ކުޅިވަރު / ޗެލްސީ

ޗެލްސީ ގަތުމުގެ ރޭހަށް ކުރީގެ ކެޕްޓަން ޖޯން ޓެރީ

ލަންޑަން (މާޗް 20) - ޗެލްސީގެ މިލްކުވެރިކަމުގެ 10 ޕަސެންޓް ހިއްސާ ކުލަބުގެ ސަޕޯޓަރުންނަށް ހޯދައިދޭން އެ ކުލަބުގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ، ޓްރޫ ބްލޫސް ނަމުގައި 250 މިލިއަން ޕައުންޑުގެ ކޮންސޯޓިއަމެއް ކުރިޔަށް ގެންދާކަން ކަށަވަރު ކޮށްދީފި އެވެ.

ކުލަބުގެ ދަނޑާއި ސަޕޯޓާސް ޓްރަސްޓުގެ ފުރިހަމަ އެއްބާރުލުމާ އެކު ޓެރީގެ އިތުރުން މި ކޮންސޯޓިއަމްގެ އެންމެ އިސް ސަފުގައި ދެން ހިމެނެނީ ޗެލްސީގެ ކުރީގެ އަންހެން ކުޅުންތެރިޔާ ކްލެއާ ރެފަޓީ އެވެ. މި ކޮންސޯޓިއަމްގެ ދަށުން ސަޕޯޓަރުންނަށް ގާތްގަނޑަކަށް 100 ޕައުންޑަށް ފޭން ޓޯކަން ގަނެގެން ކުލަބުގެ ކަންކަމުގައި ވޯޓު ލުމުގެ ހައްގު ހޯދޭނެ އެވެ.

ޗެލްސީން ރޭ މިޑްލްސްބަރާ ބަލިކޮށް އެފްއޭ ކަޕް ސެމީ ފައިނަލަށް ދަތުރުކުރި މެޗަށް ފަހު ޓެރީގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ޗެލްސީއަކީ އޭނާގެ ހަޔާތުގައި 22 އަހަރު ވަރަށް މުހިއްމު ދައުރެއް އަދާކުރި ކުލަބެއް ކަމަށާއި، ފުޓުބޯޅައިގެ ދުރު ރާސްތާ ތަސައްވުރެއް ގެންގުޅޭއިރު، ކުލަބުގެ ތާރީހާއި ތަރިކަ ހިމާޔަތް ކުރުމުގައި ކުލަބަށް އަބަދުވެސް ކާމިޔާބަށް އެދޭ ވިސްނުމާ އެކު ތިބި މީހުން ކުލަބަށް މުހިއްމުކަން ފާހަގަ ކޮށްފަ އެވެ.

މި ކޮންސޯޓިއަމް ތަމްސީލުކުރަން ކުލަބުގެ ބޯޑަށް އެއް މަންދޫބަކު ހޮވަން ހަމަޖެހިފައިވާއިރު، ފޭން ޓޯކަން ގަންނަ ކޮންމެ ސަޕޯޓަރަކަށް ވެސް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ. ޓެރީ ވަނީ މި ފަހުން "'އޭޕް ކިޑްސް ފުޓްބޯލް ކްލަބް" ނަމުގައި ނޮން-ފަންޑިބަލް ޓޯކަންސް (އެންއެފްޓީ) ކަލެކްޝަނެއް ލޯންޗް ކޮށްފަ އެވެ.

ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ލޯންޗް ކުރުމަށް ފަހު އެވްރެޖްކޮށް 497 ޕައުންޑްގެ ރޭޓުން އެ ކަލެކްޝަންގެ އެންއެފްޓީ ވިކެމުން އައި ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު އޭގެ އެވްރެޖް އަގު ވަނީ 49 ޕައުންޑަށް ދަށަށް ގޮސްފަ އެވެ. މި އެންއެފްޓީ ކަލެކްޝަންގެ ސޭލްސް އެހާ ދަށަށް ދިޔައީ، އެ ކަލެކްޝަނުގައި ޕްރިމިއާ ލީގާއި އެފްއޭ އާއި ޔޫއެފާ ޓްރޮފީތަކާއި ކުލަބް ލޯގޯ ރަމްޒުކޮށްދޭ އެންއެފްޓީތައް ހިމެނޭތީ، އެއީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ގާނޫނުތައް ހުއްދަދޭ ކަމަކަށް ނުވާތީ، އެ އެންއެފްޓީތައް ނަގަން ޕްރިމިއާ ލީގުން ޓެރީ އަށް އެންގި ހިސާބުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ކޮންސޯޓިއަމްގެ އިސް ސަފުގައި އިންވެސްޓަރުންގެ ގޮތުގައި ޓެރީ އާއި ރެފާޓީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ކުލަބަށް ސަޕޯޓްކުރަމުން ގެންދާ ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.

ރަޝިއާ އިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް ފިޔަވަޅު އެޅުމުން، ޗެލްސީ ވިއްކާލުމުގެ ކަންކަން ކުރިޔަށް ދަނީ އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ރެއިން ގުރޫޕުގެ ބެލުމުގެ ދަށުންނެވެ. ކުލަބް ވިއްކާލަން އަބްރަމޮވިޗް ނިންމާފައި ވަނީ ތިން ބިލިއަން ޕައުންޑަށެވެ.

ޗެލްސީ ގަންނަން ބޮޑެތި މަހުޖަނުން ބިޑްކޮށްފައި ވާއިރު، އޭގެ ތެރޭގައި އެމެރިކާގެ މޭޖާ ލީގު ބޭސްބޯލް ޓީމު ޝިކާގޯ ކަބްސްގެ ވެރިން ކަމަށްވާ ރިކެޓްސް ފެމެލީ ކުންފުނީގެ އިތުރުން، ސްވިޒަލެންޑުގެ ބިލިއަނަރު ހަންސްޔޯގް ވީސް އާއި އެމެރިކާގެ ޓޮޑް ބޮއެލީ އެކުވެގެން ކުރި ބިޑެއް ހިމެނެ އެވެ. އަދި އިނގިިރޭސިވިލާތުގެ މަލްޓިމިލިއަނަރު ނިކް ކޭންޑީ އާއި ސައުދީ އަރަބިޔާގެ މީޑިއާ ގުރޫޕުން ވެސް ވަނީ ބިޑު ކޮށްފަ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 22%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454