ރަޝިއާގެ ޗާޓަރު އެއާލައިން، އަޒުރު އެއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

ރަޝިއާގެ މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ހެދި މާޗު މަހު ތެރޭ ދަތުރުތައް މެދުކެނޑުމަށް ފަހު އަލުން ފަށާފައި ވަނީ ސީޒަނާ ދިމާކޮށެވެ.

އެ އެއާލައިނުން ކޮންމެ ދުވަހަކު ވެސް ދަތުރުތައް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އެ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 767-300 މަރުކާގެ 336 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ.

ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުން ވަނީ 159،657 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.

ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފޮލޮޓުން ވެސް އަންނަނީ ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަމުންނެވެ.