11 އޮކްޓޯބަރ 2025 - 10:15
އެ ދުވަހު ކޮންމެ ގެޔަކުން ވެސް އިންތިޒާރު ކުރަމުން އައީ އޭނާ އެ ހިސާބުގަނޑަށް އަންނާނެ ވަގުތަކަށެވެ. އީދުގެ އުފަލުގައި ރޭޑިއަންޓް ކްލަބުން އިންތިޒާމު ކޮށްގެން މާލޭގެ އެކި ހިސާބުތަކުގައި ބާއްވަމުން ދިޔަ ކުޅިވަރުތަކުގައި ލަވަކިޔުންތެރިންނާއި ނެށުންތެރިންނާއި ކޮމީޑިއަނުންގެ ގިނަ ހަރަކާތްތަކެއް އޮތް ނަމަވެސް އެންމެންގެ ޝައުގުވެރިކަން ގުޅިފައި އޮތީ އެ ގްރޫޕުގައި ހިމެނޭ ޒުވާން އެ އަންހެން ލަވަކިޔުންތެރިޔާއާ އެވެ. އަސުރަށް ފަހު އެ ގްރޫޕް ދާން އޮތް މައްޗަންގޮޅީ ބޯޅަކިންކިރިމާގޭގައި އޭރު އޮތީ ހުރިހާ ކަމެއް ތައްޔާރު ކޮށްފަ އެވެ. ކަރަންޓު އަޅައި، މިއުޒިކް ސާމާނުތައް ހުރީ އަތުރައިފަ އެވެ.
އެންމެ ފަހުން އިންތިޒާރު ކުރަމުން އައި ވަގުތު ޖެހިއްޖެ އެވެ. މެންދުރުއްސުރެ އެ ގޭގެ ދޮށަށް ޖަމާވެފައި ތިބި އެތައް ބަޔެއްގެ ރޫހު އާވެލީ އެ ލަވަކިޔުންތެރިޔާ މައިކު އަތަށް ހެޔޮވަރުކޮށްލައި، ފުރަތަމަ ހުށަހެޅުމަށް ތައްޔާރުވެލުމުންނެވެ. އަދި އެމްޕްލިފަޔަރަށް ކަރަންޓު ދިނުމާ އެކު މައިކު ޓެސްޓުކުރުމަށް އޭނާ އޭގައި ދެ ތިން ފަހަރު ޖަހާލި އެވެ.
ދެން ފެނުނީ އޭނާ ކުއްލިއަކަށް ބިންމައްޗަށް އުއްޑުން ވެއްޓި ހަރަކާތް ހުއްޓުނު ތަނެވެ. އެއްވެ ތިބި މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އެމްބިއުލާންސް ގެނެސް، އޭނާ ނަގައިގަނެގެން ގެންދިޔަ އެވެ. އެކަމަކު ހޮސްޕިޓަލަށް ނުފޯރަނީސް އޭނާ އެންމެ ފަހު ނޭވާ ދޫކޮށްލި އެވެ.
ރާއްޖޭގައި އޭރު އެންމެ ކުޅަދާނަ އެއް އަންހެން ލަވަކިޔުންތެރިޔާ ތޮއްޑޫގޭ ޖަމީލާ ހަސަން އުމުރުން އެންމެ 23 އަހަރުގައި ކުއްލިއަކަށް އޮގަސްޓް 26، 1979 ގައި ނިޔާވީ ފިޔަޖަމުން ދިޔަ އޭނާގެ ތަރި ރަނގަޅަށް މެދު އުޑަށް ނާރަނީހެވެ. ހިޖުރީ 14 ވަނަ ގަރުނުގެ ފަހު ރޯދަ މަހަށް ފަހު އައި ކުޑައީދުގެ އުފަލުގައި މުޅި ރާއްޖެ ފޮޅިފައި އޮއްވާ ދިވެހީންނަށް ގެއްލިގެންދިޔައީ ހިތްގައިމު އެތައް ލަވައެއް ހަދިޔާކުރި ކުޅަދާނަ ފަންނާނެކެވެ.
އޭރުގެ ނޫސްވެރިޔާ ކޮޕީ މުހައްމަދު ރަޝީދު ސިފަކުރެއްވި ގޮތުގައި އެ ދުވަހު އެ ވަކިވީ އެ ވަކިވުމަކުން ލިބުނު ގެއްލުން ފަސޭހައިން ފޫބައްދާލުން ދަތި ލަވަކިޔުންތެރިއެކެވެ.
"އެ ހިތްގައިމު އަޑު، އެ ސާހިރީ އަޑު، އަޅުގަނޑުމެންނާއި، އަބަދަށްޓަކައި ވަކިވެއްޖެ އެވެ. އެކުވެރި ވަފާތެރި ވިޔާރުވިއްޔާގެ ދަގަތްފާނީ ބާރުން އެންމެން މަހުރޫމްވެއްޖެ އެވެ."
ތެދެކެވެ. އެކަމަކު އެ ދުވަހު ވެސް އަދި އޭގެ ފަހުން ވެސް ޖަމީލާގެ މަރުގެ ވާހަކަ ދެއްކެވޭ ކޮންމެ ފަހަރަކު ކުރެވޭ ސުވާލަކީ އޭނާ ނިޔާވީ ކިހިނެއް ހެއްޔެވެ؟ މައިކުން ކަރަންޓުގައި ޖެހިގެން ހެއްޔެވެ؟ ނުވަތަ އެ ނޫން ސަބަބަކާ ހެދި ހެއްޔެވެ؟
ޖަމީލާ އާއި އޭނާގެ ފިރިމީހާ ރެޖީނާ މޮހޮދޭ.
ކަން ދިމާކުރި ގޮތުން ޖަމީލާ ލަވަކިޔާ ގްރޫޕުގެ ޓެކްނިކަލް ކަންކަން ކުރަމުން ދިޔައީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު ކީބޯޑް ކުޅުންތެރިޔާ މުހައްމަދު މަނިކު (ރެޖީނާ މޮހޮދޭ) އެވެ. އެ ދުވަހު މައިކު ޓެސްޓު ކުރުމަށް ޖަމީލާ މައިކުގެ ބޮލުގައި ދެ ތިން ފަހަރަކު ޖަހާލީ، އެ މައިކުގެ ޖެކުގައި ގުޅާފައި ހުރި އެމްޕްލިފަޔަރަށް މޮހޮދޭ ކަރަންޓު ދިނުމުންނެވެ. ޖަމީލާގެ އެ ހަރަކާތާ އެކު އޭނާ ތުރުރުއަޅަން ފެށީ އެވެ. އެ މަންޒަރު ފެނުމާ އެކު، އެ ގްރޫޕުގައި ދުންމާރި ފުމެންއުޅޭ އަތަރުލާ އިބްރާހީމް "ޖަމީލާ ކަރަންޓުގައި ޖެހިއްޖެ" އޭ ކިޔަން ހަޅޭއްލަވަން ފެށީ އެވެ. އެ އަޑުއިވުމާ އެކު މޮހޮދޭ ވަގުތުން އެމްޕްލިފަޔަރު ނިއްވާލައި، އެ އަށް ޖަހާފައި އިން މައިކުގެ ޖެކު ވެސް އުފުރާލި އެވެެ.
މޮހޮދޭ ފަހުން ޓީވީ މޯލްޑިވްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ މީހަކު މަރުވެދާނެ ފަދަ ބާރުގަދަ ކަރަންޓެއް މައިކަށް އަތުވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެހެންވެ ޖަމީލާ މަރުވީ ސީދާ ކަރަންޓުގައި ޖެހިގެން ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
އެކަމަކު މޮހޮދޭ ބުނީ އާތު ނަރަކުން އަންނަ ކަހަލަ ހީބިހި ނަގާ ކަރަންޓެއް މައިކަށް އަތުވެދާނެ ކަމަށާއި އެހެންވެ އޭނާ އަށް ގަބޫލުކުރެވެނީ އެހެންވީ ވަގުތު ޖަމީލާ ވެއްޓި ހާސްގަނޑެއް އެރީ ކަމަށެވެ.
"ބިރުން، ސިހިގެން އެ ދިޔައީ، ވަރަށް ކަރާނެ (މައިކުގެ ބޮލާ ދިމާލުން އިންނަ ނަރުދާގަނޑުގައި) އެހެން ޖެހޭ ގަޑީގައި. ދިލަނަގާ ގޮތް ވެސް ވާނެ. އަލަށް ނުޖެހޭ މީހަކު އެހެން ޖެހިއްޖިއްޔާ ސިއްސާލަފާނެ. އެހެންވީމާ ދެން އެ ވަގުތު އޭނާ ހަޅޭލަވައިގެނެން ގޮސް ހުއްޓުނީ،" މޮހޮދޭ ބުނެފައިވެ އެވެ.
އެ ހާދިސާ އަށް ފަހު ބޯޅަކިންކިރިމާގެ އިންސްޕެކްޓްކުރަން އައި އިންޖީނުގޭ މީހުން ވަނީ އެގޭ ކަރަންޓުގައި މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. އެހެންވެ މައްސަލަ އުޅެނީ މިއުޒިކް ސާމާނު ގުޅަން ކަރަންޓް ވަޔަރުކުރުމުގައި އެކަން އެނގެ އެވެ. އަނެއްކޮޅުން އެ ގްރޫޕުގެ މެމްބަރަކާ ހަވާލާދީ އެ ދުވަހުގެ "ހަވީރު" ގައި ލިޔެފައިވާ ގޮތުގައި، އެމްޕްލިފަޔަރަށް ގުޅާފައި އޮތް މައިކުގެ ވާގަނޑުން ތަންކޮޅެއް ހަލާކުވެ، ޓޭޕްކޮޅެއް ވެސް އޮތީ އަޅައިފަ އެވެ.
ޖަމީލާ ނިޔާވި ހަބަރު "ހަވީރު" ނޫހުގައި ޖަހާފައި.
ބޯޅަކިންކިރިމާގޭ ވެރިޔާ އަބްދުއްސައްތާރޔ "ހުވާސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން ނަމަ އެ ވާގަނޑު އެގޭ ގޯތިތެރޭގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރެއިން ވެސް ދެމިފައި އޮތެވެ.
"އެ ވާގަނޑުގެ ބައެއް ފެނުތެރޭގައި އޮތް ދާފަށް ކެނޑިފައި ވެސް. އެ ވާގަނޑަކީ އެ މީހުންގެ ސާމާނަށް ގޮސްފައި އޮތް ވާގަނޑު،" ސައްތާރު ބުންޏެވެ. "(އެހެންވިޔަސް) އަހަރެން ގަބޫލެއް ނުކުރަން މަރުވާ ވަރުގެ ކަރަންޓެއް އޭގައި ހުރެދާނެއެކޭ،"
ސައްތާރު އެހެން ބުންޏަސް އެއީ ސައުންޑް މިކްސަރު ބޭނުންކުރި ޒަމާނެއް ނޫނެވެ. އެ ގްރޫޕުން ވެސް މައިކު ގުޅަނީ މިކްސަރެއްގެ މެދުވެރިކުރުމަކާ ނުލާ ސީދާ އެމްޕްލިފަޔަރާ ކަމަށް ވުމުން، އެ އިން އަންނަ ބާރުގަދަ ކަރަންޓެއް މައިކަށް އަތުވެދާނެ އެވެ. އެފަދަ ކަންކަން އޭރު ދުނިޔޭގެ ބައެއް ހިސާބުތަކުގައި ވެސް ހިނގާފައިވެ އެވެ. އަނެއްކޮޅުން އެ ގްރޫޕުން އާތު ލީކޭޖް ސާކިޓް ބްރޭކަރެއް ބޭނުންނުކުރާތީވެ، ކަރަންޓު ލީކުވާ ހާލަތެއްގައި އޮޓޮމެޓިކުން އެމްޕްލިފަޔަރުން ކަރަންޓު ކެނޑޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.
މިހާރު އޮތީ ނަމައަކުން ފުއްދާލުމެވެ. އުމުރުން އެންމެ 15 އަހަރުގައި 1970 ވަނަ އަހަރު އޮލިމްޕަސް ސްޓޭޖުގައި ދެއްކި ހުނަރުން މުޅި ރާއްޖެ ސިއްސުވާލި ލަވަކިޔުންތެރިޔާ ދުނިޔޭގައި ހުރި ނަމަ ހާދަ ބޮޑަކަށް ވިދީހެވެ. ހާދަ ރީތި އިތުރު ލަވަތަކެއް ހަދިޔާކުރީހެވެ. ރާއްޖޭގައި އޭރު ތިބި އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭ ހިމެނޭ ޖަމީލާ ސަލީމް (ޖޭމުދޮންކަމަނަ) އާއި ނައިފަރު ދޮހޮއްކޮ ވެސް ދުށް ގޮތުގައި، ޖަމީލާ އަކީ ރާއްޖޭގެ އޭރުގެ އެންމެ އުއްމީދީ ލަވަކިޔުންތެރިޔާ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑާއި އަމިއްލަ މީހެއްގެ ސްޓޫޑިއޯގައި އެތައް ލަވައެއް އޭނާ ރެކޯޑްކުރި އެވެ. "ލޯބިވާއޭ ތޭރީ، ލޯބިވާއޭ މޭރީ"، "ނެތުނީހޭ މިއަދު ބޭނުން" ފަދަ އިޝްގީ ލަވަތަކެވެ. "ދިއްލާދިއްލާ ދޭހުގާ" ފަދަ ފޯރިގަފަ ލަވަތައް ވެސް މެ އެވެ. ށަވިޔަނިން ފެށޭ ހަމައެކަނި ލަވަކަމުގައިވި އަދި ގައުމީ ޖޯޝުން މީހާ އުތުރިއަރުވައިލި "ށޭ ގައުމަށްވާ ގުރުބާން" ފަދަ އެތައް ލަވަތަކެއް ވެސް މެ އެވެ.
އެ ދުވަހު ދިވެހީންނަށް ގެއްލުނީ ހަމައެކަނި ހުނަރުވެރި ލަވަކިޔުންތެރިއެއް ނޫނެވެ. މުސްތަގުބަލަށް ފޮނި އުއްމީދުތަކެއް ކުރަމުން ދިޔަ ޒުވާނެއް ވެސް މެ އެވެ. އެއީ އުމުރުން 18 އަހަރުގައި ކުރި ފުރަތަމަ ކައިވެންޏަށް ކުއްޖަކު ވެސް ލިބިފައިވަނިކޮށް، އެ ކައިވެނި ރުޅޫމުން އާ ކައިވެންޏެއްކޮށް، ކުރިމަގަށް އުފާވެރި ދުވަސްތަކެއް އެދިއެދި ހުރި އަންނެހެކެވެ. އޭނާ ލަވަކިޔުމުގެ ތެރެއަށް ނެރެދިން، މޮހޮދޭއާ ކައިވެނިކޮށް، އެ ގުޅުމަށް ތިން އަހަރު ނުފުރެނީސް ހުރިހާ ކަމަކަށް އަލްވަދާއު ކިޔަން ޖެހުނީ އެވެ. "އެކުވެރި ވަފާތެރި ޕިޔާރު" ކަމުގައި ބަލަމުން އައި މައިކުން ވީ ބޭވަފާއަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
13 October 2025
ލިޔުންތެރިޔާ ގެންނާނީ ހެޔޮވަރަށް ކަމަށް ބަލަމާ. ފަތިފުށް އެއްކޮށް ގެންނަން ބޭނުންނުވާތީ އެ އޮތީ މި މިންވަރަށް ގެނެސްފަ.
ޖިކުނީ
13 October 2025
ތިޔަ ވިސްނާލީ ހަމައެކަނި މި ދުނިޔެއަށް!!!!
ވިސްނާ މީހާ
12 October 2025
އެންޕްލިފަޔަރުން މައިކަށް ގަދަ ކަރަންޓް ފޮނުވާތޯ ؟ ނޫންނަމަ މައިކުން އަންނައަޑު އެންޕްލިފަޔަރުން ބޫސްޓް ކޮށްފަ ސްޕީކަރަށް ފޮނުވަނީތޯ.؟ އެހެންވީމަ ގަދަކަރަންޓް ހުންނާނީ އެމްޕްލިފަޔަރާއި ސްޕީކަރާއި ދޭތެރޭ ނޫންތޯ މިކަން އޮންނަނީ ކިހިނެތްތޯ
57555
12 October 2025
މިހަކަލަ ލިއުން ގެންނަ އިރު އާއިލާއަށް ގުޅައި ފޮޓޯއެއް ހާ ހިސާބުވެސް ހިމނަލާނަމަ. ދަރިފުޅުގެ. މިހޜޫ ލިއުންކިޔާފައި އެކަމާ ފިކުރު ބޮޑުވެގެން އިންނަން މިޖެހުނީ. ބައްޔެއް
ނަސްރި
11 October 2025
ވަރަށް ފުރިހަމަ ލިޔުމެއް. ކުދި މިސްޓޭކް ހުރި ނަަމަވެސް ސިފަވީ މީގެ އެތަށް އަހަރެއް ކުރިން ހަވީރު ނޫހުގައި ލިޔެފަ ހުންނަ ކަހަލަ ކިޔާ ހިތުން ކިޔާލާ ކަހަަލަ މޮޅު އާޓިކަލް އެކޭ. ޢުންމީދަކީ މިހާރު ނޫހުން ކުރިއަށް އޮތްތާވެސް މި ފަދަ އާޓިކަލްސް ފެނުން.
ރުއްފަށާ ހަސަނު
12 October 2025
ބަލަ.މި ލިޔުންތެރިޔާއަކީ ހަވީރުގެ އުފެއްދުމެކޭ! އެހެންވީމަ އެރަހަ ވަރަށް ހުންނާނެތާ.
ވެންގަބޯ
11 October 2025
ޖަމީލާ ހަސަންގެ ހަމައެކަނި ހުރި ދަރި ފުޅަކީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރި ޔާ މިހާރު 2 ކުދިންގެ ބައްޕައެއް ހީވާގި މުރާޅި ނަމޫނާ ބައްޕަ އެކޭ ދެ ދުނިޔޭގެ ވެސް އެކުވެރި ޔާ މހއމދ އބދލ ގފރ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ އާމީން އަޅުގަނޑު މުހައްމަދު ވަހީދު
ބުރުގާ
11 October 2025
ވަރައް އަސަރުގަދަ ޖަޒުބާތީ ތާރީހީ ހަދާނެއް.
ރަދީފްއޮފިޝަލް / ސިފަކުރުން
11 October 2025
އޮގަސްޓް 26، 1979 ގަ ހިނގި ކަމެއް ހަމްދޫން ގެނެސް ދީފަ އޮތްގޮތް ވަރަށް ފުރިހަމަ.މިހާދިސާ ހިނގިއިރު މަށަށް 11 މަސް ނުވޭ.ނަމަވެސް ހަމްދޫންގެ ސިފަކުރުން އަހަރެން ގެންދިޔައީ ސިދާ ހާދިސާ ހިނގިތަނަށް.މިފަދަ ސިފަކުރާ ލިޔުންތައް އަަހަރެން އެންމެ ޝައުގުވެރިވާ ގޮތަށް ލިޔާ އަނެއް ލިޔުންތެރިޔަކީ މުހައްމަދު ޝަހީބު.ގުޑް ވޯކް މައި ގުޑް ފްރެންޑް.ވ.ވެދުން
އާޓޭ
11 October 2025
އޭއައިގެ އެހީގައި ތި ފޮޓޯތައް ކުލަކޮށްލަބަލަ.
ޢަސްލު
12 October 2025
ޢޭއައި އިން ފޮޓޯ ކުލަކުރީމަ ތަސްވީރުން ސިފަވާ ކަންކަމަށް ބަދަލުގެނެވި އޭގެ ސައްހަކަން ގެއްލި އަސްލުން ބޭރުވީ.
ބަދުރު ނަޞީރު
11 October 2025
ވަރަށް ފުރިހަމަ ރިޕޯޓެއް. ޝުކުރިއްޔާ ޙަމްދޫން