"އަހަރެންގެ މެމްބަރު ކޮބާ؟"

މަޖިލިސް މެމްބަރަކު، އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ގެތަކުގެ ކަރަންޓް ބިލު ދައްކަވައިދެއްވައިފި އެވެ. އެހެން މެމްބަރުންތަކެއް، ކޮވިޑް-19އާ ގުޅިގެން އެ ދާއިރާތަކުގެ ރައްޔިތުންނަށް ސިއްހީ ސާމާނާއި ކާބޯތަކެތި ހަދިޔާކުރެއްވި އެވެ. އެކަމަކު އެފަދަ އެހީއެއް ލައްވާނުލި ދާއިރާތަކުގެ ރައްޔިތުން އެބަ އަހަ އެވެ. "އަހަރެމެންގެ މެމްބަރު ކޮބާ ހެއްޔެވެ؟،" "ދިއްކޮށްލާނެ އެއްޗެއް ނެތީ ހެއްޔެވެ؟"


ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އެހީއަށް އެދޭ މީހުން، މި އާދަޔާ ހިލާފު ހާލަތުގައި ގިނަވެދާނެ އެވެ. ކޮންމެވެސް އެހީއެއް ހޯދަން މެމްބަރުންގެ ފަހަތުން ދިއުމަކީ، ދިވެހިންގެ ބޮޑު އާދައެކެވެ. އިންތިހާބުތަކަށް މެމްބަރުން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރެ އެވެ. އެހެންކަމުން އެއީ އެމީހުންގެ އަތުގައި ފައިސާ ހުރެގެން ކުރާ ކަމެއް ކަމަށް ވިސްނި، ބައެއް މީހުން ކިތައްމެ ކުޑަ ކަމެއް ދިމާވިޔަސް އެނބުރެނީ މެމްބަރުންގެ ފަހަތުންނެވެ. މަޖިލިސް މެމްބަރުންގެ ހަގީގީ ޒިންމާ ބައެއް އާންމުންގެ ކުރިމަތީގައި އޮޅި، އެއީ އެހީ ދޭ ބައެއްގެ ގޮތުގައި ބަލަ އެވެ.

"ކިހާ މެމްބަރުންނެއް އެ އެހީވަނީ. އަހަރެމެން މެމްބަރު ވީ ތަނެއް ވެސް ނޭނގޭ. މި ހާލުގައި ރައްޔިތުން ތިބި އިރު މެމްބަރު ޖެހޭނެ ދޯ އެހީވާން. ކީއްވާނީ މާސްކް ގަނޑެއް ހިސާބު ދިނިއްޔާ،" އުތުރުގެ ރަށެއްގައި ދިރިއުޅޭ މީހަކު، މެމްބަރާ ގުޅޭ ގޮތުން ޝަކުވާ ކުރަމުން، ނަން ނުޖަހަން އެދި، ބުންޏެވެ.

އެހެން މެމްބަރުން އެހީވާއިރު ތިމާގެ މެމްބަރު ވީތަނެއް ނޭންގޭ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓެއް

ކޮވިޑް-19އާ ގުޅިގެން މަޖިލިހުގެ ބައެއް މެމްބަރުން ވަނީ ދާއިރާތަކަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވައިފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި ބަޔަކު ފެނުމުން މޮނިޓަރިންގެ ހާލަތުގައި އޭރު އޮތް، ށ. ނަރުދޫގެ ހުރިހާ ގެއެއްގެ އޭޕްރީލް މަހުގެ ކަރަންޓު ބިލް، ދައްކައިދެއްވަން އެ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ނިންމަވާފަ އެވެ. އަދި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް، އެ ދާއިރާގެ ކޮންމެ މީހަކަށް، ގިނަ ދުވަހު ދޮވެގެން ބޭނުންކުރެވޭ ވައްތަރުގެ މާސްކެއް ވަނީ ހަދިޔާކުރައްވާފަ އެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެ ދާއިރާތަކުގެ ރައްޔިތުންނަށް ކާބޯތަކެތި ހަދިޔާކުރައްވައިފަ އެވެ. މީގެ އިތުރުން ވެސް އެހެން ބައެއް މެމްބަރުން، މި ހާލަތުގެ އިތުރުން ރޯދަމާ ދިމާކޮށް ވެސް އެހީތައް ދެއްވި އެވެ.

އެ ހަބަރުތައް ސޯޝަލް މީޑިއާގައި ޝެއާކޮށް އެހީ ނުލިބޭ ދާއިރާތަކުގެ ރައްޔިތުން ކުރީ ޝަކުވާ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ވިސްނުމުގައި މަޖިލިސް މެމްބަރުންގެ ޒިންމާތަކުގެ ތެރޭގައި އެ ދާއިރާއަށް މާލީ ގޮތުން އެހީތެރިވުން ވެސް ހިމެނެ އެވެ.

"ވޯޓަށް ވީމަ މެމްބަރު އަންނާނެ. ބޮޑު ކަމެއް ދިމާވީމަ މެމްބަރެއް ނުފެނޭ. އަހަރެމެންގެ މެމްބަރު ކޮބާތަ؟" ސޯޝަލް މީޑިއާއަށް މެމްބަރަކު އެހީވި ހަބަރެއް ޝެއާކުރަމުން މީހަކު ލިޔުނެވެ.

މަޖިލިސް މެމްބަރު އެހީތެރި ނުވާ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަށް މެމްބަރު ބޮންޑާ ދެއްވި ޖަވާބު، އޭނާ ވިދާޅުވީ އެހީތެރިވަމުން އަންނަ ކަމަށް.

އިޖުތިމާއީ ރައްކާތެރިކަން ދޭން ޖެހޭނީ ދައުލަތުން

ރާއްޖޭގައި މަޖިލިސް މެމްބަރަކީ، އޭނާ ނިސްބަތްވާ ރައްޔިތުންގެ 'ވެރިޔާ" އެވެ. ކުރީގައި ނަމަ ކަތީބުން މިހާރު ނަމަ ކައުންސިލަރުންނަށް ވުރެ، ރައްޔިތުންގެ ދުވަހު ކަންކަމުގައި ބަސްކިޔާ މީހަކަށް ވެސް މެމްބަރުން ވެދެ އެވެ. ބައެއް ވަޒީފާތަކަށް މީހުން ލުމާއި ވަޒީފާތަކުން ވަކިކުރުމުގައި ވެސް މެމްބަރުންގެ ނުފޫޒެވެ. ބޭރަށް ކިޔަވަން ދާންވިޔަސް، ބައްޔެއް ވިޔަސް، އަތްމަތި ދަތިވިޔަސް ގުޅަނީ މެމްބަރުންނާ އެވެ.

ކޮވިޑް-19ގެ މި ހާލަތުގައި ވެސް އެހީއަށް އެދި ގިނަ ބަޔަކު މެމްބަރުން ހޯދާނެ އެވެ. ރަށްރަށަށް ކާބޯތަކެއްޗާއި ސިއްހީ ސާމާނު ބެހުމުގެ އިތުރުން ދާއިރާގެ ރައްޔިތުން ކަރަންޓީނަށް ގެންދިއުމާއި އެތަނުގައި ހުންނައިރު ދިމާވާ ދަތިތައް ހައްލުކުރަން ވެސް ގުޅަނީ މެމްބަރަށެވެ. ރާއްޖޭން ބޭރުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެންނަން ސަރުކާރުން މަތިންދާބޯޓު ދަތުރުތައް ބޭއްވިއިރު ޖާގަ ހޯދުމުގައި ވެސް މެމްބަރުންގެ ނުފޫޒެވެ. ކޮވިޑް-19 އަށް ޓެސްޓް ކުރުން އަވަސްކުރަން ވެސް މެމްބަރުންގެ އެހީ ހޯދާކަމުގެ ވާހަކަތަކެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 82،000ރ. ދެނީ ގާނޫނު ހަދަން ތިބޭ ބަޔަކަށް ވާތީ ވަކި ފަރާތަކަށް ނުޖެހި، ނުފޫޒުން އެއްކިބާވެގެން ތިބެ، މަސައްކަތްކުރުވާށެވެ. އެކަމަކު އެ އާމްދަނީން މެމްބަރުންގެ އަމިއްލަ ހަރުތައް ހަމަޖައްސާފައި ދާއިރާގެ ބައެއް މީހުންގެ މުހުތާދުތައް ފުއްދަން މަޖުބޫރުވުމުން، އެހެން ގޮތްގޮތުން ފައިސާ ހޯދަައި ކޮންމެވެސް ނުފޫޒެއްގެ ދަށުވާން މަޖުބޫރުވެދާނެ އެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ވެރިންގެ މުސާރަތައް ކުޑަކުރިއިރު އޭގެ ތެރޭގައި މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ. މަޖިލިސް މެމްބަރުންގެ މުސާރައިން 30 ޕަސެންޓް އުނިކުރުމުން މިހާރު ލިބޭނީ މަހަކު 69،750ރ. އެވެ. އެހެންކަމުން މިއީ މެމްބަރުންނަށް ވެސް މާލީ ގޮތުން ދަތި ދުވަސްވަރަކަށް ވާނެ އެވެ. ޒާތީ މަންފާތަކެއް ހޯދަން ކޮންމެ ކަމެއްގައި މެމްބަރުންގެ ފަހަތުން ދުވުން ހުއްޓާލަން މިއީ އެންމެ ރަނގަޅު ދަނޑިވަޅަށް ނުވިޔަސް، ދިވެހިން ވެސް ރަނގަޅު އުސޫލު ދަސްކުރަން އެބަ ޖެހެ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންގެ ފަރާތުން އެހީ ހޯދުން ކުރިއަށް ގެންދާ ނަމަ އެ މެމްބަރުން ވެސް އެހެން ނުފޫޒުތަކުގައި ތާށިވާން މަޖުބޫރުވާނެ އެވެ.

"ދައުލަތުގެ ފަރާތުން ސޯޝަލް ޕްރޮޓެކްޝަން މި އިންނަނީ ވެސް މިފަދަ ކަންކަން ހުއްޓުވަން. އޭރުން ދައުލަތުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން އެބަ ފޯރުކޮށްދޭ. އެހެންކަމުން މިފަދަ [މެމްބަރުންގެ އެހީތައް] ބަލައިގަތުމުގައި ލިމިޓެއް ގެންގުޅުން މުހިންމު،" މުއައްވިޒް ވިދާޅުވި އެވެ.

"އިޖުތިމާއީ އޭންގަލަކުން ބަލާއިރު މިފަދަ ގޮތަށް އެހީވާ ނަމަ އިންތިޚާބު ކުރާ ބަޔަކަށް އެ ބަރޯސާ ވެވެނީ. ގާނޫނީ ގޮތުން މެމްބަރުންގެ ޒިންމާއެއް ނޫން އެފަދަ އެހީތައް ވުމަކީ."

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލިސް މެމްބަރުންގެ އެހީއަށް ގިނަ ބަޔަކު އާދޭސްކުރޭ -- ފޮޓޯ: މަޖިލިސް

އެޓާނީ ޖެނެރަލް އޮފީހުގައި ދައުލަތުގެ ވަކީލަކަށް ކުރިން މަސައްކަތް ކުރެއްވި ޝަފީއާ ރިޒާ ވިދާޅުވީ ޒަމާނުންސުރެ މެމްބަރުން އާންމުންނަށް ތަކެތި ދީ ހެދުމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއް ތިބެނީ އެ މެމްބަރުންނަށް ބަރޯސާވެގެން ކަމަށެވެ. އޭގެ ނަތީޖާ ވަރަށް ގޯސް ކަމަށާއި އެއީ މެމްބަރުން އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މެމްބަރުން ކޮށްދޭންވީ ކަމަކީ ރައްޔިތުން ބާރުވެރިކުރުވުން. ފަގީރުންގެ އެ ފަގީރުކަން ނައްތާލެވޭނީ ކޮން ނިޒާމަކުންތޯ ބަލައި އެކަންކަން ކުރައްވަން ޖެހޭނީ. އެކަނިވެރި މައިންނަށް ލިބޭ އެލަވަންސް ކުޑަ ނަމަ އެ އެލަވަންސް ބޮޑުކޮށްދީ އެފަދަ ބަދަލުތައް ނިޒާމަށް ގެނެސް ދެއްވަން ޖެހޭނީ. [މެމްބަރުންގެ ޖީބުން] އެއްޗެހި ބަހައިގެންނެއް ނޫން އެކަން ކުރަންވީކީ،" ޝަފީއާ ވިދާޅުވި އެވެ.

"ވެލްފެއާގެ ކަންކަން އަންނަން ޖެހޭނީ ދައުލަތުގެ ތެރެއިން. މެމްބަރުންގެ ވާޖިބަކީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން. ޑިމޮކްރަޓިކް އުސޫލުތަކަށް އަސަރުކުރޭ އެގޮތަށް [މެމްބަރުން ތަކެތި ބަހައި] ހަދާ ނަމަ."

ކޮވިޑް-19އާ ގުޅިގެން އެހީތެރިވާ ނަމަ މެމްބަރުން ކުރައްވަން ޖެހޭނެ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، މުޅި ނިޒާމަށް ބަދަލު ގެނައުމެވެ. އަދި ސިއްހީ ގޮތުން ރަށްރަށަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދޭން މަސައްކަތް ކުރައްވަން ޖެހޭނީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބު ތެރޭގައި މެމްބަރުންގެ ވައުދުތައް ގިނަ އެވެ. ދީލަތިކަން ބޮޑެވެ. ހޮވިއްޖެ ނަމަ ބޭސްކޮށްދިނުމާއި ބޭރަށް ކިޔަވަން ފޮނުވައިދިނުން ފަދަ ކަންކަމަކީ، ބައެއް މެމްބަރުންގެ ވައުދުތަކެވެ. އޭރު އޮންނަނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް މާލީ ގޮތުން ވެސް އެހީތެރިވެފަ އެވެ. އެކަމަކު ހިތާމަހުރި ކަމަކީ، އެއީ ހުއްޓުން އައިސްގެން ނުވާނެ އެހީއެއް ކަމަށް، ބައެއް އާންމުންނަށް ވިސްނުމެވެ.

މިހާރު މި އޮތީ ގިނަ ބަޔަކު ހާލުގައި ޖެހުނު ދުވަސް އައިސްފަ އެވެ. އެހެންކަމުން މެމްބަރުންގެ އެހީއެއް ލިބޭތޯ ބަލާ މީހުން ގިނަވެދާނެ އެވެ. އެކަމަކު މިއީ އެކަންކަން ވުމަށް ވުރެ ނުވުން ކައިރި ދުވަސްވަރެކެވެ. "އަހަރެމެންގެ މެމްބަރު ކޮބާ؟" ހޭ ކުރާ ސުވާލު އަންނަންވީ، މަޖިލިހުގެ ތެރެއިން ރައްޔިތުންނަށް ރަނގަޅަށް ކަންކަން ކޮށްދޭން ޖެހޭ މައްސަލައެއްގައި އެ މެމްބަރު ހުރި ގޮތެއް ބަލާށެވެ.