު، ޖާޒީއާގެ ކުޑައިގެ ދަށުން ދިލް ވެސް ހިއްސާވެ އެ ވިސްނުން ވެސް އެހެން ހަރުފަތަކަށް ގެންގޮސްދިނެވެ ދިވެހި ކުޅިވަރުގައި މިހާރު އެންމެ މަޝްހޫރު އެއް ނަން "ސިޑިބަރި" ވުޖޫދަށް ގެނައުމަކީ ވެސް ދިލްގެ މަސައްކަތެކެވެ.
"އަހަންނަކީ ވެސް ކިޔަން އެހާ ބޭނުންވާ މީހެއް ނޫން. އަހަންނަށް ހީވަނީ ވަރަށް ގިނަ އެހެން މީހުންނަށް ވެސް އެހެންވާނެހެން،" ކުޅިވަރު ކަވަރޭޖަށް ހާއްސަ ސޯޝަލް މީޑިއާ ޕޭޖް ސިޑިބަރީގެ އެއް ފައުންޑަރު ބުންޏެވެ.
އެހެންވެ، ކުރު ލިޔުންކޮޅަކުން ޖަހާލާ ޕޯސްޓަކާ އެކު، މުޅި ވާހަކަ ހުށަހަޅައިދިނުމުގެ ހިޔާލު ސިޑިބަރިން އުފަން ކުރުވި އެވެ.
ދިލް: ސިޑިބަރީގެ އެއް ފައުންޑަރަކީ ވެސް އޭނާ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ސިޑިބަރީގެ އައިޑިއާއަކީ 'ބްލީޗާ ރިޕޯޓް'. އޭގައި ހުންނާނެ ކުޑަކުޑަ އެތިކޮޅެއް ލިޔެލާފައި ދެން ޑިޒައިން ކޮށްފައި ހުންނަ ފޮޓޯއިން ހުށަހަޅައި ދީފައި،" ދިލް ބުންޏެވެ.
ކުޅިވަރު ކަވަރޭޖްގައި ސޯޝަލް މީޑިއާގައި އެހާ ފުޅާކޮށް ރާއްޖޭގައި އެކަން ފެށީ "ސިޑިބަރި" ން ކަމަށް ދިލް ގަބޫލު ކުރެ އެވެ.
"ދިވެހިންނާ ވަރަށް ގުޅޭ ސްޓައިލަކަށް އެ ސްޓައިލްގެ ކަވަރޭޖު ވީ،" އޭނާ ބުންޏެވެ.
ސިޑިބަރީގެ ޑިޒައިންތަކުގައި އެންމެ ފުރަތަމަ އަމަލީ ގޮތުން ދިލް ވެސް ބައިވެރިވި އެވެ. ސިޑިބަރީގެ މަސައްކަތުން އޭނާ މިހާރު ދުރުގައި ހުއްޓަސް 10 ވަރަކަށް މުވައްޒަފުން "ސިޑިބަރި" ކުރިއަށް ގެންދިއުމުގައި މިހާރު އުޅެ އެވެ.
"ފުރަތަމަ ފެށި އިރު އަމިއްލަ އަށް އިންފޮމޭޝަންތައް ހޯދައިގެން ފެށި. ފަހުން ކުޅުންތެރިން އަމިއްލަ އަށް ވެސް އެއްޗެހި ފޮނުވަން ފަށައިފި. ސިޑިބަރިން އެ ހުށަހަޅައިދޭ ގޮތަށް އެ ޕްރެޒެންޓް ކޮށްދޭން އެ ކުޅުންތެރިންނަށް ނޭނގިދާނެ. އެހެންވެ އެ ކުޅުންތެރިންނަށް ވެސް ފެނުނީ ސިޑިބަރިއޭ އެ ދައުރު ތިމަންނަމެންނަށް އަދާކޮށް ދޭނީ،" ދިލް ބުންޏެވެ.
ޖާޒިއާގެ ނަމުގައި ހެދި ފޭސްބުކް ޕޭޖަކާއި ވެބްސައިޓުން ފެށި މަސައްކަތުގައި އެ ކުންފުނިން ފުރަތަމަ ހުޅުވީ ބޭރުގެ ފްކެޓަރީތަކަށް ޖާޒީތަކުގެ ޑިޒައިން ފޮނުވައިގެން ތައްޔާރުކުރާ ޖާޒީ ވިއްކަން ހުޅުވި ކުޑަކުޑަ ފިހާރައެކެވެ.
ޖާޒިއާގެ ފުރަތަމަ އައުޓްލެޓަކީ މާރުކޭޓްގެ ގޮޅިއަކަށް ވުރެ ވެސް ކުޑަކުޑަ ފިހާރައެއް ކަމަށް ދިލް ބުންޏެވެ. ފަހުން ޖާޒިއާގެ މަގުބޫލުކަން ބޮޑުވެ ކުންފުނި ވެސް ފުޅާވެ، ފިހާރަތަކުގެ ސައިޒު ވެސް ބޮޑުވި އެވެ. މިހާރު ޖާޒިއާގެ އަމިއްލަ ފެކްޓަރީއެއް ވެސް މާލޭގައި އެބަހުއްޓެވެ.
ކުޅިވަރު ސާމާނު އުފެއްދުމުގެ މަސައްކަތުގައި ޖާޒިއާ އިން އިތުރު ގިޔަރެއް މައްޗަށް ޖައްސާލީ ފުޓްސަލް އަށް ހާއްސަކޮށް ހެދި ރާއްޖޭގެ ފުރަތަމަ ބޯޅައިންނެވެ. ފީފާގެ މިންގަނޑަށް ފެތޭ ބޯޅައިގެ މަސައްކަތުގައި އޭދަފުށީގެ މުންކޮ އާއި އަސްހަދު (އަސްޖޭ) ގެ އެހީތެރިކަން ދިލް ފާހަގަ ކުރި އެވެ.
މި އަހަރު ބޭއްވި އޮފީސް ލީގުގައި ބޭނުންކުރީ ޖާޒިއާއިން ދިވެހި ރުކުގެ ފަންވަތުގެ ފަރުމަ ދައްކުވައި ދޭ "ފަންބޯޅަ" އެވެ.
ޖާޒިއާ އިން އުފެއްދި ފުޓްސަލް ބޯޅަ
"ބޯޅައިގެ މަސައްކަތުގައި އެންމެ ފުރަތަމަ ބެލީ ފީފާގެ މިންގަނޑަށް ފެތޭ ގޮތަށް ބޯޅަ ތައްޔާރުކުރަން. މާނައަކީ ފީފާގެ ސްޓޭންޑަޑް ލޭބަލް ޖެހުމުގެ އެތޯރިޓީ ލިބިގެން އެކަން ކުރަން. ޗައިނާގެ ކުންފުންޏަކާ އެކު ވާހަކަ ދެއްކީމަ އެ މީހުން ބުނި ފީފާގެ ލޭބަލް ތިމަންނަމެންކަށް ނުޖެހޭނެއޭ،" ފަންބޯޅައިގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ކިޔައި ދެމުން ދިލް ބުންޏެވެ.
"ދެން އަޅުގަނޑުމެން ފީފާ އަށް މެއިލްއެއް ކުރީ ފީފާގެ ސްޓޭންޑަޑަށް ބޯޅަ އުފެއްދުމުގެ ލައިސަންސް ދީފައި އޮންނަނީ ކޮން ފެކްޓަރީތަކަކަށްތޯ ބަލަން. އެ ފަހަރު 25 ފެކްޓަރީއެއްގެ ލިސްޓް ފީފާއިން ފޮނުވި،"
ފީފާގެ އެ ލިސްޓްގައި ދުނިޔޭގެ އެންމެ ގިނައިން ބޯޅަ އުފައްދާ ފެކްޓަރީތައް ހުންނަ ޕާކިސްތާނުގެ އެންމެ ބޮޑު ފެކްޓަރީ ވެސް ހިމެނުނެވެ.
ދިލް ޖާޒިއާގެ "ފަންބޯޅަ" ދައްކާލަނީ
"ޕާކިސްތާނުގެ ފެކްޓަރީ އަށް އަޅުގަނޑުމެން ފޮނުވީ. އެ ފެކްޓަރީއަކީ ފީފާގެ މުބާރާތްތަކަށް ވެސް ބޯޅަ އުފައްދާ ކުންފުންޏެއް. ފީފާ އެޕްރޫވް ލޭބަލް ޖެހުމުގެ ލައިސަންސް ވެސް އޮންނަ ފެކްޓަރީއެއް. ބޯޅައިގެ ޑިޒައިނާއި ފީޗާތައް އެ ފެކްޓަރީ އަށް ފޮނުވާފައި އަޅުގަނޑުމެން އެދުނީ ފީފާގެ މިންގަނޑަށް ބޯޅަ ތައްޔާރުކޮށް، ފީފާގެ އެޕްރޫވް ލޭބަލް ވެސް ޖަހައިދޭން. އެ ކުންފުނިން އަޅުގަނޑުމެންގެ ބޯޅަ ވެސް ތައްޔާރުކޮށް ދިނީ،" ދިލް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޖާޒިއާގެ މަސައްކަތް އޭނާ އާއި އަނެއް ދެ ހިއްސާދާރުން ފެށި ޕްލޭނަކާ އެކު އެވެ. އެ ކުންފުނީގެ ފުރަތަމަ ސްޓްރެޓެޖިކް ޕްލޭނުގެ 20 އަހަރުގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ފަސް އަހަރުގެ ޓާގެޓް ހާސިލުވެއްޖެ ކަމަށް ދިލް ބުންޏެވެ.
ދިލް އޭނާގެ އަންހެނުން އަދި ދަރިފުޅާ އެކު.
"ވިހ އަހަރުގެ ޕްލޭނެއް މި އޮތީ. ފުރަތަމަ ފަސް އަހަރުގައި ބޭނުންވީ [ސްޕޯޓްސް ވެއާގައި] ރާއްޖޭގެ އެއްވަނަ ބްރޭންޑަށް ވާން. އަލްހަމްދުލިﷲ އެކަން ހާސިލުވެއްޖެ،" ދިލް ބުންޏެވެ.
ދެން އޮތީ ބާކީ މި އޮތް 15 އަހަރަކީ ދުނިޔޭގެ ފެންވަރަށް ޖާޒިއާ ދަތުރުކުރާނެ ދުވަސްތަކެވެ. ކުޅިވަރުގެ އިންޑަސްޓްރީގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކާ އެއް ސަފެއްގައި "ޖާޒިއާ" ފެންނަންދެން ދިލްގެ މަސައްކަތަށް މަޑުޖެހުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ދިލް މަސައްކަތުގައި އޭނާގެ ކާމިޔާބުގެ ފަހަތުގައި ތިބީ އާއިލީ ވަރުގަދަ ޓީމެކެވެ. އާޓުގެ ދާއިރާގައި ގިނަ ނަންތަކެއް ހިމޭނާ އާއިލާ އެކެވެ. މަންމަ ޖަމީލާ އާއި ބައްޕަ އިބްރާހިމް އާގިލް އަދި ހާއްސަ ގޮތެއްގައި އޭނާގެ އަންހެނުން އާއިޝަތު ސަމާ އާއި ދަރިފުޅު ސަރާގެ ނަން ފާހަގަ ކުރި އެވެ. އޭނާ އަށް އެހީތެރިވެދޭ އައިއޭސީގެ އަހްމަދު އިގްބާލަކީ ދިލްގެ މަސައްކަތުގައި ސްޓްރެޓެޖިކް އެހީތެރިޔާ އެވެ.
"ޖާޒިއާ" ނަމަކަށްވީ އެ އެންމެންގެ ހެޔޮ ދުއާ އާއި ފީޑްބެކްގެ ސަބަބުން ކަމަށް ދިލް ގަބޫލު ކުރެ އެވެ. އެއާ އެކު، ދިލްގެ މަންމަގެ ކުޑަ ނަމަވެސް އެހީތެރިކަން އެއީ ދިލްގެ ހަނދާނުން ދުވަހަކު ވެސް ކައްސާލާނެ ކަމެއް ނޫނެވެ. ޖާޒިއާގެ ނަން ދުނިޔޭގެ ބްރޭންޑަކަށް ވާ ދުވަހު އަދި އެ އުފާ މާ ބޮޑުވާނެ އެވެ. ކުރިއަށް އޮތީ އެ ދުވަސްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ި8765
11 October 2025
ސްޓްރެޓެޖީތަށް؟؟؟ ށ ސުކުންތަ؟؟
ކޮރަލް
11 October 2025
ގިނަ މީހުން ނެގަޓިވް ކޮމެންޓް ކުރަން ވ ފަރިތަ ވާނެ އެވެ. ބިނާ ކުރުވަނިވި ފާޑު ކިޔަން ނޭނގެނީ ކަމަށް ވެދާނެ އެވެ.
އައި އޭ ސީ ގެ އަޙްމަދު އިޤްބާލް އެހީތެރިވެޔޭ؟؟؟؟؟
11 October 2025
އައިއޭސީ (އިންޓަރނޭޝަނަލް އެއިޑް ކޭމްޕް) ގެ ފައުންޑަރ އަޙްމަދު އިޤްބާލް ތި ވިޔަފާރިއަށް އެހީތެރިވާ ކަމަށް އޮތުމުން ބައިވަރު ސުވާލު އުފެދެއެވެ. ބޭރުގެ މުސްލިމް ފަޤީރުންނަށް އެހީތެރިވުމުގެ ނަމުގައި މައުޞޫމް ދިވެހީންގެ އަތުން މިލިއަނުން ފައިސާ ހޯދަމުން އެކިއެކި ވިޔަފާރި ތަކަށް އިންވެސްޓް ކުރަނީހެއްޔެވެ؟؟؟ އޮޑިޓް ރިޕޯރޓް ވެސް ނުނެރި އެތައް އަހަރަކު ތިއްބައި، ބަޔަކަށް އެކަން ހޭވެރިވެގެން ހަޅޭއްލަވަން ފެށީމައި ހާމަކުރާނަމޭ ބުނެ ފާޑެއްގެ ގަނޑެއްގަތެވެ.
ކސކި
11 October 2025
އެހހިސާބުން މަވެސް ހައިރާން ވެއްޖެ
ކަންގަނާ
11 October 2025
އަޅުގަނޑުވެސް މަންމަ މޮޑެލާފައި ދިން ގަރުދިޔަ ބަތްތަށި ކާލައިގެން ފެށި ވިޔަފާރި މިހާރު ރަނގަޅު އަލްހަމްދުﷲ
އަހްމަދުު
11 October 2025
ވެރީ އިމްޕްރެސިވް... ކީޕް ގޮއިންގް ޖާޒިޔާ ޓީމް
ވޯލް
11 October 2025
50 ޑޮލަރުން ވިޔަފާރިއެއް ނުފެށޭނެ. ވިޔަފާރި ފަށާނީ ކެޕިޓަލް އަށް އިންވެސްޓް ކޮށްގެން، ހަރުމުދަލެއް ނޫނީ އެކަށީގެންވާ ފައިސާއިން. މަންމަގެ ތިޔަ 50 ޑޮލަރު އެއީ ރަމްޒީ ކެޕިޓަލެއްގެ ގޮތުގައި ބެލިދޭނ.ެ.ދެން ކޮންމެވެސް ޕާޓްނާރެއް އަސްލު ކެޕިޓަލް ގެނެސްފ އޮންނާނީ. ދެން ޕްރޮޖެކްްޓްސް ލިބޭނީ ކޮންމެވެސް ގުޅުމެއް އޮވެގެން. މިހެން މިަކން އޮތަސް މަސައްކަތް ތަކެއް ކޮށްގެން ކުރިއެރުން ލިބޭނީވެސް.
އަލްބަމް
11 October 2025
ތެދުވާހަކައެއް، މި ރާއްޖޭގަ ޕްރޮޖެކްޓެއް އަދި ކުރިއެރުމެއް ނުލިބޭނެ ކޮންމެސް ގުޅުމެއް ނެތީއްޔާ ނޫނީ. ހިއްސާ ނުކުރާނެއް އެތަށް ވާހަކައެއް ހުންނާނެ 50 ޑޮލަރުން ފަށާ ދެމިގަންނަ ހުރިހާ ކަމެއްގަ.
ރޯނނޭ
11 October 2025
އައިއޭސީ އޭ ތިޔައީ މެދުއުޑުގަ ފިޔަޖަހާސަބަބު
ކަށިމަތި
11 October 2025
ޖާޒިއާގެ ނިޔުރޭޑިއަންޓް ހުދު ޖާޒީ ގަންނަން ބޭނުން. މި ހަބަރުގަ ލިބޭނެ ފިހާރައެއް ޖަހާލިނަމަ ވަރަށް ފަސޭހަވީސްދޯ.
ރަނގަޅެއްނޫން
11 October 2025
"އަހަންނަކީ ވެސް ކިޔަން އެހާ ބޭނުންވާ މީހެއް ނޫން. އަހަންނަށް ހީވަނީ ވަރަށް ގިނަ އެހެން މީހުންނަށް ވެސް އެހެންވާނެހެން،" ކުޅިވަރު ކަވަރޭޖަށް ހާއްސަ ސޯޝަލް މީޑިއާ ޕޭޖް ސިޑިބަރީގެ އެއް ފައުންޑަރު ބުންޏެވެ.
ރަދީފްއޮފިޝަލް / ސަކްސެސް ސްޓޯރީސް
11 October 2025
ވަރަށް ހިތްވަރުގަދަ ޓީމެއް.ދުނިޔޭގަ މިއަދު ފާހަގަ ކުރެވޭ މަޝްހޫރު ބޮޑެތި ވިޔަފާރިތައް ފަށައި ގަތުމަށް ފުރަތަމަ ފައިސާގެ އެހީތެރިކަން ލިބިފައިވަނީ މައިންބަފައިންގެ ފަރާތުންކަން އެމީހުންގެ ބަޔޮގްރަފީ ކިޔާލީމަ ހާމަވޭ.މީގެ އެންމެ ރަނގަޅު މިސާލެއްގެ ގޮތުގަ ޑެލް ޓެެކްނޮލޮޖީސް ފާހަގަކުރެވޭ.1984ގަ މަންމަގެ ފަރާތުން ލިބުނު 1000 ޑޮލަރުން އުފެދުނު ވިޔަފާރި މިއަދުގެ ޓާންއޯވާއަކީ 100 ބިލިއަން ޑޮލަރު.ޖާޒިއާ އަށް ވެސް އިތުރު ކާމިޔާބީއަށް އެދެން.ވ.ވެދުން
މެސީ1
11 October 2025
މަންމަ އަތުން ކޮންއިރަކު 1000 ޑޮލަރު ހޯދިކަމައް މި ލިޔުމުގަ އޮތީ
ރަދީފްއޮފިޝަލް /
11 October 2025
މަންމަގެ އަތުން 1000 ޑޮލަރު ހޯދި ކަމަށް އެކަކުވެސް ނުބުނޭ.މަޝްހޫރު ޑެލް ޓެކްނޮލޮޖީސް ވުޖޫދުވީ އެމެރިކާގެ މައިކަލް ޑެލް އަށް 1984 ވަނަ އަހަރު އޭނަގެ މަންމަ ދިން 1000 ޑޮލަރުން ފަށައިގަތް ވިޔަފާރިއެއް ކަމަށްވާތީވެ މިސާލެއްގެ ގޮތުން ގެނައީ.އެސްއެސްސީ ދިވެހި ދޭހައިން ކަލެއަށް ލިބުނީ ކިތައް މާކްސްތޯ އަހާލަން ބޭނުން.ވ.ވެދުން
މަންޖެ
14 October 2025
50 ޑޮލަރާ 1000 ޑޮލަރުގެ ތަފާތު އެނގޭ ނަމަ ތި މިސާލު ނުޖެހީސް، 1984 ގަ 1000 ޑޮލަރަކީ އޭރުގެ ކިތަންމެ ކަމެއް ކުރެވިދާނެ އެއްޗެއް،