ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާ އިއްޔެ ހެނދުނު ދޫކޮށްލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަޓިކް އެއާގެ ފްލައިޓަކުން އައި ދިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނީ ވެސް އިއްޔެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު، އިއްޔެ ހެނދުނު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.

ހަމަނުޖެހުން ހިންގީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވެސް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ބަޓިކް އެއާގެ ފްލައިޓުގެ ތެރޭގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން އެ ފްލައިޓްގެ އޮޕަރޭޝަނަށް ބުރޫއެރި އެވެ. އަދި ކެބިން ކްރޫންނާއި ފަސިންޖަރުންނަށް އެ މީހާގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.