ރާއްޖޭގައި އުފައްދާފައިވާ މާމުއި: ދިވެހި އާއިލާއަކުން މި މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ
31 އޯގަސްޓް 2017 - 06:54
މީގެ 17 އަހަރު ކުރިން މި މަސައްކަތް ވީ ފްލޮޕެވެ. އެކަމަކު ހިތްވަރު ދޫނުކޮށް މާލޭގެ މި އާއިލާގެ ތިން ބެއިން އަނެއްކާ ވެސް މި މަސައްކަތުގައި އަތުކުރި އޮޅާލި އެވެ. ހަތަރު ވަރަކަށް ފަހަރު ޓްރައިކުރުމަށް ފަހު މަންޒަރު މިހާރު މިއޮތީ ވަރަށް ފޮނިކޮށް ފެންނާށެވެ! އެ ގޭގައި މިހާރު ފުޅިފުޅީގައި ބަންދުކޮށްފައި އެހުރީ އެންމެ ތާޒާ މާމުޔެވެ. އެހެން ހުރިހާ މާމުޔަށް ވުރެ މި މާމުއިގެ ރަހަ މާ މީރެވެ. ސަބަބަކީ މިއީ އެހެން އެއްވެސް އެއްޗެއް ގަޑުބަޑު ނުކޮށް އުފައްދާފައިވާ މާމުޔަށް ވާތީ އެވެ.
މި ވާހަކައިގެ ފެށުމާއި ނިމުން ވެސް މާމުއިހާ ފޮންޏެވެ؛
ހަތާތައް ބަހައްޓަން ހަދާފައިވާ ފޮއްޓެއް
މާމުއި އުފެއްދުމަކީ މި އާއިލާގެ ތިން ބެއިން ގުޅިގެން ކުރަމުން އަންނަ ކަމެކެވެ. އެހާ ފުޅާކޮށް ނޫނަސް އެންމެ ފަހުން ކުރި މަސައްކަތުން ތަފާތު ސައިޒްތަކުގެ އަށެއްކަ ފުޅީގެ މާމުއި އެބަހުއްޓެވެ. މީގެ 17 ވަރަކަށް އަހަރު ކުރިން، ތަފާތު ކަމެއް ކުރުމުގެ ނިޔަތުގައި ފުރަތަމަ ގެނައި ހަތާ ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވެގެން ދިޔައީ އެވެ. ދެ ވަނައަށް ގެނައި ހަތާ ވެސް ހަލާކުވީ އެވެ. އެކަމަކު ދޭތެރެ ދޭތެރެއިން އެކަން ކުރަމުން ދިޔަ އެވެ. އެހެންކަމުން މިއީ މިގޮތަށް ރާއްޖޭގައި މާމުއި އުފަައްދާ ފުރަތަމަ ފަހަރު ކަމަށް ވުން ގާތެވެ.
މާމުޔަކީ އޭގެ ޒާތުގައި ކުޅަނދުރު އުފައްދާ އެއްޗެކެވެ. މާމަލުން ފޮނި ބުއިމަށް ފަހު މާމުއި ކުޅަނދުރުތައް ގޮސް ހަތާގައި އިށީނދެ އެވެ. އެއީ، އޭގެ ގެދޮރު ކަމަށް ބަލަ އެވެ. އަދި ހަތާގަނޑު މާމުއިން ފުރާލަ އެވެ.
މި މަސައްކަތް ކުރަމުން އަންނަ އާއިލާގެ ފަރާތުން ވާހަކަދައްކަމުން މުހައްމަދު އިލްހާމް ބުނީ އެކި ތަންތަނުން މަލުގެ ފޮނި ބުއިމަށް ފަހު ކުޅަނދުރުތައް އައިސް ޖެއްސުމަށް ޓަކައި އެ މީހުންގެ ގޭގައި ހާއްސަ ހަތާތަކެއް ބަހައްޓާފައި ހުންނަ ކަމަށެވެ. އަދި އެ ހަތާތަކުގައި މާމުއި ޖައްސާ ކަމަށް އޭނާ ބުންޏެވެ. އެ ހަތާތައް ބަހައްޓާފައި ހުންނަނީ، އެހެން ސޫފާސޫފިން ރައްކާތެރިވެވޭ ގޮތަށް ފޮއްޓެއްގެ ތެރޭގަ އެވެ.
މާމުއި ހަތައެއް
"މި ވަރަށް މާމުއި މި ލިބުނީ ދެ އަހަރެއްހާ ދުވަހުގެ މަސައްކަތުން،" އޭނާ ބުންޏެވެ. "ހަތާތައް މި ހުންނަނީ ފްރޭމެއްގެ ތެރެއަށް ފައްތާފައި. އެގޮތުން މިފަހަރު އޭގެ އަށް ފްރޭމް ހަދާފައި ފޮއްޓެއްގެ ތެރޭގައި މި ބަހައްޓަނީ. ދެން ކުޅަދުރު ފޮނި ބޮއެގެން އައިސް އެ ހަތާތަކުގައި ޖައްސާނެ. މިފަހަރު ގާތްގަނޑަަކަށް ދެ އަހަރު ކަމަށް މި އަންދާޒާކުރަނީ މިހާ ވަރަށް މާމުއި ލިބެން."
އޭނާ ބުނިގޮތުގައި އެ ހަތާތައް ކުރިން ވެސް ރަނގަޅަށް ބެލެހެއްޓުނު ނަމަ މިއަށްވުރެ އަވަހަށް މާމުއި ލިބުނީހެވެ. މިފަހަރު ނެގި މާމުއިން އާއިލާގެ މީހުންނަށް ބަހާފައިވާއިރު އޭގެ ރަހަ ވެސް ވަރަށް ތަފާތު ކަމަށް އޭނާ ބުންޏެވެ.
"އާއްމުކޮށް ފިހާރަތަކުން ވިއްކަން ހުންނަ އެއްޗިއްސާއި މި މާމުޔާ ވަރަށް ތަފާތު. ވިއްކަން މި ހުންނަނީ ގަޑުބަޑުވެފައި ހުންނަ އެއްޗެހި. އެކަމަކު މި އެއްޗެހި މި އުފައްދަނީ އެންމެ ފްރެޝްކޮށް، އިތުރު ބަދަލެއް ނުގެނެސް. އެ ރަހަ ބެލި މީހުން ވެސް ބުނި ވަރަށް މީރޭ،" އިލްހާމް ބުންޏެވެ.
އިލްހާމް ބުނީ ކުޅަނދުރުތައް އައިސް ހަތާތަކުގައި ޖެއްސުމުން މާމުއި އުފެދުނަސް ކުރަން ޖެހޭ އެހެން ބައެއް ކަންކަން ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ބޮނޑާއި ހިނީގެ އުނދަގުލުން ހަތާތައް ސަލާމަތް ކުރަން އެތަން ސާފުކޮށް ބެލެހެއްޓުން ހިމެނެ އެވެ.
ހަތާގައި މާމުއި ކުޅަނދުރު
"ކުޅަދުރުތައް އުޅޭއިރު އެތާ ކައިރީގައި މީހަކު ހުންނާކަށް ނުޖެހޭ. ހިންޏާއި ބޮނޑުގެ އުނދަގުލުން ސަލާމަތް ވުމަށް އެ ސަރަަހައްދު ރަނގަޅަށް ބަލަހައްޓައި ސާފުކުރަން ޖެހެނީ. އިތުރު މަސައްކަތެއް ކުރާކަށް ނުޖެހޭ،" އިލްހާމް ބުންޏެވެ.
މާމުޔަކީ ރާއްޖޭގައި ވެސް ވަރަށް ބޮޑު މާކެޓެއް އޮތް އުފެއްދުމެކެވެ. އެހެން ނަމަވެސް، ވަރަށް މަދުން ނޫނީ ހަގީގީ މާމުއި ގަންނާކަށް ނުލިބެ އެވެ. ރާއްޖޭގައި މި އުފައްދާ މާމުއި މާކެޓަށް ނެރެން ބޭނުން ނަމަ އެކަމަށް ވަރަށް ބޮޑު ހަރަދެއް ކުރަން އެބަ ޖެހެ އެވެ. ހަމަ އެހެންމެ، ބޮޑު ސަރަހައްދެއް ވެސް ބޭނުންވެ އެވެ. މާމުއި އުފައްދާ ދިވެހި އާއިލާ އަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. މާލެ ކަހަލަ ޖާގަ ނެތް ރަށެއްގެ ގޯތި ތެރޭގައި މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
އެކަމަކު އެއް ކަމެއް ޔަގީނެވެ؛ އަހަރެމެންނަށް ވެސް މާމުއި އުފެއްދިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްހާނު
04 September 2017
އިލްޔާސް އިބްރާހިމް އަރިޔަދޫގައި މީގެ 25އަހަރު ކުރިންވެސް ކުރި ކަމެއްތީ މާމިގިލީގަވެސް ކުރިކަމެއްތީ
ޙުސެން
02 September 2017
ޢެންމެފުރަތަމަ މާމުއި ހެދީ އެގުރިކަލްޗަރާ ގުލިގެން އަލުގަނޑު އެއީ 1988 ގައި މަޢުލޫމާތަ ޓަކައި ބުނެލިން
ޒެޑްސް 1
01 September 2017
ތިޔައީ ރާއްޖޭގައި މުންޑު ވިޔެގެން ވިއްކުން ކަހަލަ ކަމެއް
ޢަހޫ
01 September 2017
މިގައުމުގައި މިހާރު ކުދިވިޔަފާރިތަކެއް ނުކުރެވޭނެ. މީރާ މީހުން އައިސް އެއެއްޗެކޭ މީއްޗެކޭ ، ޖޫރިމަނާއޭ ކިޔައިގެން ވިޔަފާރި ބަގުރޫޓް ކޮށްލާނެ. މަހުޝަރުގެ މައިދާނުގައިވެސް ބުނާނެ މިއީ ގާނޫނުގައި އޮތްގޮތޭ
ގޮވެލި
04 September 2017
އަޙޫގެ ކޮމެންޓަށް ވަރަށް ތާއީދު. މި ގައުމުގައި ވިޔަފާރި ކުރެވޭނީ ސަރުކާރާގުޅިގެން އުޅޭ ބޮޑެތި ވިޔަފާރިވެރިންނަށް. އަހަރުމެން ހުޅުވައިގެން އުޅޭ ކުޑަކުޑަ ފިހާރައެއް. ދުވާލެއްގެ މައްޗަށް 1000 ރުފިޔާވެސް ގިނަ ދުވަސްދުވަހު ނުލިބޭ. އެކަމަކު މީރާގެ އުނދަގޫ އެހާބޮޑު.
ހަލި
01 September 2017
މަރުހަބާ
ފޫޅު
31 August 2017
ދިވެެހިންނަށް ވެސް ހުރިހާމަސައްކަތެއް ކުރެވޭނެ. އެކަމަކު ދިވެހިންނަށް ގޮތްނޭންގޭ ވިސްނުމެެއްވިސްނުނީ. އެއީ ހުރިހާއެއްޗެއް ބޭރުންއެތެރެކުރުމުގެ ވިސްނުން. އެގޮތުން ހުރުހާމަސައްކަތަކަށް ބޭރުމީހުންވެސް އެތެރެކުރީ. ނަތީޖާއަކަށްވީ ދިވެހިން މަސައްކަތާ ދުރައްގޮސް މުޅިގައުމު ބޭރުމީހުންގެ އަތްދަށަށްދުޔައީ.
ފަރޯ
31 August 2017
ޑިސްޕްލިން އޭ ކިޔާ އެއްޗެއް ދިވެހިންގެ ތެރޭގަ ހުރީއްޔާ ހުރި މީހަކީ އިބްރާހިމް ނާސިރު. ފިކުރުގެ ގޮތެއް ނޭނގޭ. އެހެން ދިވެހިން ފެންނަނީ ކޮންމެވެސް އެއްކަމަކުން އަނެއް ކަމަކަށް ފުންމަ ފުންމާ އުޅޭތަން. ދިވެހި ހަކުރު ހަދައިގެން ބޮޑު ފާއިދާ އެއް ލިބޭ މީހަކު ބުނީ ރާވެރިޔާއޭ ކިޔާތީ އެމަސައްކަތް ހުއްޓާލައިފިމޭ.
ވަރިހަމަ
31 August 2017
މީގެ 25 އަހަރު ކުރިން އަރިއަތޮޅު ދެކުނުބުރީ އަރިއަދޫގައި ( އިލްޔާސް އިބްރާހީމްގެ ރަށެއްގައި ) ބޭރުން ކުޅަދުރު ގެނެސް ގެން ވަރަށްބައިވަރު މާމުއި އުފެއްދިއެވެ. އަދި މިކުޅަދުރުތަކުގެ ކްއީންސެލް ބޭނުންކޮށްގެން އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށުގައިވެސް މާމުއި ކުޅަދުރު އާލާކޮށް މާމުއި އުފެއްދިއެވެ. ފަހުން އެބަލަހައްޓާނެ މީހަކުނެތުމާއި، މީހުންގެ އަނިޔާ ބޮޑުވެގެން އެކަން ހުއްޓާލުމުން ކުޅަދުރުތައް އެކިދިމަދިމާލަށްގޮސް ހުސްވީއެވެ.
އަހްމަދު
31 August 2017
މިލިޔުން ޞޮއްޙައެއްނޫން. މިހާރު ރާއްޖޭގައި ލިބެން އެބަހުރި ހަމަ އެއްވެސް ގަޑުބަޑެއްނުކުރާ މާމުއިވެސް .ހަމައެފަދައިން ތަފާތު މާމެލާމެއްޔާއި އެހެން ވައްތަރު ތަކުގެ މާމުއިވެސް. ހަމަ އެފަދައިން އާރޓިފިޝަލް މާމުއިވެސް. އެހެންކަމުން ރާއްޖޭން ލުބެނީ ގަޑުބަޑުކޮށްފައިވާ މާމުއިކަމަށް ލިޔުމަކީ ލިޔުން ތެރިޔާގެ އެއްވެސް މައުލޫމާތެއް ނެތްކަމާ ތަންދޮރު ނުދަންނަކަމުގެ ފުރިހަމަދަލީލެއް
ޤިރިޓީ
31 August 2017
ޠިޔައީ ހަމަ ރައީސް ނަސީދުގެ މަސައްކަތް...