ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ތިބީ، އެ މީހުން ހާސިލްކޮށްފައިވާ ތައުލީމީ ފެންވަރާ ނުބައްދަލު ވަޒީފާތަކުގަ އެވެ.
ވަޒީފާގެ ބާޒާރެއް ފުރިހަމައަށް ހިނގަނީ، މަސައްކަތްތެރިންގެ ކިބައިގައި ހުރި ތައުލީމާއި ހުނަރު، އެ މީހުން އަދާކުރާ ވަޒީފާއިން ބޭނުންވާ ފެންވަރާ ދިމާވެގެންނެވެ. މި ދެ ކަންތައް ދިމާނުވާ ނަމަ ދެ ފަރާތަށް ވެސް ގެއްލުންވެ އެވެ. ބޭނުންވާ ފެންވަރަށް ވުރެ ދަށް މީހަކަށް ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރެވިދާނެ އެވެ. ބޭނުންވާ ފެންވަރަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ މީހެއްގެ ގާބިލްކަން ބޭކާރުވެގެންދެ އެވެ. ދެ ހާލަތުގައި ވެސް ގައުމުގެ އުފެއްދުންތެރިކަން ދަށްވެ އެވެ.
ބޯހިމެނުން 2022 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން 51 ޕަސެންޓް މީހުން ނުވަތަ 85,025 މީހުން ތިބީ މިފަދަ ހާލަތެއްގަ އެވެ.
ދިރާސާ ކުރުމަށް ބޭނުންކޮށްފައި ވަނީ ކޮން މެތަޑެއް؟
ބޯހިމެނުން 2022 ގައި މަސައްކަތްތެރިންގެ ހުނަރާއި ވަޒީފާގެ ނުބައްދަލުކަން ވަޒަން ކޮށްފައިވަނީ ބައިނަލްއަގުވާމީ ދެ މިންގަނޑެއް އަޅާކިޔައިގެންނެވެ. ވަޒީފާތައް ގިންތިކުރުމަށްޓަކައި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ "އިންޓަނޭޝަނަލް ސްޓޭންޑަޑް ކްލެސިފިކޭޝަން އޮފް އޮކިއުޕޭޝަންސް" (އިސްކޯ) ބޭނުންކޮށްފައިވާއިރު، ތައުލީމީ ފެންވަރު ގިންތިކުރުމަށް ބޭނުންކޮށްފައިވަނީ ޔުނެސްކޯގެ "އިންޓަނޭޝަނަލް ސްޓޭންޑަޑް ކްލެސިފިކޭޝަން އޮފް އެޑިޔުކޭޝަން" (އިސްކެޑް) އެވެ.
އިސްކޯ މިންގަނޑުގައި، ކޮންމެ ވަޒީފާއަކަށް ވެސް ބޭނުންވާ "ހުނަރުގެ ދަރަޖަ" (1 ން 4 އަށް) ކަނޑައަޅާފައިވެ އެވެ. މި ދިރާސާގައި ވަކިވަކި ފަރުދުން ހާސިލުކޮށްފައިވާ އެންމެ މަތީ ތަލީމީ ފެންވަރާއި އެ ފަރާތްތަކުން އަދާކުރާ ވަޒީފާއަށް އެދެވޭ މިންވަރު އަޅާކިޔުމަށް ފަހު، މައިގަނޑު ތިން ގިންތިއަކަށް ބަހާލެވިފައިވެ އެވެ. އެއީ:
• ޝަރުތު ހަމަނުވާ (އަންޑަ-ކޮލިފައިޑް): އަދާކުރާ ވަޒީފާއަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ ތައުލީމީ ފެންވަރު ދަށްވުން.
• މިންގަނޑާ އެއްވަރު (މެޗްޑް): ވަޒީފާއަށް ބޭނުންވާ ތައުލީމީ ފެންވަރާއި ހާސިލްކޮށްފައިވާ ފެންވަރު އެއްވަރުވުން.
• މިންގަނޑަށް ވުރެ މަތި (އޯވަ-ކޮލިފައިޑް): އަދާކުރާ ވަޒީފާއަށް ބޭނުންވާ މިންވަރަށް ވުރެ ތައުލީމީ ފެންވަރު މަތިވުން.
މި ތަހުލީލު އެކުލަވާލާފައިވަނީ މި ދެ މިންގަނޑަށް ފެތޭ ގޮތަށް މައުލޫމާތު ލިބިފައިވާ 167،202 ދިވެހި މަސައްކަތްތެރިންގެ މައްޗަށް ބިނާކޮށެވެ.
މައިގަނޑު ނަތީޖާ
- 82,177 މީހުން (49 ޕަސެންޓް) – ތައުލީމީ ފެންވަރާއި ވަޒީފާ ދިމާވޭ.
- 56,673 މީހުން (34 ޕަސެންޓް) – ވަޒީފާއަށް ބޭނުންވާ ފެންވަރަށް ވުރެ ދަށް.
- 28,352 މީހުން (17 ޕަސެންޓް) – ވަޒީފާއަށް ބޭނުންވާ ފެންވަރަށް ވުރެ މަތި.
ތައުލީމީ ފެންވަރާ ދިމާވާ ވަޒީފާތަކުގައި ތިބީ ދެބައިކުޅަ އެއްބަޔެއްހާ މީހުންނެވެ. ބާކީ 85,025 މީހުން ނުވަތަ 51 ޕަސެންޓް މީހުން ތިބީ އެ ބަޔަކަށް ލިބިފައިވާ ތައުލީމީ ފެންވަރާ ނުބައްދަލު ވަޒީފާތަކުގަ އެވެ. ދެ ބާވަތުގެ ނުބައްދަލުކަން ދިމާވަނީ ވަރަށް ތަފާތު ދެ ސަބަބަކުންނެވެ. ފެންވަރު ދަށްވުމަކީ ތައުލީމު ހާސިލުކުރުމަށް ހުރި ހުރަސްތަކާއި ހުރެ ކަމަށް ވުން ވެސް އެކަށީގެންވެ އެވެ.
ފެންވަރު މަތިވުމަކީ ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތައް ހާމަކޮށްދޭ ކަމެކެވެ. އެހެންކަމުން، މި ދެކަން ހައްލުކުރަން ބޭނުންވަނީ ދެ ސިޔާސަތެކެވެ.
ވަޒީފާގެ ބާވަތުން ފެންނަ މަންޒަރު
އެންމެ ބޮޑު ނުބައްދަލުކަމެއް ފެންނަނީ ޓެކްނީޝަނުންނާއި އެސޯސިއޭޓް ޕްރޮފެޝަނަލުންގެ ގިންތިންނެވެ. މި ގިންތީގައި، ބޭނުންވާ ފެންވަރަށް ވުރެ ދަށް 19,957 މީހުން ތިއްބެވެ. މިއީ އެ ގިންތީގެ 56 ޕަސެންޓެވެ. ދެން އެންމެ ގިނައީ ޕްރޮފެޝަނަލުން (9,860) އަދި މެނޭޖަރުން (9,759) އެވެ. މިއީ އާންމުކޮށް ވަކި ހާއްސަ ސަނަދެއް ބޭނުންވާ ވަޒީފާތަކެވެ. ނަމަވެސް، މި ވަޒީފާތަކުގައި ތިބި ބައެއް މީހުންގެ އެންމެ މަތީ ތައުލީމީ ފެންވަރަކީ ޕްރައިމަރީ ސްކޫލެވެ.
އަނެއްކޮޅުން، އަސާސީ ވަޒީފާތަކުގައި (އެލެމެންޓަރީ އޮކިއުޕޭޝަންސް) 12,163 މީހުން ނުވަތަ އެ ގިންތީގެ 64 ޕަސެންޓް މީހުންނަކީ ބޭނުންވާ ފެންވަރަށް ވުރެ މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހުންނެވެ. ސާނަވީ ނުވަތަ އެ އަށް ވުރެ މަތީ ސަނަދެއް އޮވެގެން މިފަދަ ވަޒީފާއެއްގައި ހުރުމަކީ، ސަނަދު ހޯދަން ކުރި ހަރަދާއި ވަގުތުގެ ނަފާ ނުލިބުމެވެ.
އެންމެ ރަނގަޅަށް ދިމާވަނީ ކްލެރިކަލް ސަޕޯޓް މަސައްކަތްތެރިންނާއި (73 ޕަސެންޓް) ހިދުމަތާއި ވިޔަފާރީގެ މަސައްކަތްތެރިންނެވެ. (69 ޕަސެންޓް، 18,036 މީހުން).
ތައުލީމީ ފެންވަރު
މިއީ ތައުލީމީ ފެންވަރު ދަށްވުމާ ގުޅިފައިވާ މައްސަލައެއް ނޫނެވެ؛ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަޒީފާ އަދާކުރާ ދިވެހިންގެ 35.6 ޕަސެންޓަކީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ. މީގެ އިތުރުން، 18.3 ޕަސެންޓް މީހުން ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާއިރު، 14.9 ޕަސެންޓް މީހުން ވަނީ ޑިގްރީ އަދި އެ އަށް ވުރެ މަތީ ފެންވަރުގެ ސަނަދުތައް ހާސިލްކޮށްފަ އެވެ. ރަސްމީ ތައުލީމެއް އެއްގޮތަކަށް ވެސް ލިބިފައި ނުވާ މީހުންގެ ނިސްބަތަކީ އެންމެ 2.1 ޕަސެންޓެވެ.
މި ހިސާބުތަކުން ހާމަވަނީ މިދިޔަ އަހަރުތަކުގައި ތައުލީމީ ދާއިރާއަށް ކުރި އިންވެސްޓްމަންޓްތަކުގެ ހެޔޮ ނަތީޖާ އެވެ. އެހެންކަމުން، މައިގަނޑު ގޮންޖެހުމަކީ ތައުލީމީ ސަނަދު ނެތުމެއް ނޫނެވެ. ނަމަވެސް، ހާސިލް ކޮށްފައިވާ ސަނަދުތަކާއި ތައުލީމީ ފެންވަރާ އެކަށޭނަ ވަޒީފާގެ ފުރުސަތުތައް ބާޒާރުގައި ނެތުމެވެ.
މި މައްސަލައިގެ އަނެއް ކަންބޮޑުވުމަކީ ޒުވާނުންގެ ހާލަތެވެ. އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންގެ ތެރެއިން 19.5 ޕަސެންޓް (10،416 މީހުން) އަކީ ވަޒީފާއެއް އަދާނުކުރާ އަދި އެއްވެސް ތައުލީމެއް ނުވަތަ ފަންނީ ތަމްރީނެއް ވެސް ފުރިހަމަކުރަމުން ނުދާ މީހުންނެވެ. އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންގެ އާބާދީއަށް ބަލާއިރު، މި ނިސްބަތް 23.0 ޕަސެންޓަށް އަރަ އެވެ.
ބިދޭސީ މަސައްކަތްތެރިންނާ ހުރި ގުޅުން
ރާއްޖޭގެ 2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުގައި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ 300,422 މީހުންގެ ތެރެއިން 43 ޕަސެންޓަކީ ބިދޭސީންނެވެ. އެއީ ޖުމްލަ 129,292 މަސައްކަތްތެރިންނެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 38.6 ޕަސެންޓް (49,869 މީހުން) އަކީ އެއްވެސް ވަރަކަށް ރަސްމީ ތަޢުލީމެއް ހާސިލް ކޮށްފައި ނުވާ މީހުންނެވެ.
މި ހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އޮތް ބޮޑު ދެ ގޮންޖެހުމެކެވެ. އެއްކޮޅުން، ފަންނީ އަދި ހާއްސަ ހުނަރު ބޭނުންވާ ދާއިރާތަކަށް އެކަށޭނަ ދިވެހިން ނުލިބުމުގެ ސަބަބުން ބޭރުގެ މަސައްކަތްތެރިންނަށް ބޮޑުތަނުން ބަރޯސާވާން ޖެހުމެވެ. އަނެއްކޮޅުން، މަތީ ތައުލީމާއި ސަނަދު ހާސިލް ކޮށްގެން ތިބި ދިވެހި ޒުވާނުންނަށް އެ ފަރާތްތަކުގެ ފެންވަރާ އެކަށޭނަ ފުރުސަތުތައް ނުލިބި، ދަށް ފަންތީގެ ވަޒީފާތައް އަދާކުރަން މަޖުބޫރުވުމެވެ.
ސިޔާސަތު ބައްޓަން ކުރަންވީ ކިހިނެއް؟
- ފަންނީ އަދި އަތްމަތީ ތައުލީމާއި ތަމްރީނު (ޓިވެޓް) ފުޅާކުރުން: ހާއްސަކޮށް، އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ޓެކްނީޝަން ފެންވަރުގެ ވަޒީފާތަކަށް އަމާޒުކޮށްގެން ފުރުސަތުތައް އިތުރުކުރުން. މިއީ މިހާރު އެންމެ ބޮޑު ދަތިކަމެއް ފާހަގަކުރެވޭ ދާއިރާ އެވެ.
- ވަޒީފާގެ މާހައުލުގައި ތިބެގެން ސަނަދު ހާސިލްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން: މިހާރު ވަޒީފާތަކުގައި އެކަށީގެންވާ ސަނަދެއް ނެތި މަސައްކަތް ކުރަމުންދާ 56,673 މުވައްޒަފުންނަށް ހާއްސަކޮށް، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ސަނަދު ހޯދޭނެ މަގު ފަހިކޮށްދިނުން މުހިންމެވެ.
- ތައުލީމީ ފެންވަރާ އެކަށޭނަ ވަޒީފާތައް އުފެއްދުން: ހާއްސަކޮށް، އަތޮޅުތަކުގައި މަތީ ފެންވަރުގެ ވަޒީފާގެ ފުރުސަތުތައް ފަހިކުރުން. އެއީ، އެކަށީގެންވާ ސަނަދު އޮވެ، ދަށް ފެންވަރުގެ ވަޒީފާ އަދާކުރަންޖެހިފައިވާ 28,352 މީހުންގެ މައްސަލައަކީ ތަމްރީނު ނެތުން ނޫން ކަމަށް ވާތީ އެވެ؛ އެކަށޭނަ ފުރުޞަތު ނެތީ އެވެ.
- ބޯހިމެނުން 2022 ގެ ނަތީޖާއިން ހާމަވާ އެންމެ މުހިންމު ހަގީގަތަކީ، ދިވެހި ވަޒީފާގެ ބާޒާރުގައި މަސައްކަތްކުރާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ އެ މީހުންގެ ތައުލީމީ ފެންވަރާއި ގާބިލުކަމާ ނުބައްދަލު ވަޒީފާތަކުގައި ތިބި މީހުން ކަމެވެ. މިއީ ވަކިވަކި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރަށާއި މުޅި ގައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިކަމުގެ ހައްލަކީ ހަމައެކަނި އިތުރު ސްކޫލްތައް ބިނާކުރުން ނުވަތަ އިތުރު ސަނަދުތަކެއް ދޫކުރުމެއް ނޫނެވެ. މީގެ ހަގީގީ ހައްލަކީ، ތައުލީމީ ނިޒާމުގެ ތެރެއިން އުފައްދާ ހުނަރުތަކާއި ވަޒީފާގެ ބާޒާރުގައި ހުރި އަމަލީ ބޭނުންތައް ފުރިހަމައަށް ގުޅުވައިދޭނެ ހަރުދަނާ ގައުމީ ސިޔާސަތެއް އެކަށައެޅުމެވެ.
އެޑިޓަރުގެ ނޯޓް: މިއީ ކުރީގެ ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޝާއިއުކޮށްފައިވާ ބޯހިމެނުން 2022 ގެ ދިރާސީ ރިޕޯޓް "މެޕިން ދަ އެމްޕްލޯއިމަންޓް ލޭންޑް ސްކޭޕް: އަ ކޮމްޕްރެހެންސިވް އެނަލިސިސް އޮފް ދަ ސިޓުއޭޝަން އިން ދަ މޯލްޑިވްސް" ގައި ހިމެނޭ "ސްކިލްސް މިސްމެޗް" ދިރާސާ އަށް ބިނާކޮށްފައިވާ ލިޔުމެކެވެ.