ކުޅިވަރު / އިންގްލިޝް ލީގު ކަޕް

ވީއޭއާރުން ޓޮޓެންހަމް ހުއްޓުވައިފި، ޗެލްސީ ފައިނަލަށް

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ރުޑިގާ އާއި ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 13) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގައި 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް ޗެލްސީން މުބާރާތުގެ ފައިނަލުން ޖާހަ ފޯދައިފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު ޗެލްސީ ކާމިޔާބުކުރީ 1-0 އިންނެވެ. މިދިޔަ ހަފްތާގައި ޗެލްސީގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގު އެޓީމު ކާމިޔާބު ކުރީ 2-0 އިންނެވެ. މިއީ ޗެލްސީ ލީގު ކަޕް ފައިނަލުގައި ވާދަކުރާ ނުވަވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރި ޓޮޓެންހަމް ވެސް ވަނީ ނުވަ ފަހަރު ފައިނަލުގައި ކުޅެފަ އެވެ.

މެޗުގެ 18 ވަނަ މިނިޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ޗެލްސީއަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ރުޑިގާ އެވެ. މި ހާފުގައި ޗެލްސީގެ ކެލަމް ހަޑްސަން އޮޑޯއި އާއި ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ޕިއޭލުއިޖީ ގޮލިން ވަނީ ދިފާއު ކޮށްފަ އެވެ. އެޓީމުގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް މި މެޗުގައި އިނީ ބެންޗުގަ އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ޓޮޓެންހަމްގެ ޕިއޭ އެމައިލް ހޮއިބިއޭ މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ޗެލްސީގެ އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް، ރުޑިގާ އެ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައުލް ކުރުމުން ރެފްރީ ވަނީ ޕެނަލްޓީ ސްޕޮޓަށް އިޝާރާތް ކޮށްފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ނިންމީ ޕެނަލްޓީ އޭރިއާ ލައިން މަތިން ޓޮޓެންހަމަށް ހިލޭޖެހުމެއް ދޭށެވެ. މި ހިލޭޖެހުމުން އެޓީމުގެ ޖިއޮވާނީ ލޮ ސެލްސޯ ފޮނުވާލި ބޯޅަ ދިފާއު ކުރީ ވެސް ރުޑިގާ އެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ވެސް ރުޑިގާ ވަނީ ކޯނަރެއްގައި ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް މިފަހަރު އޭވާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

ޓޮޓެންހަމްގެ ލޫކަސް މޯރާ ބޯޅަ ހިފައިގެން ކުރިޔަށް ދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ލޫކަސް މޯރާ ބޯޅަ ހިފައިގެން ޗެލްސީގެ އޭރިއާ ތެރެއަށް ވަން ބޯޅައެއްގައި ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ ދިފާއުކުރި އިރު ފައުލް ކުރި ކަމަށް ނިންމައި ޕެނަލްޓީ ދޭން ރެފްރީ އިޝާރާތް ކުރި ނަމަވެސް، މިފަހަރު ވެސް ރެފްރީ ނިންމުން ބަދަލުކުރީ ވީއޭއާރުގެ އެހީގަ އެވެ.

ލޫކަސް މޯރާ ދިން ބޯޅައަކުން ޓޮޓެންހަމްގެ ހެރީ ކޭން ވަނީ މެޗުގެ 64 ވަނަ މިނިޓުގައި ލަނޑެއް ޖަހައިފަ އެވެ. ނަތީޖާ އެއްވަރު ކުރެވުނުކަމަށް ބަލައި އުފާފާޅު ކުރި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު، ރެފްރީ ވަނީ ހެރީ ކޭން އަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ އޮފްސައިޑުގައި ކަމަށް ނިންމައިފަ އެވެ. އޭގެ ކުރިން އެޓީމުގެ އެމަސަން ރޯޔަލް ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ކީޕަރު ކެޕާ އެވެ.

ހެރީ ކޭން ރޭގެ މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލީގު ކަޕް ސެމީ ފައިނަލުގައި ދެން ވާދަކުރާނީ އާސެނަލް އާއި ލިވަޕޫލް އެވެ. މި ދެޓީމު ކުޅޭ ސެމީ ފައިނަލުގެ ދެ ލެގު ވެސް، ކޮވިޑުގެ ސަބަބުން ފަސް ކޮށްފައި ވާއިރު، ފުރަތަމަ ލެގު މިރޭ ކުޅޭނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގަ އެވެ. އާސެނަލްގެ ދަނޑުގައި ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގު ކުޅޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ.

މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރެއެވެ. ޗެލްސީ އެންމެ ފަހުން ލީގު ކަޕް ފައިނަލުގައި ކުޅުނީ 2019 ވަނަ އަހަރެވެ. އެފަހަރު ފައިނަލުގައި މެންޗެސްޓާ ސިޓީއާ ވާދަކޮށް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454