ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ މިއަހަރުގެ ގައުމީ ރާޅު ލީގުގެ ފުރަތަމަ މުބާރާތް ގައްދޫގައި ފަށަން ތައްޔާރުވަމުން އަންނަ އެ އެސޯސިއޭޝަނުން ބުނެފި އެވެ.

މި މަހުގެ 24 އިން 28 އަށް ގދ. ގައްދޫގައި މިއަހަރުގެ ރާޅާއެޅުމުގެ ސީޒަން ފަށަން އިއުލާން ކޮށްފައި ވާއިރު، މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ އިއްޔެ ހުޅުވާލައިފަ އެވެ. މުބާރާތުގައި ފިރިހެން ޝޯޓްބޯޑް އޯޕަން އިވެންޓަކާއި 18 އަހަރުން ދަށުގެ ޖޫނިއާ އިވެންޓުގެ އިތުރުން، އަންހެން އޯޕަން އަދި ޖޫނިއާ އިވެންޓު ވެސް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގައި ވާދަކުރަން އެ އެސޯސިއޭޝަންގެ ލައިވް ހީޓްސް ޕޭޖް (https://liveheats.com/msasurf) މެދުވެރިކޮށް މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް އެމްއެސްއޭއިން ބުންޏެވެ.

މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ގައްދޫ މި ވަގުތު އޮތީ ކޮވިޑް-19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތުގަ އެވެ. އެހެންވެ ފެބްރުއަރީ 17 ވަނަ ދުވަހާ ހަމައަށް މޮނީޓަރިންގެ ހާލަތަށް ބަދަލެއް ނާންނަ ނަމަ މުބާރާތް ބާއްވާ ތާރީހަށް ބަދަލު އަތުވެދާނެ އެވެ.

އެންމެ ފުރަތަމަ 2020 ވަނަ އަހަރު ގައްދޫ ޕްރޯ މުބާރާތުގައި ވެސް އެމްއެސްއޭ އިން ވަނީ އަންހެން ޑިވިޝަނުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފަ އެވެ. ނަމަވެސް އަންހެން އެތުލީޓަކު ބައިވެރި ނުވާތީވެ، އެއަހަރު ކުރިޔަށް ގެންދިޔައީ ހަމައެކަނި ފިރިހެން ޝޯޓްބޯޑް އޯޕަން އަދި ޖޫނިއާ އިވެންޓެވެ.

ގައްދޫ ޕްރޯ 2020 ގައި އަންހެން އެތުލީޓެއް ބައިވެރި ނުވި ނަމަވެސް އެމްއެސްއޭ އިން ވަނީ މިދިޔަ އަހަރުގެ ސީސްޕޯޓްސް ރަންނަމާރި ޗެލެންޖުގައި މުޅިން އަލަށް ރާއްޖޭގައި ގައުމީ ފެންވަރުގައި އަންހެން ޝޯޓްބޯޑް ޑިވިޝަން ތައާރަފް ކޮށްފަ އެވެ. އަންހެން ޖޫނިއާ ޑިވިޝަން ބާއްވަން މަސައްކަތް ކުރި ނަމަވެސް އެ އިވެންޓް ކެންސަލްކުރަން ޖެހުނީ ގައުމީ ފެތުމުގެ މުބާރާތުގެ ޝެޑިއުލާ ފުށުއަރާތީ އެވެ.

ގައްދޫ ޕްރޯ 2020 ގެ ފިރިހެން ޖޫނިއާ ޑިވިޝަނުގެ ފައިނަލް ހީޓުގައި ޗެމްޕިއަންކަން ހޯދި އަނޫފް ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ
ގައްދޫ ޕްރޯ 2020 ގެ ފިރިހެން ޖޫނިއާ ޑިވިޝަނުގެ ފައިނަލް ހީޓުގައި ޗެމްޕިއަންކަން ހޯދި އަނޫފް ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ

ގައްދޫ ޕްރޯ ފުރަތަމަ މުބާރާތުގައި ފިރިހެން އޯޕަން ޑިވިޝަނުގައި 24 އެތުލީޓުން ބައިވެރި ވިއިރު، ފައިނަލް ހީޓުގައި ހޫބްޒް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސްމައިލޭ އެވެ. ޖޫނިއާ ޑިވިޝަނުގައި ހަ އެތުލީޓުން ވާދަކުރިއިރު، ފައިނަލުގައި އައިހަމް އަދުނާނާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ އަހުމަދު އަނޫފް އެވެ. އަނޫފް އަކީ 2019 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖުގައި މުޅިން އަލަށް ތައާރަފްކުރި ފިރިހެން ޖޫނިއާ ޝޯޓްބޯޑް އިވެންޓު ވެސް ކާމިޔާބުކުރި އެތުލީޓެވެ.

އެމްއެސްއޭ އިން ކުރިޔަށް ގެންދާ ރާޅާއެޅުމުގެ މުބާރާތް 2020 ވަނަ އަހަރު ބަދަލުތަކަކާ އެކު ގައްދޫ ޕްރޯ މުބާރާތުން ފެށި ނަމަވެސް ކޮވިޑުގެ ސަބަބުން ވަނީ އެއަހަރުގެ އިތުރު މުބާރާތްތައް ކުރިޔަށް ނުގެންދެވިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖު ކުރިޔަށް ގެންގޮސް، މި ދެ މުބާރާތުގެ ވަނަތަކަށް ބަލައި އެތުލީޓުން ރޭންކް ކޮށް، ސާފިންގެ ގައުމީ ސީނިއާ އަދި ޖޫނިއާ ޓީމު އެކުލަވާލައިފަ އެވެ.

ރާޅާއެޅުމުގެ ގައުމީ ޓީމަށް ހޮވަނީ އަހަރު ނިމޭއިރު އެމްއެސްއޭ އިން ކުރިޔަށް ގެންދާ ހުރިހާ މުބާރާތްތަކުން އެތުލީޓުން ހޯދާ ޕޮއިންޓުތަކަށް ބަލައި ރޭންކް ކޮށް، ރޭންކިންގެ އެންމެ ކުރި ހޯދާ ހަތަރު އެތުލީޓުންނެވެ. މިއަހަރަށް އަލަށް އެކުލަވާލެވުނު ސީނިއާ ގައުމީ ސާފިން ޓީމުގައި ގައްދޫއަށް ނިސްބަތްވާ ތިން އެތުލީޓުން ހިމެނެއެވެ. އެއީ ހޫދު އަހުމަދު (ހޫބްޒް) އާއި އިސްމާއިލް ރަޝީދު (ސްމައިލޭ) އާއި ނަޖާހު އަހުމަދު (ކަބޯ) އެވެ. ގައުމީ ޓީމުގައި ދެން ހިމެނެނީ ކ. ތުލުސްދޫގެ އަހުމަދު އާގިލް (އަންމަޑޭ) އެވެ.

ހޫބްޒް އާއި ކަބޯ އަކީ މިއަހަރު މުޅިން އަލަށް ގައުމީ ޓީމުން ޖާގަ ހޯދި އެތުލީޓުންނެވެ. މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖު ވެސް ކާމިޔާބުކުރި ހޫބްޒް އަކީ މިވަގުތު ރާއްޖޭގެ އެއްވަނަ ރާޅާއެޅުންތެރިޔާ އެވެ.

އެމްއެސްއޭ އިން ވަނީ އަންނަ މާޗު މަހު ދުނިޔޭގެ ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގުޅިގެން ވޯޓާ ސޭފްޓީ ކޯހަކާއި ސާފް ލެވެލް 1 އިންސްޓްރަކްޓާ ކޯހެއް ހިންގަން ވެސް ތައްޔާރު ވަމުންނެވެ.