29 ނޮވެމްބަރ 2021 - 09:44
ސެއިންޓް އެޓިއެން (ނޮވެމްބަރު 29) - ފްރާންސް ލީގުގައި ސެއިންޓް އެޓިއެން އާ ކުޅެ 3-1 އިން ޕީއެސްޖީ ރޭ މޮޅުވި މެޗުގައި ނޭމާ އަށް އަނިޔާވެ ގިނަ ދުވަސްތަކަކު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބެލެވިއްޖެ އެވެ.
ނޭމާއަށް އަނިޔާވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށްވެފައި ވަނިކޮށް ސެއިންޓް އެޓިއެންގެ ޔިވޭން މެކަން ނޭމާ އަތުން ބޯޅަ ހޯދަން ކުރި ޓެކުލްގައި، ނޭމާގެ ފައިގެ ކުޑަހުޅު ފުރޮޅާލައިގެންނެވެ.
ނޭމާ ވަނީ ޕީއެސްޖީ އަށް ބަދަލުވި ފަހުން ކުޑަހުޅަށް އަނިޔާ ވެގެން މީގެ ކުރިން ދެ ފަހަރަކު ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ޖޫން މަހު ލިގަމެންޓް އިރައިގެން ދިޔައިރު ދެ މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، މިދިޔަ އަހަރު ޑިސެމްބަރު މަހު ވަނީ ކުޑަހުޅަށް އަނިޔާވެ ހަތަރު ހަފްތާ ކުޅުމާ ދުރުގައި ހުރެފަ އެވެ.
ރޭ ސެއިންޓް އެޓިއެންއާ ދެކޮޅަށް ކުޅެ، ވީ އަނިޔާގެ ސަބަބުން ވެސް އޭނާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ވަނީ ބެލެވިފަ އެވެ.
ރޭގެ މެޗަކީ މި ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑުން ޕީއެސްޖީއަށް ބަދަލުވި ސާޖިއޯ ރާމޯސް އެޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. މިދިޔަ ސީޒަނުގައި ރާމޯސްއަށް ވަނީ އަނިޔާގެ ސަބަބުން ރެއާލުގައި 30 އަށް ވުރެ ގިނަ މެޗު ގެއްލިފަ އެވެ. ޕީއެސްޖީއާ ގުޅުނު އިރު ވެސް އޭނާ އަނިޔާއިން މުޅިން ރަނގަޅެއް ނޫނެވެ.
ސެއިންޓް އެޓިއެން އިން ރޭ ފުރަތަމަ ހާފުގައި ޕީއެސްޖީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް ހާފުގެ ފަހު މިނިޓުގައި އެ ޓީމުގެ ޓިމޮތީ ކޮލޯޑްޒިއޭޖެކަށް ވަނީ ކިލިއަން އެމްބާޕޭއަށް ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މިއަށް ފަހު ސެއިންޓް އެޓިއެން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.
ކޮލޯޑްޒިއޭޖެކުގެ ފައުލާ ގުޅިގެން ލިބުނު ހިލޭޖެހުމުން ހުރަސް ވެގެން އައި ބޯޅަ ބޮލުން ޖަހައި ހާފު ނިމުމުގެ ކުރިން މާކީނިއޯސް ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ޕީއެސްޖީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ 79 ވަނަ މިނިޓުގައި އަންހެލް ޑި މާރިއާ އެވެ. އަދި އިތުރު ވަގުތުގައި ޕީއެސްޕީގެ ލީޑު ފުޅާ ކޮށްދިނީ ވެސް ކެޕްޓަން މާކީނިއޯސް އެވެ. ޕީއެސްޖީގެ ތިން ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ލިއޮނެލް މެސީ އެވެ.
ޕީއެސްޖީ ވަނީ ލީގުގައި ކުޅުނު 15 މެޗުން 40 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެވަނައިގައި އޮތީ 28 ޕޮއިންޓާ އެކު ރެނެސް އެވެ. ތިންވަނައިގައި އޮތް ނީސް އާއި ހަތަރުވަނައިގައި އޮތް މާސޭ އަށް ވެސް ލިބެނީ 26 ޕޮއިންޓެވެ. މާސޭ އާއި ލިޔޯން ވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބު ކުރިއިރު ސްޓްރަޓްސްބާގުން ވަނީ މޮނާކޯ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy