ހަނިމާދޫ ކައުންސިލަށް ފައިސާ ގިނަވީތަ؟

ހދ. ހަނިމާދޫ ކައުންސިލުން ބޭނުންވީ ބޮޑު އީދަށް ރަށު ތެރެ ޗާލުކޮށްލާށެވެ. ނުހެދި ހުރި މަގުފާރުތައް ރާނައި، ކުލަލާށެވެ. އަދި ރަށުގެ އެކި ތަންތަނުގައި މޮނިއުމަންޓްތައް ބަހައްޓައި، އީދަށް މިއުޒިކް ބޭންޑުތައް ރަށަށް ގެންދާށެވެ. އެކަމަށް ކައުންސިލްގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ ހޭދަކުރަން ނިންމުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ.


ދެން އުފެއްދީ ސުވާލެވެ. ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު ހަރަދެއް، އެކަހަލަ ކަންކަމަށް، ކައުންސިލަށް ކުރެވިދާނެ ހެއްޔެވެ؟ އަނެއް ބަޔަކު ކުރާ ސުވާލަކީ ހަނިމާދޫ ކައުންސިލްގައި ހުރި ފައިސާ މާ ގިނައީ ހެއްޔެވެ؟

އެއް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުން ހިތްހަމަޖެހޭ ކަމަކަށް، ރައްޔިތުންގެ ފައިސާއިން ކައުންސިލަށް ހަރަދު ކުރެވިދާނެ އެވެ. އީދު ކުޅިވަރަށް ހަރަދު ކުރުމަކީ ކުރިއްސުރެ ރާއްޖޭގައި އޮންނަ ސަގާފަތެކެވެ. އެކަމަކު އަނެއް ބަޔަކު ދެކޭ ގޮތުގައި، ރައްޔިތުންނަށް މާ ފައިދާ ބޮޑު ކަންކަން ހުއްޓާ، މޮނިއުމަންޓުތައް ބަހައްޓައި، ނުވަތަ މިއުޒިކް ބޭންޑުތައް ރަށަށް ގެންދަން މިލިއަނެއްހާ ރުފިޔާ ހޭދަކުރުމަކީ ބޭކާރު ކަމެކެވެ. އެއީ ރައްޔިތުންގެ ފައިސާއަށް ވެވޭ ހިޔާނާތެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

ކައުންސިލްތަކުން ތަރައްގީގެ ޕްލޭނާއި ފައިސާ ހަރަދު ކުރާނެ ގޮތް ކިޔައިދިނުމަށް އެލްޖީއޭން ހއ. ދިއްދޫގައި ބޭއްވި މަސައްކަތު ބައްދަލުވުމެއް: އިތުރު ތަމްރީން ބޭނުންވޭ ފޮޓޯ: އެލްޖީއޭ

ހަނިމާދޫ ކައުންސިލުން އީދު ކުޅިވަރަށް ހޭދަ ކުރަން އެންމެ ފުރަތަމަ ނިންމީ، އެ ރަށުގައި ކުނި ނައްތާލަން ކަނޑައެޅި ބަޖެޓުން ބާކީވާ 875،000 ރުފިޔާ އިންނެވެ. އެކަމަކު އެ ފައިސާ ހަރަދުނުކޮށް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގި އެވެ. އެ އެންގުމާ އެކު ކައުންސިލުން ދެން ހަމަޖެއްސީ އެހެން ކަމަކަށް ހުރި ފައިސާ އިން އެ ހޭދަކުރުމަށެވެ. ނަމަވެސް އެއީ ކުރިން ކޮން ކަމަކަށް ކަނޑައަޅާފައި ހުރި ފައިސާއެއް ކަމެއް ނޭނގެ އެވެ.

ހަނިމާދޫ ކައުންސިލްގެ ކުރީގެ ރައީސް އާދަމް އިބްރާހިމް ވިދާޅުވި ގޮތުގައި އެ ރަށުގައި އީދު ކުޅިވަރު ކުޅެ، އެކަމަށް ހަރަދުކުރަން އެންމެ ފުރަތަމަ އިސްނެގީ އެ ރަށުގެ އަމިއްލަ ޖަމިއްޔާއަކުންނެވެ. އެއީ ރައްޔިތުންގެ އަތުން ޗަންދާ ނަގައިގެންނާއި އެކި މަސައްކަތްކޮށްގެން ފައިސާ ހޯދައިގެންނެވެ.

"ޖަމިއްޔާއިން އީދު ފާހަގަކުރުމަށް ހިންގާ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުގައި އެދުނު. އަދި އަޅުގަނޑުމެން އެއްބަސްވިން އެހީތެރިކަން ފޯރުކޮށްދޭން،" އާދަމް ވިދާޅުވި އެވެ.

އެއީ ކުރިން ހަމަ އެކަމަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާ ނަމަ ކައުންސިލަށް ހަރަދު ކުރެވިދާނެ. މިހާރު ބަލަންވީ އެއީ ބަޖެޓުގައި ކުރިން ހިމަނާފައިވާ ފައިސާތޯ-- އެލްޖީއޭ

ނަމަވެސް އެކަމަށް ނުވަ ލައްކަ ރުފިޔާ ހަރަދުކޮށް، އީދު ކުޅިވަރުގެ ހުރިހާ ކަމަކާ ފަހުން ހަވާލުވީ ކައުންސިލުންނެވެ. އެކަމާ ހިޔާލު ތަފާތު ވެގެން އޭނާ ވަނީ ކައުންސިލްގެ ރައީސްގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

ހަރަދުތައް ކުރުމުގައި ކައުންސިލްގެ ދައުރު

ރަށު އޮފީސްތަކާއި ކަތީބުންގެ މަގާމު އުވާލައި، ކައުންސިލްތައް އުފެއްދީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ދެނެގަނެ، ފަސޭހައިން ފޯރުކޮށްދިނުމަށެވެ. އެކަމަކު ކައުންސިލްތަކަށް ހަރަދުކުރެވޭނީ ބަޖެޓްގައި ކަނޑައަޅާފައިވާ ކަންކަމަށެވެ.

ކައުންސިލްތަކުގެ ބެލެނިވެރިޔާ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނިގޮތުގައި މާލިއްޔަތު ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ކޮންމެ ހަރަދެއް ވެސް ކައުންސިލްތަކަށް ކުރެވިދާނެ އެވެ. އެކަމަކު މާލިއްޔަތު ގާނޫނުގައި ބުނާ ގޮތުން ކައުންސިލްތަކުން ކުރަން ޖެހޭ ހަރަދުތައް ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނާފައި އޮންނަން ޖެހޭނެ އެވެ.

ކައުންސިލްތަކުގެ ބަޖެޓް ބޭރުން ހަރަދު ކުރެވޭނީ ކުއްލިއަކަށް ދިމާވާ ގުދުރަތީ ހާދިސާއަކުން އަރައިގަނެ، ރައްޔިތުންނަށް އެހީވާން ނުވަތަ ކޮންމެހެން ނުކޮށް ނުވާނެ ހަރަދެއް ކުރުމަށެވެ.

އެލްޖީއޭ ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް ޝަރީފް ވިދާޅުވީ ހަނިމާދޫ ކައުންސިލުން އީދުގައި ކުރާނެ ހަރަދުތަކާއި އެކަމަށް ހޭދަވާނެ ފައިސާގެ މިންވަރު ބަޖެޓުގައި ކުރިން ހިމަނާފައިވާ ނަމަ އެ ހަރަދު ކުރެވިދާނެ ކަމަށެވެ. އެކަމަކު ކުއްލިއަކަށް ކައުންސިލްގެ ބައްދަލުވުމެއްގައި ފާސްކޮށްގެން ނުވަ ލައްކަ ރުފިޔާ އީދު ކުޅިވަރަށް ހޭދަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ ޕްލޭނާއި ފައިސާ ހަރަދު ކުރާނެ ގޮތް ދަސްކޮށްދޭން އެލްޖީއޭ އިން ގދ. ތިނަދޫގައި ބޭއްވި މަސައްކަތު ބައްދަލުވުމެއް: ކައުންސިލްތަކުން ވެސް ހޭދަކުރަން ޖެހޭނީ ވިސްނުންތެރިކަމާ އެކު - ފޮޓޯ: އެލްޖީއޭ

"އެއީ ކުރިން ހަމަ އެކަމަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާ ނަމަ ކައުންސިލަށް ހަރަދު ކުރެވިދާނެ. މިހާރު ބަލަންވީ އެއީ ބަޖެޓުގައި ކުރިން ހިމަނާފައިވާ ފައިސާތޯ،" ޝަރީފް ވިދާޅުވި އެވެ.

ހަނިމާދޫ ކައުންސިލުގެ ނިންމުމާ މެދު އެހެން ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އީދު ކުޅިވަރަށް ކައުންސިލްގެ ބަޖެޓުން ހޭދަކުރަން ނުވަ ލައްކައެއްހާ ރުފިޔާ އަކީ ބޮޑު އަދަދެއް ކަމަށެވެ. އެ ފައިސާ ރައްޔިތުންނަށް ފައިދާ ހުރި އެހެން ކަމަކަށް ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޅުދުއްފުށީ ކައުންސިލްގައި އެގޮތަށް ހަރަދު ކުރާނެ ނުވަ ލައްކަ ރުފިޔާ ހުރި ނަމަ އަޅުގަނޑުމެން ބިމެއްގައި ގެ އަޅައި އެތަން ކުއްޔަށް ދޫކުރާނީ. އޭރުން އެ ކުރާ ހަރަދެއް ފެންނަން ހުންނާނެތާ،

"އީދު ނިމުމުން އެކަން އެ ދިޔައީ. އެކަމަކު މިގޮތަށް ކުރާ ހަރަދު ޖެހޭނެ ފެންނަން ހުންނަ އެއްޗަކަށް ވާން،" އަލީ ވިދާޅުވި އެވެ.

ހދ. އަތޮޅާއި ހއ. އަތޮޅުގައި އެއާޕޯޓެއް އޮންނަ ހަމައެކަނި ރަށަކީ ހަނިމާދު އެވެ. އެހެންވެ، އިގްތިސޯދީ ގޮތުން އަތޮޅުގެ އެހެން ރަށްރަށަށް ވުރެ އެ ރަށް އުޅެނީ މާ ކުރީގަ އެވެ. ބައެއް ކައުންސިލަރުން ދެކެވަޑައިގަންނަވާ ގޮތުގައި "ނުވަ ލައްކަ ރުފިޔާއަކީ އެ ރަށު ކައުންސިލަށް އެއްވެސް އެއްޗެއް ނޫނެ"ވެ. އެކަމަކު އެހާ ގިނަ ފައިސާ އީދު ކުޅިވަރަށް ހަރަދު ކުރުމުގެ ބަދަލުގައި ކައުންސިލަށް ފައިސާ ލިބޭނެ އެހެން މަގެއް ތަނަވަސްކުރުން ބުއްދިވެރި ކަމަށް ކައުންސިލަރުން ވިދާޅުވެ އެވެ.

"ކުޅުދުއްފުށީ ކައުންސިލްގައި އެގޮތަށް ހަރަދު ކުރާނެ ނުވަ ލައްކަ ރުފިޔާ ހުރި ނަމަ އަޅުގަނޑުމެން ބިމެއްގައި ގެ އަޅައި އެތަން ކުއްޔަށް ދޫކުރާނީ. އޭރުން އެ ކުރާ ހަރަދެއް ފެންނަން ހުންނާނެތާ،" އަލީ ވިދާޅުވި އެވެ.

އެލްޖީއޭ އިން ބުނީ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނަށް މުސާރަ ދީފައި އެހެން ކަމަކަށް ހަރަދު ކުރަން ކައުންސިލްތަކުގެ ބަޖެޓުގައި ބާކީ އޮންނަނީ މަދު އެއްޗެކެވެ. އެހެންވެ، އެ ފައިސާއިން ހަރަދުު ކުރަން ޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް ކަމަށް އެލްޖީއޭ އިން ބުނެ އެވެ.

ރަށުގައި މޮނިއުމަންޓްތައް ބެހެއްޓިދާނެ އެވެ. ކައުންސިލްތަކުގެ ހަރަދުގައި އީދުކުޅިވަރު ވެސް ކުޅެވިދާނެ އެވެ. އަދި ރައްޔިތުން ހިތްހަމަޖައްސައިދޭން އެހެން ކަންކަން ވެސް ހިންގިދާނެ އެކަމަކު ރައްޔިތުންގެ ފައިސާ ހޭދަކުރަން ޖެހޭނީ ރަނގަޅަށެވެ. އޭގެ ފައިދާ ދެމިގެންދާނެ ގޮތަކަށެވެ.