ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ ބަޔަކަށް، އެކަން ތަކުރާރު ނުކުރުމަށް ފުލުހުން ނަސޭހަތްތެރިވެ، ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ހަމަނުޖެހުން ހިންގައިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:15 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެހެންވެ، ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކޮށް، މައުލޫމާތު ސާފުކުރުމަށް ފަހު، އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގައި މާރާމާރީ ހިންގި މީހުންގެ ގައުމެއް އަދި އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެެއާޕޯޓުގައި ޓެކްސީ ކިއޫ އޮންނަ ސަރަހައްދުގައި ހުރި މީހަކު ފުންމައިގެން ގޮސް އެހެން މީހެއްގެ ގައިގައި ފައިން ވަރަށް ބާރަށް ޖަހަ އެވެ.
އެ ވަގުތު އެ ސަރަހައްދުގައި އެއާޕޯޓުގެ ސެކިއުރިޓީން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެ އެވެ.