މުހައިމިން އަލުން މި ފެނުނީ އަޖައިބެއް ފަދަ ހުނަރުތަކާ އެކު

ފަންނު އެކްސްޕޯގެ ހުނަރުވެރި ސްޓޯލްތައް ބަލަމުން ގޮސް، މި ހިސާބަށް އާދެވުމާ އެކު ކޮންމެ މީހަކަށް ވެސް ހުއްޓުން އަރާނެ އެވެ. މި ސްޓޯލަކީ އާދައިގެ މަސައްކަތްތަކެއް ފެންނަން ހުރި ސްޓޯލެއް ނޫނެވެ. އެއަށް ވުރެ މުހިންމީ މިއީ، ހާއްސަ ބޭފުޅެއްގެ މަސައްކަތްތަކަށް ވުމެވެ.


"މިއީ ބައްޕަގެ މަސައްކަތް،" މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާމިރު ވަރަށް ފަޚުރުވެރިކަމާ އެކު ވިދާޅުވި އެވެ.

މުހައިމިން ރުކު ފަނުން ހައްދަވާފައިވާ އެއްޗެއް ދައްކާލައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއީ އެންމެން ދަންނަ، އަދި އޭނާގެ ކޮންމެ މަސައްކަތަކުން ވެސް ހާއްސަ ކަމެއް ގެނުވައިދޭ ގ. ރިހިވެލި ނައިބުގޭ އަބްދުލްމުހައިމިންގެ ސްޓޯލެވެ. އެންމެ ދަންނަ ގޮތުން، ދިވެހި ފިލްމުތަކަށް އިންގިލާބެއް ގެނެސްދިން "ދެރިޔާ"ގެ ޕްރޮޑިއުސަރެވެ. ވާހަކަ ލިޔުއްވުމާއި ޅެން ހެއްދެވުމަކީ އޭނާގެ މާ ފުރިހަމަ ހުނަރެކެވެ. އެއަށް ވުރެ ބޮޑަށް، ގިނަ ބަޔަކަށް ނޭނގި އޮތަސް މުހައިމިނަކީ އަތްތެރި މަސައްކަތަކުގެ މާހިރެކެވެ. ކުޅަދާނަ އާޓިސްޓެއް ވެސް މެ އެވެ.

"އަޅުގަނޑުގެ ހުނަރުން މިތާނގައި ފެންނަން ނުހުންނާނީ ޅެން ހެދުމާއި ވާހަކަ ލިޔުން އެކަނި،" ސްޓޯލްގައި ހުރި އެކި ފަންނުގެ މަސައްކަތްތައް ދައްކާލައްވަމުން މުހައިމިން ވިދާޅުވި އެވެ.

މަހުގެ ހުޅުނބުން ތައްޔާރުކޮށްފައިވާ އުފެއްދުން: ފުރިހަމަ މަސައްކަތެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ސްޓޯލުން އެންމެންގެ ނަޒަރު ފުރަތަމަ ގޮސް ހުއްޓޭނީ ވަރަށް ރީތި ވަށް ބިއްލޫރި ކޮއްޓެއްގެ ތެރޭގައި ހުރި، މަހުގެ ހުޅުނބުން ތައްޔާރުކޮށްފައިވާ އެއްޗަކަށެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި މިއީ އަތްތެރި މަސައްކަތާއި ކްރިއޭޓިވިޓީގެ ލާމަސީލު ނަމޫނާއެކެވެ. އޭގެ ޗާލު ކަމަކީ އަލި އަޅާލުމުން އެއް ޕެޓާނަކަށް، އެކި ކުލަކުލައިން ދިއްލިލިދިއްލަ ހުރުމެވެ. ހުޅުނބުތައް އަތުރާލައި ސިފަ ގެނެސްދީފައިވާލެއް ފުރިހަމަ ކަމެވެ. ޒީނަތްތެރިކަމަށް ބޭނުންކޮށްފައިވާ ކަނޑުގެ އެހެން އެއްޗެހި ބޭނުންކޮށްފައިވާލެއް ރީތިކަމެވެ. މަހުގެ އެތައް ބައިވަރު ހުޅުނބަކުން ތައްޔާރުކުރި މި އުފެއްދުމަކީ މުހައިމިން ވިދާޅުވި ގޮތުގައި ވަރަށް ބުރަ އަދި ކަވި މަސައްކަތެކެވެ. އެކަމަކު، ވިދާޅުވީ ނިންމާލީ ފޫހިކަމެއް ނެތި ކަމަށެވެ.

މުހައިމިން ތައްޔާރުކުރައްވާފައިވާ ބައެއް އެއްޗެހި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން 75 އަހަރުގައި މުހައިމިންގެ މި މަސައްކަތްތަކުން ދައްކައިދެނީ އޭނާ ކެތްތެރިކަމާ އެކު އެ މަސައްކަތުގައި ދެމިހުންނެވި ކަމެވެ. އޭގެ އެއް ހެއްކަކީ އޭނާ ކުރައްސަވާފައިވާ ހުކުރު މިސްކިތަށް ވަންނަ ދޮރުގެ ކުރެހުމެވެ. އެ ކުރެހުމުގައި، އަޅާފައިވާ ރެނދުތަކުގެ ތަފުސީލުތަކާއި ހުކުރު މިސްކިތުގެ ގަލުގެ ތަފުސީލީ މަސައްކަތްތަކާއި އޭގައި ހުރި ކުރެހުންތައް އޭނާގެ ފިހިން ގެނެސްދީފައިވާލެއް މާ މޮޅީ އެވެ. މިއީ އަނެއްކާ ވެސް މުހައިމިންގެ އެހެން ހުނަރެކެވެ.

"އޮއިލް ޕެއިންޓިންއެއް މިއީ. އަޅުގަނޑު ވަރަށް ފަރުވާ ބަހައްޓައިގެން ވަރަށް ވިސްނައިގެން ނިންމާލި މަސައްކަތެއް،" އެ ކުރެހުމާ ބެހޭ ގޮތުން މުހައިމިން ވިދާޅުވި އެވެ. މި ކުރެހުމަށް އޮއިލް ޕެއިންޓިންގެ ބައިން ވަނީ ދެ ވަނަ ލިބިފަ އެވެ.

މުހައިމިންގެ އޮއިލް ޕެއިންޓެއް: މިއީ ދެ ވަނަ ލިބުނު އުފެއްދުމެއް

އޭނާ އަށް ވަނީ ތެދުއުއި ވަޑާމުގެ ބައިން އެއް ވަނަ ވެސް ލިބިވަޑައިގެންފަ އެވެ.

މުހައިމިން ވިދާޅުވި ގޮތުގައި އަތްތެރި މަސައްކަތުގެ ތެރެއަށް އޭނާ ވެދެވަޑައިގަތީ، ސަރުކާރުން ވަކިވެ ވަޑައިގަތުމަށް ފަހު މީގެ ފަންސަވީހަކަށް އަހަރު ކުރިންނެވެ. މުހައިމިން އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތީމުގޭގެ އެންމެ އިސް އެއް މުވައްޒަފެވެ. އެ ވަޒީފާއިން ވަކިވެ ވަޑައިގެންނެވުމަށް ފަހު ދެން ފެއްޓެވީ މި މަސައްކަތެވެ. އޭނާ ވިދާޅުވި ގޮތުގައި ސިކުނޑީގެ ތާޒާކަން އިތުރު ކުރުމަށާއި ގޭގައި އެހެން ހުންނެވުމުގެ ބަދަލަކަށް މިއީ ކުރަން ވަރަށް ފައްކާ މަސައްކަތެކެވެ.

ސްޓޯލްގައި ހުރި ބައެއް ތަކެތި މުހައިމިން ދައްކާލައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ގޭގައި ވަރަށް ކުޑަކުޑަ ވޯކްޝޮޕެއް ހަދައިގެން، ހެނދުނު ހޭލާ ގޮތަށް މިކަމުގައި މި އުޅެނީ. މިއީ އަޅުގަނޑު އަބަދު ވެސް ކުރަމުން އަންނަ ކަމެއް،" އަށް ކުދިންގެ ބައްޕަ ވިދާޅުވި އެވެ. "އަޅުގަނޑު ފިޔަވައި މިކަމުގައި ދެން އިތުރު މީހަކު ވެސް ނޫޅޭނެ. ދެން އަތް ގާތްކޮށްދޭން އަޅުގަނޑުގެ ކުދިން އުޅޭނެ."

މުހައިމިން ކްރާފްޓްގެ ނަމުގައި އެ މަސައްކަތް އޭނާ ކުރައްވަނީ ހަމައެކަނި ވަގުތުތަކެއް ހޭދަކުރެއްވުމުގެ ބޭނުމުގަ އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތަކީ އާމްދަނީ ހޯދަން ވެސް ހަމަ އެއް ވަނައިގެ މަސައްކަތެކެވެ. މި މަސައްކަތްތައް މުހައިމިން ކުރައްވާކަން އެނގި، ބައެއް ފަރާތްތަކުން މުހައިމިނަށް އޯޑަރުތައް ވެސް ދެއްވަ އެވެ. އެކަމަކު ސީދާ ވިޔަފާރި އުސޫލުން މިކަން ކުރެއްވުމުގެ ވިސްނުމެއް މުހައިމިންގެ ނެތެވެ.

"މި އުމުރުގައި އަޅުގަނޑަކަށް އެހާ ބުރަކޮށް އުޅެވޭކަށް ނެތް. އަޅުގަނޑަކީ ހަގީގަތުގައި ބަލި މީހެއް. އެކަމަކު ބައެއް ރިސޯޓުތަކުން އަންނަ އޯޑަރުތައް އަޅުގަނޑު ހަދައިދެން،" މީގެ ކުރިން ވެސް ބޭއްވި އެކިއެކި މައުރަޒުތަކުން ރަން ވަނަތަކެއް ހޯއްދެވި ފަންނުވެރިޔާ ވިދާޅުވި އެވެ.

މިފަހަރުގެ ފަންނު އެކްސްޕޯ އަށް މުހައިމިން ވަނީ މާ ކުރިން ތައްޔާރުވެ ވަޑައިގެންފަ އެވެ. އެ ސްޓޯލުގައި ފެންނަން އެ ހުރީ އޭނާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މަސައްކަތެވެ. ބައެއް މަސައްކަތްތައް ކުރެއްވީ އެހެން މަސައްކަތްތަކާ ވެސް އެކު އެއީ އެކަށެވެ. ޕެއިންޓިންގެ މަސައްކަތުން ފެށިގެން އެ ސްޓޯލުގައި ހުރި ރުކު ފަނުގެ މަސައްކަތްތަކާއި އިތާ އާއި ހުޅުނބުގެ މަސައްކަތްތަކާއި ކުރެހުންތަކާއި އެހެނިހެން އުފެއްދުންތަކަކީ މުހައިމިން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުން ވަރަށް ކަވި މަސައްކަތެކެވެ. ދިވެހި އުފެއްދުންތަކުގެ ހަގީގީ ބިއުޓީ އާއި ފަރި ކަމަކީ މުހައިމިން ވިދާޅުވި ގޮތުގައި އެ ކަވި ކަމެވެ.

މުހައިމިން ތައްޔާރު ކުރެއްވި އެއްޗެއް ސްޓޯލްގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކެތްތެރި ވެގެން ކުރެވޭ މަސައްކަތެއް،" އެ ހުރިހާ އުފެއްދުންތައް ޖުމްލަކޮށް އޭނާ ސިފަކޮށްދެއްވި އެވެ.

އަހުމަދު އާމިރު ވިދާޅުވި ގޮތުގައި، އެ ސްޓޯލުގައި ހުންނަވައި އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ އެއް ކަމަކީ އެ އުމުރުގައި ބައްޕަ އެވަރުގެ ކަމެއްގައި ދެގޮތެއް ނުވެ ހުންނެވި ހުންނެވުމަށެވެ. މުހައިމިނާ އެކު އެ ސްޓޯލްގައި މުހައިމިންގެ ހުރިހާ ބޭފުޅުންހެން އެކި ވަގުތުތަކުގައި ތިއްބަވަ އެވެ.

"ހަމަ ގައިމު ވެސް މިއީ އަޅުގަނޑުމެންނަށް ވާވަރުގެ ކަމެއް ނޫން. އަޅުގަނޑުމެން ހުރިހާ ކުދިންގެ ފަރާތުން ވެސް ބުނާނީ ބައްޕަ އަށް ސާބަހޭ ސާބަހޭ. ހަގީގަތުގައި ވެސް އަޅުގަނޑުމެން އެންމެން ވެސް ފަޚުރުވެރިވަން މި މަސައްކަތަށް،" މުހައިމިންއާ އެކު ސްޓޯލުގައި ހުންނަވައި އަހުމަދު އާމިރު ވިދާޅުވި އެވެ. "މިއީ އާދައިގެ މަސައްކަތެއް ނޫން. މިކަން ބައްޕަ ކުރައްވާ ތަން ފެނުނީމަ އިނގޭނީ ކިހާ ކެތްތެރިކަމެއްކަން މިކަމަށް ބޭނުންވަނީ."

އެއީ ވަރަށް ބޮޑު ތެދެކެވެ. މި ޒަމާނުގެ ބައެއް މެޝިންތަކުން ވެސް އެ މަސައްކަތް ކުރެވިދާނެ އެވެ. އެކަމަކު އޭނާގެ އުފެއްދުންތަކުން އެ ފެންނަ ރީތި ބަނޑިތަކާއި ސިފަ އެއްގޮތް ކަމާއި ފުރިހަމަ ކަމަކީ މެޝިނަކަށް ކުރެވޭ ވަރަށް ވުރެ މާ ފުރިހަމަ މަސައްކަތެކެވެ.