ކުޅިވަރު

ބިއެލްސާ ވަކިކޮށް ލީޑްސްގެ ކޯޗަކަށް އެމެރިކާގެ ޖެސީ މާޝް

ޖެސީ މާޝް މި ސީޒަނުގައި ލައިޕްޒިގަށް ޗެމްޕިއަންސް ލީގު މެޗެއްގައި އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މާޗް 1) - ލީޑްސް ޔުނައިޓެޑުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް އެމެރިކާގެ ކުރީގެ އެސިސްޓެންޓް ކޯޗު ޖެސީ މާޝް ހަމަޖައްސައިފި އެވެ.

ލީޑްސްގެ އާ ކޯޗަކަށް މާޝް ހަމަޖެއްސީ 2025 ވަނަ އަހަރުގެ ޖޫން އާ ހަމައަށެވެ. މިއާ އެކު މާޝް، 48، ވެފައި ވަނީ އިނގިރޭސި އެންމެ މަތީ ފަންތީގައި ކޯޗުކޮށްދޭ އެމެރިކާގެ ތިންވަނަ ކޯޗަށެވެ. މީގެ ކުރިން އެމެރިކާގެ ބޮބް ބްރެޑްލީ (ސްވަންސީ ސިޓީ) އާއި ޑޭވިޑް ވެގްނާ (ހަޑާސްފީލްޑް ޓައުން) ވަނީ ޕްރިމިއާ ލީގުގައި ކޯޗު ކޮށްދީފަ އެވެ.

މާޝްއާ އެކު ލީޑްސްގެ ފުރަތަމަ މެޗަކަށް ވާނީ އަންނަ ހޮނިހިރު ދުވަހު ލީގުގައި ރަށުން ބޭރުގައި ލީޑްސްއާ ދެކޮޅަށް ލެސްޓާ ކުޅޭ މެޗެވެ. އެއަށް ފަހު އަންނަ ހަފްތާ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނާނެ އެވެ.

މި ސީޒަން ފެށުނުއިރު މާޝް ހުރީ ޖަރުމަންގެ އާރުބީ ލައިޕްޒިގުގެ ކޯޗުގެ މަގާމުގަ އެވެ. ލައިޕްޒިގުގެ ކޯޗުގެ މަގާމަށް އޭނާ ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގެލްސްމަން ބެޔާން މިއުނިކުން ބޮޑު އަގުގައި ގަތުމުންނެވެ. ނަމަވެސް މާޝްއާ އެކު ލައިޕްޒިގުގެ ނަތީޖާތައް ދަށްވާން ފެށުމުން އޭނާ މަގާމުން ދުރުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެމެރިކާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިންއަށް ނުކުތް މާޝް ވަނީ އެމެރިކާ ލީގުގެ މޮންޓްރެއަލް އިމްޕެކްޓާއި ނިއު ޔޯކް ރެޑްބުލްސްގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން ކޯޗިންގައި ޔޫރަޕުގެ ފުރަތަމަ ތަޖުރިބާ ކުރީ މިހާރުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކުގެ އެސިސްޓެންޓެއްގެ ގޮތުގައި އާރުބީ ލައިޕްޒިގުގަ އެވެ.

ރަންގްނިކުގެ އެސިސްޓެންޓެއްގެ ގޮތުގައި އެއް ސީޒަނަށް ފަހު މާޝް ވަނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. އޭނާ އަލުން ލައިޕްޒިގުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވީ، ސަލްޒްބާގާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ.

ލީޑްސް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ބިއެލްސާ.-- ފޮޓޯ: އޭއެފްޕީ

މި ސީޒަނުގައި ލީޑްސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ރެލިގޭޝަންގެ ބިރާ އެކު އެ ޓީމުގެ ކޯޗު މާސެލޯ ބިއެލްސާ، 66، މަގާމުން ވަކިކުރީ އެންމެ ފަހުން ލީގުގައި ޓޮޓެންހަމް އަތުން ބަލިވި މެޗަށް ފަހު އެވެ. މި ބައްޔާ އެކު ލީޑްސް އޮތީ 26 މެޗުން 23 ޕޮއިންޓް ހޯދައިގެން 16 ވަނައިގަ އެވެ.

އެންމެ ފަހުން ލީގުގައި ލީޑްސް ކުޅުނު ހަތަރު މެޗުގައި ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. މި ހަތަރު މެޗުގައި ބައިކޮޅަށް 17 ލަނޑު ވަދެފައިވާއިރު، ލީގުގައި މިހާތަނަށް މޮޅު ވެވުނީ ވަޓްފޯޑާއި ނޯރިޗް ސިޓީ، ކްރިސްޓަލް ޕެލަސް، ބާންލީ އަދި ވެސްޓް ހޭމް ޔުނައިޓެޑް އަތުންނެވެ.

ބިއެލްސާ އެންމެ ފުރަތަމަ 2018 ވަނަ އަހަރު ލީޑްސްއާ ހަވާލުވެ، އޭނާ ވަނީ ދެ ސީޒަން ތެރޭ ލީޑްސް ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދީފަ އެވެ. އަދި 16 އަހަރަށް ފަހު އެ ކުލަބް ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ސީޒަން ނިންމާލީ ގަދަ 10 ގައި ހިމެނިގެންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454