ޓީޗަރުންގެ ހުރީ ޝަކުވާ، ހައްލު ކޮން އިރަކުން؟

ޓީޗަރެއްގެ އެއް ދުވަހުގެ ޝެޑިއުލުން ފުރަތަމަ ފަށާނަމެވެ. ހެނދުނު ދަންފަޅީގައި ކިޔަވައިދޭ ޓީޗަރެއް ނަމަ ސްކޫލަށް ދާން ޖެހޭނީ 6:45 ގަ އެވެ. އެ ސެޝަން މެންދުރު 12:15 ހާއިރު ނިމޭނެ އެވެ. އެކަމަކު އެވަރުން ޓީޗަރުންނަށް އަތް ދޫކޮށެއް ނުލެވެ އެވެ. އިތުރު ހަރަކާތެއް އޮތިއްޔާ، އެއަށް ދަރިވަރުން ފަރިތަކޮށްދޭން ޖެހެ އެވެ. އެހެންވެ ބައެއް ފަހަރަށް ހަފްތާ ބަންދަކަށް ވިއަސް ސްކޫލްގައި އުޅެން ޖެހެ އެވެ.


ބައެއް ސްކޫލުތަކުގެ ޓީޗަރުން ބުނާ ގޮތުގައި، މަތީ ތައުލީމް ހާސިލްކޮށް ޓީޗަރަކަށް ވީ އެއީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށް ވާތީ އެވެ. އެކަމަކު އާއިލާއަށް ވަގުތު ނުދެވި، ދުވަސް އެއްކޮށް ސްކޫލުގައި އުޅެން ޖެހުމަކީ ހިތްދަތިކަމެއް ކަމަށް ބުނެ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ޓީޗަރަކު ބުނީ ދަންފަޅި ނިންމާލާފައި ފޮތްތައް މާކުކޮށް ގިނަ ފަހަރަށް ގެއަށް ދެވެނީ މެންދުރުފަހު ތިނެއް ވެސް ޖަހާ ފަހުން ކަމަށެވެ. ބައެއް ޓީޗަރުންނަށް ދެން އޮންނާނީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނުކޮށްދިނުމެވެ. އެހެންކަމުން ދުވާލަކު ގާތްގަނޑަކަށް 11 ގަޑިއިރަށް ވުރެ ގިނަ ވަގުތު ސްކޫލުގަ ހޭދަކުރެ އެވެ.

"ވަރަށް ބޮޑަށް ސްޓްރެސް ވެފައި ހުންނަނީ. ރަނގަޅަށް ކިޔަވައެއް ނުދެވޭ. ހިތަށްއަރާލަފާނެ ހަފުތާ ބަންދު އެބަ ލިބޭ ނޫންހޭ އަރާމުކޮށްލަން. އެކަމަކު އަޅުގަނޑުމެންނަށް އެ ފުރުސަތެއް ވެސް ނުލިބޭ. ހަފްތާ ބަންދުގައި ވެސް ސްކޫލުގެ ކޮންމެވެސް ކަމެއްގައި އުޅެން ޖެހެނީ،" އެ ޓީޗަރު ބުންޏެވެ.

މާލޭގެ ބޮޑު ސްކޫލެއްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އެހެން ޓީޗަރަކު ބުނި ގޮތުގައި ބައެއް ފަހަރަށް އުޅެން ޖެހޭ ބުރަކަމާ އެކު ހިތަށްއަރަނީ ޓީޗަރުންނަކީ ވެސް އިންސާނުންކަމާ މެދު ކަމާ ބެހޭ ފަރާތްތަކުން ހަނދާން ނެތިފައިވާ ކަމެވެ. މުޅި ހަފުތާ އެގޮތަށް ހޭދަކުރަން ޖެހުމުން ކިޔަވައިދިނުމުގެ މަސައްކަތަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށް އޭނާ ބުންޏެވެ.

ސީއެޗްއެސްއީގެ ކްލާހެއްގައި ޓީޗަރަކު ކިޔަވައިދެނީ: ބައެއް ޓީޗަރުން ހަފުތާއަކު ގާތްގަނޑަކަށް 50-60 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ.-- މިހާރު ފޮޓޯ

"މަސައްކަތް ކުރަން ޝަކުވާއެއް ނުކުރަން. އެކަމަކު ވޯކުލޯޑު ބޮޑުވެގެން މަސައްކަތަށް ސަމާލުކަން ނުދެވޭ ހިސާބަށް މި ދަނީ،" އެ ޓީޗަރު ބުންޏެވެ.

"ކްލާހެއްގައި 34 ވަރަކަށް ކުދިން އުޅޭއިރު އެ ހުރިހާ ކުދިންގެ ފޮތްތަކާއި ޕޭޕަރުތައް މާކުކުރަން ޖެހޭ. ކްލާހުގައި އުޅޭނެ ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިން. އެކަމަކު އެ ކުދިންނަށް އެ އަޅާލުމެއް ހަގީގަތުގައި ނުދެވޭ. އެހެންވެ ހިތަށްއަރާ ޒިންމާ އަދާނުކުރެވެއޭ މިހެން ކަންތައް ވާތީ."

އޭނާ ބުނި ގޮތުގައި ބުރަވެގެން ގޮސް ހަދާނެ ގޮތެއް ނެތިގެން ރަސްމީ ދުވަސް ދުވަހު ވެސް ސަލާމް ބުނުން ނޫން ގޮތެއް ނޯންނަ ކަމަށެވެ. އެހެންކަމުން ޓީޗަރުންގެ މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދައިދޭން އެބަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ލިބެނީ އެކަށީގެންވާ މުސާރައެއް ނޫން

ގިނަ ޓީޗަރުން ދެކޭ ގޮތުގައި، ޑިގްރީއެއް އޮންނަ ޓީޗަރަކު 11 ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތްކޮށްގެން ގެއަށް ގެންދަން ލިބޭ 12،050ރ. އަކީ އެކަށީގެންވާ މުސާރައެއް ނޫނެވެ. މާސްޓާސް އޮންނަ ނަމަ ލިބޭ އަދަދު 14،000-15،000ރ. އަށް އަރަ އެވެ. ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނާ ހިލާފަށް ޓީޗަރުންގެ އިތުރު ގަޑީގެ ގޮތުގައި ލިބެނީ މުސާރައިގެ 10 ޕަސެންޓެވެ.

ސިވިލް ސާވިސްގެ އެހެން މަގާމުތަކުގައި އިތުރު ވަގުތަށް މުސާރައިގެ 35 ޕަސެންޓް ލިބެ އެވެ. މިގޮތަށް ހަމަޖައްސާފައި އޮންނަނީ ޓީޗަރުންގެ އަސާސީ މުސާރަ، ސިވިލް ސާވިސްގެ އެހެން ވަޒީފާތަކަށް ވުރެ ބޮޑުވުމެވެ. އެކަމަކު ބައެއް ޓީޗަރުން ދެކެނީ އިތުރު ވަގުތު ނެގެން މިހާރު އޮންނަ ގޮތް އިންސާފުވެރި ނޫން ކަމަށެވެ.

ޓީޗަރުން ދުވާލެއްގެ މައްޗަށް 11 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރާއިރު، ސިވިލް ސާވިސްގެ އެހެން ވަޒީފާތަކުގައި ގިނައީ ހަ ގަޑިއިރު މަސައްކަތްކުރާ މީހުންނެވެ. އެ މީހުންނަށް ހަފުތާ ބަންދު ވެސް އަދި ރަސްމީ އެހެން ބަންދުތައް ވެސް ބަރާބަރަށް ލިބެ އެވެ.

"މިސާލަކަށް އަށް ގަޑިއިރު މަސައްކަތް ކުރާ ޑިގްރީ ފާސް އޮންނަ ނަރުހަކަށް އެބަ ލިބޭ 15،000ރ. އަށް ވުރެ ގިނައިން. އެކަމަކު އެއަށް ވުރެ މައްޗަށް ކިޔަވައިގެން ތިބި ޓީޗަރުންނަށް ވެސް މި ލިބެނީ އެއަށް ވުރެ މާ ކުޑަކޮށް. މިއީ ޓީޗަރުންނަށް ޖަހާ ޖޯކެއްގެ ގޮތުގައި ސިފަކުރެވެނީ،" ޓީޗަރަކު ބުންޏެވެ.

އޭނާ ދެން މިސާލު ނެގީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ޓީޗަރުންނަށް ލިބޭ މުސާރަ އެވެ. ބައެއް ގައުމުތަކުގައި އެންމެ ގަދަރު ލިބިފައިވާ އެއް ބަޔަކީ ޓީޗަރުންނެވެ. އަދި އެ ގައުމުތަކުގެ ނިސްބަތުން ރަނގަޅު މުސާރައެއް ވެސް ލިބެ އެވެ.

އޯއީސީޑީގެ ގައުމުތަކަށް ބަލާއިރު، ޓީޗަރުންނަށް އެންމެ ބޮޑު މުސާރައެއް ލިބެނީ ސްވިޒަލެންޑުގަ އެވެ. އެއީ އަހަރެއްގެ މައްޗަށް 68،000 ޑޮލަރު (1.4 މިލިއަން ރުފިޔާ) އެވެ. އެއަށް ފަހު ނެދަލެންޑާއި ޖަރުމަނާއި ބެލްޖިއަމް އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިރިޔާ ސްކޫލުގެ ޗަރުން ހިނގާލަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރަށް ކަނޑައެޅި 30 ބިލިއަން ރުފިޔާގެ ބަޖެޓުން އެންމެ ބޮޑު ހަަރަދެއް ކުރަނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން އެ ދާއިރާއަށް ތިން ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ. މިއީ ތައުލީމީ ދާއިރާއަށް މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު ބަޖެޓެެވެ. ބައެއް ޓީޗަރުން ދެކޭ ގޮތުގައި ރާއްޖޭގެ 213 ސްކޫލުގައި މަސައްކަތްކުރާ 9،800 އެއްހާ ޓީޗަރުންގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކީ އުނދަގޫ ކަމެއް ނޫނެވެ.

އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ވެސް ހައްލެއް ނޫން

އެއް ދަންފަޅިއަށް ކިޔަވައިދޭ އަތޮޅު ސްކޫލެއްގެ ޓީޗަރަކު ބުނީ އެއް ދަންފަޅިއަށް ކިޔަވައިދިނުމަކީ ކާމިޔާބު ނިޒާމެއް ކަމަށެވެ. އެކަމަކު ސްކޫލުތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތައް ގިނަވުމުން، ޓީޗަރުންނަށް ހަފުތާ ބަންދު ވެސް އަރާމުކޮށްލަން ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ހަގީގީ ފައިދާއެއް ނުލިބޭ. މެންދުރުފަހު ޔުނީފޯމް އެކްޓިވިޓީސްތަކާއި ޕްލޭނިން މީޓިންތައް އޮވޭ. ރޭގަނޑު އިތުރު ކްލާސްތައް އޮވޭ. ކޯ ކަރިކިއުލާ ހަރަކާތްތައް މި އޮންނަނީ ހަފްތާ ބަންދުގައި. ޓީޗަރުންނޭ އެއްގޮތަށް ދަރިވަރުންނަށް ވެސް ވަގުތު ލިބެން ޖެހޭނެ،" ގްރޭޑު 11 އަށް ކިޔަވައިދޭ އެ ޓީޗަރު ބުންޏެވެ.

"ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު މި ކުރަނީ ވެސް، އަބަދު ސްކޫލުގައި ހޭދަކުރާ ހޭދަކުރުމަށް ނިމުން ގެންނަން. އަބަދުވެސް ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކާއިރު ޓީޗަރުންނަށް އަޅާނުލެވި މި އޮންނަނީ. ހަގީގަތުގައި ޓީޗަރުންނަކީ އެންމެ ބޮޑަށް އުނދަގޫތައް ތަހައްމަލުކުރާ މީހުން."

ޓީޗަރުންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުގައި ބޭއްވި ހަފުލާއެއްގައި، އެ ސްކޫލުގެ އިސްވެރިންނާ އެކު ޓީޗަރުން -- މިހާރު ފައިލް ފޮޓޯ

އޭނާ ދެކޭ ގޮތުގައި ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭނީ ދަރިވަރުންނަށް ފައިދާ ލިބޭ ގޮތަކަށެވެ. ސްކޫލެއްގެ ބޭނުމަކީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރުކޮށްދިނުން ކަމަށް ވާއިރު، އިތުރު ހަރަކާތްތައް ބޭއްވުމުގައި ސަމާލުކަން ދޭން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކްޓިވިޓީ ކަލަންޑަރަށް ބަލާއިރު، ކޮންމެ މަހަކު ވެސް ތަފާތު މުބާރާތްތަކާ އެކު އިތުރު ހަރަކާތްތައް އޮވެ އެވެ. އޭގެ ތެރޭގައި އިންޓަ ސްކޫލު މުބާރާތްތަކާއި ތަފާތު ކޭމްޕްތައް ހިމެނެ އެވެ.

"ގަބޫލުކުރަން ކިޔަވައިދިނުމަކީ ސަރުކާރުގެ ރަސްމީ ގަޑިހެން، ހަ ގަޑިއިރުން ނިމޭނެ ކަމެއް ނޫންކަން. އެކަމަކު ދުވާލަކު 10-12 ގަޑިއިރު މަސައްކަތްކޮށްފައި އެންމެ ކުޑަމިނުން ހަފުތާ ބަންދުގައި ހުސް ވަގުތު ލިބެން ޖެހޭނެ. އެއީ ވަރަށް ގިނަ ވަގުތު،" މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރި ޓީޗަރަކު ބުންޏެވެ.

"ގާތްގަނޑަކަށް އަށް ގަޑިއިރު ވޯކްލޯޑް ހޭންޑުލް ކުރެވިދާނެ. އެކަމަކު މިހާރު މި އޮންނަނީ އޯވާ ވެފައި."

ގައުމުގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން އެންމެ މުހިއްމު އެއް ދައުރު އަދާކުރަނީ ޓީޗަރުންނެވެ. އެމީހުންގެ މައްސަލަތަކަށް ހައްލު ބޭނުންވެ އެވެ. ލިބޭ މުސާރަ ރަނގަޅުވެ، ހިތްހަމަޖެހިގެން އުޅެވޭރު ވާން ޖެހޭނެ އެވެ. މުސާރަ ކުޑަވެގެން ރަނގަޅު އެތައް ޓީޗަރުންނެއް އެހެން ދާއިރާތަކަށް ދާދިއުމަކީ ތައުލީމީ ދާއިރާއަށް ވަރަށް ބޮޑު ގެއްލުމެކެވެ.