ދަތުރުގައި ފަސް ފަހަރު އުމްރާގެ ކުރާ ވާހަކަ ބުނުމުން ފުރަތަމަ ހިތަށް އެރީ ބައެއް އެހެން ގްރޫޕްތަކުން ކުރާ ގޮތަށް، މައްކާގެ ރަށް ބޭރުން، ޖައުރާނާ އަށް ނުވަތަ މަސްޖިދު އާއިޝާ ރަޟިޔަﷲ ޢަންހަ އާ ހިސާބަށް ނުކުމެ އިހުރާމް ބަނދެގެން ދާ ދިއުމެއް ކަމަށެވެ. "ދަތުރުވެރިޔާ"އާ އެކު އުމްރާއަށް ދާ މީހުންނަށް އެކަމަކު އެ އަށް ވުރެ މާ ހިތްހަމަޖެހޭ ގޮތަށް ފަސް އުމުރާ ހަމަކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އުމްރާގެ  ބޭސިކް ޕެކޭޖުގައި ހިމެނޭ، މައްކާގެ ކައިރީގައިވާ މުގައްދަސް ތަންތަނަށާއި މަދީނާ ދަތުރާ އެކު ތިން އުމްރާ ހަމަ ކުރުމަށް ފަހު، ހަތަރުވަނަ އުމްރާ އާއި ފަސްވަނަ އުމްރާ އެގޮތަށް ކުރަން ޖެހުނަސް ކުޑަ ހަރަދަކުން އެ އަށް ވުރެ ފުރިހަމަ އަށް ފަސް އުމްރާ ހަމަ ކުރުމުގެ ހިތްހަމަޖެހުން ހޯދެން އެބަ އޮތެވެ.

މައްކާގައި ތިބެފައި ކައިރި ހިސާބެއްގައިވާ މީގާތަކުން އިހުރާމް ބަނދެގެން ގިނަ އުމްރާ ކުރުމާ މެދު ތަފާތު ބައެއް ރައުޔުތައް އިލްމުވެރިންގެ ފަރާތުން އިވޭތީ ނުތަވަނަސްކަން އުފެދޭ ނަމަ އެއީ ރަނގަޅު ހައްލެކެވެ.

ދަތުރުވެރިޔާގެ "އައްޑޫ-މައްކާ ރޫޓް"ގެ ތާރީހީ ފުރަތަމަ ދަތުރުގައި ބައިވެރިވި އުމްރާވެރިން މި ޖުލައި 12 ވަނަ ދުވަހުގެ ރޭ ފަތިހު ފުރައިގެން ޖިއްދާ އަށް ދިޔަ އިރު ފިނިހޫނުމިން ހުރީ ވަރަށް މަތީގަ އެވެ. 

"މި ހޫނުގައި އަޅުގަނޑުމެން ތަވާފުކުރަން ދިއުމުގެ ބަދަލުގައި ފުރަތަމަ ދާނީ ހޮޓަލަށް، އެ އަށް ފަހު ހަރަމްފުޅަށް ދާނީ ރޭނގަނޑު ފިނި ޖެހުނީމާ،" އުމްރާވެރިން ދަތުރުކުރި ބަސްތަކުގައި ތިބި ބަސް ލީޑަރުން އިއުލާނުކުރި އެވެ.

އިހުރާމް ބަނދެގެން ތިިބި އުމްރާވެރިން އެގޮތަށް މަޑުކުރަން ޖެހޭތީ އިހްރާމް ކެނޑުމުގެ ކުރިން ނުކުރަންވީ ކަންތައްތައް ކޮންމެ ބަހެއްގައި ވެސް ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވީ ދަތުރުވެރިޔާ ގްރޫޕުން ހަމަޖައްސާފައި ތިއްބެވި ޝައިޚުންނެވެ.

ސީދާ އައްޑޫން ފުރައިގެން ޖިއްދާއަށް ދަތުރުކުރި ފުރަތަމަ ފްލައިޓްގެ އުމްރާވެރިން މައްކާގެ ސަރާޔާ އައް ޟިޔާފާ ހޮޓަލަށް ފައިބައި، އެ މީހުންގެ ލަގެޖް ހޯދުމުގެ ބުރަ އުފުލާކަށް ގްރޫޕުން ނުޖައްސަ އެވެ. އަތްދަބަހުގެ ގޮތުގައި ގެންދިޔަ އެއްޗެއް ހިފައިގެން ފައިބައި ހޮޓަލުގެ ލޮބީގައި ކުޑައިރުކޮޅަކު މަޑުކޮށްލި އިރު އެންމެންގެ ލަގެޖް ގެންގޮސް، އެ ބަޔަކު ތިބެންވީ ކޮޓަރިއަށް ހުރީ ވައްދައިފަ އެވެ.

ދަތުރުވެރިޔާގެ އުމްރާވެރިން ތާާއިފްގެ މަސްޖިދު އަބްދުﷲ ބިން އައްބާސް އަށް ޒިޔާރަތްކުރަނީ.  ފޮޓޯ: ދަތުރުވެރިޔާ
ދަތުރުވެރިޔާގެ އުމްރާވެރިން ތާާއިފްގެ މަސްޖިދު އަބްދުﷲ ބިން އައްބާސް އަށް ޒިޔާރަތްކުރަނީ. ފޮޓޯ: ދަތުރުވެރިޔާ

ދިހަވަރަކަށް މިނެޓުން ހަރަމްފުޅަށް ހިނގާލާފައި ދެވޭ އެ ހޮޓަލުގެ މައި ރެސްޓޯރެންޓް ދަތުރުވެރިޔާގެ އުމްރާވެރިންނަށް ހަމަ އެކަނި ހާއްސަކޮށްފައި ހުރީއެެއް ނޫނެވެ. ދިވެހިންނަށް މީރު ބާވަތްތައް ނަން ހުސްކޮށް ތައްޔާރުކުރަން ތިބީ ސީދާ ދިވެހި ޝެފުންނެވެ.

ހަމަޖެހިލައިގެން ހޮޓަލުގައި މަޑުކުރުމަށް ފަހު އުމްރާވެރިން ހަރަމްފުޅަށް މިސްރާބު ޖެހީ ޖުލައި 12 ވަނަ ދުވަހުގެ ރޭނގަނޑު މައްކާ ގަޑިން ގާތްގަނޑަކަށް 10:00 ގަ އެވެ.

ތަވާފް ކުރުމާއި ސައުޔު ކުރުމުގެ ތެރޭގައި މަގު އޮޅި، ގްރޫޕާ ވަކިވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތް އޭގެ ކުރިން ވަރަށް ތަފްސީލުކޮށް ކިޔައި ދިނުމާ އެކު އެފަދަ ހާލަތްތަކުގައި ބޭނުންކުރާނެ އެޕްލިކޭޝަނެއް އެންމެންގެ ފޯނުތަކުގައި ހުރީ އިންސްޓޯލްކޮށްފަ އެވެ. އަލަށް އުމްރާ އަށް ދިޔަ އެތައް ބަޔަކު ހިމެނޭ އެ ގްރޫޕް، އޮމާން ކަމާ އެކު އަޅުކަން ނިންމައި އެނބުރި ހޮޓަލަށް އައީ އެ އިންތިޒާމްގެ ތެރެއިންނެވެ.

މައްކާ މަޒާރާ

ޖުލައި 12 ގައި މައްކާ އަށް ދިޔަ ގްރޫޕް ހަރަމްފުޅުގައި އަޅުކަން ކޮށް، ވަރުބަލި ފިލައި ހަމަޖެހުމާ އެކު 15 ވަނަ ދުވަހަށް "ދަތުރުވެރިޔާ" އިން އިންތިޒާމްކޮށްފައި އޮތީ މައްކާގެ ވަށައިގެންވާ މުގައްދަސް ތަންތަނަށް ކުރާ ޒިޔާރަތެކެވެ. "މައްކާ މަޒާރާ" ގެ ނަމުގައި ކުރި އެ ޙައްޖުގެ މަނާސިކު ތަކަށް ހަމަ އެކަނި ޒިޔާރަތް ކުރީއެއް ނޫނެވެ.

އަރަފާތު  ބިމާއި މުޒްދަލިފާ އާއި މިނާ އަށް ޒިޔާރަތް ކުރި އިރު އެ ތަންތަނާ ބެހޭ ތަފްސީލު މައުލޫމާތު ދެއްވަން ކޮންމެ ބަހެއްގައި ޝައިޚުން ތިއްބެވި އެވެ. 

"މިހާރު ތިޔަ ފެނި ވަޑައިގަންނަވަނީ ﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލް ގުރުބާން ކުރައްވަން ވަޑައިގެންނެވި ތަން، ފަރުބަދައިގެ މަތީގައި ކުޑަ ގުއްބެއްހެން ފާހަގަކޮށްފައި އެހެރީ ބުނެވޭ ގޮތުގައި އެތަން،" ޝައިޚު ހުސައިން ފަހުމީ އިންނެވި ބަހުގައި ތިބި އުމްރާ ވެރިންނަށް އޭނާ ވިދާޅުވެ ދެއްވި އެވެ.

އަރަފާތާއި މުޒްދަލިފާ އަދި މިނާއަށް ޒިޔާޒަތްކުރުމަށް ފަހު އުމްރާވެރިން ގޮސް މަޑުކުރީ ސައުރު ފަރުބަދައިގެ ކައިރީގަ އެވެ. އެއީ މުޝްރިކުންގެ އުނދަގޫ ބޮޑުވެ، ފުރާނަފުޅަށް ނުރައްކާވާ ހިސާބަށް ކަންތައް ދިއުމުން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާ އަށް ހިޖުރަ ކުރެއްވި ދަތުރުފުޅު ފެށްޓެވުމުގެ ކުރިން ތިން ދުވަހު އެ ތަނެއްގައި މަޑުކުރެއްވި ހޮހަޅަ ހުންނަ ފަރުބަދަ އެވެ.

މަސްޖިދު ގުބާ. ފޮޓޯ: ދަތުރުވެރިޔާ
މަސްޖިދު ގުބާ. ފޮޓޯ: ދަތުރުވެރިޔާ

މެންދުރުގެ އެންމެ ހޫނުކަން ގަދަވާ ވަގުތު ކަމަށް ވާތީ މާ ގިނަ އިރު މަޑުނުކޮށް އަހަރެމެން ގޮސް މަޑުކުރީ ހިރާ ފަރުބަދައިގެ ކައިރިއަށެވެ. އޭރު އެންމެން ތިބީ އަރަފާތުން މައްކާ އަށް ދަތުރުކުރާ މީހުންގެ މީގާތުން އިހުރާމް ބަނދެގެންނެވެ.

އެ ދަތުރު ނިންމައި ހޮޓަލަށް ގޮސް ހަމަޖެހިގެން އަމިއްލަ އަށް ދާން ބޭނުން މީހަކު އަމިއްލަ އަށް ގްރޫޕާ އެކު ބޭނުން މީހުން ގްރޫޕާ އެކު ގޮސް ކުރީ ދެވަނަ އުމްރާ އެވެ.

ބަދުރުގެ މައިދާން، ބިއުރު ރައުހާ އަދި ޖަބަލު މަލާއިކާ

ޖެހިގެން އައި ދުވަހު ކުރި ދަތުރަކީ ދާން ބޭނުންވާ މީހުން އިތުރަށް ފައިސާ ދައްކައިގެން ކުރި "އެޑް އޮން" ދަތުރެކެވެ. އެއީ އިސްލާމީ ތާރީހާ ގުޅިފައިވާ ވަރަށް މުހިއްމު ބައެއް ތަންތަން ބަލައިލަން ކުރި "ސައިޓް ސީއިން" ދަތުރަކަށް ވާތީ އެވެ.

ހަތަރު ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ދަތުރުވެރިޔާގެ ބަސްތައް ފުރަތަމަ ގޮސް މަޑުކުރީ "ބިއުރު ރައުހާ" އޭ ނަމަކަ ކިޔާ ވަޅުގެ ކައިރިއަށެވެ. 

"މިއީ މައްކާގެ މުދާ ގާފިލާއަށް ހުރަސް އަޅުއްވަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ސަހާބީން ނުކުމެވަޑައިގެން އުޅުއްވަނިކޮށް މައްކާގެ ހަނގުރާމަވެރި ލަޝްކަރު އަންނަ ކަމުގެ ޚަބަރު ލިބިވަޑައިގެންނެވި އިރު ތިއްބެވި ހިސާބު،" ބިއުރު ރައުހާގެ ތައާރަފް ދެއްވަމުން ޝައިހު ވިދާޅުވި އެވެ.

ޝައިހު ފަހުމީ ވިދާޅުވެ ދެއްވި ގޮތުގައި އެއީ ރަސޫލުންނާއި ނަބީން ހިމެނިވަޑައިގަންނަވާ ގޮތުން 70 ބޭކަލަކު އެތަނެއްގައި މަޑުކުރެއްވި މަންޒިލެކެވެ.

"ޢީސާ އަލައިހިއްސަލާމް ފަހުން ވަޑައިގަންނަވާ އިރު ޝާމުން ދަތުރުކުރައްވައި މިތަނުގައި މަޑުކުރައްވާނެ ކަމަށް އޮންނަނީ." 

ބިއުރު ރައުހާ އިން ފެން ބޯން ބޭނުންވި އުމްރާވެރިން ފެންބޮއި، އެ ވަޅާއި ވަޅުގެ ކައިރީގައިވާ މިސްކިތް ބަލައި ނިމުމުން ދެން ގޮސް މަޑުކުރީ "ބިއުރު ޝިފާ" ނަމަކަށް ކިޔާ ވަޅުގެ ކައިރީގަ އެވެ.

ބަދުރުގެ މައިދާނުގައި ރަސޫލާ އިންނަވަން ސަހާބީން ބިނާކޮށްދެއްވި އަރީޝް ހުރި ތަނުގައި މިހާރު ބިނާކޮށްފައިވާ މަސްޖިދުލް އަރީޝަށް" ވަދެވުނީ އަސްރު ނަމާދުގެ ޖަމާއަތް ނިމުނު ފަހުންނެވެ. އެ ދުވަހުގެ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރުކޮށް ކުރީ އެ މިސްކިތުގަ އެވެ.

ދަތުރުވެރިޔާގެ އުމްރާވެރިން ތާާއިފްގެ ފިނިފެންމާ ފެކްޓްރީގައި ފޮޓޯ ނަގަނީ.  ފޮޓޯ: ދަތުރުވެރިޔާ
ދަތުރުވެރިޔާގެ އުމްރާވެރިން ތާާއިފްގެ ފިނިފެންމާ ފެކްޓްރީގައި ފޮޓޯ ނަގަނީ. ފޮޓޯ: ދަތުރުވެރިޔާ

ބަނދުރު ހަނގުރާމައާ ގުޅޭ އަސަރު ގަދަ ތަގުރީރެއް ޝައިހު ރުޝްދީ ކުރެއްވީ ބަދުރުގެ ބޮޑު ހަނގުރާމަ ކުރި މައިދާން ފެންނާނެހެން މަސްޖިދުލް އަރީޝްގެ ހަރިންމަ ތެރޭގައި އުމްރާވެރިން ބައިިތިއްބައިގެންނެވެ.

"ދުރުން ފެންނަން އެހެރަ ވެލި ފަރުބަދަ އަކީ ބަދުރު ހަނގުރާމަ އަށް ވަަޑައިގެންނެވި މަލާއިކަތުން ފައިބާ ވަޑައިގެންނެވި ފަރުބަދަ،" ޖަބަލު މަލާއިކާގެ ނަމުން މިހާރު ނަން ދީފައިވާ ވެލި ފަރުބަދަ ދައްކަވައިލައްވަމުން ޝައިހު ވިދާޅުވި އެވެ.

އެ ދުވަހުގެ އިރު އޮއްސުނީ ޖަބަލު މަލާއިކާ އަށް އަރަން ބޭނުންވި އުމްރާވެރިން އެކަމުގައި އުޅެނިކޮށެވެ. އެފަދަ ކޮންމެ ތަނެއްގައި ހެން ސައުދީ ސަރުކާރުން މިސްކިތް ބިނާކޮށްފައި ހުންނާތީ ނަމާދު އޭގެ ވަގުތުގައި ކުރަން އެ ތަނުގައި ދަތިކަމެއް ނެތެވެ.

އެ ދަތުރު ނިންމައި މައްކާ އަށް އެނބުރި އައި އިރު ވެސް މީގާތަކަށް މަޑުކުރި އެވެ. އިތުރު އުމްރާއެއް ކުރަން ބޭނުންވި މީހުންނަށް އެ ފުރުސަތު އޮތެވެ.

ރައުޟާއަށް ޒިޔާރަތްކުރުމުގެ އިންތިޒާމާ އެކު މަދީނާއަށް

އުމްރާގެ އަޅުކަމުގެ ތެރޭގައި ހޯދަން ޖެހޭ ހުއްދައެއް ނަމަ ހޯދަން ޖެހެނީ ސައުދީ ސަރުކާރުން އެކަމަށް ހާއްސަ ކޮށްފައިވާ އެޕްލިކޭޝަން "ނުސުކު" މެދުވެރިކޮށެވެ. މަދީނާ އަށް ދަތުރު ފެށުމުގެ ކުރިން ދަތުރުވެރިޔާގެ އެހީތެރިން ކަށަވަރުކުރި އެއް ކަމަކީ މަސްޖިދުއް ނަބަވީގައިވާ ރައުޟާ އަށް ޒިޔާރަތްކުރުމުގެ ހުއްދަ ހޯދަން އެ އެޕް ބޭނުންކޮށްގެން އުމްރާވެރިން އެދިފައިވާ ކަމެވެ. އެކަމަށް ވަކި ބައްދަލުވުމެއް ބާއްވައި އާއްމުކޮށް ދިން މައުލޫމާތުގެ އިތުރުން އެކިއެކި އުމްރާވެރިންނާ ވަކިވަކިން ބައްދަލުކޮށް ކުރި މަސައްކަތާ އެކު މަދީނާގެ ފުރަތަމަ ދަތުރުގައި ރައުޟާ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ނުލިބުނީ މަދު ބަޔަކަށެވެ.

ދަތުރުވެރިޔާގެ ޖުލައި އުމްރާގެ ދެވަނަ ބެޗްގެ މީހުންނާ އެކު އެ މީހުން އަލުން މަދީނާއަށް ގެންދިޔަ އެވެ.

މަދީނާ ދަތުުރުގައި "މިހާރު" އާ ވާހަކަ ދެއްކި ގިނަ އުމްރާވެރިންގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދެ ދުވަސް ވަންދެން ތިބެން ހަމަޖެއްސި ހޮޓަލަކީ މަސްޖިދުއް ނަބަވީއާ ވަރަށް ކައިރީގައި ހުރި ތަނަކަށް ވުމެވެ.

"ހަޔާ ޕްލާޒާ" ނަމަކަށް ކިޔާ އެ ހޮޓަލުން ދެތިން މިނެޓްގެ ތެރޭގައި މަސްޖިދުއް ނަބަވީ އަށް ދެވެ އެވެ. ފައިދާއަކީ ބަންގި ގޮވާ އަޑު އިވުމުން ކޮޓަރި އަށް ވަދެ ވުޟޫ ކޮށްލައިގެން ގޮސް ނަމާދުގެ ޖަމާއަަތުގައި ބައިވެރިވެވޭ ގޮތް ވުމެވެ. 

އުމްރާއަށް ނުވަތަ ހައްޖަށް ދާ މީހުން ވެސް އެނބުރި ވަޒަނަށް ދާއިރު ހަދިޔާގެ ގޮތުގައި ގެންދަން ބޭނުންވާ މުހިއްމު އެއް ބާވަތް ކަމަށްވާ "އަޖުވާ ކަދުރު" ގަންނަން ދަތުރުވެރިޔާގެ އުމްރާވެރިން ޒިޔާރަތް ކުރީ ސީދާ ކަދުރު ދަނޑަށެވެ. އެއީ  ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހު މިނިވަން ވެވަޑައިގަތުމަށް ޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަތްގެ އަތްޕުޅުން ރުއްތައް އިންދަވައިދެއްވި ދަނޑެވެ.

ތިން ވަނަ އުމްރާ ކުރަން އިހުރާމް ބަނދެގެން އުމްރާވެރިން މަދީނާއިން މައްކާއަށް ދަތުރުކުރީ އެ ހިތް ހަމަޖެހުމާ އެކުގަ އެވެ.

ތާއިފް: ފިނިފެންމާ އަތަރު ފެކްޓްރީއާއި ކޭބަލް ކާރާއި މާމުއި

މަދީނާ އިން އެނބުރި އައިސް މައްކާގައި މާތްވެގެންވާ މަސްޖިދުލް ހަރާމްގެ ކައިރީގައި ވާ ސަރާޔާ އައް ޟިޔާފާ ހޮޓަލުގައި ހަތަރު ދުވަސް ހޭދަކުރުމަށް ފަހު، އަހަރެމެން ދަތުރުކުރީ ޖިއްދާއަށެވެ. އެއީ ޖިއްދާގެ މުހިއްމު ތަންތަން ބަލައިލުމާ އެކު ބާޒާރު ކުރުމުގެ ދަތުރަކަށް ވާތީ އެއީ ވެސް "އެޑް އޮން" ދަތުރެކެވެ.

އިތުރަށް ފައިސާ ދައްކަން ޖެހުނަސް ގިނަ އުމްރާވެރިން އެ ދަތުރުގައި ހިތްހަމަޖެހުމާ އެކު ބައިވެރިވީ މައްކާގައި ތިބި އިރު ތިން ވަނަ އަދި ހަތަރުވަނަ އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންނެވެ. ޖިއްދާއިން އެނބުރި އައިސް ފަސް ވަނަ އުމްރާ ކުރުމަށް ފަހު، މި ބެޗްގެ އެންމެ ފަހު މަންޒިލަކީ މައްކާ އާއި މަދީނާއާ މުޅިން ތަފާތު ފިނިހޫނުމިނެއް އޮންނަ ތާއިފަށެވެ.

އުހުގައި އޮތް ފެހިކަން ގަދަ އެ ރަށަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެއް އިރެއްގައި އިހާނެތިކޮށް ހިތެވުނު ނަމަ ވެސް މިހާރު ވަރަށް ދީންވެރި މުޖުތަމައެއް އޮންނަ ރަށެކެވެ. ހަމަ ހިމޭންކަމާއި އަމާންކަމުގައި އުމްރާވެރިން ޒިޔާރަތްކުރި އެއް ތަނަކީ ކޭބަލް ކާރުގެ ތަޖުރިބާކޮށްލަން ތަރައްގީ ކޮށްފައިވާ ޓޫރިޒަމްގެ މަންޒިލެކެވެ.

މަޝްހޫރު ފިނިފެންމާ އަތަރު ފެކްޓްރީއަށް ޒިޔާރަތްކޮށް، އެތަނާ ބެހޭ މައުލޫމާތު ހޯދައި، އެތަނުގެ އުފެއްދުންތައް ވެސް ގިނަ ބަޔަކު ގަތެވެ.

އެތައް ގޮތަކުން ހާއްސަ ބޭކަލެއް ކަމަށްވާ ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ ޢަންހުމާ އެކަލޭގެ ފާނުގެ ހަޔާތްޕުޅުގެ ފަހު ދުވަސްތައް ހޭދަކުރެއްވި ސަރަަހައްދުގައި މީގެ 500 އަހަރު ކުރިން ބިނާކޮށްފައިވާ މިސްކިތަށް ވެސް މި ދަތުރުގައި ޒިޔާރަތް ކުރި އެވެ.

ތާއިފްގެ އުސް ފަރުބަދަތަކުގެ މަތިން ގެންނަ އަގުބޮޑު މާމުޔާއި އެހެން އެތައް ތަނަކުން ގެނެސްފައި ހުންނަ މާމުއިގެ ބޮޑު ބާޒާރަކީ ތާއިފްގެ ފަހު މަންޒިލެވެ.

މި ހުރިހާ ދަތުރެއް ކޮށް ނިމުމު އިރު ދަތުރުވެރިޔާގެ އުމްރާވެރިންނަށް އެ ގްރޫޕުން ދެމުން އަންނަ ހިދުމަތުގެ ފުރިހަމަ ކަން އެންމެ ބޮޑަށް ވަޒަން ކުރެވުނު އެއް ސަބަބަކީ އުމްރާވެރިންގެ ޝަކުވާތައް މަދުވުމެވެ. 

ކެއިންބުއިމުގެ ހިދުމަތާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ. ދަތުރުތަކުގެ އިންތިޒާމް އެހާ ރަނގަޅެވެ. މައުލޫމާތު ދީ، ހޭލުންތެރިކުރުން އެއް ވަނަ އެވެ.