މެންޗެސްޓާ (އޭޕްރީލް 14) - ލީޑްސް ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު ބަލިކޮށްފި އެވެ.

ރެލިގޭޝަނުން ސަލާމަތް ވާން މަސައްކަތް ކުރާ ލީޑްސް ރޭގެ މެޗުގައި ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.

މިއީ 45 އަހަރު ތެރޭ އޯލްޑް ޓްރަފޯޑްގައި ލީޑްސް އިން ޔުނައިޓެޑް ބަލި ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު އޯލްޑް ޓްރަފޯޑްގައި މޮޅު ވެފައި ވަނީ 1981 ވަނަ އަހަރު އެއްވަނަ ޑިވިޝަން ލީގުގަ އެވެ.

ލީޑްސް އަށް ލަނޑުތައް ޖަހައިދިން އޮކަފޯ.-- ފޮޓޯ: އޭއެފްޕީ
ލީޑްސް އަށް ލަނޑުތައް ޖަހައިދިން އޮކަފޯ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑްސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު ފަސް ވަނަ މިނިޓުގައި ޖެހި އިރު ދެ ވަނަ ގޯލު ޖަހާފައި ވަނީ 29 ވަނަ މިނިޓުގަ އެވެ. ދެ ގޯލު ވެސް ޖެހީ ނޯއާ އޮކަފޯ އެވެ.

ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނިޓުގައި ޔުނައިޓެޑްގެ ލިސަންޑްރޯ މާޓިނޭޒް އަށް ރަތް ކާޑު ދައްކާފައި ވަނިކޮށް، 69 ވަނަ މިނިޓުގައި ޔުނައިޓެޑަށް އުންމީދެއް ހޯދައިދިނީ ކާލޯސް ކަސެމީރޯ އެވެ. އެއަށް ފަހު ދެ ޓީމަށް ވެސް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވި  އިރު، މެޗު ނިމުނީ އިތުރު ލަނޑެއް ނުފެނި އެވެ.

ލީޑްސް އިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލީޑްސް އިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ލީޑްސް ތާވަލްގެ 15 ވަނައިގައި އޮތީ، ރެލިގޭޝަން ޒޯނަށް ވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެން، 36 ޕޮއިންޓާ އެކު އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ދެން ބާކީ އޮތީ ހަ މެޗެވެ.

މެޗުން ބަލި ވުމުން ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ މި ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފަ އެވެ. ދެ ޓީމަށް ވެސް ވަނީ 55 ޕޮއިންޓް ލިބިފަ އެވެ. ފަސްވަނައިގައި އޮތް ލިވަޕޫލް ވަނީ 52 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގައި ދެން ޔުނައިޓެޑް ނުކުންނާނީ ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށެވެ. އަދި ލީޑްސް އަށް އޮތީ އަމިއްލަ ދަނޑުގައި، ފުލުގައި އޮތް ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.