ސްކޫލް ގައިޑް: ރަނގަޅު ނާސްތާއަކުން ފުރިހަމަ ދުވަހެއް

ކުދިން ސްކޫލަށް ދާން ތައްޔާރުވާ ގަޑީގައި ގޭތެރޭގެ ހަލަބޮލިކަން ބޮޑުވެ އެވެ. ހެނދުނު ސްކޫލަށް ދާ ބައެއް ކުދިން ހޭލައްވަން ގިނަ މައިންބަފައިންނަށް އުނދަގޫވެ އެވެ. ދަތް އުނގުޅާތޯ އާއި ރަނގަޅަށް ފެންވަރާތޯ ވެސް ބަލަން ޖެހެ އެވެ. ޓައިމް ޓޭބަލަށް އެއްޗެހި ހަމަކުރުމާއި ޔުނިފޯމް ލުމާއި ބޫޓު ސާފުކުރުން ފަދަ ކަންތައް ވެސް ބައެއް ކުދިން ކުރަނީ ދާން ނުކުންނަންވީމަ އެވެ. "އަވަސް ކުރޭ! އަވަސް ކުރޭ!" ކިޔަކިޔާ ތިއްބާ އޮންނަނީ ގަޑި ޖެހެން ކައިރި ވެފަ އެވެ.


މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑީ ކެއުމުގެ ކަންތަކެވެ. ގިނަ ކުދިން ހެނދުނު ގަޑީގައި އެއްވެސް އެއްޗެއް ކާކަށް ބޭނުމެއްނުވެ އެވެ. ބައެއް ކުދިންނަށް ކިރު ތައްޓެއް ފަދަ އެއްޗެއް ވެސް ދޭން ޖެހެނީ ގަދަކަމުންނެވެ. ބައެއް ކުދިން ސްކޫލަށް ގެންދާ މަގުމަތީގައި މައިލޯ ޕެކެޓެއް ނުވަތަ ކޭކު ފަދަ އެއްޗެއް ދޭތަން ވެސް ފެނެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ރަނގަޅު ސިއްހަތަކަށް ހެނދުނުގެ ނާސްތާ ވަރަށް މުހިއްމެވެ. ޚާއްސަކޮށް ދަރިވަރުންނަށް ރަނގަޅު ނާސްތާއެއް ދިނުމަށް ފަހު ނޫނީ ސްކޫލަށް ފޮނުވުން ރަނގަޅެއް ނޫނެވެ.

ނާސްތާއަކަށް ބޭނުންކުރަން ޖެހޭނީ ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން އަދި ފެޓްސް އެކުލެވޭ ކެއުމެކެވެ. މެންދުރު ވަންދެން ބަނޑުހައި ނުވެ ތިބެވޭ ކަހަލަ އެއްޗެކެވެ.

ފިލާވަޅުތަކަށް ރަނގަޅަށް ވިސްނުމާއި ކްލާހުގައި ދޭ މަސައްކަތްތައް ބަރާބަރަށް ކޮށްލެވޭ ވަރަށް ސިކުނޑި ހޭލައްވާލައި، ކުއްޖާގެ ގައިގައި ހަކަތަ ހުންނަ ކަހަލަ ނާސްތާއެކެވެ.

ތިރީގައި މިވަނީ ކުދިންނަށް ހެނދުނުގެ ނާސްތާގެ ގޮތުގައި ދެވިދާނެ ބައެއް ކެއުމެވެ.

އޯޓްމީލް ބްރެކްފަސްޓް

އޯޓްސް

އޯޓްސް އަކީ ސީރިއަލްސްގެ ބަދަލުގައި ދެވިދާނެ އެއްޗެކެވެ. ސީރިއަލް ހާ ފަސޭހައިން ތައްޔާރުކޮށްލެވޭ މި ވައްތަރުގެ އޯޓްސް ރޭގަނޑު ކައްކާލާފައި ބެހެއްޓުމުން ހެނދުނު އެ މަސައްކަތްކުރާކަށް ނުޖެހޭނެ އެވެ. އޯޓްސްގެ ތެރެއަށް ތާޒާ ކިރުކޮޅެއް އަޅާލައި، ފޮނިކޮށްލަން ދޮންކެޔޮވަކެއް ނުވަތަ ދަރިފުޅު ހިތްހަމަޖެހޭ ކޮންމެވެސް މޭވާއެއް ހިމެނިދާނެ އެވެ. މާމުއިކޮޅެއް ނުވަތަ މޭޕްލް ސިރަޕް ކޮޅެއް ވެސް އެޅިދާނެ އެވެ. މުގުރި ފޮނިތޮށިކޮޅެއް، ވެނީލާ އެސެންސް ތިއްކެއް، އެކި ފާޑުގެ އޮށް، ބެރީޒް، ނަޓްސް ފަދަ އެ ކުއްޖަކު ކާހިތްވާ ޒާތުގެ ކޮންމެ އެއްޗެއް ހިމެނިދާނެ އެވެ.

ބިސް: ހެނދުނު ނާސްތާއަށް ދޭން ވަރަށް ރަނގަޅު އެއްޗެއް

ކުކުޅު ބިސް

ފެނު ކައްކާފައި ހުންނަ ބިހަކީ ހެނދުނު ގަޑީގައި ދޭން ވަރަށް ރަނގަޅު އެއްޗެކެވެ. ފެނު ކައްކާފައި ތޮށި ނުނޮޅާ އައިސްއަލަމާރީގައި ބެހެއްޓިދާނެ އެވެ. ކުދިންނަށް ދޭން ވަރަށް ގިނަ ކާއެއްޗެތި އެ ބިސްތައް ބޭނުންކޮށްގެން ފަހުން ވެސް ހެދިދާނެ އެވެ.

ބިހާ އެކު މޭވާކޮޅަކާއި ޕާން ދިނުމުން އެ ފުރިހަމަކުރެވުނީ ރަނގަޅު ނާސްތާއެކެވެ. އެ ދުވަހަށް ބޭނުންވާ ހަކަތައިގެ ބޮޑު ބައެއް އޭރުން އޮންނާނީ ކުދިންގެ ހަށިގަނޑުގައި އުފެއްދިފަ އެވެ.

ޓޯސްޓް

ޕާން ޓޯސްޓްކޮށްފައި ބަޓަރުކޮޅެއް އުނގުޅާލުމުން ވެސް ބައެއް ކުދިން މީރުކޮށް ކައެވެ. ހުސް ޖޭމު ޖަހައިގެން ކާ ކުދިން ވެސް އުޅެ އެވެ. އެވަކާޑޯ ޓޯސްޓަކީ ވެސް ވަރަށް ގިނަ ކުދިންނަށް މީރު އެއްޗެކެވެ. އެވަކާޑޯ ޗިސްކޮށްފައި ޓޯސްޓްގައި އުނގުޅައިގެން އެ ތައްޔާރުުކުރެވިދާނެ އެވެ. އޭގެ އިތުރުން ޓޮމާޓޯ އާއި ޕީނަޓް ބަޓާ ވެސް ޖެހިދާނެ އެވެ. ނޫން ނަމަ ދޮންކެޔޮވަކެއް ޗިސްކޮށްލާފައި ޖެހިޔަސް ކުދިން ވަރަށް ގަޔާވެގެން ކާނެ އެވެ. ޓޯސްޓްގެ ރަހަ ތަފާތުކޮށްގެން ބައެއް ދުވަސްދުވަހު ކްރީމް ޗީޒް އާއި ބެރީޒް އަދި އާފަލާއި ޗީޒް ވެސް ބޭނުންކުރެވިދާނެ އެވެ. ބައެއް ދުވަސްދުވަހު ފޮނިކޮށް އަނެއް ބައި ދުވަސްދުވަހު ލޮނުކޮށް ޓޯސްޓް ތައްޔާރުކުރުމުން ކުދިން ފޫހިނުވެ ކާނެ އެވެ.

އެގް މަފިންސް

މިއީ ވަރަށް ފަސޭހައިން ފިހެލެވޭނެ އެހާމެ މީރު އެއްޗެކެވެ. ބިހާ އެކު މަސްދަޅު ވެސް އެޅިދާނެ އެވެ. ދަރިފުޅަށް މީރުވާނެ އެހެން އެއްޗެއް ވެސް ބޭނުންކުރެވިދާނެ އެވެ. މިއަށް އެއްކުރެވިދާނެ ބައެއް ބާވަތްތަކުގެ ތެރޭގައި ޗީޒް، ބެލްޕެޕާ، ފިޔާ، މަޝްރޫމް، ޓޮމާޓޯ ހިމެނެ އެވެ. ބޭނުންވާ އެއްޗެހި އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލައި، ކޭކު ނުވަތަ މަފިން ފިހާ ކަހަލަ ކުދި ތައްޓަށް އަޅައިގެން ފިހެލާށެވެ. މިއީ ތަންކޮޅެއް ކުރިން ފިހެފައި އައިސްއަލަމާރީގައި ބެހެއްޓިދާނެ އެއްޗެކެވެ.

ސްމޫތީ: ތަފާތު ރަހަތަކާ އެކު ތަައްޔާރުކޮށްލެވިދާނެ މުހިންމު ބުއިމެއް

ސުމޫތީ

އަބަދު ކިރުތައްޓެއް ބޯންވީމަ ބައެއް ކުދިން މައްސަލަ ޖައްސަ އެވެ. އަދި އެ ހިތްހަމަނުޖެހުމުގައި ހެނދުނު އެއްވެސް އެއްޗެއް ނުބޮއި، ނުކައި ސްކޫލަށް ދާން އުޅެފާނެ އެވެ. ނަމަވެސް މީރު ސްމޫތީއެއް ތައްޔާރުކޮށްލައިފި ނަމަ ކިތަންމެ އަވަސް އަރުވާލާފައި ހުއްޓަސް އެ ތަށި ހުސްކޮށްލުން ކައިރި އެވެ.

ސްމޫތީ ހަދަން ކިރު ޕެކެޓާއި ޔޯގަޓް ހޯދާފައި ބަހައްޓާށެވެ. ބޭނުންވާ ރަހައެއްގެ މޭވާ އާއި އެ އެއްޗެހި އެއްކުރާށެވެ. ކުރީ ބައިގައި މޭވާ ކޮށާފައި ޖޫސްޕެޓީ ކޮތަޅަށް އަޅައި ގަނޑުކޮށްފައި ވެސް ބެހެއްޓިދާނެ އެވެ. އޭރުން ވަގުތު ސަލާމަތް ކުރެވޭނެ އެވެ. ނޫން ނަމަ ދޮންކެޔޮވަކެއް ލައިގެން ބަނާނާ ސްމޫތީ ވެސް ހެދިދާނެ އެވެ. ސްމޫތީ ފޮނިކޮށްލަން ބޭނުން ނަމަ މާމުއިކޮޅެއް އެޅިދާނެ އެވެ.

މޭވާގައި ނޫނަސް ތަރުކާރީގައި ވެސް ސްމޫތީ ހެދެ އެވެ. ސްޕިނެޗް، ބްރޯކޮލީ އަދި ކާލޭ ފަދަ ތަކެތިންނެވެ. ސްމޫތީ ހަދާއިރު ސްޕިނެޗް ކަހަލަ ފަތްކޮޅެއް ވެސް ލެވިދާނެ އެވެ. ތަރުކާރީ ސްމޫތީ ބޯއިރު ތަރުކާރީ ރަހަގަނޑު ލާތީ ކުދިންނަށް ކަމުނުދާ ނަމަ ދޮންކެޔޮވަކެއްގެ ބައެއް ނަމަވެސް ލައިގެން ގިރާލާށެވެ. އޭރުން ހުރިހާ ނުބައި ރަހަތައް ކެނޑި ވަރަށް ރަހަ މީރުކޮށްލާނެ އެވެ.

ހެނދުނުގެ ނާސްތާ އަށް ކިތައްމެ އެއްޗެއް ތައްޔާރުކޮށްލެވިދާނެ

ޔޯގަޓް، ގްރެނޯލާ އަދި މޭވާ

ޔޯގަޓަކީ ހެނދުނުގެ ނާސްތާއަށް ދޭން ވަރަށް ރަނގަޅު އެއްޗެކެވެ. ޔޯގަޓަށް އަޅަން ބޭނުންވާ އެއްޗެތި ޚިޔާރުކުރާނީ ކުދިންނެވެ.

ބްރެކްފަސްޓް ޓާކޯސް

މިއީ ތަންކޮޅެއް ބޯކޮށް ފިހެފައި އޮޅާލާ ރެޕެކެވެ. ނުވަތަ ރޮއްޓެކެވެ. ހޫނު ރޮއްޓެއްގެ ތެރެއަށް ބިހާއި ޗީޒް ފަދަ ތަކެތި އަޅާށެވެ. ރޭގަނޑު ބާކީ ހުންނަ ރިހަ ކޮޅުކޮޅު ވެސް، ރަހަ މީރުކޮށްލަން، އެޅިދާނެ އެވެ. ފެނުކައްކާފައި ހުރި އަލުތްވާއި ހަނާކުރި މަހާއި މަޑުކޮށްފައި ހުންނަ ތަރުކާރީ ކޮޅެއް ވެސް ލެވިދާނެ އެވެ. މީގެ އިތުރުން ޓޮމާޓޯ، އެވަކާޑޯ، ސަލްސާ ފަދަ އެއްޗެއް އަޅާލުމުން ހަށިގަނޑަށް ފައިދާ ހުރި ކެއުމަކަށް ހެދޭނެ އެވެ.

ކާނެ ވަގުތު ނުލިބޭ ދުވަހެއް ނަމަ ދަރިފުޅު އަތަށް ދީފައި، އިންޓަވަލް ގަޑިއަށް ވެސް މި ފޮނުވިދާނެ އެވެ.