ބައެއް ކުދިން އިސްލާހުވެ ނަމޫނާއަކަށް، ބޭނުންވަނީ ރަނގަޅު ޕްރޮގްރާމެއް

މުހައްމަދު މަފާޒު (އަސްލު ނަމެއް ނޫން) އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން އެންމެ 16 އަހަރުގައި، ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގަ އެވެ. ކުޑަކުއްޖަކަށް ވީތީ އެ މައްސަލައިގައި އޭނާ ދޫކޮށްލި ނަމަވެސް، އޭގެ އަހަރެއް ފަހުން އޭނާ ހައްޔަރުކުރީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއެއްގައި ބައިވެރިވެގެންނެވެ. އެކަމަކު އެ ފަހަރު ވެސް އޭނާއަށް އިސްލާހުވާން ފުރުސަތެއް ލިބުނެވެ. ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރަން ދ. ވާނީގައި 2016 ވަނަ އަހަރު ހިންގި ޕްރޮގްރާމްގައި ބައިވެރިވެ، އަލުން މުޖުތަމައަށް ނުކުތުމުގެ ފުރުސަތެވެ.


މިހާރު މަފާޒަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރާ، ހީވާގި ޒުވާނެކެވެ. ގްރޭޑް ނުވައަކާ ހަމައިން ސްކޫލުން ވަކިވެފައި ހުރި ނަމަވެސް، ފަހުން އަމިއްލައަށް ކޯހެއް ހަދައި ގިނަ ކަންކަން ދަސްކޮށްފި އެވެ. އެކަމަކު ކުށުގެ ވެއްޓަށް ހުށަހެޅޭ ކޮންމެ ކުއްޖަކަށް އެކަމުން އަރައިގަނެ، އަނބުރާ މުޖުތަމައަށް ނުކުންނަން ފުރުސަތު އޮތްތޯ ސުވާލު އުފެދެ އެވެ. މަފާޒުގެ އަމިއްލަ މަސައްކަތާ އެކު އޭނާ ކުށްތަކާ ދުރުވި ނަމަވެސް، ކަމާ ބެހޭ އިދާރާތަކުން އެފަދަ ކުދިންނަށް އެކަށީގެންވާ އެއްބާރުލުން ލިބޭ ހެއްޔެވެ؟

ރަށެއްގައި ކުޑަކުދިންތަކެއް ކުޅެނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ކުށް ކުރާ ކުދިންގެ ހާލަތު

ކުށްކުރާ ކުޑަކުދިންނާ ގުޅޭ ގޮތުން، ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ)ން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2017 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު، ކުށްކުރި ކުޑަކުދިންގެ އަދަދު މަދެވެ. ގާނޫނާ ހިލާފުވެގެން މިދިޔަ އަހަރު 349 ކުދިންގެ މައްސަލަ ހުށަހެޅި އިރު އޭގެ ކުރީ އަހަރު އެ އަދަދު އުޅެނީ 405ގަ އެވެ. އެކަމަކު ކުށުގެ ބާވަތް އެހެން އަހަރުތަކަށް ވުރެ ބޮޑެވެ.

ރިޕޯޓުގައިވާ ގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ މާރާމާރީގެ މައްސަލަތަކެވެ. ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 25 މައްސަލަ ހުށަހަޅާފައިވާއިރު ވައްކަމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި ގެންގުޅުމުގެ މައްސަލަތައް ވެސް ހުށަހަޅާފައިވެ އެވެ.

"ކުށުގެ ބާވަތަށް ބަލާއިރު ބޮޑެތި މީހުންނާއި ގުރޫޕުތަކާ ގުޅިގެން ހިންގާ ކުށްތައް ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ. އަދި މައްސަލަ ހައްލުކުރުމަށް މީހުން މެރުމުގެ ސަގާފަތެއް އުފެދިފައިވާކަން ވެސް ފާހަގަކުރެވިފައި ވެ އެވެ،" ޖޭޖޭޔޫގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުން ފެންނަނީ އެހެން އަހަރުތަކާ ހިލާފަށް، މިދިޔަ އަހަރު އަންހެން ކުދިން ވެސް މާރާމާރީތަކުގައި ބައިވެރިވެފައިވާ މަންޒަރެވެ. އަދި ރާއްޖޭގެ ވަކި ހިސާބުތަކުގައި ކުށްކުރުން އިތުރުވަމުން ދާއިރު، މާލޭގައި ހިންގާ މާރާމާރީތަކަށް ރަށްރަށުން ކުދިން ގެނެސް، ކުށްކުރާ މީހުން ދިރިއުޅޭ ގޭގޭގައި ނުވަތަ ސަރަހައްދުތަކުގައި އެ ކުދިން ގެންގުޅޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ކުށްކޮށްގެން މައްސަލަ ހުށަހެޅި ކުދިންގެ ތެރޭގައި، ތަކުރާރުކޮށް އެކަން ކުރާ ކުދިން ހިމެނެ އެވެ. އެގޮތުން މިދިޔަ އަހަރު ކުށް ތަކުރާރުކޮށްގެން 111 ކުދިންގެ މައްސަލަ ހިމެނޭ އިރު 184 ކުދިންގެ މައްސަލަ މުޅިން އަލަށް ހުށަހަޅާފައިވެ އެވެ.

މިދިޔަ ދިހަ އަހަރަށް ބަލާއިރު ގަސްތުގައި މީހަކު މެރުމުގެ ތުހުމަތުގައި، 2012 ވަނަ އަހަރު ހަ ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާއިރު 2016 ވަނަ އަހަރު ވެސް ހަ ކުއްޖެއްގެ މައްސަލަ ހިމެނެ އެވެ.

އިސްލާހުވުމަށް ގިނަ ފުރުސަތުތަކެއް!

ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ: އިސްލާހުވުމަށް ލިބޭ ފުރުސަތު ގިނަ

ކުދިންގެ އަހުލާގު ރަނގަޅުކޮށް، ބޭނުންތެރި ބަޔަކަށް ހެދުމަށް މީގެ އެތައް އަހަރެއް ކުރިއްސުރެ ސަރުކާރުން ކ. މާފުށީގައި އިސްލާހިއްޔާ ނުވަތަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ނަމުގައި ތަނެއް ހިންގި އެވެ. މީގެ ދެ އަހަރު ކުރިން އެތަން އުވާލީ ވަކި ރަށެއްގައި ބައިތިއްބައިގެން ކުދިން އިސްލާހު ކުރުން ޒަމާނާ ނުފެތި، އެއަށް ވުރެ ރަނގަޅަށް އެކަން ކުރުމުގެ ބޭނުމުގަ އެވެ.

އިސްލާހިއްޔާއިން ރަނގަޅުވެގެން ގިނަ ކުދިންތަކެއް މުޖުުތަމައުގެ ބޭނުންތެރި ބަޔަކަށް ވި އެވެ. އެކަމަކު ފަހުން އައިސް، ކުށްކުރާ ކުދިން އިސްލާހު ކުރުމަށް މާ ރަނގަޅު ޕްރޮގްރާމްތަކެއް ހިންގިފައި ނުވާކަން ކަމާ ބެހޭ އިދާރާތަކުން ވެސް ފާހަގަކުރެ އެވެ.

ޖޭޖޭޔޫގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް ވިދާޅުވި ގޮތުގައި އެކި ކުށްތަކުގައި ހައްޔަރުކޮށް، އެކަމަކު އިސްލާހުވުމަށް ދެ ވަނަ ފުރުސަތެއްގައި ކޯޓުތަކުން ދޫކޮށްލާ ކުދިންނަށް މިނިސްޓްރީން ސެޝަންތަކެއް ހިންގި ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އެކަން ކުރިއަކަށް ނުގެންދެވެ އެވެ. އެންމެ ބޮޑުކަމަކަށް އޭނާ ފާހަގަކުރެއްވީ އެފަދަ ޕްރޮގްރާމްތައް ހިންގަން ޖާގަ ނެތުމެވެ. އެ ކުދިން ބައިވެރިވުން ކޮންމެހެން މުހިއްމު ކަންކަން ހަމައެކަނި އިހްތިޔާރީ ކަމެއްގެ ގޮތުގައި އޮތުން ވެސް އެއީ އޭނާ ފާހަގަކުރެއްވި މައްސަލައެކެވެ.

"އިސްލާހު ކުރުމުގެ ޕްރޮގްރާމްގެ ބައެއް އެއީ އެ ކުދިންނަށް ތައުލީމާއި މަސައްކަތްތައް އުނގަންނައިދިނުން. މިހާރު ވެސް ޕޮލިޓެކްނިކުން އެ ކުދިންނަށް ކޯސްތަކުގައި ބައިވެރިވެވޭނެ. އެކަމަކު އެއީ ހަމައެކަނި ވޮލަންޓަރީ ކަމެއް. އެހެންވެ، ވަރަށް މަދު ކުއްޖަކު އެކަމުގައި ބައިވެރިވަނީ،" ހާމިދު ވިދާޅުވި އެވެ.

"[އިސްލާހީ] ޕްރޮގްރާމްތައް އެންމެ ރަނގަޅަށް ހިންގަން މިއަދާ ހަމައަށް ވެސް އަޅުގަނޑުމެންގެ އަތުގައި ވަސީލަތްތަކެއް ނެތް."

އޭނާ ވިދާޅުވީ ކުށްކުރާ ކުދިން ރިހިބިލިޓޭޓްކޮށް އަލުން މުޖުތަމައުގެ ތެރެއަށް ނެރެން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ފާސްކުރުމެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އެ ބިލް ގާނޫނަކަށް ވުމާ އެކު، ކުދިން އިސްލާހުވުމަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ހާމިދު ވިދާޅުވި އެވެ. ކުށްކުރާ ކުޑަ ކުއްޖަކާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އެ ކުއްޖާ ހައްޔަރު ކުރަން ވާނީ ނުވަތަ ބަންދު ކުރަން ވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންގައި ކަން، ބިލްގައި ވަނީ ހިމަނައިފަ އެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފުލުހުންނާއި ޕްރޮސެކިއުޓަރުން އުފެއްދުމަށް ވެސް އެ ބިލުގައި ވެ އެވެ.

ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ މައްޗަށް ހުކުމް ކުރާނީ ވެސް ހާލަތަށް ބަލާފަ އެވެ. އެގޮތުން އެ ކުއްޖާ ކުށުގެ ތެރެއަށް ވަނީ ކިހިނެއްތޯ އާއި އޭނާގެ އިޖްތިމާއީ ހާލަތަކީ ކޮބައިތޯ އާއި ބަލަދުވެރިންނަކީ ކޮބައިކަމާއި އެ މީހުންނާއި ކުއްޖާއާ އޮންނަ ގުޅުމަށް ވެސް ރިއާޔަތް ކުރާނެ އެވެ. އެހެންވެ، މި ގާނޫނުގެ ދަށުން، ކުޑަކުއްޖާއަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ހާމިދު ވިދާޅުވި އެވެ.

ކުށްކުރާ ކުޑަކުދިން އިސްލާހު ކުރުމަށް މުޖުތަމައުން އެކަހެރި ކުރަން ޖެހޭނެ ކަމަކަށް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. އެކަން ކުރުމަށް މީގެ ކުރިން ކުރިމަތިވެފައިވާ ޖާގައިގެ މައްސަލައަށް މިހާރު ވަނީ ހައްލު ލިބިފަ އެވެ. އިސްލާހީ ކްލާސްތައް ހިންގުމަށް ތަނެއް ލިބިފައިވާއިރު، ޔުނިސެފާ ގުޅިގެން އިންޓަގްރޭޓެޑް ލާނިން ޕްރޮގްރާމެއް ފަށަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އިސްލާހީ ބައެއް ޕްރޮގްރާމްތައް ފުރިހަމަ ކުރުން ލާޒިމް ކުރުމަށް ވެސް ބިލްގައި ހިމަނައިފަ އެވެ.

ކުޑަކުދިންތަކެއް ކުޅެނީ: ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ޒިންމާ ބޮޑު

މުޖުތަމައުން ކުދިން އެކަހެރިކޮށްގެން، ވާނީގައި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ނުރައްކާތެރި ކުށްތަކުގައި ހިމެނޭ ކުޑަކުދިންނަށެވެ. އޭގެ ތެރޭގައި މީހުން މެރުމާއި ތޫނު އެއްޗެހިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ކުދިން ވެސް ހިމެނެ އެވެ. އެކަމަކު އެ ޕްރޮގްރާމަށް ފަހު، ބައެއް ކުދިން އިސްލާހުވެ މުޖުތަމައުގެ ތެރެއަށް ނިކުމެފައިވާތީ މި ފަދަ އެހެން ޕްރޮގްރާމަކަށް ވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އެއީ އެފަދަ ކުދިންނަށް ހާއްސަކޮށްގެން، އަޅާ ވަކި އިމާރާތެއްގަ އެވެ.

ކުދިން އިސްލާހުކުރުމުގައި މައިންބަފައިންގެ ޒިންމާ

ކުށްކުރާ ކުޑަކުދިންނާ ގުޅޭގޮތުން ޖޭޖޭޔޫން ނެރުނު މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން، އާއިލާ ރޫޅިފައި ތިބޭ ކުދިން ކުށުގެ ވެއްޓަށް ވަންނަ މިންވަރު ގިނަ އެވެ. އަދި ޝަރުއީ ބައްޕަ ނެތް ކުދިންނާއި މަންމަ ނުވަތަ ބައްޕަ މަރުވެފައި ތިބޭ ކުދިން ކުށްކުރުން ގިނަ ކަމަށް ވެސް ބުނެފައި ވެ އެވެ. ވޭތުވެ ދިޔަ އަށް އަހަރުގެ ތެރޭގައި ވެސް ކަން އޮތީ މިހެންނެވެ.

"ގިނަ ބެލެނިވެރިން ފާހަގަކުރާ ގޮތުން ކުދިން ފުރާވަރަށް އެރުމުން މައިންބަފައިންނަށް ކުދިން ތަރުބިއްޔަތު ކުރުމުގައި މައްސަލަތައް ދިމާވެ އެވެ. ކުދިން ކޮންޓްރޯލެއް ނުކުރެވެ އެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގައިވާ ގޮތުން ކުށްކޮށްގެން އެންމެ ގިނައިން ލިބެނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ރިޕޯޓްތަކެވެ. އެކަމަކު އެ ކުދިން ކުށުގެ ވެއްޓަށް ދިއުމުގެ ކުރިން، ފުރާވަރު އުމުރުގެ ކުރީކޮޅު އަހްލާގީ މައްސަލަތައް ކުރިމަތިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް އަޅާނެ ފިޔަވަޅު މައިންބަފައިންނަށް ނޭނގުމާއި އިސްލާހު ކުރުމަށް އެހީވާ ފަރާތްތައް ވެސް މަދުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ހާލަތްތަކުގައި މައިންބަފައިން ބޭނުން ކުރާ ހަރުކަށި އުސޫލުތަކުގެ ސަބަބުން ކުދިން ގެއިން ނުކުމެގެން ދިޔުމާއި ގުރޫޕުތަކުގެ ހިމާޔަތް ހޯދާ ކަމަށް ރިޕޯޓްގައިވެ އެވެ.

"ހަގީގަތުގައި ކުދިންގެ ފަރާތުން އަހުލާގީ މައްސަލަތައް ފެންނަން ފެށުމާ އެކު ބެލެނިވެރިން ވެސް ހާއްސަ ސަމާލުކަމެއް އެކަމަށް އެބަ ދޭން ޖެހޭ. ދަންވަންދެން ބޭރުގައި އުޅުމާއި ސިނގިރޭޓު ބުއިމާއި ލައިސަންސް ނުލައި ސައިކަލު ދުއްވުން ފަދަ ކަންކަން ކުރަން ފެށުމާ އެކު ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން އެކަން އެބަ ހުއްޓުވަން ޖެހޭ،" ހާމިދު ވިދާޅުވި އެވެ.

"އަޅާނުލައި ހުއްޓާ އަހުލާގު މާ ބޮޑަށް ގޯސްވެ، ގޭންގުތަކާ ގުޅި ބޮޑެތި ކުށްތައް ކުރަން ފެށީމައި މައިންބަފައިންނަށް ވެސް އިސްލާހު ނުކުރެވިފައި އޮންނާނީ."

އޭނާ ވިދާޅުވި ގޮތުގައި ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ނެރުމަށް ގިނަ ފުރުސަތުތަކެއް މިހާރު އެބަ ހުއްޓެވެ. ހައްޔަރުކޮށް، ޝަރީއަތްކޮށް ހުކުމާ ހަމައަށް ދާއިރު ވެސް އެ ކުދިން އިސްލާހު ކުރުމަށް އެކި މަރުހަލާތަކުގައި ފުރުސަތުތައް ލިބެ އެވެ. އެކަމަކު އެކަމަށް ބެލެނިވެރިންނާއި މުޖުތަމައުގެ އެއްބާރުލުން ބޭނުންވެ އެވެ.