ފްލެޓް މަޝްރޫއަކާ ގުޅިގެން ބަޔަކު ހައުސިން މިނިސްޓްރީ ދޮށުގައި: ފްލެޓް ކުއްޔަށް ދިނުން ހުއްޓުވޭނީ އިންސާފުވެރިންނަށް ފްލެޓް ދީގެން. -- ފޮޓޯ | މިހާރު
16 އޮކްޓޯބަރ 2025 - 10:36
ވަންނާނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތި، ދަރިންނާ އެކު މާލޭގެ ކުޑަ ތަންކޮޅެއްގައި "ގަނަތެޅޭ" އެތައް އާއިލާއެއް އެބަ އުޅެ އެވެ. އެކަމަކު އެ ހާލުގައި ތިބި މީހުންނަށް ފްލެޓް ނުލިބި، ބައެއް ރަށްރަށުން އާއިލާތައް ފްލެޓް ލިބިގެން މާލެ ބަދަލުވެއްޖެ އެވެ. މިދިޔަ ސަރުކާރުން ހުޅުވާލި 4،000 ފްލެޓު، ތަނަވަސް އެތައް ބަޔަކަށް ލިބިއްޖެ އެވެ. އެކަން ކަށަވަރުވަނީ، ތަޅުދަނޑި އަތަށް އެރުމާ އެކު ވިޔަފާރި އުސޫލުން ފައިދާ ހޯދަން، ބޮޑު އަގުގައި ކުއްޔަށް ދޫކުރާތީ އެވެ.
ދިރިއުޅޭނެ އެއްވެސް ގޮތެއް ނެތިގެން ހޯދާ ފްލެޓެއް ނަމަ ކުއްޔަށް ދޫނުކޮށް އެތަނުގައި ދިރިއުޅޭނީ އެ އާއިލާ އެވެ. އެކަމަކު ގެދޮރުވެރިޔާ ސްކީމުން އެންމެ ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމާ އެކު ފެނުނީ އެތަންތަން ކުއްޔަށް ދޭން އިއުލާންކުރި ތަނެވެ.
ތިން ކޮޓަރީގެ ފްލެޓަކަށް 11،500 ރުފިޔާ ކަނޑައެޅީ ނިކަމެތިންގެ ދިރިއުޅުމުގެ ހާލަތަށް ބަލައި ވަރަށް ކުޑަ ކުއްޔެއްގެ ގޮތުގަ އެވެ. އެކަމަކު އެ ފްލެޓް ކުއްޔަށް ދޫކުރަން އިއުލާންކުރީ އެތައް ގުނަ ފައިދާއެއް ލުމަށް ފަހު 25،000 ރުފިޔާ އަށެވެ. މިއީ، މާލޭގައި ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގު ގާތްގަނޑަކަށް އުޅޭ ވަރެވެ.
ފްލެޓް ކުއްޔަށް ދިނުމުގެ އެ އިއުލާނާ އެކު ގިނަ ބައެއްގެ ކަންބޮޑުވުން ސަރުކާރަށް އޮއްސާލި އެވެ. ސަބަބުތަކެއް ވެސް ހުރެގެންނެވެ. ސޯޝަލް ހައުސިން އަށް ހުޅުވާލަނީ އެންމެ ދަތި ހާލުގައި އުޅޭ މީހުންނަށެވެ. އެކަމަކު ފްލެޓް ތަޅު ދަނޑި އަތަށް އެރީ އެންމެ ހައްގު މީހުންނަށްތޯ އެއީ މިހާރު އުފެދިފައި އޮތް ސުވާލެކެވެ.
މިއީ ވަރަށް ބޮޑު ހަގީގަތަކެވެ. ކޮންމެ ސްކީމަކާ އެކު ވެސް ފެންނަނީ އެތައް ހައްގުވެރިންނެއް ބާކީވާ ތަނެެވެ.
ފްލެޓްތައް ކުއްޔަށް ދޭ މައްސަލާގައި ނުރުހުންފާޅުކުރި މީހުން ބުނެފައި ވަނީ ހުރިހާ ވެސް މައްސަލައަކީ ބޭނުން ބަޔަކަށް ފްލެޓްތައް ބަހާލުން ކަމަށެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު އާއިލާތަކުގެ ތެރޭގައި، އެހެން ސްކީމަކުން ބޯހިޔާވަހިކަން ކަށަވަރުވެފައި ތިބި މީހުން ވެސް ހިމެނޭ ކަމުގެ ކަންބޮޑުވުންފާޅުކުރި އެވެ.
އެހެންވެ، ކޮންމެހެން، އަލަށް ލިބޭ ފްލެޓުގައި އެ މީހުންނަށް ދިރިއުޅެން މަޖުބޫރެއް ނުވެ އެވެ. އެއަށްވުރެ ތަނަވަސްކޮށް އުޅެމުން، ފްލެޓް ކުއްޔަށް ދީގެން ވެސް އިތުރު އާމްދަނީއެއް ހޯދަނީ އެވެ.
"މާލޭގައި ނޫޅޭ މީހުންނާއި މާލޭގައި ފްލެޓާއި ގޯތި ހުރި އެތައް ބަޔަކަށް ބެހީމަ ވާނީ މިހެން. ހައްގު އެތައް ބަޔަކު އެވެނި މިވެނި ލިޔެކިޔުމެއް ކޮބައިހޭ ކިޔާފައި ބާކީކޮށްފައި،" ފްލެޓުގެ ޝަކުވާ ކުރި މީހަކު ސޯޝަލްމީޑިއާގައި ލިއެފައިވެ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: އެތަނުގައި މިހާރު މީހުން އާބާދުވާން ވަނީ ފަށާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ސޯޝަލް ހައުސިންއާ މެދު އަހަރެމެން އަލުން ވިސްނަންޖެހޭ. އެންމެ ބޭނުންޖެހިފައި ތިބި ނިކަމެތިންނަށް މި ފްލެޓްތައް ދިން ނަމަ މިކަން ދިމާނުވާނެ [ކުއްޔަށް ދިނުން]،" އެހެން މީހަކު ބުނެފައިވެ އެވެ.
ކަންބޮޑުވުން ފާޅުކުރި އެހެން މީހުން ބުނެފައި ވަނީ ގެދޮރުވެރިޔާ ފްލެޓްތަކެކޭ އެއްގޮތަށް ހިޔާ މަޝްރޫއުން ވެސް ފްލެޓް ލިބުނީ އިތުރު ބޯހިޔާވަހިކަމެއް ލިބިފައި ތިބި މީހުންނަށެވެ.
"މި ފްލެޓްތަކުގެ އިތުރުން ހިޔާ ފްލެޓްތަކުގެ ތެރެއިން ވަރަށް ގިނަ ފްލެޓްތައް ލިބުނީ މިހާރު ވެސް ބޯހިޔާވަހިކަން ހުރި މީހުންނަށެވެ. އެހެންވީމަ، އެއީ ސަޕްރައިޒެއް؟ އިޖުތިމާއީ ބޯހިޔާވަހިކަން ގާތްގަނޑަކަށް ދުވަހަކުވެސް ހަގީގަތުގައި ބޭނުންވާ މީހުންނަށް ލިބިފައި ނެތް."
ބައެއް މީހުން ދެކޭ ހައްލަކީ ކުއްޔަށް ދޭ ފްލެޓްތައް އަތުލުމެވެ. އެކަމަކު މިއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟
ހުޅުމާލެ 1 ގައި އިމާރާތްކޮށްފައިވާ ޗައިނާ ފްލެޓްތަކާއި ހުޅުމާލޭ 2 ގައި މިހާތަނަށް ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫއުއަކުން ވެސް ފްލެޓް ލިބުނު މީހުން ދަނީ އެ މީހުންގެ ފްލެޓްތައް ކުއްޔަށް ދޫކުރަމުންނެވެ. އެކަމަކު މިހާތަނަށް އެއްވެސް ސަރުކާރަކަށް އެކަން ނުހުއްޓުވެ އެވެ. އެހެންވެ، ކުއްޔަށް ދޭ މީހުންނަށް ވެސް ގަބޫލުކުރެވިފައި އޮންނަނީ ދީފައި އޮންނަ ފްލެޓެއް އަތުނުލެވޭނެ ކަމަށެވެ. ފާޅުގައި އެކަން ކުރަމުން އަންނައިރު މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކުލީ ވިޔަފާރި ހިންގަން އެ މީހުންނަށް ލިބުނު ހިިތްވަރެކެވެ.
ބޮޑު އަގުގައި ގެދޮރުވެރިޔާ ފްލެޓް ކުއްޔަށް ދޭ ވާހަކަ "މިހާރު" ގައި ޝާއިއުކުރުމުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އެ ފްލެޓުތައް ދޫކުރަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަން ދީގެން ކަމަށެވެ.
އެހެންވެ، އެއްބަސްވުމާ ހިލާފަށް ފްލެޓް ކުއްޔަށްދޭ ނަމަ، ފްލެޓް ކުއްޔަށް ދޭ މީހާ ހޯދައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ މީހަކާ އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފެށި ރަސްމިއްޔާތުގައި ފްލެޓް ލިބުނު މީހަކަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ތަޅުދަނޑި ހަވާލުކުރުން.-- ފޮޓޯ: އެފްޑީސީ
އެކަމަކު ސުވާލަކީ ސަރުކާރަށް މިފަހަރު މިކަން ކުރެވިދާނެތޯ އެވެ؟ ސަބަބަކީ ހިޔާ ފްލެޓްތައް ކުއްޔަށް ދޭން ފެށުމުން ވެސް އެކަން ހުއްޓުވާނެ ކަމަށް ބުނެ އިންޒާރުތަކެއް ދިން ނަމަވެސް މިހާތަނަށް ފިޔަވަޅެއް އެޅިފައި ނެތުމެވެ. ހިޔާ ފްލެޓްތަކުގެ މެއިންޓެއިނަންސް ފީއާ އެކު ދައްކަންޖެހޭ އަގު 4،984ރ. އަށް ކުޑަކޮށްފައިވިޔަސް އެތަންތަން 18،000-20،000ރ. އަށް ކުއްޔަށް ދޫކުރެ އެވެ.
ހިޔާ ފްލެޓުގައި ލޭބާ ކުއާޓާސް ހަދައިގެން އުޅޭ ފްލެޓްތަކާއި ދުވަހު ކުއްޔަށް ދޭ ތަންތަނާއި ޗުއްޓީތަކުގައި މަޑުކޮށްލަން ބަހައްޓާފައިވާ ފްލެޓްތައް އެބަ ހުއްޓެވެ.
މި ދައްކަނީ އެތައް ނިކަމެތިން ކުރިމަތިލާފައިވާ ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓް ލިބުނު މީހުން އަމަލުކުރަމުންދާ ގޮތުގެ ވާހަކަ އެެވެ.
އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް. އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ… pic.twitter.com/G8kL6zqUiA
— Hamdhan Shakeel (@HamdhanShakeel) October 11, 2025
ސަރުކާރުގެ ސްޓޭންޑް މިފަހަރު ވަރުގަދަ އެވެ. މި ފަހުން ދޫކުރަން ފެށި 4،000 ފްލެޓް މަޝްރޫއުއާ ގުޅޭ ގޮތުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ލޯނު ނަގައިގެން ފްލެޓް އަޅާއިރު ކުލި އޮންނަނީ ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްފައި ކަމަށެވެެ. އެހެންވެ، "ނިކަމެތި ކަމަށް ބުނެ ރޮއެ އާދޭސްކޮށްގެން ހޯދާ ފްލެޓް ކުއްޔަށް ދެވޭނެ ކަމަށް ސަރުކާރުން ގަބޫލުނުކުރާ" ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެހެންކަމުން މުޒާހަރާކޮށްގެން، ރޮއެ އާދޭސްކޮށްގެން ސިޔާސީ ގޮތުން ޕްރެޝަރުކޮށްގެން ބޯހިޔާވަހިކަމެއް ނެތޭ ވަރަށް ހާލުގައޭ މިއުޅެނީ ބުނެގެން ހޯދާ ފްލެޓް ވެސް އެންމެ ފަހުން ކުއްޔަށް މިދެނީ. އެހެންވީމަ ހަގީގަތުގައި މި ހުންނަނީ [ކުއްޔަށް ދިނުމަކީ] އިންސާފުގެ ނަޒަރުން ބަލާއިރުކޮށްގެން ވާނެ ކަންކަމެއް ނޫން -- މުއްތަލިބު
މުއްތަލިބު ވިދާޅުވި ގޮތުގައި އެޗްޑީސީ އާއި އެފްޑީސީ ގުޅިގެން ފްލެޓްތައް ކުއްޔަށް ދެމުންދަނީ ކޮން ބައެއްތޯ މިނިސްޓްރީން ބަލައި ކަށަވަރުކުރާނެ އެވެ.
"މިއީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ދިން ތަންތަނޭ. 20،000 ނޫނީ 25،000 އަށް ކުއްޔަށްދީގެން އާމްދަނީ ހޯދަން ދިފައި ހުރި ތަންތަނެއް ނޫނޭ މިއީކީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓްތަކުގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގައި ލިބޭ ފްލެޓްތަކާ މެދު އެގޮތަށް އަމަލުކުރާ ނަމަ، ސީރިއަސްކޮށް އެކަން ބަލާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެކަމަކު އެކަން ކުރުމުގައި ދަތިތަކެއް ވެސް އެބަ ހުއްޓެވެ. ކުއްޔަށް ދެނީ ކޮން ބައެއްތޯ ބެލުމަކީ އުނދަގޫ ކަމެއް ކަމަށާއި ކުއްޔަށް ނަގާ މީހުން ވެސް މައުލޫމާތު ދޭން ބޭނުންނުވުމާއި އަދި އެތަނުގައި އުޅޭ މީހުން ގެނެސް ހާޒިރުކޮށްގެން މައުލޫމާތު ނެގުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވެ އެވެ. އޭގެ ތެރޭގައި 76 މާކްސް ލިބިފައިވާ 645 މީހަކު ހިމެނެ އެވެ.
އެކަމަކު އެ މީހުންނަށް ފްލެޓް ނުލިބޭ ގޮތް ހަދަން ވަރަށް މަސައްކަތް ކުރެއްވި ނަމަވެސް ފިރިމީހާ ނުވަތަ އަނބިމީހާގެ ފްލެޓެއް އޮތުމުން އިތުރު ފްލެޓެއް ނުދެވޭނެ ކަމަށް ބުނާ އެއްވެސް އުސޫލެއް ނެތް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގާނޫނީ ލަފާ ވެސް ހޯދިން ދެ ފަހަރެއްގެ މަތިން އެއް އާއިލާއަކަށް ދެ ފްލެޓެއް ނުދީވާނެ ގޮތެއްވެތޯ ބަލަން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގާނޫނީ ލަފާ ވެސް ލިބުނީ އަޅުގަނޑުމެންނަށް އެކަން ހުއްޓުވޭނެ އުސޫލެއް މިހާރު އެކަށައެޅިފައި ނެތް ކަމަށް،" މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ދައުލަތުން ބަޔަކަށް ފައިދާއެއް ވާންޖެހޭނީ އެ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ގަބޫލުކުރައްވާ ކަމަށެވެެ.
އޭނާ ވިދާޅުވި ގޮތުގައި، މި ފްލެޓްތައް ދޭންވެގެން ކުރީގެ ސަރުކާރުން އެންމެ ގަދައަށް ދެއްކީ ރާއްޖޭގެ ވަރީގެ ހާލަތު އޮތްގޮތުގެ ވާހަކަ އެވެ. ދެ މީހަކު ވަރަށް ފަސޭހައިން ވަރިވާއިރު އޭގެ ސަބަބުން ބޯހިޔާވަހިކަމުގެ ހައްގުން މަހްރޫމްވެގެން ނުވާނެ ކަމަށް ބުނެ އެމީހުންނަށް ފްލެޓް ދިނުމަށް ވަކާލާތުކޮށްފައިވެ އެވެ.
ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެގްރިމެންޓުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެކަމަކު ދައުލަތުން ބެނެފިޓެއް ދެންޏާ އެ ދޭންވާނީ އެ ވަގުތެއްގެ ހާލަތަށް ބަލާފައި. ފަހުން ވެދާނެ ހާލަތަކަށް ބަލާފައެއް ނޫން. އެހެންވީމަ އެ ހާލަތަށް ބަލާފައި އަޅުގަނޑު ގަބޫލެއް ނުކުރަން އެއް އާއިލާއަކަށް ދެ ތަނެއް ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެތަންތަން ބޭނުންވާ ބައިވަރު އާއިލާތައް ތިއްބާ،" މުއްތަލިބު ވިދާޅުވި އެވެ.
"ހަގީގަތުގައި ބިންވެރިޔާ ސްކީމުން ވެސް ގެދޮރުވެރިޔާ ސްކީމު ވެސް ހިންގާފައި މިވަނީ ސޯޝަލް ޖަސްޓިސް އޭންގަލަކުން ބަލާ ކަމަށްވާ ނަމަ އެންމެ ފެއާ ގޮތަކަށް ނޫން."
ފްލެޓްތައް ދީފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް މުއްތަލިބު ވިދާޅުވެފައި ވަނީ އެ މަޝްރޫއުގެ އުސޫލުތައް އޮތް ގޮތުން ރަނގަޅަށް ވެރިފައި ކުރެވެން ނެތިގެންނެވެ.
ގެއެއްގެ ފާހާނާ ބޭނުންކުރާ އަދަދަށް ބަލައި މާކްސް އިތުރުވާ ގޮތަށް އޮތްއިރު މުއްތަލިބު ވަނީ ފާހާނާ ބޭނުންކުރަނީ ކިތައް މީހުންކަން ޔަގީންކުރާނެ ގޮތެއް އޮތްތޯ ސުވާލު އުފައްދަވައިފަ އެވެ.
"އުސޫލު ހަދާފައި އޮތް ގޮތުން ނެތޭ ސުވާލުކުރެވޭކަށް. އޭގައި ނީނދޭ އާއިލާ މީހަކަށް ވާންޖެހޭތޯ. އެއީ ކިހާ ދުރު މީހެއްތޯ އެ ފާހާނާ ބޭނުންކުރަނީ. އެއީ މަހަކު އެެއް ފަހަރު އައިސް ފާހާނާ ބޭނުންކޮށްލަނީތޯ،"
އެހެންވެ، އުސޫލު އޮތްގޮތާ މެދު އޭނާ ކަންބޮޑުވުން ފާޅުކުުރެއްވި އެވެ.
އެޗްޑީސީން "މިހާރު" އަށް މީގެ ކުރިން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަަށް އެ ކުންފުންޏަށް ކުލީގެ ގޮތުގައި ނުލިބި 894 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެ ކުންފުނިން މެނޭޖްކުރާ ޕްރޮޖެކްޓްތަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ހިޔާ މަޝްރޫއުގަ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެޗްޑީސީން ބުނި ގޮތުގައި 7000 ފްލެޓް ދޫކުރި އެ މަޝްރޫއުުގައި ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ކުލީގެ ގޮތުގައި އެޗްޑީސީ އަށް ނުލިބި ހުރި ފައިސާގެ 70 ޕަސެންޓެވެ.
- ހުޅުމާލޭ 1 ގައި ހުރި ފްލެޓްތަކުން ނުލިބި ހުރި 230 މިލިއަން ރުފިޔާ
- ވިނަރެސް ފްލެޓްތަކުން 37 މިލިއަން ރުފިޔާގެ ކުލި ނުލިބޭ
އެ މައްސަލައަށް އިޝާރާތް ކުރައްވަމުން މުއްތަލިބު ވިދާޅުވީ "ކުރިމަތީގައި ބައިވަރު ބިންތަކެއް ހިލޭ ދީފައި އޮއްވާ ކުލި ދައްކާނީ ކިހިނެއްހޭ؟" ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު ސަރުކާރަކުން ވަކި އިރެއްގައި ކޮށްފައި އޮތް ކަމެއްގެ ސަބަބުން އެހެން ރައްޔިތުންގެ ހައްގަށް އަރައިގަނެގެން ނުވާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް ފްލެޓް އަޅަނީ ލޯނު ނަގައިގެން ކަމަށާއި ލޯނު ލިބެނީ އެތަންތަނަށް ކުލި ލިބޭނެ ކަމަށް ބަލާފައި ކަމަށެވެ. އެހެންވީމަ އެތަންތަނަށް ކުލި ނުލިބޭ ނަމަ ދައުލަތަށް ބޯހިޔާވަހިކަމާ ގުޅޭ ލޯނު ލިބުމުގެ ފުރުސަތު ބަންދުވާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެެ.
"އޭގެ ސަބަބުން ކިތައް ރައްޔިތުންގެ ހައްގުތޯ އެ އުނިވެގެންދަނީ. ކުލި ނުދެއްކުމަކީ އޭގެ ނަފްރަތު ސަރުކާރަށް ބޭލުމަށް ކުރާ ހަމައެކަނި ކަމަކަށް ވުރެ ފަރުޖެއްސޭ ކަމެއް ނޫން އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކާ ހިލާފަށް މި ފްލެޓްތައް ކުއްޔަށް ދިނުން ހުއްޓުވޭނެ ކަމަށް އުއްމީދު ބޮޑު ސަބަބެއް އެބަ އޮތެވެ؛ މި ފްލެޓްތައް ދީފައި ވަނީ ލީސް ޓު އޯން މޮޑެލްގެ ދަށުން ކުއްޔަށެވެ. މާނައަކީ އެ މީހުންނަށް އެތަންތަން މިލްކު ކުރެެވޭނީ ވަކި މުއްދަތެއް ވަންދެން ކުލި ދައްކައިގެންނެވެ.
އެކަމަކު މީގެ ކުރިން ފްލެޓްތައް ދީފައި ވަނީ ސޭލްސް ޕާޗޭސް އެގްރީމަންޓެއްގެ ދަށުން ކަމަށް މުއްތަލިބު ވިދާޅުވެ އެވެ. އުސޫލެއް އެއްޗެއް ހެދިފައި ނެތުމުން އޭގައި އެމީހުން ކުއްޔަށް ދިނަސް މިވަގުތަށް ކުރެވޭނެ ކަމެއް ނެތެވެ.
އެެހެންވެ މުއްތަލިބު ދެއްވި ޔަގީންކަމަކީ ފަހި ފްލެޓްތަކަކީ ކުއްޔަށް ދީފައިވާ ތަންތަން ކަމުން، އެތަން އަތުލުމަށް ފަސޭހަވާނެ ކަމަށެވެ.
ފްލެޓް އެއްބަސްވުމެއްގައި މީހަކު ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ބޮޑު ބަަދަލެއް އެގްރީމަންޓަށް ގެންނަން ޖެހުނީ ވެސް ކުރިން ހެދި ތަންތަން އަތުލުމަށް އޮތް މަރުހަލާ އުނދަގޫވުމެވެ. އެކަމަކު މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު އެތަނުގައި ކުރިއަށް ގެންދާ އިންސްޕެކްޝަންތަކާއި ސީސީޓީވީ ފޫޓޭޖުން ވެސް ގޭގެ ވެރިމީހާ އެތަނުގައި ދިރި ނޫޅޭކަން ސާބިތުކުރެވޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"..މިހާރު އޮތް ސިސްޓަމުން މަސައްކަތްކުރުމަކީ ފަސޭހަކަމެއް ނޫން... ކުއްޔަށް ދިނީމަ ފަސޭހަވާނެ އަތުލަން. މި ބަދަލު ގެނައި މައިގަނޑު ސަބަބަކީ ވެސް ކުރިން ހެދި ތަންތަނަށް އެޑްރެސް ކުރަން އުނދަގޫވަން. މިހާރު ގަބޫލުކުރަނީ އޭރުގެ އުނދަގޫތަކަށް ވުރެ ފަސޭހަވާނެއޭ،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ފްލެޓްތައް މޮނިޓާކުރުމަށް ފަހު، އެތަނުގައި ފްލެޓްގެ ވެރިފަރާތް ނޫޅޭ ނަމަ، އެގްރީމަންޓް ބާތިލުކުރާނެ ކަމަށެވެ.
އަޅުގަނޑުމެން މަސައްކަތްކުރާނަން ކަމާ ގުޅޭ އިދާރަތަކާ ގުޅިގެން އެތަންތަން މޮނިޓާކޮށްފައި އެ ފަރާތްތައް ނޫޅޭ ތަންތަން ބަލައި އެ ތަންތަނުގެ އެގްރީމަންޓް ބާތިލުކުރަމުންދާނަން. އަޅުގަނޑުމެންގެ ވިސްނުމަކީ އެތަންތަނުގައި އުޅެންވާނީ އެތަން ދިން އާއިލާތަކުންނޭ. އެހެން ފަރާތަކަށް އެތަން ދެވިގެންނުވާނެ ހިލޭ ވެސް -- މުއްތަލިބު
މިނިސްޓަރު ވެސް ގަބޫލުކުރައްވާ ގޮތުގައި، އެންމެ ބޮޑު މައްސަލައަކީ ފްލެޓް ދޫކުރާއިރު އެންމެ ހައްގުވެރި މީހާއަށް ދޫނުކުރެވުމެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ފެލެޓް ދޭއިރު ފްލެޓް ދޭނީ މީހުންގެ ހާލަތު ވެރިފައި ކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި މީހުންގެ އާއިލާގެ އާމްދަނީ އާއި އެމީހެއްގެ ބިމެއް ނުވަތަ ފްލެޓެއް އޮތްތޯ ޔަގީންކުރާނެ ކަމަށް ވިދާޅުވި އެވެ.
ދިރިއުޅޭ ހާލަތު ނުބަލައި، ފޯމުގައި ޖަހާ މައުލޫމާތަށް އެކަނި ބަލާ ނަމަ ފްލެޓް ދިނުން އިންސާފުވެރިއެއް ނުވާނެ އެވެ. ގެދޮރުވެރިޔާ ސްކީމުން އެ ފެންނަނީ އެ މަންޒަރެވެ. ތަޅު ދަނޑި އަތަށް ނާރަނީސް ދުއްވައިގަންނަނީ ކުއްޔަށް ދޭނެ މީހަކު ހޯދާށެވެ. ހާލުގައި އުޅޭ އެތައް ބަޔަކު އިތުރަށް ނިކަމެތިވެ، ތަަނަވަސް މީހުންނަށް ފްލެޓް ލިބުނީ އެވެ. އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވޭ މި މައްސަލަ ހުއްޓުވަން ޖެހެ އެވެ. ފުރަތަމަ ކަމަކީ ފްލެޓް ދޭ އިރު އިންސާފުވެރި ވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
17 October 2025
ސޯޝަލް ހައުސިން ޔުނިޓްތައް ބިދޭސީންނަށް ކުއްޔަށް ދިނުން އަދި މާގޯހެވެ!
ޢަޒުލިފާ
17 October 2025
ސަރުކާރުން ތިޔަ ސަކަރާތް ނުޖަހާ،އެއްވެސް ބަޔަކަށް ފްލެޓް ދޭނެ ކަމެއް ނެތް، ތިއަގަށް ކުއްޔަށް ދޭންވީ، އެހެން ނޫނި ތިކަން ނުހުއްޓޭނެ، ޒަމާނުއްސުރެ ވެސް ކޮރަޕްޓްކޮށް ބަހަމުން ތިދަނީ، މާލޭގަ އެހެރަ ފްލެޓްތަކާއި ފޭސް1 ގަވެސް ސަރުކާރަށް ދައްކަންވާ އެއްޗެއްވެސް ނުދައްކާ، ހަމަ ކުއްޔަށް ދީފަ ގިނަތަންތަން އެހެރީ، ސިފައިން ބޮޑުމީހެއްގެ ދަރިއެއްނެތް ހަނގު އަނބިވެސް މިހާރު ދެވަނަ ފްލެޓް ލިބި އެދެނީ ކުއްޔަށް، މީހުން އެއްގައުމުން އަނެއް ގައުމަށް އުދުހެނީ
ދޮގުން ހަމަވާ ޝަރުޠު
17 October 2025
"ހައްގުވެރިން ބާކީވަނީ!" ތެދު މަޢުލޫމާތު ދޭތީ، އެކަމަކު ދޮގުހަދައިގެން ފްލެޓް ޝަރުޠު ހަމަ ކުރިޔަސް އެޅޭ ގާނޫނީ ފިޔަވަޅެއް ނެތޭ މިނިސްޓަރު ވިދާޅުވާއިރު، ފޯމްގައިނދެޔޭ މި ފޯމްގައި ދީފައިވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތު ކަމަށް އިޤުރާރުވެ ސޮއި ކުރަންޖެހޭބައި، އެތަނުގަ ސޮއިކޮށްފަ އިނިއްޔާ، ފިޔަވަޅުވެސް އެޅޭނެނުންތޯ ދައުލަތުގެ އިދާރާއަކަށް ދޮގުމަޢުލޫމާތު ދިންކަމުގެ، ޢިޚްލާސްތެރިކަންހުރި އެއްވެސް ސަރުކާރެއްނާދެ، ހައްގެއްވެސް ލިބެނީ ސިޔާސީންނަށް ސަނާކީމަ
ވަހީދު
17 October 2025
މިއަދު ދޮގުތަށް ހަދައިގެން ފްލެޓްތަށް ހޯދިދާނެ، ފަހުދުވަހަށް ވިސްނާލުން ރަގަޅު...
ކުރު
16 October 2025
ޙުށަހެޅި ފޯމުތިރީގާ ލިޔެފައޮނއނާނެ ދޮގުމައުލޫމާތު ދީފަހުރިއްޔާ ފޯމު ބާތިލް ވާނެކަމަ މިކަން ނުބަލަނީތޯ
ވަގުންގެ ރާއްޖެ
17 October 2025
"ގުރުއަތު ނަގައި، އެއްބަސްވުމުގައި ސޮއިކޮށްފައިވުމުން، އެ ފްލެޓްތައް އަތުލެވެނޭނެ އެއްވެސް ގޮތެއް ނެތްކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަނީ ވިދާޅުވެފަވެއެވެ."
އެންމެ އިންސާފުވެރި ގޮތަކީ އެކަމާއި ނުބެހުން!
16 October 2025
ޙައްޤު ގޮތުގައި ފްލެޓް ލިބިފައި ތިބި މީހުން ލިބުނު ފްލެޓް ކުއްޔަށް ދިނަކަސް މައްސަލައެއް ނޫނެވެ. އޭގެ ކިތަންމެ ބަޔަކު މިހާރު ވެސް އުޅެމުންދަނީ ކުއްޔަށެވެ. އެތަނުގެ މުއްދަތު ހަމަވަންދެން ލިބުނު ފްލެޓް ކުއްޔަށް ދިނުން މަޖުބޫރުވާނެ އެވެ. ކުއްޔަށް ހިފާ މީހާ ހިފަނީކީ މަޖުބޫރުކޮށްގެނެއް ނޫނެވެ. ބޮޑުކުށްޔަށް ރުހިގެންނެވެ. އެހެންވީމައި އެންމެ އިންސާފުވެރި ގޮތަކީ އެހެންމީހުންގެ ކަންކަމާއި ނުބެހުމެވެ.
ފާލު
16 October 2025
ހައްލަކީ ވަކި ބަޔަކު އިސްތިސްނާ ކުރުމެއްނެތި ހަމަޖެހިފައިވާ ވަކި ކުއްޔަކަށް ތަފާތު ކުރުމެއްނެތި ހިފަން ބޭނުންވާ ކޮންމެ މީހަކަށް ވެސް މަހު ކުއްޔަށް ދެވެނަ ފަރާތެއް މެދުވެރިނުކޮށް ޑައިރެކްޓްކޮށް ކުއްޔަށް ދިނުމެވެ. ދިރިއުޅޭ މީހުން އެހެންތަނަކަށް ނުވަތަ އެހެން ގައުމަކަށް ބަދަލުވުމުން ތަން އެހެންބަޔަކަށް ކުއްޔަށް ދިނުމެވެ. ތަނުގަ ދިރިއުޅޭ މީހުންނަށް މަހުންމަހަށް ޕްރިންޓް ބިލް ފޮނުވާ ކުލި އަތުލުމެވެ. އެކަންކުރަން ކޮންމެ ބިލްޑިން އެއްގައި ކައުންޓަރެއް
ކޮސް
16 October 2025
ނޫނޭ .އެމީހުން އަގުބޮޑުކޮށް ކުއްޔަށްދީފަ ތާހިރު ދިރިއުޅުމެއް އުޅެނީ. މަޖިލީހުގެ މެމްބަރުން ހޮވާދިން ރައްޔިތުންގެ ބަހެއް ނުހޯދާ ޤައުމުގެ ވެރިޔާ ބުނާހާގޮތެއް ހަދަނީ. ސަރުކާރަށް އެބައޮތްތަ ލިބުނު ފުލެޓެއް ކުއްޔަށް ނުދެވޭނޭ ބުނެވެން. ހުވާކޮށްގެން ތިބި މީހުން އެއާއެއްގޮތަށް އަމަލު ނުކުރަންޏާ , އާދައިގެ ސޮޔެއް ކޮށްލައިގެން ތިބިބަޔަކު ކީއްކުރަން އަމަލު ކުރަންވީ...
މަރިޔަމާ
16 October 2025
ފުލެޓް ކުއްޔަށް ދީފަ 3 ކުދިން ގޮވައިގެން އެއްކޮޓަރީގަ އުޅެންވީ. ދިރިއުޅުމުގެ ހާލަތަށް ގިނަ ޕޮއިންޓް ހޯދައިގެން އަނެެއްވެސް ފުލެޓް ލިބެ.
ޚޮކާ
16 October 2025
މިސާލަކައް ހަމަ އެންމެ ނިކަމެތި މީހާ އައް ލިބުނިއްޔޯ 2 ކޮޓަރި ފުލެޓެއް. އޭނާ އައް އެތަން 16000 އައް އެތަން ކުއްޔައް ދެވި އަދި 10000 އައް ހަމަ 2 ކޮޓަރި ލިނެންޏާ އޭނާ އައް ކުޔްޔައް ނުދެވެންވީ ކީއްވެހޭ.. އޭނާގެ ހާލަތު ރަނގަޅު ވާންޏަ ކުއްޔައް ދީގެން.