އިނގިރޭސިވިލާތުގައި ބުރުގާ މަނާކުރުމަށް ސިޔާސީ މީހަކު ގޮވާލި ގޮވާލުމަކަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކޮމެންޓް ކުރުމުން އިނގިރޭސި ގައުމީ ޓީމާއި ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ހޫނުފެނަށް ވެއްޓިއްޖެ އެވެ.

އިނގިރޭސި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެންބަރެއް ކަމަށްވާ ރޫޕަޓް ލޯ، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ "ރިސްޓޯ ބްރިޓަން" ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ، މުޅި ގައުމުގައި ބުރުގާ މަނާކުރާނެ ކަމަށެވެ. އަދި ލަންޑަންގެ ރޭލު ސްޓޭޝަންތަކުގައި އިނގިރޭސި ނޫން އެހެން ބަސްބަހުން  ނަންތައް ލިޔެފައި ހުރުން ހުއްޓުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި ޕޯސްޓަށް ކޮމެންޓް ކުރަމުން އުމުރުން 45 އަހަރުގެ ޖޯން ޓެރީ ވަނީ އަތްޖަހާ ތިން އިމޯޖީ އާއި އިނގިރޭސިވިލާތުގެ ދިދަ  ފެންނަ ގޮތަށް ކޮމެންޓް ކޮށްފަ އެވެ.

މައްސަލައިގައި ގިނަ ބައެއްގެ ނުރުހުން އޭނާ އަށް އަމާޒުވާން ފެށުމުން، ގަޑިއެއްހާއިރު ތެރޭގައި ޓެރީ ވަނީ އެ ކޮމެންޓް ފޮހެލާފަ އެވެ.

ޖޯން ޓެރީ މިހާރުވެސް އަންނަނީ ޗެލްސީގެ އެކަޑަމީގައި ކޯޗިން ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ޗެލްސީގެ ސިޔާސަތުތައް ބުނާގޮތުން، އެ ކްލަބަކީ ހުރިހާ ދީންތަކަކާއި ނަސްލުތަކަކަށް އިހުތިރާމްކުރާ، ތަފާތުކުރުންތަކާ ދެކޮޅު ކްލަބެކެވެ. ޓެރީގެ މި އަމަލާ ގުޅިގެން ޗެލްސީން ވަކި އެއްޗެއް ބުނަން އިންކާރުކޮށްފަ އެވެ. ޓެރީގެ ފަރާތުންވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ރޫޕަޓް ލޯ އަކީ މީގެ ކުރިން ސައުތުހެމްޓަން ފުޓްބޯޅަ ކްލަބުގެ ޗެއާމަންކަން ވެސް ކުރި އޭނާގެ "ރިސްޓޯ ބްރިޓަން" އަކީ އިނގިރޭސިވިލާތުގެ "ހަރުކަށި ފިކުރު"ގެ ސިޔާސަތުތަކަށް ވަކާލާތުކުރާ ޕާޓީއެކެވެ.

ޖޯން ޓެރީ އަކީ މީގެ ކުރިންވެސް ދަނޑުމަތީގައި ނަސްލީ ތަފާތުކުރުންތަކުގެ މައްސަލައެއްގައި ސަސްޕެންޑް ކުރެވިފައިވާ ކުޅުންތެރިއެކެވެ.