ރަޝްފާގެ މަރުގެ މައްސަލަ ބަލައިދޭން ފުލުހުންނަށް ހުށައަޅައިފި

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް މަރުވި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެކަން ތަހުގީގުކޮށްދޭން އެދި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.


މާފުށީ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅެމުން އައި ފުވައްމުލަކު ހޯދަޑު، އޯޝަންވިލާ، ރަޝްފާ، 20، މަރުވީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އެ ހާދިސާ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށައެޅީ ރަޝްފާ މަރުވި ދުވަހު ގަބޫލުކުރަން ދަތި އެތައް ކަމެއް ފެނިފައި ހުރުމުން ކަމަށް އެ އާއިލާއިން ބުންޏެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ބޮޑުދައިތަ ރަޒީނާ އަހުމަދު "މިހާރު"އަށް ބުނީ ރަޝްފާ މަރުވި އިރު އަނގަޔާއި ނޭފަތުން ގިނައިން ލޭ އައިސްފައި ހުރުމުގެ އިތުރުން އޭނާގެ ބޯ ވެސް އެއް ފަރާތަކަށް ގޮސްފައި ކަމަށެވެ. އަނެއް ޝަކުވާ އަކީ ރަޝްފާ ބަލިވެއިނުމަކީ "ހައި ރިސްކް ޕްރެގްނެންސީއެއް" ގެ ގޮތުގައި ފައިލްގައި ނޯޓްކޮށްފައި އޮތަސް އެކަށީގެންވާ ފަރުވާ ލިބިފައި ނުވުމެވެ.

"ހިނަވަމުން ދިޔަ އިރު ވެސް އޭނާގެ އަނގަޔާއި ނޭފަތުން ލޭ އަންނަމުން ދިޔަ. ހިނަވާ ނިމުނު ފަހުން ވެސް،" ރަޝްފާގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރިވި އެ އާއިލާގެ އެހެން މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ރަޝްފާގެ އާއިލާ އިން ވަނީ އޭނާގެ ފިރިމީހާ މުހައްމަދު ނާޝިދާއި މާފުށީ ސިއްހީ މަރުކަޒާ މެދު ވެސް ޝަކުވާތަކެއް ކޮށްފަ އެވެ. އެގޮތުން ބަލިވެ އުޅުނު އިރު ދެ ވަނަ ފަހަރަށް ސިއްހީ މަރުކަޒަށް ގެންގޮސް ނުދެއްކުމަކީ، ރަޝްފާގެ އާއިލާ އިން ނަގާ މައްސަލައެކެވެ.

"ކީއްވެތޯ ފަތިސް ވަންދެން ކެއްސައި، ބަލިވެ އުޅުނު އިރު ދެވަނަ ފަހަރަށް ސިއްހީ މަރުކަަޒަށް ނުގެންދިޔައީ؟" އާއިލާގެ މެމްބަރަކު ބުންޏެވެ.

އެކަމަކު ނާޝިދުގެ ވާހަކަތައް ތަފާތެވެ.

އޭނާ ބުނި ގޮތުގައި ރަޝްފާއަށް ފަރުވާ ދިނުމުގައި އޭނާގެ އެއްވެސް އިހުމާލެއް ނޯންނާނެ އެވެ. އަދި މަރުވި އިރު އަނގަ އާއި ނޭފަތުން ލޭ ނާންނަ ކަމަށާއި އައިސްފައި ހުރީ "ޗޮކްލެޓް ކުލައިގެ ފެނެއް" ކަމަށް ވެސް އޭނާ ބުންޏެވެ.

"ލޭ އައީ ހިނަވާ ނިމުނު ފަހުން،" ނާޝިދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ތިން ދުވަސް ކުރިއްސުރެ ރަޝްފާ ބަލިވެ އުޅުނު ކަމަށް އޭރު މީޑިއާތަކުން ރިޕޯޓްކުރީ ގޯސްކޮށެވެ. ނާޝިދު ބުނީ ބޮލުގައި ރިއްސާތީ އާއި ކެއްސާތީ ރަޝްފާ ޑޮކްޓަރަށް ދެއްކީ ވެސް ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

އެރޭ އަލުން ސިއްހީ މަރުކަޒަށް ނުގެންދިޔައީ، އޭނާ ބުނި ގޮތުގައި، އަނެއް ދުވަހު ހެނދުނު ޓެސްޓްތަކެއް ހަދަން ސިއްހީ މަރުކަޒުން އަންގާފައި އޮތުމުންނެވެ.

ރަޝްފާ ބަލިވެއުޅުނުތާ އޭރު ދެތިން ދުވަސް ވީ ކަމަށް، މީޑިއާތަކުން ހަބަރު ފެތުރީ ސީދާ ނާޝިދަށް ހަވާލާދީފައެއް ނޫނެވެ. އެ ވާހަކަތައް ކިޔައިދީފައި ހުރީ ރަށުގެ އެކި މީހުންނެވެ.

ރަޝްފާގެ އާއިލާ އިން ނަގާ އަނެއް މައްސަލަ އަކީ ރަޝްފާ އަށް މާފުށީ ސިއްހީ މަރުކަޒުގެ ޑޮކްޓަރު އެރޭ ދިން އެއް ބޭހެވެ.

އަންހެނުންގެ ބަލިތަކަށް ހާއްސަ ބައެއް ޑޮކްޓަރުންނާ ވާހަކަ ދެއްކުމަށް ފަހު ރަޝްފާގެ އާއިލާ އިން ބުނަނީ "ގްރިލިންކްޓަސް" އަކީ މާބަނޑު މީހަކަށް، ހާއްސަކޮށް ހައި ރިސްކު އޮތް މީހަކަށް ދޭން އެކަށީގެންވާ ބޭހެއް ނޫން ކަމަށެވެ.

ނާޝިދު ބުނި ގޮތުގައި އެ ބޭސް ލިއެދިން އިރު އެއީ ރައްކާތެރި އެއްޗެއްތޯ އެތައް ފަހަރަކު ޑޮކްޓަރު ކައިރިން ސާފުކުރި އެވެ.

"އަޅުގަނޑު ތަކުރާރުކޮށް ސުވާލު ކުރިން ޑޮކްޓަރާ މިއީ މާބަނޑު މީހަކަށް ދެވިދާނެ ބޭހެއްހޭ؟ އެއްވެސް މައްސަލައެއް ނެތޭ ބުނީމާ ދިނީ. އެ ބޭސް ރަޝްފާ ބޭނުން ކުރީ ވެސް އެންމެ ފަހަރަކު،" ނާޝިދު ބުންޏެވެ.

އެ ބޭހާ މެދު ޑޮކްޓަރުން ދެ ގޮތަކަށް ވާހަކަ ދައްކަ އެވެ. ބައެއް ޑޮކްޓަރުން ބުނާ ގޮތުން އެއީ ކޮންމެހެން ދޭން ޖެހިއްޖެ ހާލަތެއްގައި ދެވިދާނެ ބޭހެކެވެ. އަނެއް ބަޔަކު ބުނަނީ މާބަނޑު ވަކި ދުވަސްވަރެއްގައި އެއްގޮތަކަށް ވެސް އެ ބޭސް ދީގެން ނުވާނެ ކަމަށެވެ.

ސިއްހީ މަރުކަޒާ މެދު ރަޝްފާގެ އާއިލާ އިން ހިތްހަމަނުޖެހެނީ ދެ ކުދިން ސަލާމަތްކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނާޝިދު ބުނި ގޮތުގައި ރަޝްފާ ވެއްޓުނުތާ 15 ވަރަކަށް މިނިޓް ތެރޭގައި ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭރު އަންހެނުން މަރުވެފައި އޮތް ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށް، އޭނާ ކިޔައިދިނެވެ.

އެކަމަކު ބަނޑުގައި އޮތް ދެ ކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ސިއްހީ މަރުކަޒުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެ ކުދިން މަރުވީ ސިއްހީ މަރުކަޒަށް ގެނައި ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ވެސް ނޭނގެ އެވެ.

ހެލްތު މިނިސްޓްރީން އަންނަނީ ރަޝްފާގެ މަރުގެ މައްސަލަ ބަލަމުން ކަމަށް ވާތީ، މިހާރަށް ވުރެ އިތުރު މައުލޫމާތުތަކެއް ފަހުން ލިބިދާނެ ކަމަށް ބެލެވެ އެވެ.

ތަހުގީގު ކުރިއަށް ދާ ގޮތާ މެދު ހިތްހަމައެއް ނުޖެހޭ

ރަޝްފާގެ ބައްޕަޔާއި ބޮޑުދައިތަ، ރަޒީނާގެ ވެސް އެންމެ ބޮޑު ޝަކުވާ އަކީ ކުއްލި ގޮތަކަށް މަރުވި ރަޝްފާގެ އަނގަޔާއި ނޭފަތުން ލޭ ފެންނަން ހުރި އިރު ވެސް ފުލުހުން ތަހުގީގުނުކޮށް ވަޅުލުމެވެ. އާއިލާއިން ދެކޭ ގޮތުގައި އެއީ ބަޔަކު މައްސަލަ ނުޖެއްސިޔަސް ފުލުހުން ބަލަން ޖެހޭނެ ކަންކަމެވެ.

"އަޅުގަނޑުމެން އެންމެން ތިބީ ވަރަށް ބޮޑު ޝޮކެއްގައި، ކައިރި ރިސޯޓްތަކުންނާއި ފުވައްމުލަކުން އައި މީހުން ވެސް. މާފުށީގައި ތިބި ތިމާގެ މީހުން ވެސް،" ރަޒީނާ ބުންޏެވެ.

"ހިނެވި އިރު ވެސް އަނގަޔާއި ނޭފަތުން ލޭ އަންނަމުން ދިޔަ އިރު، ކީއްވެތޯ ހަމަ އާދައިގެ މަރެއް ކަމަށް ބަލައި، ތަހުގީގެއް ނުކޮށް ދޫކޮށްލަންވީ؟"

އާއިލާއިން ކުރި ޝަކުވާއާ ގުޅިގެން ފުލުހުންނަށް ދޭން ބޭނުންވި ބަޔާން ވެސް ނެގީ އުނދަގުލުން ކަމަށް ރަޒީނާ ބުންޏެވެ. އެގޮތުން އެ ބަޔާން ނެގީ، އޭނާ ބުނި ގޮތުގައި، ޖެނުއަރީ 6 ގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރަޝްފާގެ މަރުގެ މައްސަލަ ބަލައިދޭން އާއިލާ އިން ސިޓީއެއް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް އެ މައްސަލަ މިހާރު ހުށައަޅަން ޖެހޭނީ ހެލްތު މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ މާފުށީގެ އަންހެނުންގެ ބަޔަކު، ސިއްހީ މަރުކަޒުގެ ދިފާއުގައި އަޑުއުފުލަނީ

މާފުށީ އަންހެނުން ސިއްހީ މަރުކަޒުގެ ދިފާއުގައި

ރަޝްފާގެ މަރު ތަހުގީގު ކުރަން އާއިލާއިން ހުށައެޅުމުން މާފުށީގައި މިހާރު ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފަ އެވެ. އަދި މާފުށީގައި ދިރިއުޅޭ ރަޝްފާގެ ތިމާގެ މީހުން ސިއްހީ މަރުކަޒުގެ ނަރުހުންނަށް ބިރު ދައްކާ ކަމަށް ތުހުމަތުކުރި އެވެ. އާއިލާއިން ބުނަނީ އެ މީހުންނަށް ރަށުގެ ބައެއް މީހުން ފުރައްސާރަކުރާ ކަމަށެވެ.

މާފުށީގެ ބައެއް އަންހެނުން އިއްޔެ ވަނީ ހެލްތު ސެންޓަރު ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ. އެމީހުން ތުހުމަތުކުރީ ރަޝްފާގެ ދައްތަ ފޮނުވި ބަޔަކު ހެލްތު ސެންޓަރުގެ ސްޓާފުންނަށް ބިރުދެއްކި ކަމަށެވެ. އެމީހުންގެ ޝަކުވާ އަޑުއަހަން ހެލްތު މިނިސްޓްރީގެ ޓީމެއް އިއްޔެ އެރަށަށް ވެސް ދިޔަ އެވެ.

ހެލްތު ސެންޓަރުގެ ނަރުހުންނަށް ބިރު ދެއްކި ކަމަށް ބުނާ ދެ މައްސަލައެއް ހުށައެޅުމުން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ރަޒީނާ ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ މާފުށީ ސިއްހީ މަރުކަޒުގެ ސްޓާފުންނަށް ބަޔަކު ބިރުދެއްކި ނަމަ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވެސް އޭނާ ގޮވާލި އެވެ. "އަޅުގަނޑުމެން ނުބުނަން އެއްވެސް ބަޔަކު ގާތު، ހަަމަނުޖެހުން ހިންގާކަށް. ހިތްވަރެއް ވެސް ނުދެން އެކަހަލަ ކަމަކަށް. އެފަދަ ކަމެއް ބަޔަކު ކުރި ކަަމަށް ވާ ނަމަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ވެސް އާއިލާއިން ގޮވާލަން،" ރަޒީނާ ބުންޏެވެ.