މުޅި ތަނުގައި މަރުވެފައި ހުރި މީދާތަކާއި އެކި ވައްތަރުގެ ދޫނިތަކުގެ ނުބައި ވަސްގަނޑެވެ. ނަޖިހެވެ. އަލިކަމެއް ނެތެވެ. ދޮރުތައް ހުރީ ހަލާކުވެފަ އެވެ. މިއީ މާރުކޭޓް ސަރަހައްދުގައި ކުރިން "މެޓްރޯ ކެފޭ" ހިންގި އިމާރާތުގެ ހާލަތެވެ. އެކަމަކު އެ ތަނުގައި އޭރު އަށެއްކަ މީހުން ނިދާފައި ތިއްބެވެ.
ވަޅޯ މަސް މާރުކޭޓްގެ 11 ގޮޅިއެއްގައި 27 މީހުން، ގަދަ ނިދީގަ އެވެ. އެމްޓީސީސީ ޓަވަރު ކުރިމަތީގައި އޮންނަ މަސްވެރިންގެ ޕާކުގެ ޖޯލީގައި ހަތް މީހުންނެވެ. ކާނިވަލުގެ ސްޓޭޖް މަތީގައި ފަސް މީހެެވެ.
މިއީ މިދިއަ ހުކުރުދުވަހުގެ ރޭ، ފުލުހުންނާ އެކު ބައެއް ނޫސްވެރިން މާލޭގެ އެކި ތަންތަނަށް ދިއުމުން ފެނުނު މަންޒަރެވެ. ފުލުހުން ކުރިއަށް ގެންދާ "އެންޓި ސްޓްރީޓް ޑީލިން އޮޕަރޭޝަން"ގައި ހަތަރު މީޑިއާއެއްގެ ނޫސްވެރިން ބައިވެރިވި އެވެ. މަސްތުވާންވެގެން އެތައް ބަޔަކު އެއްވެ އުޅޭ އަައްޑާތަކުގެ އިތުރުން، އެ މީހުންގެ ދިރިއުޅުން ހުންނަ ގޮތްތައް ދެނެގަތުމަށް، އެހެން ބައެއް ތަންތަނަށް ވެސް ނޫސްވެރިން ޒިޔާރަތްކުރި އެވެ.
މާލޭގެ އާންމު ބައެއް ތަންތަނާއި މެޓްރޯ ކެފޭ ހިންގި އެކަމަކު މިހާރު ފަޅަށް ދޫކޮށްފައި ހުރި ބައެއް އިމާރާތްތަކުގައި ނިދާ މީހުންގެ އަދަދު ގިނަ އެވެ. މިއީ ކުރިން މާލެއިން ފެންނަ މަންޒަރެއް ނޫނެވެ. އެހާ ގިނަ ބަޔަކު ވަންނާނެ ތަނެއް ނެތި، ޖެހުނު ގޮތަކަށް ނިދަން ތިބުމުން، ވެގެން މި އުޅެނީ ކިހިނެއް ބާވައޭ، އާންމުންގެ ހިތަށްއަރާފާނެ އެވެ.
މިއީ ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު ބައެއް މީހުންގެ ހާލަތެއް ނޫނެވެ. މީގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެފައި ތިބި މީހުންނެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެ އެކަމަކު ޑްރަގް ކޯޓުން ފަރުވާއަށް ދޫކޮށްފައިވާ މީހުންނެވެ. ފަރުވާ ލިބޭނެ ގޮތެއް ނެތި، ރަށުތެރޭގައި ގިނަވެގެން އުޅޭ މީހުންނެވެ. އަބަދު މަސްތުގައި އުޅޭތީ އާއިލާ އިން ގެއަށް ވައްދަން ބޭނުން ނޫން މީހުންނެވެ.
އާޓިފިޝަލް ބީޗުގައި ނިދާފައި އޮތް އެކަކަށް ހޭލެވުނީ ބަޔަކު އެތަނަށް އައި އަޑު އިވިގެންނެވެ. އޭނާ ބުނި ގޮތުގައި ނިދާނެ ތަަނެއް ނެތި އުޅެން ޖެހުނީ މަސްތުވާތަކެތި ބޭނުންކުރާތީ ގެއިން ނެރެލީމަ އެވެ.
"މަސްތުވާތަކެތި ބޭނުންކުރާާތީ އާއިލާ މީހުން ހިތްހަމައެއްނުޖެހޭ. އެހެންވެ ގެއިން ނެރެލީ،" އެ ފިރިހެން މީހާ ބުންޏެވެ.
މާލޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަން ކުރަން ވަދެއުޅޭ އައްޑާތަކުން ދިމާވި އެތަައް ބަޔަކު ވެސް، ނިދަން ވަންނާނެ ތަނެއް ނެތި އުޅެ އެވެ. އޭގެ ތެރެއިން އެކަކު ނިދަން އޮތީ މެޓްރޯ ކެފޭގެ އިމާރާތުގަ އެވެ
އޭނާ ދެއްކި ވާހަކަ މުޅިން ތަފާތެވެ. އޭނާ ބުނާ ގޮތުން ގެއިން ނުކުންނަން ޖެހުނީ މަސްތުވާތަކެއްޗަށް ދެވިހިފުމުން ސަލާމަތްވާން އާއިލާގެ މީހުން ބޭނުންވާ ގޮތާއި އޭނާ ބޭނުންވާ ގޮތް ތަފާތުވުމުންނެވެ.
އާއިލާގެ ޕްލޭނަކީ، އޭނާ ބުނި ގޮތުގައި، ފަރުވާއަށް ހާއްސަ ވަކި ތަނަކަށް ގޮސްގެން ފަރުވާ ހޯދުމެވެ. ނަމަވެސް އޭނާ ބޭނުންވަނީ އާއިލާގެ ކައިރީގައި ތިބެ، ގޭގައި ހުރެގެން ފަރުވާ ހޯދައި ރަނގަޅުވާން ކަމަށް ބުންޏެވެ.
"މަ ޒަމީރު ގަބޫލުނުކުރާ ގޮތަކަށް މި ކަމަކުން ދުރެއް ނުވެވޭނެ. އެ މީހުން [އާއިލާއިން] ބޭނުންވަނީ އެ މީހުންގެ ޕްލޭނާ އެއްގޮތަށް. މަ ބުނިން ބޭސް ނުކައި އެހެން ތަނެއްގައި ހުރެގެން މިކަމެއް ނުވާނެއޭ،" އޭނާ ބުންޏެވެ.
"ވަރަށް ބޭނުން މިކަމުން ސަލާމަތްވާން. އެކަމަކު ބޭސް ހޯދައިގެން، ތަނަކަށް ގޮސްގެން ރަނގަޅެއް ނުވެވޭނެ. ފެމިލީ މީހުންގެ އެއްބާރުލުމާ އެއްޗެހި ލިބިގެން [ސަލާމަތް] ވާނީ."
އޭނާގެ އެ ވާހަކައިގެ ތެދުދޮގު ކަށަވަރެއް ނުވެ އެވެ.
މާރުކޭޓުގެ ހުސް ގޮޅިއެއްގައި ނިދާ މީހަކު ބުނީ ތިން އަހަރުގެ ޓާމިނޭޓް ހުކުމް ތަންފީޒުކޮށް ޖަލުން ނުކުތްއިރު އާއިލާ އެންމެން ރާއްޖެއިން ބޭރުގައި ތިބުމުން ވަންނާނެ ތަނެއް ނެތީ ކަމަށެވެ. އޭނާ މަސްތުވާތަކެތި ބޭނުންކުރާތާ 10 އަހަރު ވެއްޖެ އެވެ. އެކަމަކު ރާއްޖޭގައި އާއިލާ ތިއްބަސް ނެތަސް، އޭނާގެ ދިރިއުޅުން އާންމު ހާލަތަކަށް ހިނގައިދާނެ ކަމަކަށް، ވާހަކަތަކަށް ބަލާއިރު، ނުފެނެ އެވެ.
އޭނާ ވަނީ 2014-2016 އަށް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދައިފަ އެވެ. ނަމަވެސް އެ ދެވި ހިފުމުގެ ތެރެއަށް އަނެއްކާވެސް ވަދެވުނީ އެވެ. ސަބަބުތަައް ދައްކަމުން އޭނާ އެންމެ ބޮޑަށް ވާހަކަ ދެއްކީ ވަޒީފާއާ ބެހޭ ގޮތުންނެވެ.
"ދަށް ފަންތީގެ ވަޒީފާ ވެސް ބޭނުންވޭ. އެ މަސައްކަތް ކުރެވޭ އެތައް ބަޔަކު އެބަތިބި. ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާ ދިނުން މުހިއްމު،" އޭނާ ބުންޏެވެ.
ގަވާއިދުން ވަޒީފާއަކަށް ނުކުމެވޭނެކަމުގެ ޔަގީންކަމެއް އޭނާއަކަށް ވެސް ނެތެވެ. އެކަމަކު އޭނާ ދިރިހުރުމަށް ބޭނުންވާ ކަންކަން ފުއްދާލން ކޮންމެވެސް ކަމެއް ކޮށްލެވޭތޯ ބަލާ ކަމަށް ބުންޏެވެ.
މާރުކޭޓުގައި ނިދައި ހެނދުނު 8:30-9:00 ހާއިރު ހޭލައިގެން އަތުގައި ފައިސާކޮޅެއް އޮތް ނަމަ، ހޮޓަލަކަށް ގޮސް ނާސްތާކުރެ އެވެ.
އޭނާ ބުނާ ގޮތުން މެންދުރު 11-12 ޖަހަންދެން އޭނާ އުޅެނީ މަސައްކަތެއް ލިބޭތޯ އެވެ. ލާރިކޮޅެއް ލިބޭ ގޮތް ނުވެއްޖެ ނަމަ، ދެން ދަނީ މިސްކިތެއް ދޮށަށެވެ. ބައެއް ފަހަރު މިސްކިތުން ބަހާ ސަދަގާތް ޕާރުސަލް ހޯދަ އެވެ. ދެން އުޅެނީ މެންދުރު އުކާލާ ކުނިބުނި ހޮވުމުގަ އެވެ.
"އެކަހަލަ ކޮތަޅުތައް ބަލާފައި ރިސައިކަލް ކުރެވޭ ކަހަލަ އެއްޗެހި ހުންނާނެ. މިސާލަކަށް ބިއްލޫރު ފުޅި، އެލްމުނިއަމް ކަހަލަ އެއްޗެހި. މި ކަހަލަ އެއްޗެހި ލިބުނީމަ އަޅުގަނޑުމެން ދަނީ ހަވީރު ގަޑީގައި ފިހާރަ ކައިރިއަށް ލިބޭ އެއްޗެއް ހިފައިގެން،" އެ ދުވަހު ހޮވި ފޯނެއް ޖީބުން ނަގައި ދައްކާލަމުން އޭނާ ބުންޏެވެ.
"އިރުއޮއްސޭ ހާއިރު އެ ލިބޭ ލާރިން ރަނގަޅަށް ކައިގެން ދެން އަނެއްކާވެސް ބެޑަށް [ނިދަން]."
ބައެއް މީހުންގެ ވާހަކަތަކާ މެދު ޝައްކެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލިފައި ވާތީ، އޭގެ ދައްޗާއި ނިކަމެތިކަން ވެސް އޮންނާނެ އެވެ. ވަަންނާނެ ތަނެއް ނެތި އުޅޭ މީހުންގެ ތެރޭގައި ވަޒީފާ ގެއްލުމުން ދިިރިއުޅުން އެހާ ހިސާބަށް ވެއްޓުނީ ކަމަށް ބުނި ދެތިން މީހަކާ ވެސް ދިމާވި އެވެ. އެކަމަކު އޭގެ ތެރޭގައި ވެސް މަަސްތުވާތަކެތި ބޭނުންކުރި ކަމަށް އެއްބެސްވި މީހުން ހިމެނެ އެވެ.
އާޓިފިޝަލް ބީޗުގައި ނިދަމުން އަންނަ ދެކުނުގެ ރަށަކަށް ނިސްބަތްވާ 56 އަހަރުގެ ފިރިހެނަކީ އޭގެ ތެރެއިން އެކެކެވެ. އޭނާ ބުނީ ރިސޯޓްގައި އަދާކުރި ވަޒީފާ ގެއްލުނުތާ ފަސް މަސް ވެއްޖެ ކަމަށެވެ.
"ކުރިން މަސްތުވާތަކެތި ބޭނުންކުރިން. އެކަމަކު މިހާރު ބޭނުމެއް ނުކުރަން،" އެ މީހާ ބުންޏެވެ.
އެންމެ ފަހުން ވަގުތީ ހިޔާތަކެއް
މާލޭގައި މިގޮތަށް ނިދާ އުޅޭ މީހުންގެ އަދަދު ގިނަވެގެން މި އުޅެނީ ޖަލުތަައް ފުރި، މަސްތުވާތަކެތީގެ މީހުން ޖަލުން ދޫކޮށްލުމާއި، ފަރުވާއަށް އިސްކަން ދީގެން މުޖުތަމައުއަށް ނެރެފައިވާ މީހުން ގެންދާނެ ތަންތަން ނެތިގެންނެވެ. ދެން އާއިލާއިން އެ މީހުން ގަބޫލުނުކުރުމެވެ.
އެއް ބަޔަކު ބުނާ ގޮތުން މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވެ، އެންޑީއޭއަށް ފޯމު ލިތާ އަހަރެއް ވެއްޖެ އެވެ. އެކަމަކު ހަބަރެއް ނުވެ އެވެ. އެހެންކަމުން ފަރުވާ ދިނުމުގެ ނިޒާމު ބޮއްސުން ލާފައި އޮތުމުގެ އިތުރުން މި މީހުން ބަންދުކޮށްގެން ގެންގުޅެވޭނެ ތަންތަނެއް ވެސް ނެތެވެ.
ދެން އަނެއްކާވެސް އޮތީ ވަގުތީ ހައްލެކެވެ. އެ ހައްލު ހޯދައިދޭން ޖެންޑާ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން މިހާރު ވަންނާނެ ތަނެއް ނެތް މީހުންނަށް ގުޅިފަޅުގައި ހުރި އިމާރާތަކުން ވަގުތީ ހިޔާވަހިކަމެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ އެ މީހުން ގުޅިފަޅަށް ގެންދަނީ "މާލޭގެ މަގުމަތި ހުސްކުރަން" ކަމަށެވެ.
އެކަމަކު މަސްތުވާތަކެތީގެ ސަބަބުން ދިރިއުޅުން ގެއްލިފައި ތިބި އަދި ގެއްލޭ މީހުންގެ ނިސްބަތުން އެ ވިދާޅުވާ "ހުސްކުރުން" ނިމުމަކަށް ނާންނާނެ އެވެ. ކަމާ ބެހޭ އިދާރާތަކުގައި މިހާރު ހުރި ގާބިލްކަމަށް ވުރެ މަަސްތުވާތަކެތީގެ ހަލާކު ރާއްޖޭގައި މާ ބޮޑެވެ.
އެޑިޓަރުގެ ނޯޓު
މިއީ ފުލުހުން ހިންގާ "އެންޓި ސްޓްރީޓް ޑީލިން އޮޕަަރޭޝަން"ގައި ނޫސްވެރިންނަށް ފެނުނު އަދި ތަޖުރިބާކުރެވުނު އެކި ކަންކަމާ ބެހޭ ގޮތުން ލިއާ ރިޕޯޓްތަކުގެ ތެރެއިން ދެ ވަނަ ރިިޕޯޓެވެ.