ކުޅިވަރު / ރޮމެލޫ ލުކާކޫ

ލުކާކޫގެ ވާހަކަތަކާ ބެހޭގޮތުން އޭނާއާ މަޝްވަރާ ކުރާނަން: ޓުޗެލް

ޓުޗެލް އާއި ލުކާކޫ.--

ލަންޑަން (ޖެނުއަރީ 1) - ޗެލްސީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މި ސީޒަނުގައި އެ ޓީމަށް ގެންދިޔަ ފޯވާޑް ރޮމެލޫ ލުކާކޫ އެ ޓީމުގައި ހުރީ އުފަލުން ނޫން ކަމަށް ބުނުމުން އެ ވާހަކަތަކާ ބެހޭގޮތުން އޭނާއާ ވަކިން ވާހަކަ ދައްކާނެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އިޓަލީގެ އިންޓަ މިލާނުން ލުކާކޫ ޗެލްސީއަށް ގެންދިޔައީ 97.5 މިލިއަން ޕައުންޑަށެވެ. ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު ލުކާކޫ ވަނީ އިންޓަ އަށް 11 އަހަރު ފަހުން އިޓާލިއަން ސެރީ އާ ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްކައިސްޕޯޓްސް އިޓާލިއާ އިން ދެއްކި ލުކާކޫގެ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ، ޓުޗެލް ޗެލްސީގައި ކުޅުވާ ސިސްޓަމާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި، އަލުން އިންޓަ މިލާނަށް ދާން ބޭނުންވާ ކަމަށެވެ.

ލުކާކޫ އާއި ކޮންޓޭ އިންޓަ މިލާނާ އެކު.--

ލުކާކޫ ބުނީ ކޮންޓޭއާ އެކު މަސައްކަތް ކުރަން އަދިވެސް ބޭނުންވާ ކަމަށާއި، މިދިޔަ ސީޒަން ނިމުމުން އޭނާ ޓީމު ދޫކޮށް ދިޔައިރު އަލަށް އައި ކޯޗު ސިމިއޯނީ އިންޒާގީ ވެސް ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް އިންޓަ އިން އޭނާ ބޭނުންވި ކޮންޓްރެކްޓް ހުށަހެޅި ނަމަ ކުލަބުގައި މަޑުކުރުމުގެ ފުރުސަތު އޮތްކަމަށް ލުކާކޫ ވަނީ ބުނެފަ އެވެ.

ޗެލްސީން ލުކާކޫ އަށް ފުރަތަމަ ހުށަހެޅި ބިޑަށް އިންޓަ އިން ނޫނެކޭ ބުނިއިރު، އެއަށް ވުރެ ބޮޑު އަގަކާ އެކު ލެފްޓްބެކް މާކޮސް އޮލޮންސޯ ހުށަހެޅުމުން ވެސް އިންޓައިން ލުކާކޫ ވިއްކާލަން އެއްބަހެއް ނުވި އެވެ. ފަހުން އިންޓަ އިން ލުކާކޫ ޗެލްސީއަށް ވިއްކާލީ އޭނާ ވެސް ޗެލްސީއަށް ބަދަލުވާން ބޭނުންވާކަން ކުލަބަށް އެންގުމުންނެވެ.

މި ވާހަކަތަކާ ގުޅިގެން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ލުކާކޫގެ ހިތްހަމަނުޖެހުންތަކުގެ ވާހަކަ ކުރިން ނޭނގޭ ކަމަށާއި، އެ ވާހަކަތައް އަޑުއިވުމުން ހައިރާންވި ކަމަށެވެ.

"އަހަރެންނަށް ގަބޫލެއް ނުކުރެވޭ ލުކާކޫ ހިތްހަމަ ނުޖެހިފައި ހުރި ކަމެއް. އިއްޔެ ހެނދުނު އަހަރެން ކައިރީ އެހި ނަމަވެސް އަހަރެން ބުނާނަން ލުކާކޫ ހުރީ ވަރަށް ހިތްހަމަ ޖެހިފައޭ. އެހެންވެ މިހުރީ ހައިރާން ވެފައި،" ލުކާކޫ ގެ ވާހަކަތަކާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން އިއްޔެގެ ޕްރެސްގައި ޓުޗެލް ބުންޏެވެ.

"ޓީމު މާހައުލުގައި ލުކާކޫގެ އަމަލުތަކާ، އެ އިންޓަވިއުގެ ވާހަކަތަކާ ވަރަށް ތަފާތު. އަހަރެމެން ލުކާކޫއާ ވާހަކަ ދައްކައި މަޝްވަރާ ކުރާނަން ވަކިން. ދެފަރާތަށް ވެސް ކަމަކާ އޮޅުން އަރާފައިވާ ނަމަ އެކަމެއް ސާފު ކުރަން އެބަ ޖެހޭ."

ލުކާކޫ މި ސީޒަނުގައި ޗެލްސީއަށް ގޯލެއް ޖެހުމަށް ފަހު.--

މީގެ އިތުރުން ޓުޗެލް ބުނީ، މިއީ މި ވަގުތަށް އަޑުއަހަން އެންމެ ބޭނުންވާ ވާހަކަތަކެއް ނޫން ކަމަށާއި، ގޮންޖެހުންތަކާ އެކު ވެސް ކުރިޔަށް އޮތް މެޗަށް ފޯކަސް ކުރަން ޖެހިފައި އޮތް ދަނޑިވަޅެއްގައި ލުކާކޫ ފަދަ ކުޅުންތެރިއެއްގެ ފަރާތުން އެފަދަ މެސެޖަކަށް އުންމީދު ނުކުރާ ކަމަށެވެ.

ޗެލްސީ އަށް ކުރިން ވެސް ކުޅުނު ބެލްޖިއަމްގެ ލުކާކޫ، 28، އަލުން އެ ޓީމަށް ބަދަލުވެ އޭނާ ވަނީ މިހާތަނަށް ކުޅެދިން 19 މެޗުން ހަތް ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރޭގައި، އަނިޔާ އާއި ކޮވިޑް-19 ރޯގާއާ ގުޅިގެން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރެ އެނބުރި އައިސް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެސްޓަން ވިލާ އާއި ބްރައިޓަން ކޮޅަށް ޖެހި ގޯލުތައް ވެސް ހިމެނެ އެވެ.

ޗެލްސީން މާދަމާ ރޭ ޕްރިމިއާ ލީގުގައި ނުކުންނާނީ އެ ޓީމަށް ވުރެ ޕޮއިންޓެއް މަދުކޮށް، ތިންވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލް ތިންވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. ޗެލްސީ އޮތީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ އަށް ޕޮއިންޓް ފަހަތުން، ޓޭބަލްގެ ދެވަނައިގަ އެވެ.

ކޮވިޑާހުރެ ލީގުގެ ގިނަ މެޗުތަކެއް ފަސްކުރަން ޖެހިފައިވާއިރު، ލީގުގައި މިހާތަނަށް ތާވަލް ކޮށްފައިވާ 20 މެޗު ކުޅުނު ހަމައެކަނި ދެ ޓީމަކީ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454