ރަޝްފާގެ މަރާ ގުޅިގެން މާފުށީގައި ހަމަނުޖެހުމެއް ނުހިންގަން: އާއިލާ

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް ނިޔާވި ހާދިސާއާ ގުޅިގެން ކ. މާފުށީ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ބިރު ދައްކައި ހަމަނުޖެހުމެއް ނުހިންގާ ކަމަށް އާއިލާ އިން މިރޭ ބުނެފި އެވެ.


މާފުށީ ހެލްތު ސެންޓަރުގެ ކައިރީގައި މިއަދު ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. އެކަމަކު އެއީ، އާއިލާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ފުވައްމުލަކަށް ނިސްބަތްވާ ރަޝްފާގެ ބޮޑުދައިތަ ރަޒީނާ އަހްމަދު ބުންޏެވެ.

އޭނާ ބުނީ މާފުށީ ސިއްހީ މަރުކަޒުގެ ސްޓާފުންނަށް ބަޔަކު ބިރު ދެއްކި ކަމަށް ވާނަމަ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވެސް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ނުބުނަން އެއްވެސް ބަޔަކު ގާތު، ހަަމަނުޖެހުން ހިންގާކަށް. ހިތްވަރެއް ވެސް ނުދެން އެކަހަލަ ކަމަކަށް. އެފަދަ ކަމެއް ބަޔަކު ކުރި ކަަމަށް ވާނަމަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ވެސް އާއިލާއިން ގޮވާލަން" ރަޒީނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރަޝްފާގެ މަރާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒާ އެކި ފަހަރު މަތިން ކުރި މުއާމަލާތްތައް ވެސް ކޮށްފައި ވާނީ ކެތްތެރި ކަމާ އެކު ރީތިކޮށެވެ. ރަޝްފާގެ އާއިލާއިން ބިރު ދައްކާ ކަމަށް ބުނެ މާފުށީގައި މިއަދު މުޒާހަރާ ކުރި މީހުންގެ މަގުސަދާ މެދު ރަޒީނާ ސުވާލު އުފެއްދި އެވެ.

"އެމީހުން މުޒާހަރާކުރީ ހަމަ ހަގީގަތުގައި ވެސް އެފަދަ ކަމެއް ހިނގައިގެން އިންސާފުން ހޯދަން ކަމަށް ވަންޏާ ކީއްވެތޯ ފޮޓޯ ނެގި އިރު މޫނު ފޮރުވައިގެން ތިބެންވީ؟ ރަޝްފާގެ މަރު ތަހުގީގު ކޮށްދޭން އަހަރެމެން މި ގޮވާލަނީ ހަމަ ފާޅުގައި، ސިއްރަކުން ނޫން،" ރަޒީނާ ބުންޏެވެ.

ސިއްހީ ގޮތުން ރާއްޖެ އަށް ލިބިފައިވާ ކުރިއެރުމާ އެކު ޒުވާން އުމުރުގައި މާބަނޑު އަންހެނުން މަރުވުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. އެހެންވެ ބަނޑަށް އަށް މަހުގައި ރަޝްފާ މަރުވި ހާދިސާއިން ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފަ އެވެ. ރަޝްފާގެ އާއިލާއިން ވަނީ އޭނާ ނިޔާވިގޮތް ތަހުގީގުކޮށްދޭން އެދި ފުލުހުންނަށް ވެސް ހުށަހަޅާ ފަ އެވެ.

ހެލްތު މިނިސްޓްރީން ކުރިން ބުނެފައި ވަނީ މާބަނޑު އަންހެނަކު މަރުވި ހާދިސާއެއް ބަލަމުން އަންނަ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މާފުށީ ސިއްހީ މަރުކަޒުންނާއި މިނިސްޓްރީއަކުން ވެސް ނުދެ އެވެ. މާފުށީ ފިރިހެނަކާ ކައިވެނިކޮށްގެން ރަޝްފާ އެ ރަށަށް ދިރިއުޅުން ބަދަލުކުރީ އަހަރެއްހާ ދުވަސް ކުރިން ކަމަށްވެ އެވެ. އޭނާ ކުއްލިއަކަށް ނިޔާވީ ހުމާ އުޅޭތާ ދެތިން ދުވަސް ފަހުން، ޑިސެމްބަރު 29 ގެ ފަތިހު ވަގުތެއްގަ އެވެ.