މަތީގައިވާ ފޮޓޯއިން ފެންނަން އެހެރީ ކުލަ އަޅައިގެން ގިރާފައިވާ ޖޫސްތައްޓެއް ނޫނެވެ. އެއީ މަލެއްގެ ރީތި ކުލަ ނެރެގެން އާދަމް ވަހީދު (އެޑަމް) ގިރާފައި ހުރި މީރު ސައިތައްޓެކެވެ. ތަފާތު މާމަލުން، އެ ފަދަ ސައި ހެދުމަކީ އެޑަމް މިހާރު އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. ކުލައާ އެއްވަރަށް އޭގެ ރަހަ ވެސް ނުލާހިކު މީރެވެ.
ދެން އޮތީ ހދ. ވައިކަރަދުއަށް އުފަން މި ޒުވާނާ އަށް މި އާދަޔާހިލާފު ސައިގެ ހިޔާލު އައި ގޮތެވެ.
ތިން ދަރިންނާ އެކު ހުޅުމާލޭގައި ދިރިއުޅެމުން އަންނަ އެޑަމް ބުނިގޮތުގައި އޭނާއަކީ ދަރިން ގޮވައިގެން އާއްމުކޮށް އެ ރަށުގެ ޕާކަށް ދާ މީހެކެވެ. ޕާކުން އެކި ކަހަލަ މާ ބިނދެގެން އައިސް ދަރިންނާ އެކު "އެކްސްޕެރިމެންޓް"ތައް ހަދަ އެވެ. އެކަމަކު އެ މަލުން ސައި ހެދުމުގެ ހިޔާލު އައީ ދަރިއަކު ކުރި ސުވާލަކުންނެވެ.
"ކިޑް އަހަނީ ކިހިނެއްހޭ ހަނީ (މާމުއި) ހަދަނީ. ޔޫޓިއުބުން ދައްކައިގެން ވެސް ކިޔައިދިނީމަ ނޭނގުނު. ދެން ޕާކަށް ގޮސް، ކުޅަނދުރު މަލަށް ޖައްސަނީ ކީއްވެގެންކަން ބުނެދޭން މަލެއްގެ ފޮނިރަހަ ދެއްކީ،" އުމުރުން 29 އަހަރުގެ އެޑަމް ބުންޏެވެ.
އެ ދުވަހު އެޑަމްމެން ރަހަބެލީ ބަތްޕޮޅިމަލަކުންނެވެ. ރާއްޖޭގައި އާއްމުކޮށް ހެދޭ، ވައިލެޓް ކުލަ ނުވަތަ ދަނބުކުލަ އާއި ނޫކުލައިގެ މި މަލުގައި ލާނީ މަޑު ފޮނި ރަހަ އެކެވެ.
މަލުގައި މީރު ރަހައެއް ލީ ނަމަވެސް އެންމެ ފުރަތަމަ ދުވަހު އެޑަމްމެން އަޅައިގަތީ އޭގެ ރީތި ކުލައަށެވެ. މާތައް ގެއަށް ގެނެސް، ފެނަށް އަޅައިގެން އޭގެ ކުލަ ނެރެ، އަދި އެ މާތަކުން ޕެއިންޓްކޮށް ތަފާތު ކަންކަން އެ ދުވަހު އެ މީހުން ކުރި އެވެ. އަދި ނޫކުލައިގެ އެ ޖޫހަށް ލުނބޯ ހުތް އެޅުމުން އޭގެ ކުލަ ބަދަލުވާކަން ވެސް އެޑަމް އާއި ދަރިން ގޭގައި ހެދި އެ އެކްސްޕެރިމެންޓުން އެނގުނެވެ.
މި މަލަކީ ސައި ހެދޭ އެއްޗެއްކަން އެ މީހުންނަށް އެނގުނީ މަލާ ބެހޭ މައުލޫމާތު ހޯދުމަށް ގޫގުލް ކުރުމުންނެވެ. ދެން ބޭނުންވީ އެއިން ސައި ހަދާށެވެ.
އެކަން ވެސް ވީ ތަފާތު، މަޖާ ތަޖުރިބާ އަކަށެވެ.
އެޑަމް ބުނިގޮތުގައި އަނބިމީހާ އާ ދެ މީހުން ވެގެން އެންމެ ފުރަތަމަ، ހުރިހާ މާތަކެއް އެއްކޮށް ފެނުގައި ކައްކައި، އެ ފެން ފިނިކޮށް، މާމުއި އަޅައިގެން ބުއީ އެވެ. އެކަމަކު އޭގެ ސަބަބުން ދެ މީހުންގެ ވެސް ބޮލުގައި ރިއްސައި، މޭ ނުބައިކުރާ ގޮތްވި އެވެ.
"އަސްލު މި މާތައް ކައްކަން ޖެހެނީ މަލުގެ ކަރުގަނޑު ވަކިކޮށްގެން. ނޫނީ މާތައް އިރުގެ އަވިން ހިއްކައިގެން، ފެނަށް އަޅައިގެން ވެސް ސައި ހެދިދާނެ،" އެޑަމް ބުންޏެވެ.
ތައްޓެއްގެ ތެރެއަށް މި ފެން އަޅައި، އޭގެ ތެރެއަށް ލުނބޮ އާއި މާމުއި އަދި އައިސް އެޅުމުން، ސައި ތަށި ހުންނަނީ ވަރަށް ރީތި ގޮތަކަށް، ރީތި ކުލައެއްގަ އެވެ. އެޑަމް ބުނާގޮތުން މީގެ ރަހަ ވެސް އެހާމެ މީރެވެ.
ބަތްޕޮޅި މަލުގެ އިތުރުން ސައިމަލުން ވެސް މި ސައި އޭނާ ތައްޔާރުކުރެ އެވެ.
ސައިމަލަކީ ވަރަށް ކުރީއްސުރެ ރާއްޖޭގައި މީހުން ސައި ހެދުމަށް ބޭނުން ވެސް ކުރި މަލެކެވެ. އެކަމަކު އޭގެ ބޭނުން ފަހަކަށް އައިސް މީހުންނެއް ނުހިފަ އެވެ.
އެޑަމް ތައްޔާރު ކުރާ ސައިމަލުގެ މި ސައި، ބަލާލަން ރީތިވެފައި ރަހަ ވެސް މީރެވެ.
ރާއްޖޭން ލިބެން ހުންނަ މާމަލުގެ އިތުރުން، ރާއްޖޭން ބޭރުން ހިއްކާފައި ހުންނަ މާ ގެނެސްގެން އޭނާ ސައި ހަދަ އެވެ. އޭގެތެރޭގައި މިރިހި މަލުގެ ވައްތަރެއް ކަމަށްވާ ކެމޮމައިލް ފަދަ މާތައް ހިމެނެ އެވެ.
ފަތާއި އެކި ކަހަލަ ތަރުކާރީތަކުގެ ވެސް ހާއްސަ ބުއިންތައް
މަލުން ސައި ހެދުމުގެ ކުރިން، އެޑަމްގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ހުރީ ކޮފީގެ އެކި ބުއިންތަކަށެވެ.
މާލޭގެ މަޝްހޫރު ކެފޭއަކުން، ރަހަމީރު އެކަމަކު އަގުބޮޑު ކޮފީއެއް ބުއިމަށް ފަހު ގޭގައި އެ ހަދާނެ ގޮތް އެތަނުން އޭނާ ހޯދި އެވެ. އެތަނުން ދިން "ހޯމް ބްރޫއިން ކިޓް" އެހީގައި މާލޭން ލިބެން ހުރި އެކި ކަހަލަ ކޮފީ ގްރެއިންސް ބޭނުންކޮށްގެން ހަމަ އެކަހަލަ މީރު ކޮފީ އޮފީހުގައި އިނދެގެން ހަދަން ފެށި އެވެ.
ކެފޭއިން 97 ރުފިޔާ އަށް ލިބެން ހުރި އެ ކޮފީ އޭނާ އަމިއްލަ އަށް ހެދީ އެންމެ ދިހަ ރުފިޔާ ހަރަދުކޮށްގެންނެވެ.
މިހާރު ޕޯޓްސް ލިމިޓެޑްގައި، ސޮފްޓްވެއާ ޑިވެލޮޕާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެޑަމް ބުނިގޮތުގައި މާމަލުގެ އިތުރުން، އެކި ކަހަލަ ފަތާއި ތަރުކާރީގެ ބާވަތްތައް ބޭނުންކޮށްގެން ވެސް އެކި ކަހަލަ ބުއިންތައް ހަދަ އެވެ.
އެކި ކަހަލަ ސްމޫތީތައް އޭނާ ތަޖުރިބާ ކުރަނީ، އެ އެއްޗަކާ ގުޅޭ މައުލޫމާތު ހޯދައިގެން އެއިން ހަށިގަނޑަށް އެއްވެސް ގެއްލުމެއް ވޭތޯ ބަލައިގެންނެވެ. އެކަމަކު މި ފަދަ ތަޖުރިބާތައް ކުރާއިރު ބައެއް ފަހަރު ގިނައިން ފާހާނާއަށް ދާން ޖެހުމާއި ހޮޑުލެވުން ފަދަ ކަންތައްތައް ވެސް ދިމާވާ ކަމަށް އޭނާ ބުންޏެވެ.
"މި އެއްޗެހި ބޭނުންކޮށްގެން ހަށިގަނޑަށް ގެއްލުމެއް ނުވާނެ. އެވަކާޑޯ އާއި އެކި ކަހަލަ ފަތާއި ބްރޮކަލީ އައި ޔޯގަޓް ކަހަލަ އެއްޗެހި ބޭނުން މި ކުރަނީ،" އެޑަމް ބުންޏެވެ.
"ޖަނބުރޯލު ފަތުގައި ވެސް ބައެއް ފަހަރު ސްމޫތީ ހަދަން."
ކުރިން ހޮޓެލް ސްކޫލްސް ވެސް ކިޔެވި އެ ޒުވާނާ އެގޮތަށް މިހާރު 15 ވަރަކަށް ސްމޫތީ އަމިއްލައަށް ހަދައިފި އެވެ.
އެޑަމްގެ ޝައުގުވެރިކަން އަދިވެސް އެންމެ ބޮޑަށް ހުރީ އެކި ކަހަލަ މަލުން ހަދާ ސަޔަށެވެ. މިހާރު ވެސް އޭނާ އަންނަނީ އާއްމުކޮށް ރާއްޖޭގައި ހުންނަ މާމެލާމެލި ހޯދައި، އޭގެ މައުލޫމާތު އެއްކުރަމުންނެވެ. އަދި އާދަޔާހިލާފު ސައި އެއިން ތައްޔާރުކޮށް އަމިއްލަ އެކްސްޕެރިމެންޓްތައް ހަދަމުންނެވެ.