ރިޕޯޓް

ބަލިމަޑުކަމާ އެކު، އާމްދަނީ ހޯދަން އެހެން ގޮތެއް؛ މާ ކާމިޔާބު!

މަކުނުދޫގެ ބޯޅަދަނޑުން ދޫކޮށްފައިވާ ދަނޑުތަކެއް: ގިނަ ބާވަތްތަކުގެ ތަކެތި އެ ތަންތަނުގައި ދަނީ ހައްދަމުން-- ފޮޓޯ:ވާސިފުޓޯސް

28 ސެޕްޓެމްބަރ 2020 - 08:49

33 comments
happy icon 96%

އާދަޔާ ހިލާފަށް ދިގު، އަދި ރީތި އދ. ދިގުރަށަކީ ލޯކަލް ޓޫރިޒަމްގައި މަޝްހޫރު ރަށެކެވެ. ރަށުގެ ގުދުރަތީ ރީތިކަމުން އުފާ ހޯދުމަށް ދާ މީހުންނާ އެކު، ރަަށުގައި ހުންނަ 13 ގެސްޓްހައުސް އަބަދުހެން އޮންނަނީ ފުލްވެފަ އެވެ. އެކަމަކު އެއީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހަމައަށެވެ. ކޮވިޑުން ރައްކާތެރިވުމަށް ބޯޑަރުތައް ބަންދުކޮށް، ޓޫރިސްޓުން އެތެރެވުން މަޑުޖައްސާލުމާ އެކު، ސަތޭކަ ޕަސެންޓް ޓޫރިޒަމަށް ބަރޯސާ ވެފައިވާ ދިގުރަށަށް ވަރަށް ބޮޑަށް އަސަރު ކުރި އެވެ.

އެހެންވެ، ކައުންސިލަށް ޖެހުނީ 684 މީހުން ދިރިއުޅޭ އެ ރަށުގެ އާއްމުންގެ ފުދުންތެރިކަން އިތުރުކުރުމަށް، ކޮންމެވެސް ގޮތެއް ހޯދައިދޭށެވެ. ކައުންސިލުން ނެރެދިން ހައްލަކީ، ފަސް ކިލޯ މީޓަރުގެ ދިގު އެ ރަށުގައި ދަނޑުވެރިކަން ކުރުމެވެ. އެކަން ވަރަށް ކާމިޔާބެވެ. ކޮވިޑްގެ ބަލިމަޑުކަމާ ހެދި، ވަޒީފާ ގެއްލިފައި ތިބި މީހުންނާއި ރަށުގެ އެހެން މީހުން ވެސް މިހާރު ނަފާ ހޯދަނީ ދަނޑުތަކުގައި ހައްދާ ތަކެތި ވިއްކައިގެންނެވެ.

ދިގުރަށުގައި ހައްދަމުން އަންނަ ދަނޑެއް: ދަނޑުވެރިކަމުން ބޮޑު އާމްދަނީއެއް އެ ރަށުގެ ބައެއް މީހުން ހޯދާ

ބަލިމަޑުކަމުގެ ކުރިން، އެ ރަށުގެ ގިނަ ޒުވާނުން މަޝްއޫލުވެ އުޅޭނީ ޓޫރިސްޓުންނާ އެކު އެ މީހުންނަށް ހޭހަން ކޮށްދިނުމަށެވެ. އެކަމަކު މިހާރު އެ ރަށުގެ ޒުވާނުން ފެންނަނީ ދަނޑުތައް މަތިންނެވެ. ގަސް އިންދައި، އެއަށް ފެންދީ، ދަނޑުތައް މަރާމާތުކޮށް އެތަން ރީތިކުރުމުގައި މަޝްއޫލުވެ އުޅެނިކޮށެވެ.

"އެންމެން ވެސް ވަރަށް ޝައުގުވެރިވި ކަމަކަށް މިކަން ވީ. ވަރަށް ޝައުގުވެރިކަމާ އެކު، ކުރާ ހިތުން ގިނަ މީހުން މި މަސައްކަތް ކުރަން ފެށީ" ދިގުރަށު ކައުންސިލްގެ ނައިބު ރައީސް، އިމްރާން އާދަމް ވިދާޅުވި އެވެ.

"މިއީ ފެމެލީ ބިޒްނަސްއެއް"

ދަނޑުވެރިކަން ކުރުމަށް، ދިގުރަށު ކައުންސިލުން ކޮންމެ ގޭބިސީއަކަށް ދޫކުރީ އެއް ދަނޑެވެ. އެކަމަކު ރަށުގެ ގިނަ މީހުން މިކަން ފެށީ، އިމްރާންގެ ބަހުން ނަމަ، "ފެމެލީ ބިޒްނަސްއެއް"ގެ ގޮތުގައި އެންމެން އެކުގަ އެވެ. އާއިލާގެ 18 ނުވަތަ 15 ގެއަށް ލިބިފައިވާ ދަނޑުތައް އެއްކޮށްލައިގެން، ބޮޑު އެއް ދަނޑުގެ ގޮތުގައި ތަފާތު ބާވަތްތަކުގެ އެއްޗެހި އެތަނުގައި ހައްދަން ފެށި އެވެ. ބައްޓާއި ކިއުކަމްބާ އާއި ކަރާ އަދި މިރުހުގެ އިތުރުން ފަތްކެޔޮ ވެސް ގިނަ އަދަދަކަށް މިހާރު އެ ރަށުގައި ހައްދަ އެވެ.

ދިގުރަށުގައި ދަނޑުވެރިކަން ފެށިތާ މާ ގިނަ ދުވަސް ނުވާތީ، ހެއްދި ހުރިހާ އެއްޗެއް ހަރުވެ، ވިއްކޭވަރު ނުވާތީ އޭގެ ފުރިހަމަ ފައިދާއެއް އަދި ނުފެނެ އެވެ. އެކަމަކު ބައެއް ތަކެތި، އަތޮޅުތެރޭގެ ރަށްރަށާއި މާލެއަށް ފޮނުވައިގެން ބައެއް މީހުން މިހާރު ވެސް އަންނަނީ ނަފާ ހޯދަމުންނެވެ.

ދިގުރަށުގެ ދަނޑެއް: މިއީ ކުރިން ޓޫރިޒަމަށް ބަރޯސާވެފައިވާ ރަށުގައި އަލަށް ފެށި މަސައްކަތެއް

ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމާ އެކު، ދަނޑުވެރިކަމުގަގއި އެންމެ ބޮޑަށް ހަރަކާތްތެރިވަނީ ޒުވާނުންނެވެ. އެކަމަކު ދެން އަލުން ޓޫރިޒަމަށް ހުޅުވާލި ނަމަވެސް، ދަނޑުވެރިކަން ދޫކޮށްލުމުގެ ވިސްނުމެއް އެ މީހުންގެ ނެތެވެ. އަދި އާއިލާގެ އެންމެން އެ މަސައްކަތުގައި މިހާރު އުޅޭތީ، ގެސްޓްހައުސް ހިންގުމުގެ ފުރުސަތު ވެސް އެ މީހުންނަށް އެބަ އޮތެވެ.

ދިގުރަށުގެ މީހުންނަކީ ކުރިން ދަނޑުވެރިކަން ކުރި ބައެއް ނޫނެވެ. އާ މަސައްކަތެއްގެ ގޮތުގައި އެ މީހުން އެކަން ފަށައިގަތީ އަމިއްލައަށް ހޯދި މައުލޫމާތެއްގެ އަލީގަ އެވެ. އެހެންވެ، އިމްރާން ވިދާޅުވި ގޮތުގައި ގަސްތަކަށް ޖެހޭ ބަލިން ރައްކާތެރިވާނެ ގޮތް، ގިނަ މީހުންނަށް ނޭނގުމަކީ އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ދޮންކެޔޮ ގަސްތަކުން މިހާރު ވެސް ބައްޔެއް ފެނެ އެވެ. އެކަން ހައްލު ކުރާނެ ގޮތް ނޭނގޭތީ ގިނަ ބަޔަކު ތިބީ ކަންބޮޑުވެފަ އެވެ.

ކައުންސިލުން ވަނީ އެކަމުގައި އެގްރިކަލްޗާ މިނިސްޓްރީގެ އެހީއަށް އެދިފަ އެވެ. އެކަމަކު އަދި އެތަނުން ޖަވާބެއް ނުލިބެ އެވެ. އިމްރާން ލަފާކުރައްވަނީ ދިގުރަށުގައި އެކަން ކުރާ މިންވަރު ނޭނގޭތީ މިނިސްޓްރީން ހަބަރު ނުވަނީ ކަމަށެވެ.

ދިގުރަށުގެ ދަނޑެއްގައި ހައްދާފައިވާ ގަސްތަކަކަށް މީހަކު ފެން ދެނީ: އެ ރަށުގެ ގިނަ ބަޔަކު މިހާރު ކުރަނީ މި މަސައްކަތް

"ކުރިން ގަބޫލުކުރީ ދަނޑުވެރިކަން ނުކުރެވޭނެ ކަމަށް"

ހދ. މަކުނުދޫގެ ގިނަ މީހުން މީގެ ކުރިން ގަބޫލުކުރަމުން އައީ، އެއީ ހަމައެކަނި މަސްވެރި ރަށެއްގެ ގޮތުގަ އެވެ. ފުޅާ ދާއިރާއެއްގައި އެއްވެސް އިރެއްގައި އެ ރަށުގައި ދަނޑުވެރިކަން ނުކުރާއިރު، އެއީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ. އެކަމަކު ކޮވިޑުގެ ބަލިމަޑުކަން، އެހެން ގޮތަކަށް ވިސްނަން އެ މީހުންނަށް މަޖުބޫރު ކުރުވި އެވެ.

ކާބޯތަކެތީގައި މުޅިން ވެސް މާލެއަށް ނުވަތަ އަތޮޅުގެ އެހެން ރަށަކަށް ބަރޯސާވެފައިވާ އެ ރަށަށް، ދަތުރުފަތުރު ކުރުމުގައި ކުރިމަތިވި ދަތިތަކާ އެކު ދެން ޖެހުނީ އެހެން ގޮތެއް ހޯދާށެވެ. ކައުންސިލްގެ އިސްނެގުމާ އެކު އެ ރަށުގައި ދަނޑުވެރިކަން ކުރަމުން އަންނައިރު، މިހާރު ރަށުން ހުސް ބިމެއް ފެންނާކަށް ނެތެވެ. ގޭގެ ގޯތި ތެރެއިން ފެށިގެން، ރަށުގެ ބޯޅަދަނޑާއި ދެން ހުރި ހުސް ބިންތަކުގައި ވެސް މީހުން މިހާރު އަންނަނީ ތަފާތު ތަކެތި ހައްދައި، ވިއްކަމުންނެވެ.

މަކުނުދޫގެ ދަނޑުތަކެއް: އެ ރަށުގެ ގިނަ ބަޔަކު މިހާރު އަންނަނީ މި މަސައްކަތުން އާމްދަނީ ހޯދަމުން-- ފޮޓޯ:ވާސިފުޓޯސް

"މީގެ ކުރިން މި ރަށުގައި އެއްގޮތަކަށް ވެސް ފަތްކެޔޮ ހައްދައެއް ނޫޅޭނެ. އެކަމަކު މި ފަހުން ކުޅުދުއްފުއްޓަށް އެންމެ ގިނައިން ދޮންކެޔޮ ވިއްކަން ގެންދިޔައީ މަކުނުދޫން،" ދަނޑުވެރިކަމުގައި އަމަލީ ގޮތުން ބައިވެރިވާ، ރަށުގެ ކައުންސިލް މެމްބަރު އަހުމަދު ވާފިރު ވިދާޅުވި އެވެ.

މަކުނުދޫ މީހުންނަކީ ކެއުމުގައި އާއްމުކޮށް، ތަރުކާރީ އާއި މޭވާ ބޭނުން ކުރާ ބައެކެވެ. އެކަމަކު މިހާތަނަށް، އެ މީހުންނަށް އެތަކެތި ލިބެމުން ދިޔައީ މާލެއިން، ރަށަށް ބޯޓެއް ދާއިރަކުންނެވެ. ނޫނީ އަތޮޅުގެ ކޮންމެވެސް ރަށަކުން އެތަކެތި ގެނެސްގެންނެވެ. އެހެން ރަށްތަކާ ވަރަށް އެކަހެރިކޮށް އޮންނަ ރަށަށް، މިފަދަ ތަކެތި ގެންދިއުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު މިހާރު، ޓޮމާޓޯ އަކަސް، ކިިޔުކަމްބާ އަކަސް، މިރުހަކަސް ހޯދަނީ ހަމަ ރަށުންނެވެ. ރަށުގައި ހައްދާތަކެތި އެ ރަށުގެ މީހުން ބޭނުންކޮށް، މާލެއާ އެހެން ރަށްރަށަށް ވިއްކާވަރު ވެސް ވެ އެވެ.

މަކުނުދޫ މީހުން އާއްމުކޮށް ހައްދަނީ ބައްޓާއި ކިއުކަމްބާ އާއި މިރުހާއި ކަރަ އާއި ބަރަބޮލާއި ފަތްކޭލެވެ. އޭގެ އިތުރުން ކެބެޖާއި ބެލްޕެޕާ އާއި ކެޕްސިކަމް އާއި ބީންސް ފަދަ ތަރުކާރީ ވެސް ބައެއް މީހުން ހައްދަ އެވެ. ހެޔޮ އަގެއްގައި އެތަކެތި ރަށު ތެރޭގައި ވިކޭއިރު، ކައިރި ރަށްރަށަށް ވިއްކައިގެން ވެސް އެ ރަށު މީހުންނަށް މިހާރު އާމްދަނީ ލިބެ އެވެ.

މަކުނުދޫގައި ފަތްކެޔޮ ހެއްދުމަށް ކައުންސިލުން ދޫކޮށްފައިވާ ސަރަހައްދެއް: އެ ރަށުގެ ގިނަ ހުސް ބިންތައް މިހާރު ބޭނުންކުރަނީ ދަނޑުވެރިކަމަށް-- ފޮޓޯ:ވާސިފުޓޯސް

"ދަނޑެއް ނެތަސް ކޮންމެ ގެއެއްގައި ވެސް މިހާރު އެކި ކަހަލަ ގަސް އިންދާނެ. ކޮންމެ ގެއަކުން ވެސް އެ ގެއަކަށް ބޭނުންވާ ވަރަށް އާއްމުކޮށް ތަކެތި ހައްދާނެ،" ވާފިރު ވިދާޅުވި އެވެ.

މީގެ ކުރިން ގޯތި ތެރޭގައި ގަސް ހައްދާ އުޅުނު އެ ރަށު އައިޝަތު މުނީރާ މިހާރު ހުރިހާ ވަގުތެއް ހޭދަކުރަނީ އޭނާގެ ދަނޑުގަ އެވެ. ގަސްތަކަށް ފެން ޖަހައި، ބޭސް ޖަހައި، އެތަން ބެލެހެއްޓުމުގަ އެވެ. ރަށުގައި ދަނޑުވެރިކަން ކުރުމަށް އާއްމުކޮށް ހުޅުވާލުމަކީ، މުނީރާގެ ނަޒަރުގައި، ކޮންމެ މީހަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ގޭގައި ތިބޭ އަންހެނުންނަށް އާމްދަނީ ހޯދަން ކުރާނެ މަސައްކަތެއް ފެނި، އަދި ކާން ބޭނުން ކުރާ ތަކެތި އަމިއްލައަށް ހެއްދުމަކީ، އޭނާ ދެކޭ ގޮތުގައި، ބޮޑު ނަސީބެކެވެ.

"މިއީ ސިކުނޑިއަށް ވެސް ވަރަށް އަރާމު މަސައްކަތެއް. ގަސްތަކުގެ ތެރޭގައި އުޅެ، އެތަކެތި ބެލެހެއްޓުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް،" ފަސް ކުދިންގެ މަންމަ ބުންޏެވެ.

"މިހާރު މިގެއަށް މާލޭން ގެންނަން ޖެހޭނީ މަދު އެއްޗެއް. އެހެން ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ ހަމަ އަމިއްލައަށް މި ހައްދަނީ."

މަކުނުދޫގެ ދަނޑުތަކެއް: މިރުހާއި ކިއުކަމްބާ އާއި ކަރަ އާއި ބައްޓާއި ބަރަބޯ ފަދަ ބާވަތްތައް މި ދަނޑުތަކުގައި ހައްދާ-- ފޮޓޯ:ވާސިފުޓޯސް

ކޮވިޑްގެ ބަލިމަޑުކަން ފެށުމާ އެކު، ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާއަށް ޖެހުމުގެ ބިރު ބޮޑުވި އެވެ. ބޯޑަރުތައް ބަންދުކުރުމުން ބައެއް ތަކެތި ލިބުން ހުއްޓުނު ވެސް މެ އެވެ. އޭރު ސަރުކާރުން، ކޮންމެ ގެއެއްގައި ވެސް އިންދައި، ނުވަތަ ހުސް ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ބާރުއެޅި އެވެ. މިހާރު ބައެއް ރަށްތަކުން ފެންނަނީ އޭގެ ނަތީޖާ އެވެ. ޒަމާނުއްސުރެ މުޅިން އެހެން މަސައްކަތްތަކަށް ހާއްސަވި ރަށްތަކުން، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކޮށް، އޭގެ މަންފާ ހޯދަމުން އަންނަނީ އެވެ. މިއީ މި ބަލިމަޑުކަން ގެނެސްދިން ރަނގަޅު ބަދަލެކެވެ.

33 ކޮމެންޓް, 139 ރިއެކްޝަންސް

icon happy icon happy 99%
icon sad icon sad 1%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝައްފަ

30 September 2020

ޒަހާ އިސްތިޢުފާ !

The name is already taken The name is available. Register?

މުދިމު ކަތީބު

30 September 2020

ޒަމާނީ ދަނދުވެރިކަމުގެ އާ އުންމީދު އޯގަނިކް ކެމިކަލް ބޭނުން ނުކޮށް ކުރާ ދަނޑުވެރިކަމުގެ ތެރޭން އެގްރިޓޫރިޒަމް ގެ އުންމީދު.....ދިގުރަށު ރައްޔިތުންނަށް ސާބަސް !

The name is already taken The name is available. Register?

ކަލްދޯބަޖޭންގ

30 September 2020

ކޮބާ މިހާރު ބަހަނާ ދެއްކޭކައް ނެތެއް ނޫންތޯ ރަށުން ފަޒީފާއެއް ނުލިބެޔޭ ކޮން ކަމެއްހޭކުރާނީ މާލޭގައި ގަނެތެޅެންނައިސް އަތުން ކުރާ މަސައްކަތުން ހޯދާ މަދު ފައިސާކޮޅު ކުލިދައކާފައި ކާނެ ލާރި ފޮއްޗެއްވެސް ލިބިގެންތާ ފޮރުވޭނީ ބަލަ ތިޔަ ދަނޑުވެރިކަން ކޮއްގެން ނަފާލިބި އަނބިދަރިން ގޮވައިގެން އުޅެފައި ރުފިޔާ ފޮރުވޭނެ ދެން އަހަރު ދެއަހަރު ކޮއްފައި ދޭބަލަ މިތަނައް ގެސްޓުން އަންނަހެން ޔޫރަޕައް ހޮލިޑޭ ހަދާލަން އެއީނޫންތޯ ހަގީގީ ދިރިއުޅުމަކީ

The name is already taken The name is available. Register?

ސޭކުބެ

29 September 2020

ދޮންކެޔޮގަހަށްޖެހޭ ބަލިން ސަލާމަތްވުމަށްޓަކައި ހަފުތާއަކު އެއްފަހަރު ގަސްފީނިތެރެއަށް/ގަސްތަކުގެ ބުޑަށް 5 ލީޓަރު މޫދުލޮނު އަޅާ. އޭރުން ގަސްތައް ވަރަށް އަވަހަށް ބަލިން ސަލާމަތްވެދާނެ އަދި ގަސްތައް ފަލަވެގެން ދާނެ. ދޮންކެޔޮ ގަހުގެ ފަތް ހިކޭނަމަ ގަސް ކަޑާލާފަ ބަލާ ގަހުގަ ހުންނާނެ ފާޑެއްގެ މަޑިއެއް އަޅާފަ. އެހުންނާނީ ގަހުގެ މައިގަޑުގަ، ގަހުގެ ބިމާ ކައިރީ ހިސާބުގަ. ފަހަރަކު ތޮށި ފަށެއް ނައްޓަމުން ބަލާ. މިކަންކަމުން ސަލާމަތްވާނެ ލޮނުއަޅާނަމަ.

The name is already taken The name is available. Register?

ޙިނި

28 September 2020

ކީވެތަ ގައުމުތަކުން ދަންޑުވެރިކަމުގެ މާކެޓް ބޭރުގައުމުތަކުން ދަންޑުވެރިކަމުގެ އުފެއްދުންތައް ޑަންޕް ކުރުމުން ރައްކާތެރިކޮއް ސަލާމަތްކުރަން ސަބްސިޑައިސް ކުރަނީ؟

The name is already taken The name is available. Register?

ގައްބަރު އިބުރާހީމް ސިންގު

28 September 2020

ދެން މިގައުމު ޓުއަރިޒަމަށް އިސްތިހާރުކުރާނެކަމެއްނެތް. މިގައުމުގާ ކުރާންވީ ދިވެހިންގެ އަމިއްލަ މަސައްކަތް. މިބާވަތުގެ މަސައްކަތް.

The name is already taken The name is available. Register?

ކޮންޓްރޯލް

28 September 2020

ފިޔައާ އަލުވިވެސް ހައްދަބަލަ. ކުކުޅު ފާމްވެސް އާލާކުރަންވީ. އަމިއްލަ ފުދުންތެރިކަން ހޯދަން މަސައްކަތްކުރަންވީ.

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

28 September 2020

އެއްޗެހި ހައްދައިގެން އެންމެ ބޮޑު ގެއްލުމެއްވަނީ އައްޑޫގެ ރައްޔިތުންނަށް. ގޭދޮށުގަ ކެޔޮގަނޑެއް ހެއްދިޔަސް އަދި މިރުސް ގަހެއް ޖެހިޔަސް ލިބޭ އެއްޗެއް ނެެތް. ވަގުންގެ ބަލާ އެއަށްވުރެ މާބޮޑު. މިކަމާ އަޅާލާނެ ސަރުކާރެއްނާދެ. އެއްދޮރުން ވައްދާފަ އަނެތް ދޮރުން ނެރުން ނޫންކަމެއް ޕޮލިހުން ނުކުރޭ.

The name is already taken The name is available. Register?

ސަމަރޭ

28 September 2020

ރަށުގައި އާއިލާކައިރީ ތިބެގެން އެންމެން ގުޅިހެން ތި ކަހަލަ ސަޅި މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމަކީ ވަރަށް އުފާވެރި އިހްސާސްއެއް. މާލޭގެ ކާރޫބާރޫ ބޮޑު ނުތަނަވަސް އުނދަގޫ ދިރިއުޅުން ދޫކޮށް ރަށުގެ ހިތްގައިމު ގުދުރަތީ މާހައުލުގައި އުޅޭއިރު އެ ކުރެވޭ އިހްސާސްތަކަކީ ލާރިދީފައި ގަނެވޭ ވަރަށް ވުރެ މާ އަގު ބޮޑެތި ކަންކަން. މާލޭގެ ރަށްވެއްސެއްގެ ހައިސިއްޔަތުން ތި ބޭފުޅުން ރަށުގައި ތިބެގެބް ތި ކުރާ މަސައްކަތުން އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅޭތަން ފެންނާތީ ވަރަށް އުފާވޭ.. ކުރިއެރުމާއި އުފާފާގަތިކަމަށް އަދި ތަނަވަސް ދިރިއުޅުމަކަށް އެދެން.. މާލެ-ރާއްޖެތެރެ ތަފާތު ކުރުން ހުއްޓާލަންވެއްޖެ... ޝުކުރިއްޔާ!

The name is already taken The name is available. Register?

7ބޯރާހި

28 September 2020

ބުރޯ މިހާރުވެސް ކަލޭމެން ރަށުކޮޅުގަ ޕާކެއް އެހަދަނީ ބޭރުކަރަކަރައިން ރުއްގަސްގެނެސްގެން ރައިސްއޮފީހާ އެކި އޮފިސްތަކުގެ ބަޖެޓުން ފަންސާހަކަށް މިލިއަން ހަރަދުކޮށްގެން، ބީޗުހަދަން ހަރަދުކުރިވަރެއްވެސް ނޭނގެ، ދެން ސިޓިންރޫމުގަ ކަލޭމެންތިބޭ މިރަށު ރައްޔިތުން ނިކުމެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ގުދާރުބިންދައިގެން ޕާކާއި ބީޗުހަދާއިރު ފޮޓޯ ތިރީގަ ހާދަ އުފާވެރި މަންޒަރޭ ޖަހާފަ ޓުވީޓުކުރަން.

The name is already taken The name is available. Register?

ޙިނި

28 September 2020

ދިވެހިންނައް ދަސްވެފަ އޮތީ ޓުވަރިޒަމް އެކަނި އަދި އޭގެނ ލިބޭ ޑޮލަރު. މިވިސް ނުން ޕުޜޮމޯޓު ނުކުރުން ބުއްދިވެރި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!