ރޯގާ އާއި ކެއްސުމަށް މާމުއި މާ ރަނގަޅު

ކެއްސުމާއި ރޯގާ ފަދަ އާދައިގެ ބަލިތަކަށް ބޭހަށް ވުރެ މާމުއި މާ ރަނގަޅު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


މާމުޔަކީ ޒަމާނުއްސުރެ ވެސް ރޯގާ އާއި ކެއްސުން ފަދަ ކަންކަމަށް ގިނަ ބަޔަކު ބޭނުންކޮށް އުޅޭ އެއްޗެކެވެ. އެގޮތުން މާމުއިގެ ތެރެއަށް ލުނބޯހުތް އަޅައިގެން ބޭނުންކުރުމަކީ ވަރަށް ގިނަ ގައުމުތަކުގައި އާންމުކޮށް ކުރާ ކަމެކެވެ.

މިކަމަށް ބާރުދީ ބީއެމްޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނީ ރޯގާ އާއި ކެއްސުމާ ދެކޮޅަށް މާމުއި ބޭނުންކުރުމުން އެތައް ގޮތަކުން ފައިދާކުރާނެ ކަމަށެވެ. އެގޮތުން ބޭސް ބޭނުންކުރުމުން ދިމާވާ ސައިޑް އިފެކްޓްތަކުން، މާމުއި ބޭނުންކުރާ ނަމަ ސަލާމަތްކޮށް ދިނުމުގެ އިތުރަށް މިއީ އެތައް ގޮތަކުން ސިއްހަތަށް ރައްކާތެރިކަން ހޯދައިދޭނެ އެއްޗެއް ކަމަށް ބުންޏެވެ.

ހަމަމިއާ އެކު މާމުޔަކީ ހޯދަން ފަސޭހަވެފައި ހަރަދު ވެސް ކުޑަ އެއްޗެއްކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އޭގައި ވަނީ ރޯގާ އާއި ކެއްސުން ފަދަ ކަންކަމުގައި ޑޮކްޓަރަށް ދައްކާ މީހުންނަށް ބޭސް ސިޓީ ލިޔެދޭ އިރު، މާމުއި ބޭނުންކުރަން ލަފާދޭން ޑޮކްޓަރުންނަށް ބާރު ވެސް އަޅައިފަ އެވެ.

ދިރާސާގައި ބުނީ ސައިނަސް އާއި ރޯގާ އާއި ކެއްސުން ފަދަ އަޕާ ރެސްޕިރޭޓަރީ ޓްރެކްޓް އިންފެކްޝަންސް (ޔޫއާރްޓީއައި) މައްސަލަތަކަށް މާމުޔަކީ އެއްވަނައިގެ އެއްޗެއް ކަމަށެވެ. އަދި މާމުއި ސިފަކޮށްފައި ވަނީ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދޭ "ޓްރެޑިޝަނަލް ތެރަޕީއެއް" ގެ ގޮތުގަ އެވެ.

"މިއީ އެންޓިބައޮޓިކްތަކަށް ވުރެ ލިބުން ފަސޭހަ އަދި ބޭނުންކުރަން މާ ރަނގަޅު އެއްޗެއް. އަނެއްކޮޅުން މާމުޔަކީ އެންޓިމައިކްރޮބަލް ރެސިސްޓަންސް ފެތުރުން ދަށްކޮށްދޭނެ ކަމެއް." ދިސާރާގައި ބުންޏެވެ.

މާމުޔާ ބެހޭ ގޮތުން މީގެ ކުރިން ވެސް ގިނަ ދިރާސާތަކެއް ހަދާފައިވާ އިރު، ކޮންމެ ދިރާސާއަކުން ވެސް ކަށަވަރުކޮށްދޭ ކަމަކީ އެއީ ފައިދާތައް އެތައް ގިނަ އެއްޗެއް ކަމެވެ.