"ޕަރަމް ސުންދަރީ"ގެ ޕޯސްޓަރު.
14 ޖުލައި 2025 - 09:16
ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ޕަރަމް ސުންދަރީ" ރިލީޒްކުރާ ތާރީހު އަންނަ މަހަށް ފަސްކޮށްފި އެވެ.
މެޑޮކްސް ފިލްމްސް އިން ގެނެސްދޭ "ޕަރަމް ސުންދަރީ" ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ މި މަހު 25 ގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ރާޖްކުމާރް ރާއޯގެ އާ ފިލްމު "މާލިކް"އަށް ލިބޭ ތަރުހީބު މަޑުމަޑުން އިތުރުވަމުން އަންނާތީ އާއި މި މަހު 25 ގައި އަޖޭ ދޭވްގަންގެ އާ ފިލްމު "ސަން އޮފް ސަރުދާރު 2" ވެސް އަޅުވާތީ، "ޕަރަމް ސުންދަރީ" މިހާރު ވަނީ އޮގަސްޓް މަހަށް ފަސްކޮށްފަ އެވެ.
ނަމަވެސް، އެ ފިލްމުގެ ޓީމުން އަދި އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
އަންނަ މަހަށް އެ ފިލްމު ފަސްކުރަން ނިންމާފައިވާއިރު، އަންނަ މަހު ފަހުކޮޅު ވަރަށް ބޮޑު ދެ ފިލްމު އަޅުވަ އެވެ. އެއީ އޮގަސްޓް 14 ގައި ރިލީޒްކުރާ ރިތިކް ރޯޝަން އާއި އެންޓީއާރު ޖޫނިއާ އަދި ކިއާރާ އަދުވާނީ އުޅޭ "ވޯ 2" އާއި ހަމަ އެ ދުވަހު ރިލީޒްކުރާ ރަޖުނީކާންތުގެ "ކޫލީ" އެވެ.
"ޕަރަމް ސުންދަރީ"އަކީ އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެން ކުއްޖަކު ލޯބިވެވުމުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.
"ޕަރަމް ސުންދަރީ" ޑައިރެކްޓަރަކީ އަބީޝެކް ބައްޗަންގެ "ދަސްވީ" ގެނެސްދިން ތުޝާރު ޖަލޯތާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy