ނުފޫޒު، ބިރު، ހިމޭންކަން: ދުންފަތުގެ ނުރައްކަލަށް ކަނު ލޮލެއް

ހަތަރު ލައްކަ މީހުން ދިރިއުޅޭ ކުޑަކުޑަ ގައުމަކަށް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ސިޔާސަތެއް ހިންގަން ވަރަށް ފަސޭހަވާނެއޭ ހީވެދާނެ އެވެ. އެކަމަކު ރާއްޖޭގައި އެކަމެއް ނުވެ އެވެ. ދުޅަހެޔޮކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަކުރަމުންދާ ދުންފަތުގެ މައްސަލަ އަށް ހައްލެއް ހޯދަން ރާއްޖެ ވަނީ ނުކުޅެދިފަ އެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟


ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގައި ރާއްޖެ ހިމަނާފައިވާ ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދަށް ބެލިޔަސް، ދުންފަތް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ރާއްޖެ އުޅެނީ އެހެން ގައުމުތަކަށް ވުރެ މާ ފަހަތުގަ އެވެ. އެކަމަކު ދުންފަތް ބޭނުންކުރުމުގައި ރާއްޖެ އުޅެނީ ވަރަށް ކުރީގަ އެވެ. ދުންފަތުގެ ބާވަތްތައް އެތެރެކުރާ މިންވަރާއި ދުންފަތުގެ އިސްތިއުމާލުކުރުން އާއްމުވެފައި އޮތް ދަރަޖަ އާއި ދުންފަތާ ގުޅުން ހުރި ބަލިތަކުގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދުން އެކަން ސާބިތުވެ އެވެ. އެކަމަކު ވެސް، 2010 އިން ފެށިގެން އަމަލުކުރަމުން އަންނަ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާއި ރާއްޖެ ބައިވެރިވެފައިވާ ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާގައިވާ ކަންކަން ތަންފީޒުކުރުމުގައި ބޮޑެތި އިހުމާލުވުންތަކެއް އެބަހުއްޓެވެ.

މީހަކު ސިގިރޭޓެއް ނިއްވާލަނީ--. ފޮޓޯ: ހުސެން ވަހީދު/ މިހާރު

ދުންފަތުގެ ނުރައްކަލުން އާއްމުން ސަލާމަތްކޮށްދިނުން ސަރުކާރުތަކަށް މުހިއްމު ނޫނީ ކީއްވެގެން ހެއްޔެވެ؟ އެއް ޖަވާބަކީ، އެއީ މުހިއްމު ކަމެއްކަން ސަރުކާރަށް އާއްމުން އަންގައިނުދެނީ އެވެ. އެކަމަކު މި ކަމުގައި އެ ނޫން ސަބަބުތަކެއް ވެސް ހުރި ކަމަށް ބަލަން ޖެހެ އެވެ؛ ނުފޫޒެވެ. ސިޔާސީ ބިރުހީވުމެވެ.

"މި ވޭތުވެދިޔަ އަހަރުތަކުގައި ދުންފަތުގެ އަސަރު ކޮށްފައި ތިބި މީހުންނަށް އެ އަސަރު ކުރީ ގާނޫނީ ގޮތުން ލިބެން ޖެހޭ ރައްކާތެރިކަން ނުލިބިގެން. ރަނގަޅަށް ދިރާސާއެއް ކޮށްގެން ބަލައިފިއްޔާ، ކިތައް މީހުންތޯ، ނުސީދާ ދުމުގެ އަސަރުކޮށްގެން ގޮތްގޮތް ވެފައި ހުންނާނީ. ކިތައް ކުދިންތޯ އަލަށް ފަށާފައި ހުންނާނީ؟ މި ގާނޫނު ތަންފީޒު ނުކުރުމުގެ ސަބަބުން މިހާރުގެ ޖީލުގެ ކިތައް ކުދިންގެ ހައްގުތޯ ގެއްލިފައި މި އޮތީ؟"

އެތައް ކަމެއް ނުކުރެވި

ރާއްޖެ އިން 2005 އިން ފެށިގެން އަމަލުކުރަމުން އަންނަ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޑަބްލިޔުއެޗްއޯގެ މުއާހަދާގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ހާސިލްކުރަން ލާޒިމްވާ ވަރަށް ގިނަ ކަންކަން ނުކުރެވި ސުންގަޑި ވަނީ ހަމަވެފަ އެވެ. އަދި ގާނޫނަށް ބަލާ އިރު، އެއް އަހަރު ތެރޭ އެ ގާނޫނު ތަންފީޒުކުރަން ކަނޑައެޅި މުއްދަތު ފާއިތުވިތާ ހަތް އަހަރު ދުވަސްވީ އިރު މިހާތަނަށް އެޅުނު ހަމައެކަނި ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދެއް 2012ގައި ތައާރަފްކުރުމެވެ. އެކަމަކު ދޯހަޅި ކަންތައްތަކެއް ހުރުމާއި ތަންފީޒު ނުކުރެވުމުގެ ސަބަބުން އެ ގަވާއިދުގެ ވެސް މަގްސަދު ހާސިލެއް ނުވެ އެވެ.

"މިދިޔަ ތިން ސަރުކާރަށް ބެލި ކަމުގައި ވިޔަސް މި ގާނޫނު ތަންފީޒުކުރުމުގައި މި އޮތީ އިހުމާލުވެފައި،" ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

"ގާނޫނު 2010ގައި ފާސްކޮށްފައި ތަންފީޒުކުރަން އެއް އަހަރު ދުވަހުގެ މުހުލަތެއް ދީފައި އޮތް އިރު 2012ގައި ގަވާއިދެއް ކިރިޔާ ހެދުނީ. މިހާރު 2018 އަށް ދިޔަ އިރު ގާނޫނުގެ އެންމެ މާއްދާއެއް ތަންފީޒުކުރުން، އެ ވެސް ރަނގަޅަކަށް ނޫން، މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް."

ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ހަ ދާއިރާއަކުން ފިޔަވަޅުތައް އަޅަން ޑަބްލިޔުއެޗްއޯ އިން ދީފައިވާ އިރުޝާދަށް ("އެމްޕަވާ" ގައިޑްލައިން) ބަލާ އިރު ގިނަ ކަންކަން ރާއްޖެ އަށް އަދިވެސް ހާސިލެއް ނުކުރެވެ އެވެ. ހަސަން ވިދާޅުވާގޮތުގައި އޭގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް ރާއްޖޭގައި ވަނީ ރަނގަޅަށް ގާއިމްވެފަ އެވެ. އަދި އެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހެލްޕްލައިނެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެކަމަކު އަނެއް ފަސް ދާއިރާ އަށް ބަލާ އިރު ފެންނަނީ ބައެއް ކަންކަމުގައި އެއްގޮތަކަށް ވެސް ފިޔަވަޅެއް ނޭޅި، އަނެއް ބައި ކަންކަމުގައި އަޅާފައި ހުރި ފިޔަވަޅުތައް ދޯހަޅިކަމެވެ.

1. މޮނިޓަރިން (ދުންފަތުގެ ބާވަތްތައް ބޭނުންކުރެވޭ ގޮތްތައް ބަލައި އެއިން ރައްކާތެރިވުން)

ދުންފަތް އެެތެރެކޮށް ވިއްކާ ފިހާރަތައް ރަޖިސްޓްރީކުރަން ޖެހެ އެވެ. ވަކި ހުއްދައެއްގެ ދަށުން ނޫނީ ރާއްޖެ އަށް ދުންފަތް އެތެރެއެއް ނުކުރެވެ އެވެ. އެކަމަކު މޮނިޓަކުރުމުގެ ގޮތުން، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ދެނެގަތުމަށް ޚާއްސަކޮށްގެން ހަދަން ޖެހޭ ސާވޭތައް ރާއްޖޭގައި ގަވާއިދުން ހަދަމުންނެއް ނުދެ އެވެ. އެންމެ ފަހުން 2011ގައި ހެދި ސާވޭގެ މުއާލާތް ވަނީ ކެނޑިފަ އެވެ.

"މުއާހަދާގައި އޮންނާނެ ގައުމުތަކުގެ ސަރުކާރުތަކުން މި މުއާހަދާގެ ދަށުން ކުރަން ޖެހޭ ކަންތައްތަކަށް ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭނެއޭ. އޭގެ ތެރޭގައި ހިމެނޭނެ ދިރާސާކުރަން ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ވެސް. އެ ދަތިކަމާ ހެދި، ގަވާއިދުން ސާވޭ ނުކުރެވެނީ،" ހަސަން ވިދާޅުވި އެވެ.

2. ދުންފަތުގެ ދުމުން އެންމެން ރައްކާތެރިކުރުން

ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދެއް އެބަ އޮތެވެ. އެކަމަކު ދުމުން ރައްކާތެރިކުރުމުގެ އަމާޒު އެއިން ހާސިލެއް ނުކުރެވެ އެވެ. ތަންފީޒު ނުކުރެވުމާއި ގަވާއިދު ދޯހަޅިވުމުގެ އިތުރުން ގިނަ ކަންތައްތަކެއް އޭގައި ހިމަނާފައިނުވާކަން ފާހަގަކުރެވެ އެވެ.

"ޑަބްލިޔުއެޗްއޯގެ ރެކޮމެންޑޭޝަންގައި އޮންނަނީ އާއްމު ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ކަމުގައި ވާ ނަމަ 100 ޕަސެންޓް މަނާވާން ޖެހޭނެއޭ އެ ތަނެއްގައި. އަޅުގަނޑުމެންގެ ގަވާއިދުގައި އޯޕަން އެއާ ތަންތަނުގައި ސްމޯކިން ޒޯންތަކެއް ވެސް އެބަ ހިމެނޭ. އެހެންވީމާ ދުމަށް މީހުން އެބަ ހުށަހެޅޭ. ދެން އެންމެ އާއްމު ތަނަކީ މަގުމަތި. މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނައެއް ނުކުރެވޭ،" ހަސަން ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި "ރާއްޖޭގެ އޭރުގެ ހާލަތަށް ބަލާފައި" އެ ގަވާއިދު އެ ގޮތަށް ހެދީ "ތަންފީޒުކުރަން ފަށާތާ އެއް އަހަރު ނުވަތަ ދެ އަހަރެއްގެ ތެރޭގައި އަލުން މުރާޖައާކޮށްފައި ހަރުދަނާކުރަން" ނިންމައިފަ އެވެ. އެކަމަކު އަދިވެސް އެކަމެއް ނުކުރެވެ އެވެ. ހަސަން ވިދާޅުވިގޮތުގައި ކޮމިޓީއަކުން މިހާރު އަންނަނީ އެ ކަމަށް މަސައްކަތް ކުރަމުންނެވެ.

3. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އެހީތެރިވުން

ސެޒޭޝަން ކްލިނިކެއް 2015 އިން ފެށިގެން ދަމަނަވެށީގައި އަންނަނީ ހިންގަމުންނެވެ. އަދި އާސަންދަ އިން ކަވަރުކުރާ ގޮތަށް އޭޑީކޭ އިން ވެސް އެ ޚިދުމަތް ލިބެ އެވެ. ހަސަން ފާހަގަކުރެއްވިގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ކައުންސެލިން އާއި ބޭސް ލިބޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ. އަދި ރަށްރަށުގައި ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި ވެސް އަންނަނީ ހުއްޓާލަން ބަލި މީހުންނަށް ނަސޭހަތްތެރިވުމާއި އެކަމަށް އެހީތެރިކަން ހޯދާނެ ގޮތް ބުނެދިނުމުގެ އުސޫލަކަށް އަމަލުކުރަމުންނެވެ. ހުއްޓާލަން ބޭނުންވާ މީހުންނަށް ފޯނުން އެހީތެރިކަން ފޯރުކޮށްދޭ ގައުމީ ހެލްޕްލައިނެއް ވަރަށް އަވަހަށް ގާއިމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

4. ދުންފަތުން ލިބޭ ނުރައްކަލުގެ އިންޒާރު ދިނުން

މި ދަނޑިވަޅުގައި ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މި އެވެ. ދުންފަތުން ލިބޭ ގެއްލުން ދައްކައިދޭ މަންޒަރުތައް ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ގޮތުގައި ޖަހަން ޖެހޭ ގަވާއިދު ގެޒެޓު ނުކޮށް ރައީސް އޮފީހުން ލަސްކުރަމުންދާ އިރު ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން އަންނަނީ މި ފިޔަވަޅު ތަންފީޒުކުރަމުންނެވެ. އެ ގައުމުތަކާ ޚިލާފަށް ރާއްޖޭގައި އަދިވެސް ބޭނުންކުރަމުންދަނީ 2004 އިން ފެށިގެން ޖަހަމުން އަންނަ ކުޑަކުޑަ ލިޔުންކޮޅެކެވެ.

މަންޒަރު އިންޒާރާ ނުލައި ހޭލުންތެރިކުރުމުގެ މަސައްކަތުން ނަތީޖާއެއް ނުކުމެދާނެ ކަމަކަށް ސިއްހީ މާހިރުން ނުދެކެ އެވެ.

5. ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުން

ރާއްޖޭގައި އެކަން މަނާކޮށްފައި އޮތަސް ނުސީދާގޮތުން އިޝްތިހާރުކުރުމުގެ މައްސަލަ ބޮޑެވެ. އޭގެ ތެރޭގައި ސިނގިރޭޓުގެ އިތުރުން، މިހާރު ތައާރަފްވެގެން އުޅޭ ވޭޕް ނުވަތަ އީސިނގިރޭޓާއި ޝީޝާ ފަދަ އެއްޗެހި ވެސް ހިމެނެ އެވެ. މި މައްސަލައިގެ ހައްލަކަށް ވާނެ ކަމަށް ބެލެވުނު ގަވާއިދެއް (ދުންފަތުގެ ބާވަތްތަކާ ގުޅޭ އާއްމު ގަވާއިދު) 2012ގައި ހެދިޔަސް ރައީސް އޮފީހުން އެ ގަވާއިދު ގެޒެޓެއް ނުކުރި އެވެ.

"އިޝްތިހާރަކީ ކޮބައިކަން ސީދާ ބުނެދޭނެ މިންގަނޑުތަކެއް ހުންނަން އެބަ ޖެހޭ. އަދި އެކަހަލަ ކަމެއް ފެނިއްޖެއްޔާ އަޅާނީ ކޮން ފިޔަވަޅެއްތޯ ބުނެދޭނެ ގަވާއިދެއް އޮތީމަ ފިޔަވަޅެއް އެޅޭނީ،" ހަސަން ވިދާޅުވި އެވެ.

"އެހެންވީމާ ގަވާއިދު ގެޒެޓުކުރީމަ ނޫނީ މި ކަންތައްތައް ކޮންޓްރޯލެއް ނުކުރެވޭނެ."

6. ޓެކްސް ބޮޑުކުރުން

ޓެކްސް ނެގުމުގެ ރަނގަޅު ފިޔަވަޅުތަކެއް ރާއްޖެ އިން ވަނީ އަޅައިފަ އެވެ. އެކަމަކު ބޮޑެތި މައްސަލަތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ ޓެކްސް ނަގާ ގޮތާއި (އިމްޕޯޓް ޑިއުޓީ) ޑަބްލިޔުއެޗްއޯގެ ލަފާގައި އޮންނަ ގޮތަށް، ވަކި ކަންތައްތަކަކަށް ބިނާކޮށް ދޭތެރެދޭތެރެ އިން ޓެކްސް ބޮޑުކުރުމުގެ ސިޔާސަތެއް ނެތުމެވެ. އަނެއް މައްސަލައަކީ ޓެކްސް ނެގުމުގައި ސިއްހަތު ރައްކާތެރިކުރުމަށް ވުރެ، ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ މަގްސަދު ބޮޑުވުމެވެ.

"ހަމައެކަނި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ޓެކްސް ނެގީމާ ދިމާވާ މައްސަލަތަކެއް އެބަހުރޭ. ޑަބްލިޔުއެޗްއޯގެ ރެކޮމެންޑޭޝަނަކީ ދުންފަތުގެ ރީޓެއިލް އަގުގެ 70 ޕަސެންޓް ވާން ޖެހޭނީ ޓެކްސް އަށޭ. ރާއްޖޭގައި އެ ހިސާބަކަށް ނުދޭ. ފަންސާސް ޕަސެންޓުގައި އުޅެނީ،" ހަސަން ވިދާޅުވި އެވެ.

"އަނެއް ރެކޮމެންޑޭޝަނަކީ ޓެކްސް ފައިސާގެ ބައެއް އެބަ ބޭނުންކުރަން ޖެހޭ ދުންފަތް ކޮންޓްރޯލްކުރަން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތަށް. އަޅުގަނޑު ކުރިން ދެންނެވިން ދިރާސާކުރާނެ ފައިސާއެއް ނެތޭ. އެކަށީގެންވާ ގޮތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކުރެވޭނީ ފައިސާ ހުރެގެން. އަނެއްކާ މިހެން ހެދީމާ ދައުލަތުގެ ބަޖެޓުގައި ފައިސާ ކަނޑައެޅިޔަސް، ނޭޅިޔަސް ޔަގީންކަމާ އެއްކޮށް މި ޕްރޮގްރާމްތައް ހިނގަމުންދާނެ. އާއްމު ސިއްހަތުގެ މިފަދަ ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނާނީ ދިގު މުއްދަތަށް ހިންގިގެން."

އޭގެ އިތުރުން، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އީ ސިނގިރޭޓު ފަދަ ބާވަތްތަކާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތައް ވެސް ދުންފަތުގެ ބާވަތްތަކުގެ ޓެކްސް އިން އިސްތިސްނާވުމަކީ މައްސަލައެއްކަން ހަސަން ފާހަގަކުރައްވަ އެވެ. އަދި އެހެން ގައުމުތަކާ އެކު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން ދުންފަތުގެ ޓެކްސް އަށް ލުޔެއް ލިބިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދުންފަތުގެ މައްސަލައާ ބެހޭގޮތުން ހަސަން ވާހަކަދައްކަވަނީ.- ފައިލް ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"ހަގީގަތަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން، އެއިން އުނދަގޫވާ މީހުން މި ތިބެނީ ރުޅި އައިސްފައި. އެ ރުޅި ހާމަ ނުކުރާތީ ސިޔާސީ ފަރާތްތަކަށް ނޭނގެނީ ކަންނޭނގެ. އެއީ ކަންނޭނގެ މިހާރު އަންނަންވީ ބަދަލަކީ."

ފިޔަވަޅު ނޭޅެނީ ކީއްވެ؟

އާ ކޮންމެ ފިޔަވަޅެއް ތައާރަފްކުރަން އުޅޭ އިރު ފެންނަނީ ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން ވަރަށް ބޮޑު ގޮންޖެހުމެއްގައި އުޅުއްވާ ތަނެވެ. އެ ފިޔަވަޅެއް އަޅަން ޖެހެނީ ކީއްވެގެންކަން އެތައް ގޮތަކުން ސާބިތުކޮށްދެއްވަން އެ ބޭފުޅުންނަށް ޖެހިވަޑައިގަންނަވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި ކަންކަން އޮޅުންފިލުވައިދެއްވަ އެވެ. އެ ވާހަކަތައް މީޑިއާގައި ތަކުރާރުކުރައްވައި އާއްމުން ހޭލުންތެރިކުރަން މަސައްކަތްކުރައްވަ އެވެ. އެއަށް ފަހު ކުރިމަތިވަނީ ގަވާއިދުތައް ގެޒެޓް ނުކުރުން ފަދަ ނާކާމިޔާބީތަކެވެ.

"މިއީ ބައެއް ގައުމުތަކުގައި 70ގެ އަހަރުތަކުން ފެށިގެން ވެސް ތަޖުރިބާކުރަމުންދާ ކަންކަން. މި ފިޔަވަޅުތައް އަޅައިގެން ކާމިޔާބުވާކަން ދިރާސާތަކުން ސާބިތު އެބަވޭ. އެހެންވީމާ މިއީ އެއްވެސް ސުވާލެއް އުފެދެންވީ ކަމެއް ނޫން. ރާއްޖެ މި އޮތް ހާލަތުން ޖެހެނީ މި ކަންކަން ބަލައިގަނެގެން ކުރިއަށް ގެންދަން،" ހަސަން ފާހަގަކުރެއްވި އެވެ.

އެކަމަކު އެކަން ނުކުރެވި، އާއްމު ދުޅަހެޔޮކަމަށްޓަކައި ތަންފީޒުކުރުން ލާޒިމް ސިޔާސަތުތަކެއް ގެންނަން މިހާ ބޮޑު "ހަނގުރާމައެއް" ކުރަން މި ޖެހެނީ ކީއްވެގެން ހެއްޔެވެ؟

މީހަކު ސިގިރޭޓު ގަންނަނީ: . ފޮޓޯ: ހުސެން ވަހީދު/ މިހާރު

ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔޭގެ ތަޖުރިބާ އިން ރާއްޖެ އިސްތިސްނާއެއް ނުވެ އެވެ. އެ ތަޖުރިބާއަކީ މުއްސަނދި، ނުފޫޒު ގަދަ ސިނާއަތެއްގެ މަސްލަހަތު، އާއްމު މަސްލަހަތަށް ވުރެ އިސްވުމެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ވެސް އެ ސިނާއަތުގެ ތެރެއިން ސިޔާސީ ހުރިހާ ކޮޅަކަށް ވެސް ފައިސާ ލިބެ އެވެ. އަދި ދުންފަތުގެ ނުރައްކަލުން ދިވެހިންނަށް ސަލާމަތް ނުވެވިގެން އުޅޭ މައިގަނޑު ސަބަބަކީ އެ ނުފޫޒު ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.

ހަސަން ފާހަގަކުރެއްވިގޮތުގައި މާ ބޮޑެތި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކެއް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނެތެވެ.

"އަޅުގަނޑަށް ހަމައެކަނި ދެންނެވޭނީ އާއްމުގޮތެއްގައި މިހެން ދިމާވާ އެއް ސަބަބަކީ ދުންފަތުގެ ސިނާއަތުގެ ނުފޫޒޭ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ދުންފަތް އުފައްދާ ބައެއް ނެތް. ރާއްޖެ އަށް މުޅިން ވެސް އިމްޕޯޓް މި ކުރަނީ. އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް ތަންތަނުގައި އެ މީހުންނަށް ބުނެވޭނެ، އެތައް ބައިވަރު ދަނޑުވެރިންނެއް އެބަތިއްބޭ މިތާ، އެ މީހުންގެ ދިރިއުޅުން ބަރޯސާވެފައި މި ހުންނަނީ މި ކަމަށޭ. އެހެންވީމާ އެ މީހުންނަށް މާ އުނދަގޫވާނެތާ. އެކަމަކު އެ ގައުމުތަކުން ކުރާ އިރު ރާއްޖެ އަށް އޮތީ ކޮން ބަހަނާއެއްހޭ ދައްކަން؟"

ސިގިރޭޓު ފޮއްޓެއް މަތީ ވަކި ތިން ސިގިރޭޓު ބާއްވާފައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ހަސަން ވިދާޅުވިގޮތުގައި ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ވިޔަފާރި އާއި އަމިއްލަ މަސްލަހަތުން ރައްކާތެރިކުރަން ދައުލަތަށް ލާޒިމްކުރާ ވަކި މާއްދާއެއް ބައިނަލްއަގުވާމީ މުއާހަދާގައި އޮންނަނީ ވެސް ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ދުންފަތުގެ ސިނާއަތުން ހުރަސް އަޅާނެތީ އެވެ.

"ހުރިހާ ގައުމެއްގައި ވެސް މިކަން ވަނީ މިހެން،" އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި ދުންފަތުގެ ވިޔަފާރި މައިގަނޑުގޮތެއްގައި މި ކުރަނީ ހަތަރު ބްރޭންޑެއްގެ. އެ ހަތަރު ވިޔަފާރި އާއި މުޅި ގައުމުގެ ރައްޔިތުންގެ ސިއްހަތާ މި އަޅާކިޔާލެވެނީ. އަނެއްކޮޅުން ރާއްޖޭގެ ދުންފަތުގެ މާކެޓުގެ 70 ޕަސެންޓް ކޮންޓްރޯލްކުރަނީ އެންމެ ބްރޭންޑަކުން."

އެކަމަކު މި ނުފޫޒާ އެކުވެގެން އަންނަ ތާރީޚީ ސަބަބެއް ވެސް އޮތް ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ؛ އެއީ މުހައްމަދު އަމީންގެ ތަޖުރިބާ އެވެ. ދުންފަތުގެ މައްސަލައިގައި ސަރުކާރުތަކުން ފަހަތު ފަޔަށް ބުރަވަނީ ފުރަތަމަ ރައީސް އަމީން ދުންފަތް މަނާކުރެއްވުމާ ގުޅިގެން ދިވެހިން އައި ރުޅީގެ ސަބަބުން ހެއްޔެވެ؟ ހަސަން ގަބޫލުކުރައްވާ ގޮތުގައި އެހެން ކަމަށް ވުން އެކަށީގެންވެ އެވެ. އެކަމަކު އޭނާ ވިދާޅުވަނީ ދުންފަތް ކޮންޓްރޯލްކުރަން ސިޔާސީ މީހުން ބިރުހީވާން ޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ.

"ރާއްޖޭގައި އަދިވެސް ސިޔާސީ ބައެއް ފަރާތްތަކުން ބިރެއް ގަނޭ ކަންނޭނގެ، ދުންފަތް ކޮންޓްރޯލްކޮށްފިއްޔާ ރައްޔިތުންގެ ތެރެއިން ބަޔަކު ރުޅި އަންނާނެއޭ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ހަގީގަތަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން، އެއިން އުނދަގޫވާ މީހުން މި ތިބެނީ ރުޅި އައިސްފައި. އެ ރުޅި ހާމަ ނުކުރާތީ ސިޔާސީ ފަރާތްތަކަށް ނޭނގެނީ ކަންނޭނގެ. އެއީ ކަންނޭނގެ މިހާރު އަންނަންވީ ބަދަލަކީ."

އިންސާނީ ހައްގެއް ގެއްލިފައި

ހަސަން ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަގުވާމީ މުއާހަދާ އާއި ރާއްޖޭގެ ގާނޫނުގެ ތެރެއިން ދިވެހިންނަށް ވަރަށް މުހިއްމު ހައްގުތަކެއް ވަނީ ކަށަވަރުކޮށްދީފައިވާ އިރު އެ ހައްގުތައް ކަށަވަރުކުރުގެ ޒިންމާ ވެސް ވަޒީރުންނަށާއި މުއައްސަސާތަކަށް ގާނޫނުން ވަނީ މަތިކޮށްފަ އެވެ.

"މި ގާނޫނުން ކަށަވަރުކޮށްފައި ހުރި ރައްކާތެރިކަން ރައްޔިތުންނަށް ނުލިބި އެތަކެއް އަހަރު ދިޔުމަކީ ކޮންމެވެސް ބަޔަކު ޒިންމާވާން ޖެހޭ ކަމެއް. އެހެންވީމާ މިކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިއީ އިންސާނީ ހައްގެއްގެ ގޮތުގައި ވެސް އެބަ ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވަނީ ގާނޫނުގައި ހުރި ބައެއް ކަންތައްތަކަކީ ބޮޑެތި ގަވާއިދުތަކެއް ނުހެދި ކަމުގައި ވިޔަސް "އެ ތަންކޮޅު ވަކިން ނަގައިގެން ވެސް ކުރަން ޖެހޭ" ކަންތައްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިން ރައްކާތެރިކުރުމަށް ހުރި ފިޔަވަޅުތައް ހިމެނެ އެވެ.

"މި ވޭތުވެދިޔަ އަހަރުތަކުގައި ދުންފަތުގެ އަސަރު ކޮށްފައި ތިބި މީހުންނަށް އެ އަސަރު ކުރީ ގާނޫނީ ގޮތުން ލިބެން ޖެހޭ ރައްކާތެރިކަން ނުލިބިގެން. ރަނގަޅަށް ދިރާސާއެއް ކޮށްގެން ބަލައިފިއްޔާ، ކިތައް މީހުންތޯ، ނުސީދާ ދުމުގެ އަސަރުކޮށްގެން ގޮތްގޮތް ވެފައި ހުންނާނީ. ކިތައް ކުދިންތޯ އަލަށް ފަށާފައި ހުންނާނީ؟ މި ގާނޫނު ތަންފީޒު ނުކުރުމުގެ ސަބަބުން މިހާރުގެ ޖީލުގެ ކިތައް ކުދިންގެ ހައްގުތޯ ގެއްލިފައި މި އޮތީ؟" އޭނާ ސުވާލުކުރެއްވި އެވެ.

މީހަކު ވޭޕްކުރަނީ: ދުންފަތުގެ ބަދަލުގައި ބޭނުންކުރާ މިފަދަ ބާވަތްތައް ވެސް ކޮންޓްރޯލްކުރަން ވަނީ ޖެހިފައި. ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޒިންމާދާރު ނުކުރެވުން، އާއްމުންގެ ހިމޭންކަން

ދުންފަތުގެ ގެއްލުންތަކާ މެދު ދިވެހިންގެ ހޭލުންތެރިކަން ހުރި މިންވަރަށް ބަލާ އިރު ދެ ކަމެއް ފާހަގަކުރެވެ އެވެ. އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ގެއްލުން ހުރި ކަމެއްކަން އެނގުނަސް ކަންބޮޑުވުން ފާޅުކުރުން އާއްމު ނޫން ކަމެވެ. ދެވަނަ ކަމަކީ ދުންފަތް ބޭނުންކުރާ މީހުންނަށް، ދެވިހިފުމުގެ ސަބަބުން، އެއާ ދުރުހެލިވާން އުނދަގޫ އިރު ބޭނުން ނުކުރާ މީހުން ވެސް، ނުސީދާ ދުމުން ކިތަންމެ ވަރަކަށް ކޮށިއެރިޔަސް، އެކަމާ ދެކޮޅަށް ވާހަކަދައްކާ އަޑު ނީވުމެވެ.

ހަސަން ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން ފިޔަވަޅުތައް ތަންފީޒު ނުކުރަންޏާ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާއާ މެދު މަޖިލީހުން އިހުމާލުވާ ނަމަ އެކަމާ މެދު އާއްމުން އަޑުއުފުލަން ޖެހެ އެވެ.

"ގާނޫނުގައި ރައްޔިތުންގެ ސިއްހަތަށްޓަކައި ކުރަން ބުނެފައި ހުރި ކަންތައްތައް ނުކޮށް ހުރީމާ ކިތައް މީހުންގެ ސިއްހަތަށްތޯ ގެއްލުން ލިބިފައި ހުރީ؟ އެހެންވީމާ އެހެން ބައެއް ކަންތައްތަކުގައި ސުވާލުކުރާ ގޮތަށް މަޖިލީހުން އެބަޖެހޭ ނޫންތޯ މިކަމާ ގުޅުންހުރި މުއައްސަސާތަކުގެ ވެރިން ގެންގޮސްގެން ސުވާލުކުރަން. މިކަން މި ނުކުރަނީ ޕަބްލިކް އައުޓްކްރައިއެއް މި އަށް ނާންނާތީ،" ހަސަން ވިދާޅުވި އެވެ.

"އާއްމުންގެ ފަރާތުން ގައުމަށް، ސިއްހަތަށް ނުވަތަ އެންމެންގެ ދުޅަހެޔޮކަމަށް ނުވަތަ ތިމާ އާއި ތިމާގެ އާއިލާގެ ދުޅަހެޔޮކަމަށް ވިސްނާ މީހުން އަޑުއުފުލަން އެބަ ޖެހޭ. އެ މީހުންގެ މަސްލަހަތަށްޓަކައި، މަޖިލީހުގެ މެމްބަރުންނާ މި ވާހަކަ ދައްކަން އެބަ ޖެހޭ. ސިޔާސީ މެނިފެސްޓޯތައް ހަދާ އިރު މި ކަންކަން ލާން އެބަ ޖެހޭ."

ހަސަން ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ހާލަތަށް ބަލާ އިރު ދެން ކުރެވެން އޮތް ކަމަކީ އެއީ އެވެ. މި މައްސަލައާ މެދު އާއްމުން ސީރިއަސްވުމެވެ. އަދި އެފަދަ ބަދަލެއް ނާންނަހާ ހިނދަކު، ދުންފަތުގެ ނުރައްކަލުން ސަލާމަތްވުމުގެ ފިޔަވަޅުތައް ކާމިޔާބުކުރެވިދާނެ ކަމަކަށް ނުބެލެވެ އެވެ.