ކުރިން އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އޮތް މާވެލް ސްޓޫޑިއޯސްގެ "ބްލަކް ވިޑޯ" މެއި މަހަށް ފަސްކޮށްފި އެވެ.
އަންނަ މަހުގެ 24 ގައި އަޅުވަން އޮތް ފިލްމު ކޮވިޑް-19އާ ހެދި މިހާރު މެއި މަހުގެ 1 އަށް ފަސްކޮށްފައިވާކަން މާވެލުން ވަނީ ކަށަވަރު ވެސްކޮށް ދީފަ އެވެ. "ބްލެކް ވިޑޯ" އަކީ އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭން ތާވަލުކޮށްފައި ހުރި ވަރުގަދަ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. އަދި ސުޕަހީރޯ ފިލްމުތަކަށް ލޯބިކުރާ މީހުން މި އަހަރު އެންމެ އިންތިޒާރުކުރާ އެއް ފިލްމު ވެސް މެ އެވެ.
ކޭޓް ޝޯޓްލަންޑް ޑައިރެކްޓްކޮށްފައިވާ "ބްލެކް ވިޑޯ" ގެ ރޯލު ސްކާލެޓް ޖޮހަންސަން ފެންނަ އިރު، މީގެ އިތުރު ކާސްޓުންގެ ތެރޭގައި ފްލޮރެންސް ޕިއު، ޑޭވިޑް ހާބާ، ވިލިއަމް ހާޓް، ރޭ ވިންސްޓޯން، ރެޗެލް ވެއިޒް އަދި އޯޓީ ފޭގްބެންލީ ހިމެނެ އެވެ.
ކޮރޯނާވައިރަހާ ގުޅިގެން ތާރީހުތަކަށް ބަދަލު ގެނައި ފިލްމުތަކުގެ ތެރޭގައި ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާއި "މުލާން" އާއި "އަ ކްއައިޓް ޕްލޭސް: ޕާޓް 2" އާއި "ދަ ނިއު މިއުޓަންޓްސް" އާއި "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" އާއި "ދަ ލަވްބާޑްސް" އާއި "އެންޓްލާޒް" އާއި "ރަން" އާއި "ދަ ޕާސަނަލް ހިސްޓްރީ އޮފް ޑޭވިޑް ކޮޕަފީލްޑް" އާއި "ސްޕައިރަލް" އަދި "ވުމަން އިން ދަ ވިންޑޯ" ހިމެނެ އެވެ.
މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރަމުން ދިޔަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމު "އެފް9: ދަ ފާސްޓް ސާގާ" މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.