ސްކޫލް ގައިޑު / ސްކޫލް ގައިޑް 2018

ސްކޫލް ގައިޑް: ކިޔަވަން އިސްކަންދީ، ޝެޑިއުލް ރާވާލާ!

އަމީނިއްޔާ ސްކޫލްގެ މަރިޔަމް ތުގާ

26 ނޮވެމްބަރ 2017 - 11:56

happy icon 83%

ގްރޭޑް ނުވައެއް ނިންމައި އޯ ލެވެލް އަހަރާ ކުރިމަތިލި ދަރިވަރުންނަށް މަރުހަބާ އެވެ؛ ދެން އޮތީ ތައުލީމީ ހަޔާތުގެ އެންމެ މުހިއްމު އަހަރެވެ. މުޅި ދިރިއުޅުމުގެ މިސްރާބު އަމާޒުވާނީ، މި އަހަރުގެ ނަތީޖާ އަށެވެ. އެކަމަކު ވެސް ހާސްވެ، ބިރު ނުގަންނާށެވެ. ގްރޭޑް 10ގެ އަހަރު ކާމިޔާބު ކުރަން އެންމެ މުހިއްމީ އަޒުމާއި ހިތްވަރެވެ.

ދެން ހުރި އުކުޅުތައް ކިޔައިދޭނީ، 2017 ގައި އޯ ލެވެލް ހެދި އަމީނިއްޔާ ސްކޫލްގެ ކެޕްޓަން، މަރިޔަމް ތުގާ އެވެ.

އޯ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހާސިލްކުރަން ބޭނުން ނަމަ ތުގާގެ ނަސޭހަތް ވެސް ކިޔާލާށެވެ. ވިސްނުންތެރިކަމާ އެކު ކިޔެވުން ކުރިއަށް ގެންދިއުމުން ތުގާ އަށް އޯ ލެވެލް އަހަރު އުނދަގުލެއް ނޫނެވެ.

އޭނާ ދެކޭ ގޮތުގައި ގްރޭޑް 10 އަށް ބަދަލުވުމާ އެކު ކުރަންވީ ކަމަކީ މުޅި އަހަރަށް ޓައިމް ޓޭބަލް ރާވާލުމެވެ. އެންމެ މުހިއްމު އިސްކަމެއް ދޭން ޖެހޭނެ ކަމަކީ ކިޔަވަން ހާއްސަ ގަޑިތަކެއް ކަނޑައެޅުމަށެވެ. ރާޒުވާ ކުޅިބައެއްހެން އަތުރާލެވޭ ގޮތަށް ޓޭބަލް ހެދިއަސް މައްސަލައެއް ނެތެވެ.

"ހުރިހާ ކުދިން ވެސް ޓައިމް ޓޭބަލް ރާވާލާއިރު އެންމެ އިސްކަންދޭން ޖެހޭނީ ކިޔެވުމަށް. ސްކޫލްގެ އިތުރު ހަރަކާތްތައް ވެސް އެ ޓޭބަލުގައި ހިމަނަންވާނެ. އެ ހުރިހާ ކަމަކާ އެކު ވަކިވަކި ސަބްޖެކްޓްތަކަށް ވެސް ވަގުތުތައް ކަނޑައަޅަންވާނެ،" ތުގާ ބުންޏެވެ.

އޭގެ ފަހުން ތުގާ ކުރި ކަމަކީ ހުރިހާ މާއްދާތަކެއްގެ ވެސް ސިލަބަސް ހޯދައި ޕްރިންޓް ކުރީ އެވެ. އޭގެ ބޭނުމަކީ ކޮންމެ މާއްދާއަކުން ވެސް އެ ދަރިވަރަކު ކިޔަވަން ޖެހޭ އެއްޗެހި ދެނެގަތުމެވެ. އޭރުން އެ މާއްދާއަކުން ހާސިލްކުރަންވީ މިންވަރާއި އެންމެ މުހިއްމު އިސްކަމެއް ދޭން ޖެހޭނެ ކަންކަން ވެސް ސާފުވާނެ ކަމަށް ތުގާ ބުންޏެވެ.

"ކޮންމެ މާއްދާއަކީ އެހާ ފަސޭހަ އިން ރިވައިސް ކުރެވޭނެ މާއްދާއެއް ނޫން، ބައެއް މާއްދާތައް އުނދަގޫވާނެ. އެއީ ވިސްނުން ބަހައްޓަން ޖެހޭނެ ކަމެއް. މިސާލަކަށް ފިޒިކްސް މާއްދާގައި ގިނައިން ޖެހޭނީ ޕްރެކްޓިސް ކުރަން. ދިވެހި މާއްދާގައި ޖެހޭނީ މަޒްމޫނު އެއްޗެހި ގިނަ ގިނައިން ލިއަން. ބައޮލޮޖީ ކަހަލަ މާއްދާތަކުގެ ކޮންޓެންޓް ދެނެގަތީމަ ފަސޭހަވާނެ ދަސްކޮށްލަން،" ތުގާ ކިޔައިދިނެވެ.

ޓައިމް ޓޭބަލެއް ހެދިއަސް އެއަށް އަމަލުނުކުރާ ނަމަ، މާ ބޮޑު ފައިދާއެއް ނުކުރާނެ އެވެ. އެހެންކަމުން، ޓޭބަލާ އެއްގޮތަށް ފިލާވަޅު ދަސްކުރަން އަބަދުވެސް އިސްކަންދޭން ޖެހޭނެ އެވެ. އޯ ލެވެލް އަށް ފުރިހަމައަށް ތައްޔާރުވެވޭނީ އޭރުން ކަމަށް ތުގާ ބުންޏެވެ.

ކިޔެވުމަށް ސަމާލުކަންދީގެން، ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވުމަކީ މުހިއްމު ކަމެކެވެ. ތުގާގެ ޓޭބަލުން ބައެއް ގަޑިތައް ހުސްކުރީ ސްކޫލުގެ އިތުރު ހަރަކާތްތަކަށެވެ. އިންޓަ ސްކޫލާއި ގައުމީ ފެންވަރުގެ މުބާރާތްތަކުގެ އިތުރުން ސްކޫލުން ބާއްވާ ދަރިވަރުންނާ ގުޅުން ހުރި ކަންކަމުގައި ތުގާ ބައިވެރިވި އެވެ.

"އެ ދަރިވަރަކު އޯ ލެވެލް އަށް ތައްޔާރުވާން ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް ކިޔަވައި، ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް އުއްމީދުކުރަން، ސަބަބަކީ ގްރޭޑް 10ގެ ނަތީޖާ އަކީ އެތައް އަހަރެއްގެ މަސައްކަތަށް ވާތީ. އެހެންވެ އެދެނީ ހުރިހާ ކުދިންނަށް ވެސް ކާމިޔާބަށް މަސައްކަތް ކުރަން،" ތުގާ ބުންޏެވެ.

އޭނާގެ ނަސޭހަތް ގަބޫލުކޮށް، 2018 ގެ އޯލެވެލް ދަރިވަރުން ހިތްވަރުކޮށްލާށެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454