ރަޝިޔާގެ އެއާލައިނެއް ކަމަށްވާ އަޒޫރު އެއާގެ އާ ޗާޓާ ފްލައިޓުގެ ދަތުރުތައް ރާއްޖެ އަަށް ފަށައިފި އެވެ.

އަޒޫރު އެއާގެ އޭޖެންޓް، ރިސޯޓު ލައިފް ޓްރެވެލް އިން ބުނީ މި ޗާޓާ ފްލައިޓުން 400 އަށްވުރެ ގިނަ ރަޝިޔާގެ ޓޫރިސްޓުން ރާއްޖެ އައިި ކަމަށެވެ.

އަންނަ މަހު ވެސް މި އެއާލައިންގެ ހާއްސަ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ އިރު ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރަޝިޔާގެ މި އެއާލައިންގެ ޗާޓާ ގިނަ ދަތުރުތަކެއް ރާއްޖެ އަށް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އަޒޫރު އެއާ އަކީ ރަޝިޔާގައި އެންމެ ބޮޑަށް ކުރިއަރާއި ފުޅާ ވަމުން އަންނަ އެއާލައިނެވެ. މި އެއާލައިންގެ ހިދުމަތް 1995 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އިރު، މިހާރު ވެސް ދުނިޔޭގެ އެކި މަންޒިލުތަކަށް އަންނަނީ ދަތުރު ކުރަމުންނެވެ. އެގޮތުން ވިއެޓްނާމް، ޔޫއޭއީ، ތުރުކީ، ސްރީލަންކާ، ސްޕެއިން، ޗައިނާ، ކިއުބާގެ އިތުރުން ގްރީސް ފަދަ މަންޒިލްތަކަށް ދަތުރު ކުރެ އެވެ.

ރަޝިޔާ އަކީ ރާއްޖެ އަށް އިރުމަތީ ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން މިހާރު އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 66،000 ޓޫރިސްޓުން އެ ގައުމުން ރާއްޖެ އަށް އައިސްފައިވެ އެވެ.

މި އަހަރު ތެރޭގައި ރާއްޖެ އަށް އާ ގިނަ އެއާލައިންތަކެއްގެ ދަތުރުވަނީ ފަށައިފަ އެވެ. އެގޮތުން އެއާ އިޓަލީ އާއި ގަލްފް އެއާ ފާހަގަކޮށްލެވެ އެވެ. އާ ރަންވޭ އާއި އާ ޓާމިނަލާ އެކު އަނެއްކާ ވެސް އިތުރު އެއާލައިންތައް ދަތުރު ކުރުމަށް މަގުފަހިވާނެ އެވެ. އާ ޓާމިނަލް 2022 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ އިރު އާ ރަންވޭގެ ހިދުމަތް އަންނަ އަހަރުގެ ފަހުކޮޅު ދޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.