އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަވާގެ ހަރަކާތްތައް -- ފޮޓޯ: ނިޝާން އަލީ / މިހާރު
01 ޖެނުއަރީ 2026 - 13:09
ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ދުނިޔެ އަށް މަޝްހޫރު މުޅި ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމަށް ވިޔަސް މައި އެއާޕޯޓު ތަރައްގީ ސުމެކެވެ. ޕީކް ސީޒަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތޮއްޖެހި، ކުރިމަތިވާ ބޮޑެތި ހުރަސްތަކާ ހެދި އެ ތަނުގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފުނެވެ.
އެކަމަކު، އެ ވާހަކަ ދައްކަމުންދާތާ 10 ވަރަކަށް އަހަރު ވީއިރު މާ ބޮޑު ނަތީޖާއެއް ނުފެނުނަސް މިދިޔަ އަހަރު އަހަރެމެން ނިންމާލީ ތާރީހު ބަދަލުކޮށްލައިފަ އެވެ. ވީއައިއޭ ބޮޑުކޮށް، އެންމެ ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހަދަން މީގެ 12 ވަރަކަށް އަހަރު ކުރިން ފެށި ބިޔަ މަސައްކަތް އެއްކޮށް ނިންމާލައި މިދިޔަ ޖުލައި 26 ވަނަ ދުވަހު އެ ޓާމިނަލް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފެށި އެވެ.
އެއީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށްޓަކައި މިދިޔަ އަހަރު ނިންމި އެންމެ ބޮޑު އަދި އެންމެ ބޭނުންތެރި ޕްރޮޖެކްޓެވެ. މިއަދާ ހަމައަށް 41 އެއާލައިނަކުން އަންނަނީ އެ ޗާލު ޓާމިނަލް ބޭނުންކުރަމުންނެވެ.
އާ ޓާމިނަލުގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕުން ފެށީ 2016 ވަނަ އަހަރު އެވެ. މަސައްކަތް ފެށީ 300 މިލިއަން ޑޮލަރުން ނިންމާ ގޮތަށް ކަމަށް ވިޔަސް އެ މަސައްކަތް ނިމުނު އިރު ޕްރޮޖެކްޓްގެ އަގު 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެރި އެވެ.
އާ ޓާމިނަލްގެ ކައުންޓަރުތައް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ނުވަ އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، އެ މަސައްކަތް ނިންމާލުމަށް މިދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މަސައްކަތް އިތުރަށް އަވަސް ކުރުމަށް އިތުރު ހަރަދުތަކެއް ވެސް ކުރި އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެތަން ހުޅުވި ރަސްމިއްޔާތުގައި ވިދާޅުވީ، މީގެ ދޮޅު އަހަރު ކުރިން އެ ކުންފުންޏާ ހަވާލުވި އިރު އާ ޓާމިނަލް ނިމިފައި އޮތީ 30 ޕަސެންޓު ކަމަށާއި ބާކީ 70 ޕަސެންޓު މަސައްކަތް ނިންމީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކަމަށެވެ.
އާ ޓަމިނަލުން ފުރާމީހުން ވަންނަން ހާއްސަ ގޭޓްތަކަށް ވަންނަ ސަރަހައްދު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭގެ ތެރޭގައި ހެޑް އޮފް ސްޓޭންޑް ރޯޑު ނުވަތަ މަތިންދާބޯޓުތައް ޓާމިނަލާ ކައިރި ކުރަން ބޭނުންވާ މަގު ހެދުމާއި ޕަވަ ޖެނެރޭޝަން ސިސްޓަމާއި ފެނާއި ނަރުދަމާގެ އިތުރުން ކޮމާޝަލް ޖާގަތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
އާ ޓާމިނަލާ އެކު ރާއްޖޭގެ މައި ދޮރާށީގެ މަލަމަތި މިވަނީ އެއްކޮށް ބަދަލުކޮށްލާފަ އެވެ. އެންމެ ބިޒީ ދުވަސްވަރު ވެސް އެއާޕޯޓުގައި ޓޫރިސްޓުން މަޑުކުރަންޖެހޭ ވަގުތުތަކުގައި ދެން ހިދުމަތް ދެވޭނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އެވެ.
އާ ޓާމިނަލްގެ ބޭރުން ފެންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންތަކެވެ. ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ފެނެ އެވެ. އެ ޓާމިނަލުގެ ކޮންމެ ސަރަހައްދަކުން ވެސް ފެންނާނީ ވިލު ނޫކުލަ އާއި ރާއްޖޭގެ މޫދާއި ރަށްތަކުގެ މަލަމަތިން ފެންނަ ކުލަތަކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް .-- ފޮޓޯ: ނިޝާން އަލީ | މިހާރު
ކުރީގެ ޓާމިނަލުގައި އެންމެ ފުރަތަމަ ފުރުމަށް ޓާމިނަލަށް ވަދެގެން އަންނަ އިރު އޭވިއޭޝަން ސެކިއުރިޓީގެ ސްކްރީނިން ހަދަން ޖެހެ އެވެ. ފަސިންޖަރުންނާއި ބެގޭޖު ކްލިއަރެންސް ކުރަން ޖެހެ އެވެ. ނަމަވެސް، އާ ޓާމިނަލްގައި ފުރަތަމަ ދާ ޖެހޭނީ ޗެކިން ކައުންޓަރުތަކަށެވެ. މިއީ ދުނިޔޭގެ އެހެން އެއާޕޯޓުތަކުގައި ވެސް އަމަލުކުރާ ގޮތެވެ.
އާ ޓާމިނަލްގެ ދެވަނަ ފްލޯ ހާއްސަ ކޮށްފައިވަނީ، ސެކިއުރިޓީ ޗެކް ކުރުމާއި އިމިގްރޭޝަން ކައުންޓަރުތަކަށެވެ. އިމިގްރޭޝަނުގެ 38 ކައުންޓަރު ވެސް އާ ޓާމިނަލުގައި ހުންނާނެ އެވެ. އެއީ، އިމިގްރޭޝަން ޕްރޮސެސް ވެސް އިތުރަށް ލުއިވާނެ އެއް ކަމެކެވެ.
އާ ޓާމިނަލް. އެ ޓާމިނަލުގައި ވަނީ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިމިގްރޭޝަން ކްލިއަރެންސްއަށް ފަހު ވަދެވޭނީ "އިމާސިވް ޓަނަލް" ގެ ތެރެއިން ޑިއުޓީ ފްރީ ފިހާރަތައް ހުންނަ ސަރަހައްދަށެވެ. ޑިއުޓީ ފްރީއަށް ހާއްސަކޮށް ގާތްގަނޑަކަށް 4،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އެއާ އެކު، މިހާރު ވެސް ރާއްޖޭގެ ޑިއުޓީ ފްރީން ލިބެން ހުންނަ ފިހާރަތަކުގެ އިތުރަށް، އެންމެ ލަގްޒަރީ ބްރޭންޑުތަކުގެ އިތުރު އުފެއްދުންތައް އާ ޓާމިނަލުން ލިބޭނެ އެވެ.
އެ ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުރެ އެވެ. އެއީ ވެސް ކުރީގެ ޓާމިނަލުން ނުފެންނަ އަދި ރާއްޖެ އަށް މުޅިން އާ ކަމެކެވެ. އެއާ އެކު، ކުރިއާ ހިލާފަށް މާ ފަސޭހައިން ފަސިންޖަރުންނަށް ބޯޓުތަކަށް އެރޭނެ އެވެ.
އާ ޓާމިނަލް. މި ޓާމިނަލަކީ 9.2 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ދައުލަތުން ހެދި ޓާމިނަލެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
އާ ޓާމިނަލުން ހިދުމަތް ދޭން ފެށިތާ ފަސް މަސްވެފައިވާ އިރު އެވްރެޖުކޮށް ރާއްޖެއަށް ދުވާލަކު އަންނަ ޓޫރިސްޓުން ވަނީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓް އިތުރުވެފަ އެވެ. އާ ޓާމިނަލުން މިދިޔަ އާދިއްތަ ދުވަހު ވަނީ 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފަ އެވެ. މިއީ އެއާޕޯޓުގެ ތާރީހުގައި ވެސް ރެކޯޑެކެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުން ހާއްސަވާ އެންމެ މުހިއްމު ސަބަބަކީ މުޅި އިގްތިސާދު ހަމަ މަގަށް އެޅުވުމަށް، މިވަގުތު ކުރަން ޖެހޭ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ. މި ސަރުކާރުން އެއާޕޯޓު ބޮޑު ކުރުމުގެ ޕްލޭނަށް އެހާ ބޮޑު އިސްކަމެއް ދިން ސަބަބަކީ ވެސް އެއީ އެވެ. ވޯލްޑް ބޭންކުން ލަފާކުރަ ގޮތުގައި އެއާޕޯޓުގެ ޓާމިނަލާ އެކު، ރާއްޖޭގެ އިގްތިސާދު އަންނަ އަހަރު 5.3 ޕަސެންޓަށް ކުރިއެރުމުގެ ފުރުސަތު އެބަ އޮތެވެ. އެ ކުރިއެރުން ހޯދޭނީ ޓޫރިސްޓުން އަންނަ ވަރު އިތުރު ކުރެވިގެންނެވެ.
އާ ޓާމިނަލް މިހާރު ހުޅުވުމާ އެކު ރާއްޖެއަށް ޓޫރިޒަމް ސެކްޓަރާއި އެއާޕޯޓުން ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. މިއީ އިގްތިސާދު ފުޅާވުމަށް ލިބުނު ބޮޑު އުންމީދެކެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ިަސައްބާނީ
01 January 2026
ޝުކުރިއްޔާ ރ.ޔާމީން. މަނިކްފާން މި މަސައްކަތުގެ %95 ކުރެޑިޓް ހައްގު.
އޮނަރަބްލް އަފީފު ދީދީ
01 January 2026
ބިލިޔަން ޑޮލަރުގެ ލޯނުން (ޖުމްލަ އަގު ކޮށްފިނަމަ، މާލޭ އެއަރޕޯޓަށް ކުރިހޭދަ 4 ބިލިޔަން ޑޮލަރަށް އަރާނެ) ތަރައްޤީކޮށްފައިވާ މާލޭ އެއަރޕޯޓަށް ނަގާފައިވާ ލޯނުދެއްކުމަށް ބުރޫއަރާފަދަ ޙާދިސާއެއް އެއަރޕޯޓަށް ކުރިމަތިވި ކަމަށް ވިޔަސް "އެފަދަ ހާލަތަކުން ސަލާމަތްވެ ތިބުމަށާއި، ފަތުރުވެެރިކަމަށް އަސަރެއް ނުކުރާނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށްޓަކާވެސް" ހަނިމާދޫ އަދި އައްޑޫ އެއަރޕޯޓްގައި އަޅުވާފައިވާ "މަރުތަޅު" ނައްޓާލާ އޮޕަރޭޝަނަށް ހުޅުވާލަން ޖެހޭ.