ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުން ދަނިކޮށް މަރުވުމުގެ ފަސް މަސް ކުރިން ރައުދާ އާތިފް ވަނީ ވޯގް މަޖައްލާގެ ކަވަރަށް އަރައިފަ އެވެ. މިއީ ދިވެހި މޮޑެލްއަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފެވެ. ވޯގްގެ އިންޑިއާ މެގަޒިންގެ މިދިޔަ އޮކްޓޯބަރު މަހުގެ އަދަދުގެ ބޭރުގަނޑުގައި އޭޝިއާގެ އެކި ގައުމުތަކުގެ ހަ މޮޑެލްއެއް ހިމެނި އިރު ރާއްޖެ ތަމްސީލްކޮށްދިނީ ރައުދާ، 20، އެވެ.
ދިރިއުޅުނު ކޮޓަރީގައި "ދަންޖެހިފައި" ހުއްޓާ ފެނުނު ރައުދާގެ މަރާ މެދު އުފެދިފައިވާ ސުވާލުތަކާއި އެއީ ގަތުލެއް ކަމަށް އޭނާގެ އާއިލާ އިން ބުނާތީ ބަންގްލަދޭޝް އާއި ރާއްޖޭގެ މީޑިއާގެ ސަމާލުކަން އެ ހާދިސާ އަށް ވަނީ ހުއްޓިފަ އެވެ. އެކަމާ ގުޅިގެން މިހާތަނަށް އެއްޗެއް ބުނެފައި ނުވާ ވޯގް އިން މިހާރު ވަނީ ރައުދާގެ ހަނދާނުގައި ލިޔުމެއް ޝާއިއުކޮށްފަ އެވެ. ވޯގް އިންޑިއާ އަށް ރައުދާ ފާހަގަވި ގޮތާއި އެ މަޖައްލާގެ ނުވަވަނަ އަހަރީ ދުވަހުގެ ހާއްސަ އަދަދުގެ ބޭރުގަނޑުގައި އޭނާ ހިމަނަން އެ މީހުން ކުރި މަސައްކަތާއި އެކަމުގައި ރައުދާގެ ވިސްނުމާއި އިހުސާސްތައް ހުރި ގޮތް އެ ލިޔުމުގައި ކިޔައިދީފައިވެ އެވެ.
ފޮޓޯ ނެގުމުގެ ކަންކަން ހަމަޖެއްސުމުގެ އިތުރުން ރައުދާއާ އިންޓަވިއުކުރި ޝެރީ ގޯމޭޒް ގުޕްތާ ލިޔެފައިވާ ގޮތުގައި އެ މަޖައްލާގެ ބިއުޓީ އެޑިޓަރު ނިދީ ޝަރްމާ ޕަންޖާބީ އަށް ރައުދާ ފުރަތަމަ ފާހަގަކުރެވުނީ ދިވެހި ފޮޓޯގްރާފަރު ޝިފާޒު (ސޮއްޓި) ނަގާފައިވާ މަޝްހޫރު ފޮޓޯ އިންނެވެ. "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިސް"ގެ ނަން ދީފައިވާ އެ ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި އެވެ. އެހެން އެންމެންނެކޭ އެއްގޮތަށް ވޯގް އަށް ވެސް އެންމެ ބޮޑަށް އަޅައިގަތީ އޭނާގެ ނޫ ކުލައިގެ ދެ ލޮލެވެ.
ޝެރީ ބުނެފައިވާ ގޮތުގައި ރައުދާ ހޯދާކަށް ފަސޭހައެއް ނުވި އެވެ. އެކަމަކު އެންމެ ފަހުން ފޭސްބުކް މެދުވެރިކޮށް އޭނާއާ ވާހަކަދައްކަން ފެށުނު ކަމަށާއި އެކަމަކު އެއީ ރައުދާގެ އިމްތިހާން ދުވަސްކޮޅު ކަމުން ކިޔެވުމަށް ވުރެ އެހެން އެއްވެސް ކަމެއް އިސްކުރަން އޭނާ ބޭނުން ނުވި ކަމަށް ޝެރީ ލިޔެފައިވެ އެވެ.
"އަހަންނަށް އެންމެ ބޮޑަށް ފާހަގަވީ، ޑޮކްޓަރަކަށް ވެގެން މީހުންނަށް އެހީވާން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދަން ހުރަސްއެޅިދާނެ އެއްވެސް ކަމެއް ކުރަން ރައުދާ ބޭނުން ނުވިކަން. އިމްތިހާންގެ ތާރީޚްތަކާއި ފުށުއަރަންޏާ، ވޯގްގެ ކަވަރުން ލިބުނު ފުރުސަތު ވެސް ދޫކޮށްލަން އޭނަ ހުރީ ތައްޔާރަށް. ރައުދާ އަށް، މޮޑެލްކުރުމަކީ ހަމައެކަނި ހޮބީއެއް،" ޝެރީ ބުނެފައިވެ އެވެ.
"ރައުދާއަކީ މީހުންނާ ގުޅޭ، ހިތްހެޔޮ މީހެއް. އޭނާގެ ރީތިކަން ބޭނުންކޮށްގެން ކުރެވޭނެ ކަންތައްތަކާއި އެއިން ހާސިލްކުރެވޭނެ ބޮޑެތި ކުރިއެރުންތަކަށް ރައުދާގެ ޝައުގުވެރިކަމެއް ނެތް. އޭނާ އިސްކަންދޭންވީ ކޮން ކަންތައްތަކަކަށް ކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ."
ޝެރީ ބުނިގޮތުގައި އޮކްޓޯބަރުގައި މަޖައްލާގެ ބޭރުގަނޑު އާއްމުކުރި އިރު ރައުދާ ހުރީ އުފަލުން ފޮޅިފަ އެވެ. އެކަމަކު ފެޝަންގެ ދުނިޔެއާ މެދު އޭނާ ގެންގުޅުނު ވިސްނުން ބަދަލުކުރީ ނޫން ކަމަށާއި އޭނާގެ ފޮޓޯތަކަށް ވުރެ ބޮޑަށް ރައުދާ އަށް މުހިއްމުވީ އެ ފޮޓޯ އިން މި ސަރަހައްދުގެ މޮޑެލުންގެ ރީތިކަން ހާމަކޮށްދީ އެ މީހުންގެ އަގު ވަޒަންކުރަން ވޯގް އިން ގެންގުޅުނު ވިސްނުން ކަމަށް ޝެރީ ލިޔެފައިވެ އެވެ. އޭނާ ބުނީ ރައުދާ އެންމެ ބޮޑަށް އުފާކުރީ ޝޫޓިންގެ ނަތީޖާ އާއި އަނެއް ފަސް މޮޑެލުންނާ އެކު ކުރި ތަޖުރިބާއާ މެދު ކަމަށާއި އެ ފުރުސަތު އޭނާ އަށް ދޭން ވޯގްގެ ޓީމުން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރި ކަމަށެވެ.
ރައުދާގެ މަރަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ޝޮކެއްކަން ބަޔާންކޮށް ޝެރީ ލިޔުނު ގޮތުގައި ވޯގް އިން އަވަސް އަރުވާލައިގެން ބަޔާނެއް ނުނެރުނީ ލިބުނު ހިތާމައިގެ ސަބަބުންނާއި ހާދިސާ ހިނގައިދިޔަ ގޮތުން ރައުދާގެ މައިންބަފައިންނަށް ކުރިމަތިވި ހިތްދަތިކަމަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ.
ވޯގް އިން ބުނީ މި ހިތާމަވެރި ހާދިސާ ކޮންމެ ގޮތަކަށް ހިނގާފައި އޮތަސް، ގެއްލިގެން އެ ދިޔައީ "ރީތި ފުރާނައެއް" ކަމަށާއި ރައުދާއާ އެކު މަސައްކަތްކުރަން ލިބުނު ފުރުސަތާ މެދު ފަޚުރުވެރިވާ ކަމަށެވެ.