ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސްއެއް އުފައްދަން ނިންމައިފި އެވެ.
ބައެއް ނޫސްތަކުން ވަނީ އެ ހަބަރު ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. އެ ޕްރޮޑަކްޝަންގެ ނަމެއް ވެސް އަދި ނޭނގެ އެވެ.
މީގެ 11 އަހަރު ކުރިން ފިލްމީ ދާއިރާ އަށް ނުކުތް ސިދާތަކީ ކާމިޔާބު އެކްޓަރެކެވެ. އޭނާގެ ގިނަ ފިލްމުތައް ހިޓުވި އެވެ.
ސިދާތު މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ ޑިސެމްބަރު މަހު އަށެއްގައި ރިލީޒްކުރާ އެކްޝަން ތުރިލާ "ޔޯދާ"ގަ އެވެ. އެއީ އޭނާ ފިލްމީ ދާއިރާއަށް ނެރެދިން ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ދިޝާ ޕަޓަނީ އާއި ރާޝީ ކަންނާ ވެސް އުޅޭ އެ ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ސާގަރު އަމްބުރޭ އާއި ޕުޝްކަރު އޯޖާގެ ފިލްމެކެވެ.
ސިދާތުގެ ފިލްމާ އެކު އަންނަ ޑިސެމްބަރު މަހު އިންޑިއާ ސިނަމާގެ ވާދަވެރި ގިނަ ފިލްމުތަކެއް ނުކުންނާނެ އެވެ.
ޑިސެމްބަރު އެކެއްގައި ރަންބީރު ކަޕޫރާއި އަނިލް ކަޕޫރުގެ "އެނިމަލް" ރިލީޒްކުރާ އިރު، ޑިސެމްބަރު 15 ގައި ކެޓްރީނާ ކައިފް އާއި ވިޖޭ ސެތުޕަތީގެ "މެރީ ކްރިސްމަސް" ސިނަމާތަކުގައި އަޅުވާނެ އެވެ. އަދި ޑިސެމްބަރު 22 ގައި ޝާހްރުކް ހާންގެ "ޑަންކީ" އާއި ޕްރަބާސްގެ "ސަލާރު" ވެސް ރިލީޒްކުރާ ގޮތަށް ވަނީ ތާވަލުކޮށްފަ އެވެ.