މުހިންމު ކަންކަން ބައިވަރު، އެކަމަކު މަޖިލިސް ސީރިއަސްއެއް ނޫން!

ގާނޫނު އަސާސީ އޮތް ގޮތުން ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރާ އެންމެ ބޮޑު ބާރެވެ. އެއީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކޮށްފައިވާ މަންދޫބުންތަކެއްގެ މައްޗަށް އެކުލެވޭ ބާރަކަށް ވާތީ އެވެ. އެހެންވެ، އެ ބާރުގެ މަސައްކަތްތައް ކުރުމުގައި އަމަލު ކުރަންވީ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައިވެ އެވެ.


ގާނޫނު އަސާސީ ބުނާ ގޮތުން މަޖިލީހުގެ މެމްބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އޭނާގެ އަމިއްލަ ނުވަތަ އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ނުކުރުމުގެ އިތުރުން އަދި މެމްބަރުން އިންތިޚާބުވި ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ރިއާޔަތް ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގެ މަސައްކަތްތައް ގާނޫނު އަސާސީ ތަސައްވުރު ކޮށްފައި އޮތީ އެހާ ވެސް ފުރިހަމައަށެވެ. ކޮންމެ މަޖިލިސް އިންތިޚާބެއްގައި ވެސް ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ފަރާތުން އިވެނީ އެ އަޑުތަކެވެ. ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރާނެ ވާހަކަ އެވެ. އެކަމަކު އާ ގާނޫނު އަސާސީގެ ދަށުން ވޭތުވެދިޔަ 10 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މިހާރު ހިނގަމުންދާ މަޖިލީހާއި އޭގެ ކުރިން އޮތް މަޖިލީހުގައި ވެސް ކަންކަން ހިނގީ އެގޮތަކަށް ނޫނެވެ.

މަޖިލިހުން މިހާތަނަށް ވެސް ފެނުނީ ސިޔާސީ ހަމަނުޖެހުންތަކެވެ. މަޖިލީހުގެ ގިނަ މެމްބަރުން ނިސްބަތްވަނީ ކޮންމެވެސް ސިޔާސީ ޕާޓީއަކަށް ވާތީ ސިިޔާސީ ޚިޔާލު ތަފާތުވުންތައް މަޖިލީހުގައި ހުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އެކަމަކު ސިޔާސީ ގޮތުން މަޖިލީހުގައި ކުރާ މަސައްކަތްތަކާ އަޅާބަލާއިރު، ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށް އިސްކަން ދެވޭތޯ މިއީ ސީރިއަސް ސުވާލެކެވެ.

އުމުރުން 65 އަހަރު ވީ މީހުންނަށް ރައީސްކަން ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް 2015 ގައި ފާސްކުރަން ނެގީ މަދު ދުވަސްކޮޅެކެވެ. އޭރުގެ ސަރުކާރަށް މަޖިލީހުގައި އޮތް ބޮޑު އަޣުލަބިއްޔަތުގެ ބޭނުން ހިފައި، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބޭނުންވި ގޮތަށް ވަގުތުން ވަގުތަށް ބިލް ފާސްކޮށްލީ ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށް އޭރު އެތައް ބަޔަކު ތުހުމަތުކުރި އެވެ. ވެރިކަން ބަދަލުވުމާ އެކު ވެސް ފެނުނީ ހަމަ އެ މަންޒަރެވެ. އާ ސަރުކާރަށް މަޖިލީހުގައި ލިބުނު އަޣުލަބިއްޔަތާ އެކު، އެ އިސްލާހު އުވާލަން މަޖިިލީހުން ފާސްކުރީ ވެސް ހަމަ އެހާ އަވަހަށެވެ. ކޮމެޓީ މަރުހަލާއިން އެ ބިލް ދިރާސާ ކުރަން 20 މިނެޓް ވެސް ނުނަގަ އެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކީ ވެސް އޭގެ އަނެއް މިސާލެވެ. މިދިޔަ އަހަރު އޭރުގެ ސަރުކާރަށް ނިސްބަތްވި މަޖިލިސް މެމްބަރުން ޕާޓީ ދޫކޮށް ދިއުމުގެ ބިރާ އެކު، މަޖިލީހުން މިދިޔަ އަހަރު އެންޓި ޑިފެކްޝަންގެ ބިލް ފާސްކުރީ އޭރުގެ އިދިކޮޅު ފަރާތްތަކުން ޖަލްސާތައް ބޮއިކޮޓް ކޮށްފައި ވަނިކޮށް، ބާރު ސްޕީޑްގައި އެ ބިލްގެ މަސައްކަތް ކުރިއަށް ގެންގޮހެވެ. އެ ގާނޫނު އުވާލީ ވެސް އެހާ އަވަހަށް، އެހާ ފަސޭހަކޮށެވެ.

އަބުރުގެ ގާނޫނާއި ބޭރު ގައުމުތަކުން ހިމާޔަތް ހޯދާފައިވާ ފަރާތްތަކަށް ރައީސްކަން ނުކުރެވޭ ގޮތަށް ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެނައި އިސްލާހަކީ ވެސް އެފަދަ މިސާލުތަކެކެވެ. ކުރުކޮށް ބުނާ ނަމަ، ސިޔާސީ ގޮތުން މަޖިލީހުގެ މަސައްކަތްތަކުގެ ސްޕީޑް ވަރަށް އަވަހެވެ. ދުވާލާއި ރޭގަނޑު ޖަލްސާތަކާއި ކޮމެޓީތައް ބާއްވައިގެން އެކަމެއް ނިންމާލަނީ އެވެ. އެކަމަކު ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކާއި މަސައްކަތްތަކުގައި މަޖިލިސް އަބަދުވެސް ފެންނަނީ ފަހަތު ފަޔަށް ބުރަކޮށެވެ.

ހައިބަތު ބޮޑު ރައްޔިތުންގެ މަޖިލިސް --- މިހާރު ފޮޓޯ/ހުސެއިން ވަހީދު

އާ ސަރުކާރު ވެރިކަމަށް އައީ ބޮޑު ލެޖިސްލޭޓިވް އެޖެންޑާއަކާ އެކު އެވެ. ގާނޫނު އަސާސީއާ ޚިލާފް ގާނޫނުތަކާއި ވަކިވަކި ފަރާތްތަކަށް އަމާޒުކޮޮށްގެން ހަދާފައި ހުރި ގާނޫނުތައް އުވާލުމުގެ އިތުރުން ސަރުކާރުގެ މުހިންމު ވައުދުތައް ފުއްދަން ކޮންމެހެން ބޭނުންވާ މުހިންމު ގާނޫނުތަކެއް ހެދުމަކީ ވެސް މިހާރު މި ހިނގާ މަޖިލިސް ނިމުމުގެ ކުރިން ސަރުކާރުން ރޭވި ކަންކަމެވެ. އޭގެ ތެރެއިން މުހިންމު ބައެއް ބިލްތައް މަޖިލީހާ ހަމައަށް މިިހާރު ވަނީ ގޮސްފަ އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމުގެ ބިލާއި ވަކީލުންގެ ބިލާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ ބިލާއި ނުހައްގު މުއްސަނދިކަން ހުއްޓުވުމުގެ ބިލަކީ ވެސް އެފަދަ ބިލްތަކެކެވެ. އެކަމަކު ބިލްތަކާ މެދު ވެސް، މެމްބަރުން ސީރިއަސް ގޮތެއްގައި މަޖިލީހުން ދެކޭ ތަނެއް ނުފެނެ އެވެ.

ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލާ މެދު ކަން ވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލުގެ މަސައްކަތް ކޮމެޓީ މަރުހަލާ އިން ނިންމިޔަސް، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި އެންމެ ފަހު ޖަލްސާގައި އެ ބިލަށް ވޯޓަށް އެހޭނެ ގޮތެއް ނުވި އެވެ. ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންތަކެއް ޖަލްސާއަށް ހާޒިރު ނުވުމުން އެންމެ ފަހުން ޖެހުނީ އެ ބިލް ފާސްނުކޮށް، މަޖިލިސް ޗުއްޓީއަށް ދާށެވެ.

ނަތީޖާއަކަށް ވީ، އެ ދެ ކޮމިޝަންގެ މަސައްކަތްތަކަށް ބާރު ދޭ ގާނޫނެއް ނެތި އެ ދެ ކޮމިޝަންގެ މަސައްކަތްތައް މިވަގުތު ކުރިއަށް ގެންދަން ޖެހުމެވެ. އެ ދެ ކޮމިޝަނާ ހަވާލުވެފައި އޮތީ އަދި އެ ދެ ކޮމިޝަނުން ކުރަމުން ގެންދަނީ ކިތަންމެ މުހިންމު މަސައްކަތްތަކެއް ކަމަށް ވިޔަސް، އެ ދެ ކޮމިޝަނަށް މިވަގުތު އޮތް ހަމައެކަނި ގާނޫނީ ހައިސިއްޔަތަކީ ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން އެ ދެ ކޮމިޝަން އުފައްދަވައި، ނެރުއްވި ގަރާރެވެ.

ގާނޫނީ ޚިދުމަތުގެ ޕްރޮފެޝަންގެ ބިލަށް ވެސް ދިމާވީ އެފަދަ ގޮތެކެވެ. ރާއްޖޭގައި އެންމެ ފުޅާ އެއް ދާއިރާ ކަމަށްވާ އަދި އެންމެ މުހިންމު އެއް މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހެޅި އެ ބިލް ކޮމެޓީ މަރުހަލާއިން ނިމުނަސް، އަދިވެސް މަޖިލީހުން އޮތީ ފާސް ނުކުރެވި އެވެ. ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ ބިލާއި ނުހައްގު މުއްސަނދިކަން ހުއްޓުވުމުގެ ބިލުގެ މާ ބޮޑު މަސައްކަތެއް އަދި ނުކުރެ އެވެ.

މުހިންމު ބިލްތައް ފާސް ނުކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުން ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންގެ މަޝްވަރާގެ މަތިން، ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވަން ވެސް ކޯލިޝަނުން ނިންމި އެވެ. އެކަމަކު މި އަހަރުގެ ފުރަތަމަ ދައުރު ޖަލްސާތައް އަންނަ ހަފުތާގައި ފަށަން ގާތްވެފައި ވާއިރު ވެސް، ދައުރުން ބޭރުން ބާއްވަން ނިންމި ޖަލްސާ ބޭއްވޭނެ ގޮތެއް ނުވި އެވެ. ސަބަބަކަށްވީ ޚާއްސަ ޖަލްސާއެއް ބާއްވަން ބޭނުންވާ މިންވަރަށް މެމްބަރުންގެ ސޮއި ނުލިބުމެވެ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް މިވަގުތު ސަރުކާރު ކޯލިޝަނަށް އޮތްއިރު، ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ތާއީދު ނުލިބުމަކީ ވެސް މެމްބަރުންގެ އިހްލާސްތެރިކަމާ އެކު ސުވާލު އުފެދޭ ކަމެކެވެ.

ކުރިން މި ފާހަގަ ކޮށްލީ ދާދިފަހުން މަޖިލީހަށް ހުށަހެޅި މުހިންމު ބައެއް ބިލްތަކެވެ. އެއަށް ވުރެ ކުރިއަށް ޖެހިލިޔަސް، މުހިންމު އެހެން ބިލްތަކެއް މަޖިލީހުގައި އަދިވެސް ތާށިވެފައި އެބަހުއްޓެވެ. ހެއްކާ ބެހޭ ބިލަކީ އޭގެ ތެރެއިން ބިލެކެވެ. މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހެއްކާ ބެހޭ ގާނޫނުގެ ބަދަލުގައި އާ ބިލެއް ޑްރާފްޓްކޮށް، ސަރުކާރުން މަޖިލީހަށް ފޮނުވައި، ކޮމެޓީ މަރުހަލާގައި ވެސް އޮންނަތާ ދެ އަހަރު ވާން ގާތްވީ އެވެ. އަދިވެސް އެ ބިލުގެ މަސައްކަތެއް ނުނިމެ އެވެ.

ގައުމީ ބޮޑެތި ކަންކަން ނިމުމުގަ އާއި ގާނޫނީ ގޮތުން ކޮންމެހެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ހާލަތްތަކުގައި އެފަދަ ވޯޓުތައް ނެގުމާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ބެހޭ ބިލާއި ތައުލީމުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާ ގާނޫނެއް ހެދުމުގެ ބިލް ވެސް މަޖިލީހަށް ހުށަހެޅިތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އެއިން އެއްވެސް ބިލެއްގެ މަސައްކަތް ކޮމެޓީ މަރުހަލާއިން ނިމިގެން ތަޅުމާ ހަމައަކަށް ވެސް ނާދެ އެވެ. މިދިޔަ އަހަރު ފަހު ދައުރުގައި މަޖިލީހުން ފާސްކުރި ބިލްތަކަކީ މުޅިން ވެސް ގާނޫނުތައް އުވާލުން ނުވަތަ ބައެއް ގާނޫނުތަކަށް އިސްލާހުތައް ގެނައުމުގެ ބިލްތައް އެކަންޏެވެ.

މަޖިލީހުގައި މުހިންމު ވޯޓުތައް ނަގާއިރު އާންމު ގޮތެއްގައި ޕީޖީ ގްރޫޕްތަކުން ވިިޕްލައިން ނެރެ އެވެ. ވަކި ގޮތަކަށް ވޯޓު ދޭން އެންގުން އެކަންޏެއް ނޫނެވެ. ބޭނުންވާ މިންވަރަށް ވޯޓު ނުލިބިދާނެ ކަމަށް ބެލެވޭ ނަމަ، މެމްބަރުން ޖަލްސާއަށް ހާޒިރުވާން ވެސް އަންގަ އެވެ. ސިޔާސީ ކަންކަމުގައި މުހިންމު ވޯޓުތައް ނެގޭއިރު، މި މަންޒަރުތައް އަބަދުވެސް ފެނެ އެވެ. އެހެންވީއިރު، ރައްޔިތުންނާ ގުޅުން ހުރި މިދެންނެވި ފަދަ، މުހިންމު ބިލްތަކަށް ވިޕްލައިންތަކާއި އެންގުންތަކެއް ފެނިގެން ނުދަނީ ކީއްވެގެންތޯ ވެސް ސުވާލު އުފެދެ އެވެ.

މަޖިލީހުގެ ދައުރު ހަމަވެ، މަޖިލިސް އުވިގެން ދާއިރު ނުނިމި ހުންނަ ބިލްތަކާ މެދު އަމަލު ކުރާނެ ވަކި ގޮތެއް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި ނެތަސް، މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ މަޖިލިސް އުވިގެން ދާއިރު ނުނިމި ހުންނަ ބިލްތައް އޮޓަމެޓިކުން ބާތިލްވީ ކަމަށް ބެލުމެވެ. އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބުކުރި ފުރަތަމަ މަޖިލިސް 2014 ގައި އުވުނުއިރު ނުނިމި ހުރި ބިލްތަކާ މެދު ވެސް އަމަލުކުރީ އެ އުސޫލުންނެވެ.

އެހެންވުމުން މިހާރު ހިނގަމުންދާ މަޖިލީހުގައި ބާކީ އޮތް ކުޑަ ދުވަސްކޮޅުގައި، މިދެންނެވި ބިލްތަކުގެ މަސައްކަތް ނުނިންމައިފި ނަމަ، އެ ބިލްތައް ވެސް އެ އުސޫލުން ބާތިލް ވެގެންދާނެ އެވެ. އެހެންވެއްޖެ ނަމަ، ނިކުންނާނެ ނަތީޖާއަކީ އެ ބިލްތަކުގެ މަސައްކަތްތައް ދެން އަންނަ މަޖިލީހަކުން އަލުން ފަށަން ޖެހުމެވެ. އަދި މިފަދަ ބިލްތަކާ މެދު މިހާރު މަޖިލީހުގެ ސްޕީޑް ހުރި ގޮތުން ނަމަ، ދައުރު ހަމަވުމުގެ ކުރިން މުހިންމު ބިލްތައް ނިންމޭނެ ކަން ނުވަތަ ނޫންކަން މި އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ ދެ ކޮމިޝަނަށް ބާރު ދޭ ބިލް މަޖިލީހުން ފާސް ނުވެ އޮތުމުން އެ ދެ ކޮމިޝަންގެ ތަހުގީގުތަކާ ގުޅިގެން ގާނޫނީ މައްސަލަތަކެއް ފަހުން ނިކުތުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވެސް ފާހަގަކުރައްވަނީ ރައީސްގެ ގަރާރަކުން އެ ދެ ކޮމިޝަން އުފެއްދެވިޔަސް، ޖިނާއީ ތަހުގީގުތައް ހިންގުމުގެ ބާރު ގާނޫނަކުން އެ ކޮމިޝަނަށް މިވަގުތު ލިބިފައި ނެތުމެވެ.

"ކޮމިޝަނުން ކިތަންމެ ފުރިހަމަ މަސައްކަތެއް ކުރިޔަސް، އެންމެ ފަހު މަރުހަލާގައި ކޯޓުގައި ބަޔަކު ސުވާލު އުފައްދާނެ އެއީ ގާނޫނާ ޚިލާފަށް ހިންގި ތަހުގީގެކޭ،" އެއް ވަކީލަކު ވިދާޅުވި އެވެ.

ރައްޔިތުން ތަމްސީލު ކުރުމުގެ އެންމެ ބޮޑު ބާރު ކަމަށްވާ މަޖިލީސް އޮތީ ފާޑަކަށް ހުއްޓިފަ އެވެ. އެކަމަކު ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަންކަމުގައި މަޖިލީހުން ސީރިއަސް ނަޒަރަކުން އެބަ ވިސްނަން ޖެހެ އެވެ. ބޮޑެތި މުސާރަ އާއި އިނާޔަތްތައް މެމްބަރުންނަށް ދިނުމުގެ އިތުރުން ގާނޫނީ ގޮތުން މެމްބަރުންނާއި މަޖިލީހުގެ މައްޗަށް އޮތީ އެ ޒިންމާ އެވެ.