މި ސަރުކާރު ގެނައުމަށް 134,705 މީހުން މީގެ އަހަރެއްހާ ދުވަސް ކުރިން ވޯޓު ދިނީ ބޮޑެތި އުންމީދުތަކަކާ އެކު އެވެ. ކޮރަޕްޝަނުން ގައުމު ސަލަމާތް ކުރުމާއި އެންމެންނާ މެދު ހަމަހަމަކަން ގާއިމް ދުވަހެއް ދެކެން އެތައް ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. ގެއްލެމުން ދިޔަ އިންސާފު އަލުން ހޯދައިދީ، މުޖުތަމައު ގައި އުފެދިފައި އޮތް ބިރުވެރިކަން ނައްތާލަން އެ މީހުން ބޭނުންވި އެވެ. މި ސަރުކާރަށް މިއަދު އެއް އަހަރު ފުރޭއިރު ސުވާލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިން އެތައް ލައްކަ ބަޔަކު އުންމީދުކުރި ވަރަށް ކަންކަން ހާސިލް ކޮށްދެއްވިއްޖެ ބާވަ އެވެ؟ އުންމީދު ކުރި މިންވަރާ ގާތަށް ވެސް އެއް އަހަރުގެ ތެރޭގައި ތަރައްގީގެ ކަންކަން ހާސިލް ކޮށްދެއްވުނު ހެއްޔެވެ؟

ސަރުކާރަކަށް ފަސް އަހަރުގެ މުއްދަތެއް ދީފައި އޮންނައިރު، އެންމެ އަހަރަކުން ހުރިހާ ކަމެއް ކޮށް ނިންމޭނެ ކަމަށް ގަބޫލު ކުރުމަކީ ގޯހެކެވެ. އެއީ އެއްވެސް ސަރުކާރަކަށް ވާނެ ކަމެއް ނޫނެވެ. އެކަމަކު، ކެމްޕެއިންގެ ތެރޭގައި ދެއްކި ވާހަކަތަކާއި ރައްޔިތުންނަށް ވައުދުވި މިންވަރާ ގާތަށް މި އެއް އަހަރުގެ ތެރޭގައި ކަންކަން ވި ތޯ އެއީ ކޮންމެ ފަރުދަކު ވެސް އަމިއްލަ އަށް ވިސްނައިފި ނަމަ މިނެކިރިދާނެ ކަމެކެވެ.

ސަރުކާރުގައި އަދާކުރާ ވަޒީފާގެ ގޮތުން، މަސްލަހަތަށްޓަކައި ނަން ޖަހަން ބޭނުން ނުވާ ޒުވާން އަންހެން ކުއްޖަކު ބުނީ، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި "ކޮންކްރީޓް" ތަރައްގީ ނައި ނަމަވެސް "އިންސާނީ ތަރައްގީ" ތަކެއް ވަނީ އައިސްފަ އެވެ.

އޭނާ ފާހަގަ ކުރި ބައެއް ކަންކަން:

- ކިޔަވާ ކުދިންނަށް ނާސްތާ ދޭން ފެށުން.

- ހިލޭ ޑިގްރީ އަށް ކިޔެވުން.

- ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނަށް އާސަންދައިގެ ދަށުން ބޭސްކުރެވުން.

- ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތް ހެދުން.

- ޑީސަލުން ޑިއުޓީ ކަނޑާލުން.

- އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓެއް ހެދުން.

- ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ ދޭން ފެށުން.

އޭގެ އިތުރުން ވެސް އެފަދަ ބައެއް ނިންމުންތަކާ މެދު އޭނާ ހުރީ ހިތްހަމަ ޖެހިގެންނެވެ. އެކަމަކު، އެއީ އޭނާގެ ވިސްނުމެވެ. މުޅިން ވެސް ފާހަގަކުރެވުނީ ރަނގަޅު ކަންތައްތަކެވެ.

ސަރުކާރަށް އެއް އަހަރު ފުރޭއިރު، ނޭދެވޭ ވާހަކަތަކުގެ އަޑުތައް ވެސް ވަކި ކުޑައެއް ނޫނެވެ. ރާއްޖޭގެ އިގްތިސާދު ދަށް ވާހަކަ އެވެ. ވިޔަފާރިތައް މަޑުޖެހިއްޖެ އެވެ. އިގްތިސާދީ ބޮޑެތި މަޝްރޫއުތައް ނުފެށުމާއި ސްޕީޑް ދަށްކަމުން އިގްތިސާދުގައި ފައިސާ އެނބުރޭ ވަރު މަދުވުމުގެ ނަތީޖާ އަކީ މުޅި ގައުމަށް އޭގެ އަސަރު ކުރުން ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ. ބޭންކްތަކުން އަދިވެސް ފަސޭހަ އިން ލޯނެއް ނުލިބެ އެވެ. ގެދޮރުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނުދެވުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެތައް ހާސް ބަޔަކަށް ދޭން ނިންމި ފްލެޓްތަކާ މެދު މި ސަރުކާރުން އަމަލުކުރާނެ ގޮތެއް ނޭނގި އަހަރެއް ވީ އެވެ. ރައްޔިތުން ތިބީ އެ ކަމުގައި ވެސް ވާނުވާގަ އެވެ.

ޔާމީންގެ ސަރުކާރުގައި "އަނިޔާ" ލިބުނު މީހުންގެ ތެރޭގައި އިރުފާން އަބްދުﷲ ވެސް ހިމެނެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވަޒީފާ އިން އޭނާ ވަކިކުރީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރުމުންނެވެ. ވަޒީފާ އަނބުރާ ލިބުނީ ވެރިކަން ބަދަލުވި ފަހުން ޓްރެބިއުނަލުން އަމުރު ކުރުމުންނެވެ. އެކަމަކު، މި ސަރުކާރާ ދޭތެރޭ އިރުފާން ވެސް ހުރީ ހިތްހަމަޖެހިގެނެއް ނޫނެވެ.

އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނުހައްގުން ވަޒީފާތަކުން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދިނުމަކީ މި ސަރުކާރުގެ ވައުދަކަށް ވީ ނަމަވެސް އެކަން ތަންފީޒު ކުރާތަން ނުފެނުމެވެ. އަދި އެފަދަ އަމަލުތައް ހިންގި ވެރިން އަދިވެސް އެ މަގާމުތަކުގައި ތިބުމެވެ.

"މުވައްޒަފުން ގަވައިދާ ހިލާފަށް ވަޒީފާ އިން ވަކިކުރުމުގައި ޝާމިލްވީ ވެރިންތައް ކުރިއަށް ވުރެ ބާރުގަދަކޮށް މަގާމުތަކުގައި އަދިވެސް އެބަތިބި،" ކަންބޮޑުވުމާ އެކު އިރުފާން ބުންޏެވެ.

އޭނާ ބުނިގޮތުގައި، މިނިމަމް ވޭޖް ކަނޑައެޅުމުގެ ވައުދެއް އޮތަސް އެކަން ތަންފީޒު ކުރުމުގައި ވެސް ސަރުކާރުން މާ ބޮޑަށް ފަހަތު ފަޔަށް ބުރަވަނީ އެވެ.

އެކަމަކު، ސަރުކާރުގެ ތަރައްގީގެ ޕްލޭންތަކާ މެދު އިރުފާން ހިތްހަމަޖެހެ އެވެ. އެގޮތުން، ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ގުޅިފަޅު ތަރައްގީ ކުރުމަކީ މުހިންމު އަދި ބޭނުންތެރި ޕްރޮޖެކްޓެއް ކަމަށް އިރުފާން ގަބޫލު ކުރެ އެވެ.

ރަށެއްގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖަން ޝަރުތުކޮށް ބުނީ، އެއް އަހަރުގެ ތެރޭގައި ހިންގި ތަރައްގީގެ މަޝްރޫތަކާ ދޭތެރޭ އޭނާ ހިތްހަމަ ޖެހެ އެވެ. ނަމަވެސް ސިއްހީ އިދާރާތަކުގެ ވެރިންނަށް ބޮޑެތި މުސާރަތައް ދީ، ސިޔާސީ މީހުން އައްޔަން ކުރުމަކީ އޭނާގެ ނަޒަރުގައި ގޯހެކެވެ.

"ޕަބްލިކް ހެލްތު ވޯކަރުންނަށް މުސާރަ ބޮޑު ކުރަން ހުވަފެން ދައްކާފައި އެކަން ނުކުރޭ. ހެލްތް ވޯކަރުންގެ މުސާރައިގެ އޮނިގަނޑު އަދިވެސް ތަސްދީގެއް ނުކުރޭ،" ސިއްހީ ދާއިރާ ގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ މުވައްޒަފު ބުންޏެވެ.

ސަރުކާރުގައި ވަޒީފާ އަދާކުރާ އެހެން މުވައްޒަފެއް ކަމަށްވާ ހުސައިން ހަމީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެކަން އަމަލީ ގޮތުން ނުދެއްކުމެވެ. ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި ކޮރަޕްޝަން ހިންގާތީ އެކަންކަން އިސްލާހު ކުރަން ގެނައި ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަކީ މި ސަރުކާރާ ދޭތެރޭ އޭނާ އެންމެ ނުރުހޭ ސަބަބެވެ.

"ކުރީގެ ކޮރަޕްޓް މީހުން ވަކިކޮށް، ގާބިލް ބަޔަކު ނުލީމާ އުއްމީދު ކުރި ވަރާ ގާތަށްވެސް ކަންކަން ނުދިޔަ،" ހުސައިން ބުންޏެވެ.

ސަރުކާރަށް އެއް އަހަރު ފުރުނުއިރު، މި ފަދަ ކިތަންމެ ވާހަކަތައް އެބަހުއްޓެވެ. އުންމީދު ކުރި މިންވަރާ ގާތަށް ވެސް ބައެއް ކަންކަން އަމަލީ ގޮތުން ނުދެއްކުމެވެ. ފާހަގަކުރެވޭ ބޮޑެތި މަޝްރޫއުތަކެއްގެ ވާހަކަ އަމަލީ ސިފައެއް އަންނަ މިންވަރަކަށް ނުދެއްކުނެވެ. އެންމެ އާދައިގެ މީހާ އަށް ވިސްނޭ ވަރުން ބަލާ ނަމަ އިގްތިސޯދުގައި މާ ބޮޑު ކަމެއް ނުހިނގަ އެވެ. އެކަމަކު، މުޖުތަމައުގައި ކުރިން އޮތް ބިރުވެރިކަމަށް ހެޔޮ ބަދަލެއް އަތުވެއްޖެ އެވެ.