ޒިއުރިކް (މެއި 6) - ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްގެ ޓްރާންސްފާއާ ގުޅޭ މައްސަލައެއް ފީފާ އިން ތަހުގީގުކުރަން ފަށައިފި އެވެ.

ފެނާންޑޭސްގެ ޓްރާންސްފާއާ ގުޅޭ މައްސަލަ ފީފާ އަށް ހުށަހެޅީ އޭނާ ކުރިން ކުޅުނު ކްލަބެއް ކަމަށްވާ އިޓަލީގެ ސަމްޑޯރިއާ އިންނެވެ. ސަމްޑޯރިއާ އިން މައްސަލަ ހުށަހެޅީ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށެވެ.

ޔުނައިޓެޑާ އެކު ފެނާންޑޭސް ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އޭނާ ގެންނަން ޔުނައިޓެޑުން ވަނީ ސްޕޯޓިން އަށް 58 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އަދި އިތުރު ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ އެ އަގު 80 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ސަމްޑޯރިއާ އިން މައްސަލަ ހުށަހެޅީ އެ ޓީމުން 2017 ވަނަ އަހަރު ސްޕޯޓިން އަށް ނުވަ މިލިއަން ޑޮލަރަށް ފެނާންޑޭސް ވިއްކާލިއިރު ކޮންޓްރެކްޓްގައި ހިމަނާފައިވާ މާއްދާއަކާ ސްޕޯޓިން އިން ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ ފަހަރު ހެދުނު ޑީލުގައި ސްޕޯޓިން އިން ވަނީ ފެނާންޑޭސް އެހެން ކްލަބަކަށް ވިއްކާލާނަމަ ލިބޭ ފައިދާގެ 10 ޕަސެންޓް ސަމްޑޯރިއާ އަށް ދޭން އެއްބަސްވެފަ އެވެ. އެކަމަކު ޔުނައިޓެޑަށް ފެނާންޑޭސް ވިއްކާލުމަށް ފަހު ލިބުނު ފުރަތަމަ ޕޭމަންޓުން ސަމްޑޯރިއާ އަށް އެއްވެސް ފައިސާއެއް ލިބިފައިނުވާތީ އެ ޓީމުން އެ މައްސަލަ ފީފާ އަށް ގެންދިޔައީ އެވެ.

އީއެސްޕީއެން އަށް ފީފާގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ ފެނާންޑޭސްގެ ޓްރާންސްގެ މައްސަަލައެއް ސަމްޑޯރިއާ އިން ހުށަހަޅާފައިވާތީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި މި ކަމުގައި ފެނާންޑޭސްގެ މިހާރުގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ގުޅުން ހުރި ކަމެއް ފާހަގަނުވާ ކަމަށެވެ.

ޕޯޗުގަލްގެ މީޑިއާ އަށް ސްޕޯޓިންގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ ފެނާންޑޭސްގެ ޑީލުގައި އެ ކްލަބުން އެއްވެސް އުސޫލަކާ ހިލާފަށް ކަމެއް ނުކުރާކަމަށާއި ފީފާގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ފެނާންޑޭސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އެ ޓީމަށް ކުޅެދިން މެޗުތަކުގައި ދެ ގޯލު ޖަހައި ތިން ގޯލު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.