ކުދި ގިނަ ހާދިސާތަކެއް، ގެއްލުން ސުނާމީއާ އެއްވަރު

ގުދުރަތީ ބޮޑެތި ކާރިސާތައް ރާއްޖެ އަށް ކުރިމަތިވާލެއް މަދަސް ކުދި ހާދިސާތައް ކައިރިކައިރީގައި ހިނގަމުންދާތީ 10 ވަރަކަށް އަހަރު ތެރޭ، 2004ގެ ސުނާމީއާ ދާދި އެއްވަރެއްގެ ގެއްލުންތައް ލިބިފައިވާކަން ދިރާސާތަކުން އެނގެ އެވެ. މިއީ ކާރިސީ ހިރާސް (ޑިޒާސްޓާ ރިސްކް) ކުޑަކުރުމުގެ ބައިނަލްއަގުވާމީ ދުވަސް އިއްޔެ ފާހަގަކުރި އިރު ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އެއް މެސެޖެވެ.


"އާޚިރުގައި އަސްލު، ރައްޔިތު މީހާގެ ޖީބުން ދާ އެއްޗެއް ހަމަ އެއްވަރެއް މި ވަނީ، އެއްފަހަރު ވަރަށް ބޮޑު ކަމެއް ދިމާވުމާއި ކުދި ކަންތައްތަކެއް ވަރަށް ގިނަ ފަހަރު ދިމާވުމާ،" އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީ، ވެބިނާއެއްގައި ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގާ ހާދިސާތަކުގެ އަދަދާއި ގެއްލުންތައް ވެސް ދަނީ އިތުރުވަމުންނެވެ. އޭގެ އެއް ހެއްކެއްގެ ގޮތުން، ބޮޑަށް ފެން ބޮޑުވުމުގެ ސަބަބުން ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ރަށްރަށުގެ އަދަދު އިތުރުވުން ހިމެނެ އެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، ހިންގުމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތަކަށް އަލިއަޅުވައިލި މުނާސަބަތުގައި އަނެއްކާވެސް އާވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ތިމާވެށި ހަލާކުވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ގެއްލުންތަކުގެ ވާހަކަ އެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އާއި އެންޑީއެމްއޭ އިން ބޭއްވި ވެބިނާގައި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނިގޮތުގައި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވުމާ ގުޅިގެން ރާއްޖޭގެ ރަށްތަކުގައި ދިރިނޫޅެވޭ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތް އިރު ހާދިސާތައް ވެސް ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ރަށްރަށަށް މިހާރު ވެސް އާއްމުކޮށް ދިމާވާ، އުދަ އެރުމާއި ރަށް ގިރުމާއި އާދަޔާހިލާފަށް ވާރޭވެހި ފެންބޮޑުވުމާއި އާދަޔާހިލާފަށް ހޫނު ގަދަވުމާއި ވާރޭ ނުވެހޭ ދުވަސްތައް ގިނަވެ ފެނަށް ޖެހުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ކާރިސާތަކުން ރައްކާތެރިވުމުގައި ގުދުރަތީ ހޭޅިފަށާއި ފަރުތައް ފަދަ ވަސީލަތްތަކުގެ ދައުރު އެހާ ބޮޑު އިރު ވެސް ތަރައްގީގެ މަޝްރޫއުތަކުގައި ބެލުމެއް ނެތުމުން އެ ދިފާއުތައް ދަނީ ނެތެމުންނެވެ. މި ފަހުގެ އަހަރުތަކުގައި އެފަދަ ބިޔަ މަޝްރޫއުތައް ގިނަވެ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.

ގުޅިފަޅު ހިއްކާފައި. ފޮޓޯ: ސޭވް މޯލްޑިވްސް

ރަށްރަށަށް ވެދާނެ ގޮތަކާ މެދު ކަންބޮޑުވާން ޖެހޭ

އެމްއާރުސީގެ ނާއިބު ރައީސް އަދި ދެމެހެއްޓެނިވި ތަރައްގީގެ ފަންނީ ތަޖުރިބާކާރު އައިޝާ ނިޔާޒު ވިދާޅުވި ގޮތުގައި ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ހުރި ގުޅުން ހާމަކޮށްދިނުމަށް އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިޕީސީސީ) އިން ނެރެފައިވާ ޚާއްސަ ރިޕޯޓުގެ ހޯދުންތަކާ މެދު ރާއްޖެ އިން ކަންބޮޑުވާން ޖެހެ އެވެ. ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ސަބަބުން ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި ނަމަ ދުނިޔޭގެ މުރަކަ ފަރުތަކުގެ 70-90 ޕަސެންޓު އަދި ދެ ޑިގްރީ އަށް ވުރެ މަތިވެއްޖެ ނަމަ ފަރުތަކުގެ 99 ޕަސެންޓް ނެތިގެންދާނެ ކަމުގެ އިންޒާރު އެ ރިޕޯޓުގައި ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސައިންސްގެ އަލީގައި ޕްރޮޖެކްޓްކުރެވޭ ކަންކަމަކީ ކަނޑުގެ ލޮނުގަނޑު އެބަ ހޫނުވެއޭ، ހޫނުވާ ވަރަކަށް މުރަކަ މަރުވެގެންދާނެއޭ. ދެން އެނގޭ ކަމަކީ އިތުރަށް މުރަކަތަކަށް ދިމާވާ ސްޓްރެސް އިތުރުވާ ކަމަށް ވެއްޖެއްޔާ އެ މުރަކަތަކަށް ލިބޭ ގެއްލުން އިތުރުވެގެންދާނެއޭ، އެހެންވީމާ މުރަކަތަކަށް އެކަމުން އަރައިގަނެވޭނެ [ފުރުސަތު] ކުޑަވެގެން ދާ ކަމެކޭ،" އައިޝާ ވިދާޅުވި އެވެ.

"ރަށް ހިއްކާ އިރު ނުވަތަ ފަޅު ކޮންނަ އިރު ވަރަށް ކުދިކުދި ވެލިތަކެއް މި ފެތުރިގެންދަނީ. ދެން މުރަކަތައް ނޭވާ ހާސްވެގެން މަރުވެގެން ދަނީ."

ރާއްޖޭގައި ހިނގާފައިވާ ގާ ހުދުވުމުގެ ހާދިސާތަކުގެ ގެއްލުންތައް ބޮޑުކަން ދިރާސާތަކުން އެނގިފައިވާ އިރު 2016ގެ ހާދިސާ އަށް ފަހު ކޮންމެ އަހަރަކު ވެސް ހޫނުގަދަ ދުވަސްވަރު ގާ ހުދުވާ ކަމަށް ބައެއް ޑައިވަރުންނާއި ސްނޯކްލިން އަށް ދާ މީހުން ބުނާތީ، އައިޝާ ވިދާޅުވި ގޮތުގައި، އައިޕީސީސީގެ އަންދާޒާކުރުން ސީދާކަން ދޭހަވެ އެވެ. ފަޅު ހިއްކުމުގެ މަޝްރޫއުތަކާއި ވެލި އަރުވައިގެން ގޮނޑުދޮށްތައް ހަދާ ރިސޯޓުތައް ނިސްބަތުން ގިނަ މާލެ އަތޮޅުގެ ފަރުތަކަށް ގާ ހުދުވުމުގެ މައްސަލަތައް ދިމާވެފައިވާލެއް ބޮޑުކަން ފަހުގެ ދިރާސާއަކުން އެނގިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކާރިސާތަކަށް ތައްޔާރުވުމޭ "ބުނީމަ ގިނަ މީހުންނަށް ހީވަނީ މިއީ އިންސާނީ އެހީ ދިނުމޭ. އެކަމަކު ހަގީގަތުގައި މިހާރު މިކަން މި ބެލެވެނީ ތަރައްގީގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި."

"އިންސާނުން ތިމާވެށި ބޭނުންވާތީ"

ކާރިސާތަކުން ރަށްރަށަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ސިޔާސަތުތަކެއް ސަރުކާރުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން 2019 އިން 2023 އަށް ހާސިލްކުރާނެ އަމާޒުތަކެއް ނެޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނެ އެވެ. ގައުމީ އަދި ރަށު ފެންވަރުގައި ކާރިސީ ހިރާސް ކުޑަކުރުމުގެ ސްޓްރެޓެޖީތަކެއް މި އަހަރުގެ ނިޔަލަށް ހެދުމުގެ ބައިނަލްއަގުވާމީ ލަނޑުދަނޑި ރާއްޖެ އިން ހާސިލްކުރުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެންޑީއެމްއޭ އިން އިއްޔެ ފާހަގަކުރި އެވެ.

އަށް ސިޔާސަތެއްގެ ދަށުން ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރޭގައި، ކާރިސީ ހިރާސް ވީހާ ވެސް ކުޑަކުރެވޭނެ ގޮތަށް ރަށު ތަރައްގީގެ ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް އެހީތެރިވެދީ ކައުންސިލްތައް އެކަމަށް ބާރުވެރިކުރުމާއި ރަށްރަށުގެ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ހަރަކާތްތެރިކުރުވުމާއި ކާރިސާތަކުގައި މީހުންނަށް ރައްކާތެރިކަން ލިބޭނެ ހިޔާތައް ހެދުމާއި ތެލާއި ކާނާ އާއި ފެން ފަދަ ޒަރޫރީ މުދާ ރައްކާކުރެވޭނެ ގޮތް ހަމަޖެއްސުމާއި ކާރިސާތަކަށް އިޖާބަދިނުމުގައި ހަރަކާތްތެރިވާން ސިވިލް ސާވިސް މުވައްޒަފުން ތަމްރީންކުރުން ހިމެނެ އެވެ.

އުމަރު ވިދާޅުވި ގޮތުގައި މި އަމާޒުތަކުގެ "ފޮނި މޭވާ ލިބޭނީ" ކައުންސިލްތަކާއި ރަށްރަށުގެ މީހުންނާ ގުޅިގެން ކުރަން ހުރި ބައިވަރު މަސައްކަތްތައް ކާމިޔާބުވެގެންނެވެ.

ބ. ދަރަވަންދޫގެ ބައެއް ގިރާލައި، ދުވަސްވީ ގަހެއް ވެއްޓެން ކައިރިވެފައި. --ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ތިމާވެށި ހިމާޔަތްކުރުން މުހިއްމުވަނީ ތިމާވެއްޓަކީ ނާޒުކު އެއްޗަކަށް ވާތީ ކަމަށް ވިސްނުމުގެ ބަދަލުގައި އިންސާނުން ތިމާވެއްޓަށް ބަރޯސާވާން ޖެހޭ މިންވަރު ގަބޫލުކޮށްގެން އެކަމަށް މަސައްކަތްކުރަން އުމަރު އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ތިމާވެށި ހަލާކުވެއްޖެ ނަމަ އިންސާނުންނަށް ދިރިނޫޅެވޭތީ ތިމާވެށި ހިމާޔަތްކުރުމަކީ އިންސާނުން ދިރިތިބުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

"އޭގެ މާނައަކީ ދިވެހިރާއްޖެ ނަމަ ފިނިހޫނުމިން މައްޗަށް ގޮސްގެން އަހަރެމެންގެ ގުދުރަތީ ފަރުތަކާއި ފަރުތަކުގައި ހުރި ދިރުންތައް މަރުވެއްޖެ ނަމަ ދިވެހިރާއްޖެއެއް ނޯންނާނެ. އަހަރެމެންނަށް އުކާލެވޭ ޕްލާސްޓިކްގެ އަދަދުތައް ގިނަވެގެން ކަނޑުން ބާނާ މަސް ނުކެވޭ ވަރަށް އެ މަހުގައި ޕްލާސްޓިކް ހިމެނިއްޖެއްޔާ އަޅުގަނޑުމެން ކާންބޯނެ އެއްޗެއް ނުހުންނާނެ. އެހެންވީމާ ތިމާވެށި މި ހިމާޔަތްކުރަން ޖެހެނީ ތިމާވެށި ނާޒުކުވުމަށް ވުރެ ބޮޑަށް ނާޒުކު އިންސާނުން ތިމާވެށި ބޭނުންވާތީ،" އުމަރު ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި ގައުމުތަކުން 1992ގައި ވި އެއްބަސްވުމާ ޚިލާފަށް، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުވުމުގެ ބަދަލުގައި ހައްތަހާ ގިނަވުމުގެ ސަބަބުން ހާލަތު ގޯސްވެ، "ކްލައިމެޓް ކްރައިސިސް"އަކަށް ދިޔަ އިރު، ދުނިޔޭގައި މަޝްރޫއުތައް ހިންގަމުން ދިޔައީ ދެމެހެއްޓެނިވި ތަރައްގީ އަށް ނުބަލަ އެވެ.

"ތިމާވެށި ވަރަށް ބޮޑަށް އެއްކިބާވެފައި އުމްރާނީ ތަރައްގީ، ވަގުތީ އިގްތިސޯދީ ފައިދާ އަށް ބިނާކުރެވިފައި ނުވަތަ ބަރޯސާވެފައިވާ ތަރައްގީގެ މަޝްރޫއުތައް ހިނގަމުން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ ތެރޭގައި ހިމަނަން ޖެހޭ ކަމެއް

ޑިޒާސްޓާ މެނޭޖްމެންޓަކީ، އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހީމް މުހައްމަދު ވިދާޅުވި ގޮތުގައި، ތަރައްގީގެ "ބައެއްގެ ގޮތުގައި ހިމެނެން ޖެހޭ" ކަމެކެވެ. އޭނާ ވިދާޅުވީ އުމްރާނީ ތަރައްގީ ގެންނަ އިރު ވިލުންވެރިކަމަށް (ރެޒިލިއެންސް) ނުވިސްނައިފި ނަމަ "ތަރައްގީ ފަހަތަށް" ދާނެ ކަމަށެވެ. އޭގެ މާނައަކީ، ޑރ. އިބްރާހީމް ވިދާޅުވި ގޮތުގައި، ދިމާވާ ކާރިސާތަކުގެ ގެއްލުންތަކުން އަރައިގަންނަން ކުރަން ޖެހޭ ހަރަދުތައް ބޮޑުވެ އިތުރު ތަރައްގީ އަށް ހަރަދުކުރަން ހުންނަ ފައިސާ މަދުވާނެ ކަމެވެ.

ކާރިސާތަކަށް ތައްޔާރުވުމޭ "ބުނީމަ ގިނަ މީހުންނަށް ހީވަނީ މިއީ އިންސާނީ އެހީ ދިނުމޭ. އެކަމަކު ހަގީގަތުގައި މިހާރު މިކަން މި ބެލެވެނީ ތަރައްގީގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

ޑރ. އިބްރާހީމް ވިދާޅުވީ "އެއާޕޯޓެއް ހެދިޔަސް، މަގު ހެދިޔަސް، ބަނދަރު ހެދިޔަސް އަދި ރަށުގެ ތޮށި ލިޔަސް، ރިވެންޓްމެންޓެއް ޖެހި ކަމުގައި ވިޔަސް" އުމްރާނީ ތަރައްގީ ގެންނަންވާނީ އެކަމަކުން ރަށެއްގެ ވިލުންވެރިކަން ހީނަރުވެދާނެތޯ ވިސްނައިގެން ކަމަށެވެ.

އައިޝާ ވިދާޅުވި ގޮތުގައި ހާލަތު ކިތަންމެ ގޯހަސް، ފިޔަވަޅުތައް އަޅަން އަދިވެސް ފުރުސަތު އެބަ އޮތެވެ. ކާރިސީ ހިރާސް ކުޑަވުމުގެ ފުރުސަތު ބޮޑުވާނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ގުދުރަތީ މާހައުލަށް ބަރޯސާވާ ހައްލުތަކަކުންކަން ސައިންސުން އެނގެ އެވެ. ފުރަތަމަ ކަމަކީ، އައިޝާ ވިދާޅުވި ގޮތުގައި، "މި ތިބީ ކްލައިމެޓް ކްރައިސިސްއެއްގައި ކަން" ގަބޫލުކުރުމެވެ. ދެން، ސައިންޓިފިކް ހެކިތަކަށް ބިނާކޮށް ފިޔަވަޅުތައް އެޅޭނެ ގޮތްތައް ހޯދުމެވެ.

އައިޝާ ވިދާޅުވި ގޮތުގައި ދެން ވެސް ދެމެހެއްޓެނިވި ގޮތުގައި ތަރައްގީކޮށްފި ނަމަ ރަށްރަށުގެ ވިލުންވެރިކަން ބޮޑުވެގެންދާނެ އެވެ. "ދެމެހެއްޓެނެވި ތަރައްގީއޭ މި މާނަކުރަނީ މިހާރުގެ ޖީލުގެ ބޭނުންތައް ފުއްދަން ކުރާ އުމްރާނީ ނުވަތަ ހުރިހާ ވައްތަރެއްގެ ތަރައްގީއެއް ކުރާ އިރު އަންނަން އޮތް ޖީލުތައް އެއްވެސް [ކަމަކުން] މަހުރޫމް ނުވާނެ ކަހަލަ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުން،" އޭނާ ވިދާޅުވި އެވެ.