ިސޫޒަން، "މިހާރު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 ޑިސެމްބަރ 2025 - 07:41
އުޅެން ޖެހުނު ދަތި ހާލުގެ ސަބަބުން ސްކޫލު ވެސް ނުނިމެނީސް މަންމައާ އެކު ހެދިކާ ހަދަން ފަށައިފި އެވެ. ޑޮކްޓަރަށް ވާން ދުށް ހުވަފެން އެއް ފަރާތުގައި ބާއްވާފައި، އޭ ލެވެލްގެ ރަން ފާހަކާ އެކު ވެސް އޭނާ އަށް މަޖުބޫރުވީ މަސައްކަތަށް ނުކުންނާށެވެ.
އޭގެ އަހަރުތަކެއް ފަހުން، މިއަދެވެ. ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. އެކަމަކު، ނުގެއްލުނު އެއްޗަކީ ގިނަ ބަޔަކު ދަންނަ އާމިނަތު ސޫޒަންގެ ކެރުމެވެ. އަޑިގުޑަންތަކުގައި ދެއްކި ހިތްވަރެވެ. އެ ސާބިތުކަމެވެ. އުމުރުގެ ބޮޑުބައި މަސައްކަތް ކުރުމުގައި އުޅުމަށް ފަހު، ހިތްދެމިލާނެ ވަގުތުކޮޅެއް މި ލިބުނީ އަދި ކިރިޔާ އެވެ.
ތަފާތު އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑު، މި އަހަރު ހާސިލްކުރި ސޫޒަން ބުނީ ސްކޫލު ދައުރުގައި ރަނގަޅު ނަތީޖާއެއް ލިބުނަސް އާމްދަނީ ހޯދުމުގައި ވެސް އުޅެން ޖެހުމުން ނަތީޖާ ދަށްވާން ފެށި ކަމަށެވެ.
ގްރޭޑު 9 ގައި އޮނަލިސްޓަކުން އޯ ލެވެލް އަހަރުގައި ކޮމާންޑަޑަކަށް ދަށްވުމާއި ސްކޫލަށް ނުދެވޭ ދުވަސްތައް ގިނަވާން ފެށި އެވެ. ސްކޫލުގެ އިސްވެރިންނަށް އެ އެލާޓް އަތުވެއްޖެ އެވެ. ވާނުވާ ރަނގަޅަށް ބެލިއިރު ސޫޒަންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ނޫން ކަން އެނގުނެވެ. އެހެންވެ، ސްކޫލުން ކުރި ޝަރުތަކީ އޯ ލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދާ ނަމަ މަންމަ ގޭގައި ހުންނަން މުސާރަ ދޭނެ ކަމަށެވެ. ޓެކްސްޓު ފޮތެއް ވެސް އަތު ޖެހުނީ އެ ހިސާބުންނެވެ. އޯ ލެވެލް އިމްތިހާނަށް ފީ ވެސް ދައްކައިދިނީ ސްކޫލުގެ ޕީޓީއޭއިން ކަމަށް ސޫޒަން، 38، ބުންޏެވެ.
ފަސްޓްލޭޑި ސާޖިދާ، މި އަހަރު ރެހެންދި އެވޯޑު ހާސިލްކުރި ސޫޒަން އަށް އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ފުރުސަތު އޭރު ނުލިބުނު ނަމަ ދިރިއުޅުން މިހާރު އޮންނާނެ ގޮތެއް ވަޒަން ކުރާކަށް ވެސް ނޭނގެ އެވެ. ނަމަވެސް، ޕީޓީއޭގެ އެހީއާ އެކު، ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. އޯ ލެވެލް އިމްތިހާނުގައި ރާއްޖެއިން ދެ ވަނަ ހޯދި އެވެ. އޭ ލެވެލްގައި ރާއްޖެއިން ފަސް ވަނަ އެވެ.
އެކަމަކު، އެ ހިސާބުން ކިޔެވުމުގެ މަގު ބަންދުވީ އެވެ.
"ކިޔަވައިދޭނެ މީހެއް ވެސް ނެތް. އަނެއްހެން މީހަކަށް އެއްވެސް ކަމެއް ނުކޮށްދެވޭ [އޭރު ހާލަތު ހުރިގޮތުން]،" ސޫޒަން ބުންޏެވެ.
"[ސްކޫލު ނިންމި ގޮތަށް] ވޯކްކުރީ މަޖުބޫރު ވެގެން. މިހާރު ވެސް ވަކި ގޯލަކަށް ކުރިމަތިލައިގެން ކުރަނީކީ ނޫން. ކުރާ ހިތްވާ ކަންތައްތައް ކުރީމަ ނަސީބަކުން ރަނގަޅު ކަންތައްތައް ކުރެވެނީ. މީހުންނަށް އެހީވަނީކީ އެވޯޑެއް ހާސިލް ކުރާކަށް ނޫނީ އެހެން ކަމެއް ހާސިލް ކުރާކަށް ނޫން. އަސްލު ކުރާ ގިނަ ކަންތައްތައް ނުވެސް އެނގޭނެ މީހުންނަށް."
ސޫޒަން ޝޯއެއް ހުށަހަޅައިދެނީ.
އެއްބަނޑުއެއްބަފާ ތިން ބެއިންގެ ތެރެއިން އެންމެ ދޮއްޓަށް ހުރި ސޫޒަން ފުރަތަމަ މަސައްކަތް ފެށީ އެޗްއެސްބީސީގަ އެވެ. ދަށް ރޭންކުން މަސައްކަތް ފަށައިގަނެ، ހަތް އަހަރުގެ ތެރޭގައި އެ ބޭންކުގެ ކަސްޓަމާ ރިލޭޝަންސްގެ މެނޭޖަރުކަމަށް ޕްރޮމޯޓުވި އެވެ.
އެއީ އަލަތު ކައިވެނީގައި އޭރުގެ ފިރިމީހާގެ ފަރާތުން އެތައް އަނިޔާއެއް ވެސް ލިބުނު ދުވަސްވަރެކެވެ. ޒަހަމްތަކާ އެކު އޮފީހަށް ދާތީ، އެހީގެ އަތުގައި ހިފައިދިނީ އެޗްއެސްބީސީންނެވެ. އެ ބޭންކުން ހަމަޖައްސައިދިން ކައުންސެލިން އަށް ފަހު އެ އަނދިރިކަމުން ނުކުތުމަށް ހިތްވަރު ލިބުނެވެ.
"އެންމެންނަށް ނުލިބިދާނެ އެ ސަޕޯޓު. އެކަމަކު، އޭގައި ވެސް ޖެހުނު ޑިސިޝަނެއް ނަގަން. ހުރިހާ އެބިއުސެއް ގޯތްރޫ ކޮށްފައި މި ހުރީ. އެކަމަކު، މީހުންނަށް މި ފެންނަނީ ބާތުޑޭ ފޮޓޯ،" އޭނާ ބުންޏެވެ.
ސޫޒަން ބުނި ގޮތުގައި ބޭންކުގެ ތަޖުރިބާއަށް ފަހު، އޭނާ އަނެއްކާ ވެސް ބޭނުންވީ ޗެލެންޖަކާ ކުރިމަތިލާށެވެ. ދެން ފެނުނީ ކޮންސްޓްރަކްޝަން ދާއިރާއިންނެވެ. ހޮޓެލް އެންޑް ރިސޯޓު ކޮންސްޓްރަކްޝަން (އެޗްއާރުސީ) ގައި ނުވަ އަހަރު އުޅުނެވެ.
އޭނާ ބުނީ ކޮންސްޓްރަކްޝަން ދާއިރާގައި ފުރަތަމަ އުނދަގޫވި ކަމަށެވެ. ޒުވާން އަންހެނަކަށް ވުމުން، ފިރިހެނުން ގިނައިން މަސައްކަތްކުރާ އެ ދާއިރާގައި ފުރަތަމަ ދުވަސްކޮޅު ގޮންޖެހުންތައް ކުރިމަތިލި އެވެ. އެކަމަކު، މިހާރު ކޮންސްޓްރަކްޝަން ދާއިރާގައި އަންހެނުން ގިނަވުމަކީ ސޫޒަންގެ ހިތަށް ލިބޭ ހަމަޖެހުމެކެވެ.
ސޫޒަން، އޭނާގެ ކައިވެނީގެ ހަފުލާގައި ފިރިކަލުން ޝިއުރީ އަދި މަންމަ އާއި ތިން ކޮއްކޮއާއެކު.
މަސައްކަތްތަކުގައި ބޮންތިއަށް އަރައިގެން ދިޔައީ ބަޔަކު ފޭވާ ކޮށްދީގެން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު އެ ތުހުމަތުތަކަށް ނުބަލައި އޭނާ މިހިސާބަށް އައީ އަމިއްލަައަށް ކުރި މަސައްކަތުން ކަން ސޫޒަން ދައްކުވައިދީފި އެވެ.
"ކޮންމެ ވަޒީފާއެއް ވެސް އަދާކޮށްފައިވާނީ ވަރަށް ޑެޑިކޭޓެޑްކޮށް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން. އަދި ހުރިހާ ތަނެއްގައި ވެސް އެ ތަނެއްގެ ވެރިންގެ ފަރާތުން އަބަދުވެސް ސަޕޯޓު ލިބޭ. އާއިލާ، ފިރިމީހާ، ރައްޓެހިންނާއި އަދި ވަރަށް ގިނަ ނުދަންނަ ފަރާތްތަކުގެ ވެސް ސަޕޯޓު ލިބޭ،" އުމުރުން 8 އަހަރުން ފެށިގެން ޓީވީ ޕްރޮގްރާމްތަކާއި ޝޯތައް ވެސް ޕްރޮޒެންޓު ކުރަމުން އަންނަ ސޫޒަން ކިޔައިދިނެވެ.
"އޭގެ މާނައަކީ ނެޕޯ ވުމެއް ނޫން. ސަޕޯޓް އަދި ޕްރިވިލެޖް އެއީ ތަފާތު ދެ ކަމެއް. ދިރިއުޅުމުގައި ވެސް އަދި މަސައްކަތުގައި ވެސް ޕްރިވިލެޖެއް ނެތް ލިބިފައެއް. އަޅުގަނޑު ފަހުރުވެރިކަމާ އެކު ބުނަން މާތް ރަސްކަލާނގެ އިރާދަފުޅާ އެކު، އަޅުގަނޑުގެ ބުރަ މަސައްކަތާ ނުލާ ހަމަ ހުރެފައި ލިބިފައިވާ އެއްވެސް ކަމެއް ނޯންނާނެ. އެއީ ވަަޒީފާއެއް، މަގާމެއް، އިނާމެއް ވިއަސް."
ސޫޒަން "މިހާރު"އަށް އިންޓަވިއުދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޖެންޑާ މިނިސްޓްރީން ދެމުން އަންނަ އެވޯޑު ލިބުނީ ފިރިމީހާ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ ސަބަބުން ކަމަށް ބައެއް ބުނާ ކަމަށާއި އެ މަސައްކަތްތަކުގައި އާއިލާގެ އެންމެންގެ އެހީ ލިބުނަސް އެއީ އެތައް އަހަރެއްގެ މަސައްކަތް ކަމަށް ސޫޒަން ބުންޏެވެ.
އޭނާ އެންމެ ފަހުން ފެނުނީ ޓްރެވެލް އެޖެންޓުން ތަމްސީލުކުރާ ޖަމިއްޔާ، މަޓާޓޯއިންނެވެ. އެ އެޖެންސީގައި ދޮޅު އަހަރުވަންދެން މަސައްކަތް ކުރުމަށް ފަހު މިދިޔަ ސެޕްޓެމްބަރު ވަނީ އިސްތިއުފާ ދީފަ އެވެ.
ސްކޫލު ފީ ދެއްކޭނެ ގޮތެއް ނެތުމާއި ކިޔަވަން އިންދައި ގޭގެ ކަރަންޓު ކަނޑާލުމާއި އާއިލާގެ ގާތް މީހެއްގެ ފަރާތުން ކުޑައިރު ޖިންސީ ގޯނާ ކުރިމަތިވުމުން ކުރެވޭ އިހުސާސް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ސޫޒަނެވެ.
ސޫޒަން، މާސްޓާސް ނިންމުމަށްފަހު ގްރެޖުއޭޝަންގައި ނެގި ފޮޓޯއެއް.
މަސައްކަތުން މި ވަގުތު ބްރޭކެއް ނަގައިގެން ހުއްޓަސް، ފަރުދާގެ ފުރަގަހުގައި އޭނާ އަންނަނީ ތަފާތު ކަމެއް ކުރަމުންނެވެ.
"އެސްއެސް ފައުންޑޭޝަން"ގެ ނަމުގައި މިދިޔަ މަހު ސޫޒަން ރަޖިސްޓަރީ ކުރި ޖަމިއްޔާއިން ނިންމާފައިވަނީ ޒުވާނުންނާއި ދަތި ހާލުގައި އުޅޭ މައިން އަދި ސްކޫލުގެ ފީ އާއި ގޭގެ ބިލްތައް ދެއްކުމަށް ދަތިވާ މީހުންނަށް އެހީވާށެވެ. މާލީ ހާލަތު ތަންދޭ ވަރަކުން އިތުރު ކަންކަން ކުރަން އޭނާ ވަނީ ރާވައިފަ އެވެ.
ސޫޒަން ބުނީ އޭރު އުޅުނު ދަތި ހާލާއި ދިމާވި ހިތްދަތި ކަންކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ނުދައްކާތީ، މީހުންނަށް ވިސްނިފައި އޮންނަނީ ހުރިހާ ހިސާބެއްގައި ވެސް އޭނާގެ ދިރިއުޅުން ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ. އެކަމަކު، ހަގީގަތަކީ އެއީއެއް ނޫނެވެ.
މީގެ އަހަރުތަކެއް ކުރިން ހާސިލްކުރަން ބޭނުންވި އެއް ކަންތައް ފުރިހަމަވީ މި ފަހުންނެވެ. ކިޔެވުމަށް ހާއްސަ ލޯތްބަށް އޮތް ނަމަވެސް، ސޫޒަން އަށް ކޮލެޖު ސެޓްފިކެޓެއް ލިބުނީ 2023 ވަނަ އަހަރު އެވެ. މަސައްކަތަށް ގިނަ ވަގުތު ހުސްކުރަން ޖެހުމުން އޭނާ ނިންމީ ތަޖުރިބާ އަހަރުތައް ހިމަނައިގެން މާސްޓާސް ޑިގްރީއެއް ނިންމާށެވެ. އެކަން ހާސިލްކުރި އެވެ.
"ސްޓްރަގްލް ވެސް ކުރި. ސޮލިއުޝަން ވެސް ލިބުނު. އެކަމަކު، ވަރަށް ހާޑް ވޯކް،" އޭނާ ކިޔައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލާމްބައި
06 December 2025
ޥަރަށް ހިތްވަރުގަދަ. ޢެކަމަކު އެހީވި މީހުންނަށް ޝުކުރުގެ ބަހެއްވެސް ނުބުނެވުން. ސަން ޝިޔާމް، ޖަނާހް މި މީހުންކޮށްދިންކަންތައްތަކާށް ޝުކުރުގެ ބަހެއްވެސް ބުނެލަންވާނެއެއްއުން
ޝަޖޫ
06 December 2025
"އެސްއެސް ފައުންޑޭޝަން"ގެ ނަމުގައި މިދިޔަ މަހު ސޫޒަން ރަޖިސްޓަރީ ކުރި ޖަމިއްޔާއިން ނިންމާފައިވަނީ ޒުވާނުންނާއި ދަތި ހާލުގައި އުޅޭ މައިން އަދި ސްކޫލުގެ ފީ އާއި ގޭގެ ބިލްތައް ދެއްކުމަށް ދަތިވާ މީހުންނަށް އެހީވާށެވެ'... މީ ހާދަ ނޯބްލް މަސައްކަތެކޭ. މިއަދު ހާލަތު ބަދަލުވެފަ ހުއްޓަސް ސޫޒަންއަށް ދިމާވި ކަންތައްތައް ހަނދާނުގަ ބަހައްޓާ މިއަދު އެހާލުގަ އުޅެންޖެހިފައިވާ މީހުންނަށް ތިވާ އެހީ ވަރަށް ރަނގަޅު. ވިޝް ޔޫ އޯލް ދަ ބެސްޓް އިން ލައިފް.
ރޯނޭ
06 December 2025
ބުރޭވް ގާރލް