ރިސްލާ: އުއްމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބީއެއް

ދުވަހުގެ ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރިއަސް އައިޝަތު ރިސްލާ އުމަރު އުއްމީދުކޮށްގެން ހުރީ ރައީސްގެ ސްކޮލަޝިޕް ލިބޭނެ ކަމަކަށް ނޫނެވެ. އެކަމަކު އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާއާ އެކު މިދިޔަ އަހަރު މުޅި ރާއްޖެއިން އެއް ވަނަ ހޯދި ހަތް ދަރިވަރުންގެ ތެރޭގައި އޭނާ ހިމެނުނެވެ.


އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ޕްރީ ސްކޫލު ނިންމުމަށް ފަހު ރިސްލާ ގްރޭޑު 1-10 އަށް ކިޔެވީ އިސްކަންދަރު ސްކޫލުގަ އެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން ދަރިވަރު އޯ ލެވެލްގައި އަށް މާއްދާއިން އޭ ސްޓާ ހޯދި އެވެ. އެ ނަތީޖާއާ އެކު އޭނާ ހިމެނުނީ 2017 ގައި އޯ ލެވެލްގެ އެއް ވަނައަށް އެރި ހަ ދަރިވަރުންގެ ތެރޭގަ އެވެ. އެ އަހަރުގެ އޯ ލެވެލްގައި ކޮމްޕިއުޓާ އާއި ބިޒްނަސް ސްޓްރީމް އިން ދުނިޔޭގެ ގަދަ 10 ގައި ވެސް އޭނާ ހިމެނުނެވެ.

ރިސްލާ ބުނާ ގޮތުން އޭ ލެވެލްގައި މޮޅަށް ކިޔަވަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ވެސް އޯ ލެވެލްގެ ފޮނި ނަތީޖާ އެވެ.

"ފުރަތަމަ ފަހަރަށް ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު. އޭ ލެވެލްގައި ލިބުނު އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ،" ރިސްލާ، 19، ބުންޏެވެ.

"އަސްލު އެކްސްޕެކްޓެއް ނުކުރަން އޭ ލެވެލްގައި ހުރިހާ އެއްޗަކުން [އޭ ސްޓާ] ލިބޭނެ ކަމަށް. އެހެންވެ ވަރަށް ޝުކުރުވެރިވަން އެގޮތަށް އޭ ލިބުނީމަ."

އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މާއްދާއަކުން ބީއެއް ލިބުނީ ގްރޭޑު 10ގެ ފަހު ޓާމުގައި ނެގި އިނގިރޭސި ޓާމު ޓެސްޓުންނެވެ. އެއީ ތަޖުރިބާގެ ފިލާވަޅެއް ކަމަށް ބަލައި، ކިޔެވުމުގައި އިތުރަށް މަސައްކަތްކުރި އެވެ.

އޯ ލެވެލްއިން އެއް ވަނަ ހޯދި ފަސް ދަރިވަރަކާ އެކު، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ފޮޓޯއަކަށް ހުއްޓިވަޑައިގެން: މިނިސްޓަރާ ޖެހިގެން ކަނާތް ފަރާތުގައި ރިސްލާ -. ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިސްލާ ބުނާ ގޮތުގައި ފޮތުގައި އޮންނަ އެއްޗެއް ހިތުދަސްކުރުމުގެ ބަދަލުގައި އޭނާ ބަލަނީ ސިކުނޑިއަށް ފިލާވަޅު ރަނގަޅަށް ނަގައިގަންނާށެވެ.

"ކިޔަވައިދޭ އެއްޗެއް އަމިއްލައަށް ދަސްކުރަނީ އެ ނަގައިގަނެވެންދެން. އެގޮތަށް މިހާތަނަށް ވެސް ކިޔަވަމުން އައީ،" ހިސާބު އަދި ކޮމްޕިއުޓާ ސައިންސް އިން މަތީ ތައުލީމް ހާސިލްކުރަން އޮސްޓްރޭލިއާ އަށް ދާން ނިންމައިގެން ހުރި ދަރިވަރު ބުންޏެވެ.

މާކްސް އަކީ ހުރިހާ އެއްޗެއް ނޫން، މަސައްކަތްކުރޭ!

ހަމައެކަނި މޮޅު ނަތީޖާއެއް ހޯދަން ހިތުދަސްކުރުމުގެ ބަދަލުގައި، އަމިއްލަ ޝައުގުވެރިކަމާ އެކު ކިޔެވުމަކީ ލިބޭނެ ފަސޭހައެކެވެ. މަންމަ އާއި ބައްޕަ އަދި ދައްތައާ އެކު ދިރިއުޅެމުން އަންނަ ދަރިވަރު ބުނީ ކޮންމެ ކުއްޖަކު ވެސް އަމާޒެއް ކަނޑައެޅުން މުހިއްމު ކަމަށެވެ. ދެން އޮތީ ހިތްވަރުކޮށް މަސައްކަތްކުރުން ކަމަށާއި އެގޮތަށް ކުރިއަށް ހިނގައްޖެ ނަމަ އުއްމީދުތައް ހާސިލްވާނެ ކަމަށް އޭނާ ބުންޏެވެ.

ރިސްލާއަށް، ރައީސްގެ ސްކޮލަޝިޕް ލިބުނު ކަމުގެ ލިއުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރިސްލާއަކީ ދީނީ ކަންކަމަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ދަރިވަރެކެވެ.

"ސްކޫލުގައި ކިޔަވާއިރު ވަރަށް މުހިއްމު ކަމެއް ދީނީ ކަންތައްތަކަށް ވެސް ސަމާލުކަންދީގެން ކުރިއަށްގެންދިއުން ހަމައެކަނި ވޯކަށް އެކަނި ހުސްވެގެން އުޅުމުގެ ބަދަލުގައި،" ރިސްލާ ބުންޏެވެ.

"ދަސްކުރާ އެއްޗެއް، އެޕްރިޝިއޭޓްކޮށްގެން ދަސްކުރުން. ހަމައެކަނި ވަކި ގްރޭޑަކަށް ނުވަތަ މާކްސްއަކަށް ދަސްކުރުމުގެ ބަދަލުގައި، އިންޓްރެސްޓް ހުރެގެން ދަސްކުރަން މަސައްކަތްކުރުން. އެގޮތަށް ވަރަށް މަސައްކަތްކުރިން."

މިއަދު ރިސްލާ އާއި އޭނާގެ ކުޑަ އާއިލާ އުފަލުން ތިބީ، ތައުލީމީ ގޮތުން ކުރި އުއްމީދުތައް، އެއަށް ވުރެ ވެސް ބޮޑަށް ހާސިލްވުމުންނެވެ. އެކަމަކު އެއީ ޝައުގުވެރިކަމާއި ހިތްވަރު ވެސް ހުރެގެން ކުރި މަސައްކަތުގެ ނަތީޖާ އެވެ.