މާލޭގައި މިހާރު ކުރިއަށް ގެންދާ ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ އެސްޔޫޕީ ސާފިންގެ ކެޓަގަރީގެ ބްރޯންޒް މެޑަލް އަބްދުﷲ އަރީފް (ފުކޫ) މިއަދު ހޯދައިފި އެވެ.

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖުގެ ނަމުގައި ކުރިއަށް ގެންދާ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރެވޭ ހުރިހާ ކެޓަގަރީއެއްގައި ތަމްސީލު ކުރަމުން އަންނަ ފުކޫ، އެސްޔޫޕީ ކެޓަގަރީގެ ބްރޯންޒް މެޑަލް އިވެންޓްގައި ވަނަ ހޯދީ މޫސާ ރަޝީދާއި އަހްމަދު އިރުފާން އަލީ ބަލިކޮށްފަ އެވެ.

މިއަދު ބްރޯންޒް މެޑަލް ހީޓްގައި، ރ. ރަސްމާދޫ އަށް ނިސްބަތްވާ އަރީފް ވަނީ ނުވަ ޕޮއިންޓް ސްކޯކޮށްފަ އެވެ. އޭނާ އެ އަދަދަށް ސްކޯ ކުރީ ފަސް ރާޅުންނެވެ. އެންމެ ގިނައިން އޭނާ ސްކޯކުރީ ތިންވަނަ ރާޅުގަ އެވެ. އެ ރާޅުގައި 4.83 ޕޮއިންޓް ހޯދި އެވެ. ފުރަތަމަ ރާޅުގައި 4.17 ސްކޯކުރި އެވެ.

ބްރޯންޑް މެޑަލް ހީޓުން ދެވަނަ އަށް ދިޔަ މޫސާ ރަޝީދު ވަނީ 6.30 ޕޮއިންޓް ސްކޯކޮށްފަ އެވެ. އިރުފާން އަށް ސްކޯ ކުރެވުނީ 4.66 ޕޮއިންޓެވެ.

އެސްޔޫޕީ ސާފިންގެ ފައިނަލްގައި ތޮއްލަމްއާ ވާދަ ލކުރާނީ މުހައްމަދު މުއާޒު އެވެ. ފައިނަލް އޮންނާނީ އާދިއްތަ ދުވަހު އެވެ.