ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ތަފާތު ބޮޑު ނަތީޖާ އަކުން ވެލެންސިއާއިން ޔޫވީ ބަލިކޮށްފި

ވެލެންސިއާ އަށް ދެ ލަނޑު ޖަހައިދިން އަލީ ފާސިރު ބޯޅަ ފޮނުވާލާއރު، އޭނާ އަތުން ބޯޅަ ހޯދަން ޔޫވީގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް

ޕްރެޒިޑެންޓް ކަޕްގައި މިރޭ ކުޅުނު މެޗުގައި، ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްލަބް ވެލެންސިއާ ކާމިޔާބު ހޯދައިފި އެވެ.

ސީޒަން ފަށައިގެން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް މޮޅުވި ތިން ޓީމު ވެސް މޮޅުވީ 5-0 ންނެވެ. ސީޒަން ހުޅުވުމުގެ ގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި، މާޒިޔާއިން ވަނީ ވެލެންސިއާ ކޮޅަށް ފަސް ލަނޑު ޖަހައިފަ އެވެ. އެކަމަކު މިރޭ މެޗުގައި ވެލެންސިއާގެ ފަރާތުން ކުރިއެރުން ފެނުނެވެ. ވެލެންސިއާ މެޗަށް ނުކުތީ ފޯވާޑް، އަލީ އަޝްފާގް (ދަގަނޑޭ) ނުލަ އެވެ. އަނިޔާވެފައި ވީނަމަ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަގަނޑޭގެ ނަން ލިސްޓްކޮށްފައި ވެއެވެ.

ވެލެންސިއާގެ ކޯޗް އާފިއު މުހައްމަދު ހަމީދު ބުނީ، އަޝްފާގްގެ ފަޔަށް އަނިޔާވެފައިވާ ކަމަށެވެ. ވެލެންސިއާ ދެން ކުޅެން ޖެހޭ މެޗަށް އޭނާ ފިޓް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އާފިއު ބުންޏެވެ.

މިރޭ މެޗުގެ ފުރަތަމަ 15 މިނެޓްގައި ވެލެންސިއާއިން ވަނީ ޔުނައިޓެޑް ވިކްޓަރީގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. މެޗުގެ 14 ވަނަ މިނެޓްގައި ވެލެންސިއާއިން ނެގި ހުރަހެއްގައި އެ ޓީމުގެ ބޮރްހާސް މާޓިން، ބޮލުން ޖެހައި ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. އެކަމަކު އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ޕްރެޒިޑެންޓް ކަޕްގައި ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

އާފިއު ބުނީ މެޗުގެ ފުރަތަމަ ކޮޅު ދިޔައީ އުނދަގޫކޮށް ކަމަށެވެ. އުނދަގޫވި ސަބަބެއް ކަމަށް އޭނާ ބުނީ، ފުރުސަތު ލިބުނު ނަމަވެސް ފުރަތަމަ ލަނޑެއް ޖެހިފައި ނުވުމެވެ.

"ލަނޑެއް ޖެހުނު ހިސާބުން ޓީމު ހަމަޔަކަށް އެޅުނީ،" އާފިއު ބުންޏެވެ. "ވާގޮތަކީ ނަތީޖާ ނެރެން ޖެހޭނެ މެޗެއް. ތިން ޕޮއިންޓް ހޯދަން ޖެހޭނެ މެޗެއް. އެކަހަލަ މެޗެއްގައި ފުރުސަތު ލިބިފައި ބޭނުން ނުކުރެވޭ ކަމަށް ވަންޏާ އުނދަގޫތަކެއް ހުންނާނެ. މެޗެއް ގެއްލޭ ހިސާބުން ދެން އަންނާނީ އޭގެ އުނދަގޫތައް."

ޔޫވީން، މަޑުމަޑުން މެޗުގެ ތެރެއަށް ވަންނަމުން ދިޔަ ވަރަކަށް، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަށް ކުރަން ޖެހުނު މަސައްކަތް ގިނަވި އެވެ. މެޗުގެ 20 ވަނަ މިނެޓްގައި ޔޫވީން ނުރައްކާތެރި ހަމަލާއެއް އަމާޒުކުރި އެވެ. އެކަމަކު އެބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ޔޫވީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ އޭނާގެ ޓީމު މެޗަށް ނުކުތީ އެންމެ ދަށް ވެގެން ޕޮއިންޓެއް ހޯދުމުގެ އަމާޒުގައި ކަމަށެވެ. އެކަމަކު އެހާ ތަފާތު ބޮޑުކޮށް ބަލުވުމަކީ އޭނާ ހީނުކުރާވަރުގެ ބޮޑު ނަތީޖާއެއް ކަމަށް ސާންތީ ބުންޏެވެ.

"ވެލެންސިއާގެ ތަފާތަކީ އެ ޓީމުގެ އެތިބަ އިންޑަވިޖުއްލަ ކުޅުންތެރިން ސެންޓޭ ވިޔަސް. ޚަލީލް ވިޔަސް އެކުޅުންތެރިންގެ އިންޑަވިޖުއްލަ މަސައްކަތް ތަފާތަކަށް ފެނުނީ،" ސާންތީ ބުންޏެވެ.

މެޗުގެ 42 ވަނަ މިނެޓްގައި ވެލެންސިއާ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ވަނީ ވެލެންސިއާ އަށް ލަނޑު ޖަހައިދީފަ އެވެ. އޭނާ އަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ އޮފްސައިޑް މަޅިން ނެއްޓި ޔޫވީގެ ޑިފެންސްލައިނަށް ވުރެ ކުރީގަ އެވެ. ކީޕަރު އަލީ ނާޖިހް ބޯޅަ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް، ސެންޓޭ ވަނީ ނާޖީ އަށް ފުރުސަތު ނުދީ، ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ޕްރެޒިޑެންޓް ކަޕްގައި މިރޭ ވެލެންސިއާ ޔޫވީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

މުޅި ހާފުގައި ވެސް ވެލެންސިއާ ވަނީ، ޔޫވީގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. ޔޫވީގެ ޑިފެންސް ފެނުނީ ބިޒީކޮށެވެ. ދެވަނަ ހާފު ފަށައިގެން ހަތް މިނެޓް ކުޅެވުނު ތަނުން، ވެލެންސިއާގެ ދެވަނަ ލަނޑު ވެސް ސެންޓޭ ޖަހައިދިނެވެ. މިފަހަރު ވެސް ޔުވީގެ ޑިފެންސަށް ސެންޓޭ ހުއްޓުވުމުގައި ކާމިޔާބެއް ނުހޯދުނެވެ.

މެޗުގެ 71 ވަނަ މިނެޓްގައި ޔޫވީގެ އަހްމަދު ސަމާހް އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސްޕިޑް ބޭނުންކޮށްގެން އޭރިއާ ތެރެއަށް އަރައި ބޯޅަ ފޮނުވާލަން ވަގުތު ވެސް ލިބުނެވެ. އެކަމަކު ބޯޅަ ފޮނުވާލަން ލަސް ކުރުމުން އެބޯޅަ އޭނާ އަތުން ހޯދީ، ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ، (އެންޑީ) އެވެ. އަމްދާން ބޯޅަ ހޯދުމުން ސަމާހް އޭނާ އަށް ފައުލް ކުރި އެވެ.

ވެލެންސިއާގެ ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ޖެހީ ބްރޮހޯސް އެވެ. ވެލެންސިއާގެ ހަތަރު ވަނަ ލަނޑު ހަލީލް ޖަމާލް ޖެހީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގަ އެވެ. އޭރިއާ ބޭރުން އޭނާ އަށް ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައި ލެނޑު ޖެހި އެވެ. ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. ވެލެންސިއާގެ ފަސް ވަނަ ލަނޑު ހުސައިން ހަނާން ޖެހީ އެންމެ ފަހު ބޯޅައިންނެވެ. ދުރުން އޭނާ ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލްގެ އެތެރެއިން މަތީ ދާގަނޑަށެވެ. ބޯޅަ ވަނުމާއެކު މެޗު ނިމިގެން ދިޔަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ސެންޓޭ ބުނީ ޗެރިޓީ ޝީލްޑް މެޗުގައި ކުރިމަތިވި ބައްޔަށް ފަހު، މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބުމަކީ މާޒިޔާގެ މެޗުގައި ކުރިމަތިވި ހިތްދަތި ކަމުން އަރައިގަތުމަށް ލިބުނު ހިތްވަރެއް ކަމަށެވެ. ސެންޓޭ ބުނީ އޭނާ އަށް ދެ ލަނޑު ޖެހުމަށް ވުރެ އުފަލަކީ ޓީމަށް ތިން ޕޮއިންޓް ލިބުން ކަމަށެވެ

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވެލެންސިއާ

20 December 2021

ވެލެންސިއާ އަކީ 90 ގެ އަހަރުތަކުގަ ހާދަ ހިތްގައިމު ފުޓުބޯޅައެއް ކުޅުނު ސަޅި ޓީމެކޭ, ރާއްޖޭގެ ހުރިހާ ޣާލްސް ކުދިންކަހަލަ ގޮތަކަށް ވެލެންސިއާއަށް ސަޕޯޓު ކުރާނެ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

20 December 2021

ގާލްސް ސަޕޯޓް ކުރީ ސިފަ ރީތި ކުޅުންތެރިންނަށް ތޯ ؟؟ ނުވަތަ ކުޅުމަށް ތޯ؟؟؟ މިކަން ސާފްވާން އެބަޖެހޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

20 December 2021

ބޮޑު ލީގެއް ކުރިއަށް ދަނީ ޔޯ؟؟ އެކަމަކު މިއިން މެޗެއް ލައިވްކުރާނެ ޗެނަލްއެއް ނެތް.

The name is already taken The name is available. Register?

ވ މޯޑު

20 December 2021

ހޯޕް ހޯޕް ވެލެންސިއާ !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454