ސްކޫލު ގައިޑު: ޓީޗަރުންގެ ފަރާތުން ބެލެނިވެރިންނަށް

އާއްމު ގޮތެއްގައި އިވެނީ ބެލެނިވެރިން ދަރިވަރުންނަށް ދޭ ނަސޭހަތެވެ. ނޫނީ ޓީޗަރުން ދަރިވަރުންނަށް ދޭ ފިލާވަޅުތަކުގެ ވާހަކަ އެވެ. އެކަމަކު ސްކޫލުގެ ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށް ފަހު، ދަރިވަރުން ގެއަށް ދިޔުމުން ދެން ބެލެނިވެރިން އަދާކުރަން ޖެހޭ ދައުރާ ގުޅޭ ގޮތުން ޓީޗަރުން ދައްކަން ޖެހޭ ވާހަކަތަކެއް ވެސް ހުރެ އެވެ. ބެލެނިވެރިންގެ ބައްދަލުވުންތަކަށް ނުދާ ކަމަށް ވަންޏާ އެ ވާހަކަތައް، ގިނަ ފަހަރަށް އަޑެއްނީވޭނެ އެވެ. އެހެންކަމުން 2020 ގެ ތައުލީމީ އަހަރު ފަށާ އިރު، މިގެނެސްދެނީ ޓީޗަރަކު ބެލެނިވެރިންގެ ސަމާލުކަމަށް ގެނެސްދިން ބައެއް ޕޮއިންޓްތަކެވެ.


އަހުމަދިއްޔާ ސްކޫލުގެ ތަޖުރިބާކާރު މުދައްރިސް، މުހައްމަދު ވަޖީހާއި ޕްރައިމަރީ ޓީޗަރެއްގެ ނަސޭހަތްތަކަކީ މި އެވެ:

ފޮތްތައް ގަވައިދުން ޗެކް ކުރާތި!

ދަރިވަރުން ގެއަށް ދިޔުމަށް ފަހު ދެން ފެށެނީ ކިޔެވުމުގައި ބެލެނިވެރިންގެ ދައުރެވެ. ފޮތް ދަބަސް ޗެކުކުރަން ޖެހެ އެވެ. ވަޖީހު ވިދާޅުވީ ދަރިވަރުން ގެއަށް ދިޔުމުން، ކްލާސް ތެރޭގައި ދަރިވަރު ފިލާވަޅުތައް ނިންމިތޯ ބެލެނިވެރިން ބަލަން ޖެހޭނެ ކަމަށެވެ. އަދި ގޭގައި ހަދަން ފިލާވަޅެއް އޮތް ނަމަ އެ ހައްދުވަން ޖެހެ އެވެ. ކްލާހުގައި ދަރިވަރުންނަށް ދީފައިވާ މަސައްކަތްތަކާއި ނަގައިދީފައިވާ ފިލާވަޅު ދަސްވެފައިވޭތޯ ބެލުމަށް އެ ކުދިންނާ ސުވާލުކުރުން ވެސް މުހިންމެވެ.

"ދަރިވަރުން އެ ފިލާވަޅެއް ނޭނގޭ ކަމަށް ބުނެފި ނަމަ ޓީޗަރަށް ގުޅައިގެން ނުވަތަ ޓިއުޝަނަށް ގެންގޮސްގެން ނަމަވެސް ކިޔައިދޭން ޖެހޭނެ،" ވަޖީހު ވިދާޅުވި އެވެ.

ޓީޗަރު ފޮތްތައް ބަލާތަ؟

ދަރިވަރުންނަށް ދީފައިވާ ފިލާވަޅުތައް ރަނގަޅުތޯ އާއި ގޭގައި ހަދަން ދީފައިވާ މަސައްކަތްތައް ނިންމިތޯ ޔަގީން ކުރުމަށް ޓީޗަރުން ގަވައިދުން ފޮތްތައް ބަލަން ޖެހެ އެވެ. މި ގޮތަށް ޗެކްކުރަން ބައެއް ފަހަރު ޓީޗަރުން ދެ ދުވަހުން އެއް ދުވަހު ފޮތްތައް ނަގާއިރު، ހަފުތާއެކު އެއް ދުވަހު ވެސް ބައެއް ޓީޗަރުން ފޮތްތައް ގެންދެ އެވެ. އެކަމަކު ގަވައިދުން ފޮތްތައް ޓީޗަރުން ޗެކުކުރޭތޯ ބެލުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.

ވަޖީހު ވިދާޅުވީ ޓީޗަރުން ފޮތްތައް ނުބަލާ ނަމަ އެއީ ކީއްވެތޯ ބެލެނިވެރިން އޮޅުންފިލުވަން ޖެހޭ ކަމަށެވެ. ބައެއް ފަހަރު ދަރިވަރުން ފަރުވާ ކުޑަވެގެން ވެސް ފޮތް ނުދައްކާ ހުންނަ ކަމަށާއި އެހެންވެ، ޓީޗަރުން ގަވައިދުން ފިލާވަޅުތައް ޗެކުކުރޭތޯ ބެލެނިވެރިން ނުބަލާ ނަމަ މައްސަލަތަކެއް ދިމާވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ބެލެނިވެރިން ޖެހޭނެ ފޮތްތައް މާކުކޮށްފައިވޭތޯ ބަލައި، ނުބައިކޮށް ހެދިފައި ހުރި ތަންތަނާ ގުޅޭ ގޮތުން ވެސް ސުވާލު ކުރަން،" ވަޖީހު ވިދާޅުވި އެވެ.

ގަޑި ޖެހުމުގެ ކުރިން ސްކޫލަށް ގެންދިޔުން

ގިނަ ޓީޗަރުންގެ ނަޒަރުގައި މިއީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ގަޑިޖެހޭތީ ތެޅެމުން ފޮޅެމުން ސްކޫލަށް ގެންދިއުމުގެ ބަދަލުގައި ކުދިންނަށް ވަގުތު ދިނުން މުހިއްމެވެ. ހެނދުނު ސްކޫލަށް ދާ ކުއްޖެއް ނަމަ، އަވަހަށް ހޭލުއްވައި ސައިދޭން ޖެހޭނެ އެވެ. އޭގެ ކުރިން ދަރިފުޅާ އެކު ހަމަޖެހިލައި، ކުޑަކޮށް ވާހަކަ ދައްކާލުމުގެ ފުރުސަތު ވެސް ހޯދިދާނެ އެވެ. އޭރުން ދަރިވަރުން ސްކޫލަށް ދާއިރު ތިބޭނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ޓީޗަރުން ދެކޭ ގޮތުގައި ދަރިވަރުން ކިޔެވުމަށް ދޭން ޖެހޭ ސަމާލުކަން ވެސް، އޭގެ ސަބަބުން ބޮޑުވާނެ އެވެ.

ލަހުން ސްކޫލަށް ގެންދާ ނަމަ ދަރިވަރުން އެކަމަށް ހޭނި، އެއީ މައްސަލައެއް ނޫން ކަމަށް ގަބޫލުކޮށްފާނެ އެވެ. އޭރުން ދަރިވަރު ބޮޑުވެ، ވަޒީފާއަށް ދާއިރާއި ދިރިއުޅުމުގެ އެހެން ކަންކަމުން ވެސް އެ މައްސަލަ ފެންނާނެ އެވެ.

ދަރިވަރާއި ޓީޗަރާއި ބެލެނިވެރިންނާ އޮންނަ ގުޅުން ރަނގަޅު ވާން ޖެހޭ

ކުދިންނާ މައިންބަފައިންނާ އޮންނަ ގުޅުން، ގިނަ ފަހަރަށް ވަރަށް ރަނގަޅެވެ. އެކަމަކު ބައެއް ޓީޗަރުން ދެކޭ ގޮތުގައި، ކުދިން ސްކޫލުގައި ކުރާ ކަންކަމާ ގުޅޭ ގޮތުން ބެލެނިވެރިން ސުވާލު ކުރާލެއް މަދެވެ. އެހެންވެ، ކޮންމެ ދުވަހަކު ވެސް ދަރިވަރުން ސްކޫލު ނިމުމުން، އެ ދުވަހު ކުރި ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރުން މުހިއްމު ކަމަށް ޓީޗަރުން ބުނެ އެވެ.

ދަރިވަރު ކިޔެވި އެއްޗެއްސާ ގުޅޭ ގޮތުން އޮޅުންފިލުވައި، އެކަންކަން ތިމާއަށް ވެސް މުހިއްމުކަން އަންގާށެވެ.

ޓީޗަރާއިި ބެލެނިވެރިންނާ އޮންނަ ގުޅުން ވެސް ރަނގަޅު ވާން ޖެހެ އެވެ. ޓީޗަރުންނާ ވާހަކަ ދައްކައި، އެއީ ރަހުމަތްތެރިން ފަދަ ބައެއް ކަމަށް ދެކޭށެވެ.

"އަސްލު ހަގީގަތުގައި ބެލެނިވެރިން ފްރެންޑްލީވީމައި ވަރަށް ފަސޭހަ ދަރިވަރާ ވެސް ޑީލް ކުރަން. ބެލެނިވެރިޔާއާ ވެސް އޭރުން ވަރަށް ފަސޭހައިން ވާހަކަ ދެކެވި، ކަންކަން ހައްލުކުރެވޭ،" ޕްރައިމަރީ ޓީޗަރަކު ބުންޏެވެ.

އޭނާ ބުނީ ދަރިވަރުގެ ކިބައިން ނުވަތަ އެހެން ކުއްޖެއްގެ ފަރާތުން ވެސް ކްލާހުގައި އުނދަގުލެއް ވާ ނަމަ އެކަން ސީދާ ޓީޗަރަށް އެންގުން މުހިއްމު ކަމަށެވެ. ވާހަކަ ދައްކައިގެން އެކަން ހައްލުކުރެވޭނެ އެވެ. ނުކުރެވޭ ނަމަ ލީޑިން ޓީޗަރު ނުވަތަ ސުޕަވައިޒަރާ ވެސް ވާހަކަ ދެއްކި ދާނެ އެވެ. އެކަން ހައްލު ކުރުމަށް ބެލެނިވެރިޔާއަށް ހުރަހެއް ނޯންނާނެ އެވެ.