ޒިއުރިކް، ސްވިޒަލެންޑް (މާޗް 28) - މިދިޔަ ހުކުރު ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަޔަލެންޑްގެ ސީމަސް ކޯލްމަން އަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޭނާ ފިޓްވަންދެއް ފީފާއިން އޭނާގެ މުސާރައާ ހަވާލުވާގޮތަށް ހަމަޖެހިއްޖެ އެވެ.

ފީފާ އިން 2012 ވަނަ އަހަރު ފެށި ކްލަބް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ގަވާއިދުގައި ބުނާގޮތުން ފީފާގެ ރަސްމީ މެޗެއްގެ ތެރެއިން ކުޅުންތެރިޔަކަށް ލިބޭ ސީރިއަސް އަނިޔާއެއްގެ ސަަބަބުން އޭނާ 28 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެނަމަ ފީފާއިން ބަލާ މިންގަނޑުގެ ތެރެއިން އެ ކުޅުންތެރިއަކަށް ކްލަބުންދޭ މުސާރައާ ފީފާ އިން ހަވާލުވާނެ އެވެ.

ކޯލްމަންގެ ކަނާތު ފައިގެ ދެ ތަނުން ބިންދައިގެން ދިޔައީ ވޭލްސްގެ ނީލް ޓޭލާ ޖެހި ޓެކުލަކުންނެވެ. ރެފްރީ ވަނީ ވަގުތުން ޓޭލާ އަށް ރަތް ކާޑު ދައްކައިފަ އެވެ. އަދި ކޯލްމަން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު ސާޖަރީ ހަދައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކޯލްމަނަށް އެނބުރި ދަނޑަށް އާދެވެން މަދުވެގެން އަހަރެއްހާ ދުވަސް ނަގާނެ އެވެ.

އުމުރުން 28 އަހަރުގެ ކޯލްމަން އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންގެ ކުޅުންތެރިއެކެވެ. އޭނާ މި ވަގުތު އެވަޓަންގެ ކޮންޓްރެކްޓްގައި ހުރީ 2019 ގެ ނިޔަލަށެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 45،000 ޕައުންޑް ލިބެ އެވެ.

އެވަޓަން އިން އަންނަނީ ކޯލްމަންގެ ރިހެބިލިޓޭޝަންގެ ހުރިހާ ކަމަކާ ހަވާލުވާނެ ކަމަށް ބުނެފަ އެވެ. އަދި ކޯލްމަންގެ ރިކަވަރީއަށް ހާއްސަ ފިޒިއޮތެރަޕިސްޓެއް ވަނީ ހަމަޖައްސައިފަ އެވެ.