ޔާމީން މިދިޔަ މަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، މީޑިއާތަކާ ވާހަކަ ދައްކަވަނީ-. ފޮޓޯ: ނިޝާން އަލީ/މިހާރު
07 ޖެނުއަރީ 2019 - 09:35
ޚިޔާނާތުގެ ފައިސާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓެއްގައި ބެހެއްޓުމުގެ ސަބަބެއް ނެތެވެ. އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ، އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކުރި ކަން އެނގިވަޑައިގަތުމާ އެކު ވެސް އެ ފައިސާ ދައުލަތާ ހަވާލު ކުރައްވަން ޖެހެ އެވެ. އެކަމަކު އަމަލު ކުރެއްވީ އެ ގޮތަކަށް ނޫނެވެ!
ތުހުމަތު ކުރެވުނަސް އެއީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ކަން ސާބިތު ނުވާ ކަމަށް ވިދާޅުވެ، އެ ފައިސާ ދައުލަތާ ހަވާލު ކުރައްވަން މިހާރު ވެސް އެމަނިކުފާނު އިންކާރުކުރައްވަ އެވެ. އެހެންކަމުން ރައްޔިތުންގެ ފައިސާ އަދިވެސް ހުރީ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓުގަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފައިސާ އިން ފައިދާ ލިބިވަޑައިގަންނަވާ މުއާމަލާތެއް ވެސް ވަނީ ހިންގަވައިފަ އެވެ.
ޔާމީންގެ މައްޗަށް ފުލުހުން ކުރަނީ، ކުށުގެ މައްޗަށް އެންމެ ބޮޑެތި ކުށް ތަކުރާރު ކުރެއްވި ކަމުގެ ތުހުމަތެވެ. ޚިޔާނާތުގައި ބައިވެރިވުމާއި މަނީ ލޯންޑަރިން އެވެ. ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވުމެވެ.
މީގެ ތެރެއިން، މަނީ ލޯންޑަރިންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ފުލުސް އޮފީހުގައި އެދުނީ ޔާމީން ވެރިކަމުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނުގެ ބާރުވެރިކަން އަދި މުއައްސަސާތަކަށް ފޯރުވާފައި އޮތް ނުފޫޒާ އެކު ގާނޫނީ އިމުގެ ތެރެއިން އެ މައްސަލަތައް އޭރު ނުބެލީ އެވެ.
ތަހުގީގު ހިންގުމާއި ޝަރީއަތް ކުރުމުގައި އެމަނިކުފާނުގެ ކޮންޓްރޯލް އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ. އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އޭސީސީން އެދުމުން ވެސް އަމަލު ކުރެއްވީ ބޭނުންފުޅު ގޮތަކަށެވެ. އެމަނިކުފާނުގެ ކޮންޓްރޯލް ނޯންނަ ގޮތަކަށް އެ ފައިސާ ދޫކުރައްވަން ބޭނުންފުޅެއް ނުވި އެވެ. އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހައްދަވަން އެއްބަސްވެވަޑައިގަތީ އެހެންވެ އެވެ. ބީއެމްއެލްގައި މިދިޔަ މާޗް މަހު ހުޅުވި އެ އެކައުންޓަކީ ޔާމީނާއި އޭސީސީ ހިއްސާވާ އެކައުންޓެކެވެ.
ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، ކުށަށް ތުހުމަތު ކުރެވޭ މީހަކާ އެކު އެސްކްރޯ އެކައުންޓެއް ހެދުމަކީ ގާނޫނީ ގޮތުން އޭސީސީ އަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
އޭސީސީ އަށް ގާނޫނުން އެއަށް ވުރެން ބޮޑެތި ބާރުތައް ލިބެ އެވެ. އެއީ، ތުހުމަތު ކުރެވޭ އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒް ކުރުމެވެ. އެއީ ފުރަތަމަ ދުވަހު ވެސް އޭސީސީން ކުރަން ޖެހޭ ކަމެކެވެ. އެކަމަކު އޭސީސީން އަމަލުކުރީ އެއާ ޚިލާފަށެވެ. އެއީ، ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާނޫނީ ޒިންމާ އަށް އޭސީސީ އިހުމާލުވުމެވެ.
ތަހުގީގުގައި ޔާމީނާ ސުވާލުކޮށް، ފުލުހުން އާއްމުކުރި ގޮތުގައި، އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވި ކަމަށް ވިދާޅުވެ އެމަނިކުފާނު ހެއްދެވީ އިތުރުފުޅެކެވެ.
އެސްކްރޯ އެކައުންޓުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރެއްވީ މާޗް، 25، 2018، ގަ އެވެ. އެކަމަކު މި މުއާމަލާތާ ހަމައަށް ފައިސާ އައީ ތިން އެކައުންޓެއް މެދުވެރިވެގެންނެވެ.
ޔާމީންގެ ބީއެމްއެލް އެކައުންޓަކުން، ޖޫން، 10، 2018 ގައި އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކުރެއްވީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ފައިސާ އެވެ. އޭނާ އަށް އެ ފައިސާ ޓްރާންސްފާކުރީ، އެނގިފައިވާ ގޮތުގައި، ޔާމީނާ ވެސް ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުންފުންޏަކުންނެވެ.
ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ފުލުހުން ކުރޭ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ޖަމާކުރެއްވި ކަމަށް އޭސީސީ އަށް އެންގެވީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ. ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވެސް ފުލުހުން ކުރެ އެވެ.
ދެން އޮތީ، އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރަށް ވީ ގޮތެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެސްއޯއެފުން ޔާމީނަށް ފައިސާ ޖަމާކުރުމުގެ ތަހުގީގު އޭސީސީން ނިންމައި 2017 ގައި މައްސަލަ ފައިލްކުރުމާ އެކު އެމަނިކުފާނު ވަނީ އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކުގައި ހުޅުވި އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކުރައްވައިފަ އެވެ. އެއީ، އެ ފައިސާ އިން ފައިދާ ހޯއްދެވުމުގެ މަގެކެވެ.
އިސްލާމިކް ބޭންކުގައި ހުޅުވާ އިންވެސްޓްމެންޓް އެކައުންޓްގައި ހަމަޖެހިފައި އޮންނަ ގޮތުން، އެ އެކައުންޓެއްގައި ހުންނަ ފައިސާ އިން ބޭންކަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނެ އެވެ. އަދި އެ މުއާމަލާތްތަކުން ލިބޭ ފައިދާ ބައި އަޅާނީ އެކައުންޓުގެ ވެރިފަރާތާއި ބޭންކަށެވެ.
ކޮންމެ އަހަރަކު ފައިދާ ލިބޭ ގޮތަށް ވެސް އެކައުންޓް ހުޅުވެ އެވެ. އެކަމަކު، ޔާމީން އެކައުންޓް ހުޅުވީ، އެނގިފައިވާ ގޮތުގައި، ތިން އަހަރުން ފައިދާ ޖަމަވާ ގޮތަށެވެ.
ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެސްކްރޯ އެކައުންޓެއް ހުޅުވުމުގެ އެއްބަސްވުމެއް ޔާމީނާ އެކު އޭސީސީއަކަށް ނުހެދޭނެ އެވެ. އޭގެ ބަދަލުގައި، އޭސީސީން ކުރަން ޖެހޭނެ ކަމަކީ ޔާމީންގެ އެކައުންޓަށް ވަން ފައިސާ، ތަހުގީގު ނިމެންދެން ފްރީޒްކުރުން ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.
ޚިޔާނާތުގެ ކުށެއް ކޮށްގެން ލިބިފައިވާ ފައިސާއެއް ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެ މައްސަލައެއްގެ ތަހުގީގު ނުވަތަ ޝަރީއަތް ނިމެންދެން އެ އެކައުންޓަކުން މުއާމަލާތްކުރުން މަނާ ކުރުމާއި އެ ފައިސާ ހިފެހެއްޓުމުގެ ބާރު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާ އިން އޭސީސީ އަށް ލިބެ އެވެ.
ކޮރަޕްޝަނަށް ފާރަވެރިވެ އެ މައްސަލަތައް ބެލުން ލާޒިމްކޮށްފައިވާ އޭސީސީ އާއި އޮޑިޓް އޮފީހުގެ އިސްވެރިން-- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުން ދެން ހަވާލާ ދެއްވަނީ، ޖިނާއީ އިޖުރާއަތުގެ 73 ވަނަ މާއްދާ އަށެވެ. އެ މާއްދާގައިވާ ގޮތުން ނަމަ، ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ އޭސީސީން ފްރީޒްކުރަން ޖެހެ އެވެ.
ގާނޫނީ އެ ބާރު އޭސީސީ އަށް އޮތަސް، އެކަމެއް ނުކުރި އެވެ. އެއީ، އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި، ޝަރުއީ މަރުހަލާގެ ތެރެއިން އެއްބާރުލުމެއް ނުލިބިގެންނެވެ. އެކައުންޓްތައް ފްރީޒް ކުރެވޭނީ ކޯޓު އަމުރަކުންނެވެ. އެހެންކަމުން އޭސީސީން އެ ބުނަނީ ކޯޓުން އެ އަމުރު އެ މުއައްސަސާއަށް ނުދިން ވާހަކަ ކަމަށް ގަބޫލުކުރެވެ އެވެ.
އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ވެސް ހިމެނޭ ގޮތުން، ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ތަހުގީގު ނިމެންދެން މިދިޔަ މަހުގެ ތެރޭގައި ފްރީޒްކުރީ ފުލުހުންނެވެ.
"އޭސީސީން އޮތީ ގާނޫނުގައި ބަޔާންކޮށްފައި ނުވާ އާ ކަމެއް ކޮށްފައި. އެއީ ޚިޔާނާތަށް ތުހުމަތު ކުރެވޭ ފައިސާ ނޫން އެހެން ފައިސާއެއް ފްރީޒްކޮށްފައި. އެކަމެއް ނުކުރެވޭނެ. އެއާ އެކު ޚިޔާނާތަށް ތުހުމަތު ކުރެވޭ މީހަކާ އެކު އެސްކްރޯ އެކައުންޓް ހުޅުވަން އޭސީސީ އަށް އެއްބަސްވުމެއް ވެސް ނުހެދޭނެ،" ގާނޫނީ ބޭފުޅަކު، ނން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ޚިލާފުވެވަޑައިގެން ޔާމީން، އޭސީސީ އަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ މައްސަލަ ތަހުގީގުކޮށްދޭން ފުލުސް އޮފީހަށް މިދިޔަ މަހުގެ ތެރޭގައި، ހުށަހެޅީ އެ ކޮމިޝަނުންނެވެ. އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރެއްވި ކަމަށް އާޒިމާ ޝަކޫރު މެދުވެރިކޮށް، ލިއުމުން އެންގެވިއިރު، ޔާމީން ޖަމާކުރެއްވީ ކޮން ފައިސާއެއްތޯ އޭސީސީން ބަލައިފައެއް ނުވެ އެވެ.
"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި އެސްކްރޯ އެކައުންޓެއް ހުޅުވައި ޔާމީންގެ ފައިސާ ބަލައިގަތުމަކީ މަނީ ލޯންޑަރިންގައި އޭސީސީން ވެސް ބައިވެރިވުން ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަ އޮތެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައިވާ ގޮތުން ވަކި މުދަލަކީ ކުށް ކޮށްގެން ހޯދި މުދަލެއް ކަން އެނގި ހުރެ ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކުކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއްގެ އަސްލު ސިއްރުކުރުން ނުވަތަ އޮޅުވާލުމަކީ މަނީ ލޯންޑަ ކުރުމެވެ. އެފަދަ އަމަލެއް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެފަދަ އަމަލެއް ކުރުމަށް މަގުފަހިކޮށްދިނުން ނުވަތަ އެއިން އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ވެސް އެ ގާނޫނުގައިވާ ގޮތުން މަނީ ލޯންޑަރިން ކުށެވެ.
އެކަމަކު އެ ތުހުމަތުން ބަރީއަވުމުގެ ޖާގަ އޭސީސީ އަށް ލިބެ އެވެ. އެއީ ޔާމީނާ އެކު ހަދާފައި އޮތް އެއްބަސްވުމުގައިވާ ގޮތުން، ޔާމީން އެ ކޮމިޝަނާ ހަވާލުކުރައްވަން ވާނީ، އިސްލާމިކް ބޭންކަށް އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރު ކަމަށް ބުނެފައި އޮތް އޮތުމެވެ. ޔާމީން އެންގެވީ، ވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފައިސާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރެއްވުމުގައި ޔާމީން އިތުރުފުޅު ހެއްދެވި ކަން އޭސީސީގެ ސަމާލުކަމަށް ގެނައީ އެމްއެމްއޭގެ އެފްއައިޔޫ އިންނެވެ. މައްސަލަ ތަހުގީގުކުރަން އޭސީސީން ފުލުހުންނަށް ހުށަހެޅީ އެ ހިސާބުންނެވެ. އެކަމަކު މި ހުރިހާ ކަމެއް ހިނގައި ގަތީ ރިޔާސީ އިންތިހާބުން އެމަނިކުފާނު ބަލިވެވަޑައިގަތުމުންނެވެ.
ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ، އެ މައްސަލާގައި އޭސީސީގެ ކޮމެންޓެއް ނުލިބުނެވެ.
އެކަމަކު މައުލޫމާތު އެނގޭ ބޭފުޅުން ވިދާޅުވާ ގޮތުގައި އެސްކްރޯ އެކައުންޓެއް ހަދަން ޖެހުނީ، ތަހުގީގު މަރުހަލާގައި އެކައުންޓްތައް ފްރީޒް ކުރަން ޝަރުއީ މަރުހަލާ އިން ހައްލެއް ނުލިބުމުންނެވެ.
ޝަރުއީ ނިޒާމުގައި ކަންކަން ރޭވިފައި އޮތް ގޮތުން ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން އަމުރެއް، އެމަނިކުފާނުގެ ވެރިކަމުގައި، ނުލިބުމަކީ ގާތް ކަމެކެވެ. އެކަމަކު ކަަން ހިނގާފައިވާ ގޮތަށް ބަލާ ނަމަ މައްސަލައިގައި އޭސީސީގެ އިހުމާލު ވެސް އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަހްމަދު
31 January 2019
ޔާމީންބުނަނީ އެއީ އެކި މީސްމީހުން ކެމްޕެއިނަށް ހަދިޔާކޮއްފަހުރިލާރިއޯ، އަދީބުއޯ އެއާ ހަވާލުވަނީ. މިހެންވީކަމުގަވިޔަސް އެ ނުވާނެ ޔާމީންގެ އަމިއްލަ މިލްކަކަށް. އެ ވާނީ ޕީޕީއެމްގެ އެއްޗަކަށް. އަމިއްލަ އެކައުންޓައްއަޅައިގެން ކީތްކުރާނަމޭ ހިތާތަ މި އުޅެނީ. މައްސަލަޖެހުނީމަވެސް ބުނީ "ތުހުމަތެއް އުޅުނަސް އެއީ އަޅުގަނޑުގެ އަމިއްލަ ފައިސާ ކަމަށް". ކިހިނެއްތޯ ހޯދީ؟ ތިއޮތީ ބެދި ހުސްވެފަ. ދެން ޖަލުގެތޭރިތަކުގެ އެތެރޭގަ މަޑުކޮއްލައްވާ!!!
ކޮލެޖް ބޯއީ
08 January 2019
ޔާމީނުގެ ކައުންޓުގައި ހުރީ ރައްޔިތުންގެ ފައިސާކަން އަދި ސާބިތު ނުކުރެވެނީސް "މިހާރުގެ" ރިޕޯޓަރ ފަޒީނާއަށް އެއީ ރައްޔިތުންގެ ފައިސާކަން އެނގުނީ ކިހިނެތް؟
ހްހްހްހްމްމްމްމް
08 January 2019
ބަލަގަ މުސާރަ ޑޯނޭޓްކުރައްވާ އިރު ކިހިނެތްތަ ދެން އެވަރު ހޯދާނީ
އަޙުމަދު
08 January 2019
ކޮލެޖް ބޯއީ. އެއީ ކޮންތާކުން ކޮންގޮތަކަށް ޔާމީނު ހޯދިފައިސާއެއްކަން ބުނެނުދެވިގެން އެއުޅެނީ ކީއްވެތޯއެވެ.؟ އެކަމަކީ ޔާމީނަށް ނޭންގި ހިނގާފައިވާ ކަމެއް ނޫނެވެ، އެސް އޯ އެފް ކުންފުނިން ޔާމީނުގެ އެކައުންޓަށް ޖަމާކުރަމުން ގެންދަނީ އެމް.އެމް.ޕީ އާރ ސީގެން ފައިސާކަން އެމަނިކުފާނަށް ހަމަރަނގަޅަށް އެގޭނެއެވެ. ނޫންނަމަ ކީއްވެތޯ ވަގުތުން އެފައިސާތަށް އަނބުރާ އެސް.އޯ.އެފް އާހަވާލުނުކުރީ،؟މިކަންކަމާ ފުލުސްއޮފީހަށް ދަމާތީ ލަދުންގޮސް ކިޔޭނުކޭ އެއްވެސް ނޭންގެ.
ކޮލެޖް މޭން
31 January 2019
ގައުމުގެރައީސްގެ އެކައުންޓަށް އެހާ ބައިވަރު ފައިފާވަންގޮތް ހިއްސަކުރަން މަޖުބޫރު ހާލަތެއް މި އޮތީ ކުރިމަތިވެފަ. ބޮޑު ހިޔާނާތެއް ފެންމަތިވެފަ. ކީއްވެތޯ އެއީ ކޮން ފައިސާއެއްކަން ޔާމީންއަށް ކިޔާ ނުދެވިގެން އެ އުޅުއްވަނީ. ކެމްޕެއިން ލާރި ވެއްޖެއްޔާމުންވެސް އެ ނުވާނެ ޔާމީންގެ އަމިއްލަ މިލްކަކަށް. އަމިއްލަ އެކައުންޓަށް ލެވިގެން ނުވާނެ. އިސްލާމިކްބޭންކުގަ އިންވެސްޓް ކުރެވިގެންވެސް ނުވާނެ. ވިސްނަވާ.
އަލްޖިބްރާ
07 January 2019
ކޮންމެ ގޮތަކަށް ކުރިއަސް ކުރީ ހަމަ ސީދާ ވައްކަން ! މިކަމަކާ ދެކޮޅެއް ނުހެދޭނެ ! މިހާރުން މިހާރަށް ތިމީހާ ހިފާ ހައްޔަރު ކުރޭ !
ގައުމު އަޑުގަޑަކަށް
07 January 2019
ކާމިނީ ޔާމީނު ގ ދޫވެހި ޔާމީނު ހ ދޫވެހި ޔާމީނު ކޮންޔާމީނެއް މި ކާކު
ނޭނގޭ
07 January 2019
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިޕިލިޓީ[ސީ އެސް އާރ] އެކުލެވޭގޮތަށް އެހަދާ ނަސަންދުރަ ހޮޓަލް ހަދާގޮތް ބެލޭނަމަ އެއީވެސް އާދައިގެ ކަމަކަށް ނުވާނެ އެކަހަލަ އެތަށް ކަމެއް ފެންމަތިވާނެ ހިތަށްއަރާ ނަސަންދުރަ ހަދަން އެސް.ޓީ.ޢޯ.އިިންގެންދާ ކޮންކްރީޓަށަ ފައިސާ ދައްކައިބާވައޭ.
ގާމިރު
07 January 2019
ކިބާ އޭސީސީނއިސްޔިއުފާ ދޭކަށްނުވޭތަ
ނޫނު
07 January 2019
ހުރިހާ ކަމެއްވެސް ހިނގަމުން ދިޔައީ އޭރު އެކަމަކާ ގުޅޭ ސަރުކާރުގެ ނުވަތަ މިނިވަން އިދާރާ އަކާ ގުޅިގެން ކަމުގައި ދިވެހީންގެ ގިނަ މީހުން ދިޔައީ ހަޅޭއް ލަވަމުން އަޑު ގަދަ ކުރަމުން، ޕޮލިހުން ދިޔައީ އަނގައަށް ޕޕެޕަރ ސްޕްރޭ ޖަހަމުން. މިއޮތީ ވަގުތު ޖެހިފާ ހިނގާ އިންސާފު ހޯދަމާ
އަބްދޫ
07 January 2019
ތިޔަ ފައިސާ އަކީ އޭސީސި އާ އެއްވެސް ބެހުމެއް އޮތް ފައިސާ އެއްނޫން. ޔާމީން ގެ އެކައުންޓަށް އެމްއެމް އާރު ޕީސީ ގެ ފައިސާއެއް ޖަމާވެފައެއް ނެތް .ޖަމާކުރި ފައިސާ އަކީ މ. ސެސްނާގަ ހިންގަ ޕްރިވެޓް ކުންފުންޏަކުން ޖަމާކުރި ފައިސާ އެއް .މިފައިސާ ޖަމާކޮށްދިންފަރާތުން ވަނީ ރާއްޖެއިންބޭރުގަ އެމީހުނެއް ނުބުނޭ މިއީ ކޮންފައިސާއެއް ކަމެއް ޖަމަކުރި ގޮތެއް ވެސް. ވީއިރު މިފައިސާ އަކީ ދަވްލަތުގެ ފައިސާއަކަށް ވާނެ އެއްވެސް ގޮތެއް ނެތް.
އެކުސްރޭ
07 January 2019
މީ ހިންގާފަ ހުރި ކަންކަމުގެ ކުޑަމިންވަރެއް ކަމަށް ލަފާކުރެވޭ. 10މިލިޔަން 12މިލިޔަން އަގުހުރި ރަށްތަށް 2މިލިޔަން 3މިލިޔަނަށް ވިއްކިއިރު، ގަތް ފަރާއްތަކުގެ ބައިވެރިވުން ހުރި މިންވަރެއްވެސް ބަލަންޖެހޭ. ކޮރޮޕްޝަން އެކުލެވޭ ރަށްތައް ދައުލަތަށްނަގާ އަލުން ބިޑުކޮށް ހަމައަގު ދައުލަތަށް ލިބެންޖެހޭ. މުއާމަލާތުގެ ބޮޑުބައި ހިންގާފައިވަނީ މޭޒު އަޑިންނާއި ތިރިންކަމަށް އަޑުފެތުރޭ. މީ ބާރުގަދަ ނެޓްވޯކެއްގެ ތެރެއިން ހިންގާފަހުރި ޖަރީމާ ތަކެއްކަމަށް ޝައްކު ކުރެވޭ
ފަޅުވެރިން
07 January 2019
ތިބުނާ ގޮތަކަށް އެފައިސާއާ މެދަކު ކަންތަކެއް ނުކުރެވޭނެ! އެސްއޯއެފުން ޖަމާކުރާ ކޮންމެ ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަން ދެނެގަންނާނެ ގޮތަކީ ކޮބާ؟ އެފަދަ ފައިސާއާ މެދު ކަންކުރާނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައި ނެތް ކަމަށްވާނަމަ އެފައިސާއާ މެދު ކަންކުރެވޭނީ ކޯޓެއްގެ ޙުކުމާ އެއްގޮތަށް! މިއިން އެއްވެސް ޙާލަތެއް ނެތް ކަމަށްވާނަމަ އެސްކްރޯ އެކައުންޓެއްގައި ފައިސާ ބެހެއްޓުމުގައި މައްސަލައެއް ނޯންނާނެ! ފައިސާ ނުއެއް ގެއްލެއޭ، ފައިސާ އެބަހުއްޓޭ!